ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
23 ޖޫން 2019 - 14:01
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޭނާގެ ދާއިރާގެ ރަށްރަށަށް ޒިޔާރަތް ކުރައްވާނެ ގޮތުގެ ފަސް އަހަރުގެ ތާވަލެއް އެކުލަވާލައްވައި ފުރަތަމަ ފަހަރަށް އާންމު ކުރައްވައިފި އެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި އާންމު އިންތިޚާބު ގައި ތުލުސްދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވައި ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯއްދެވި އިބްރާހިމް ނަސީމް އާންމު ކުރެއްވި ތާވަލްގައިވާ ގޮތުން، އޭނާ ތަމްސީލް ކުރައްވާ ތުލުސްދޫގެ އިތުރުން ކ. ހިންމަފުށި، ކ. ހުރާ އަދި ކ. ދިއްފުއްޓަށް ވަޑައިގެން، އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ. އޭގައިވާ ގޮތުން އަހަރަކު ތިން ފަހަރު ރަސްމީ ހައިސިއްޔަތުން ކޮންމެ ރަށަކަށް ވެސް ނަސީމް ވަޑައިގަންނަވާނެ އެވެ.
އެގޮތުން، މި އަހަރު އެންމެ ފުރަތަމަ ދަތުރު ކުރެއްވީ ހިންމަފުއްޓަށެވެ.
ނަސީމް "މިހާރު" އަށް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ތާވަލެއް ހަދައި، އޭގައިވާ ގޮތަށް އަމަލު ކުރެއްވުމަކީ އޭނާގެ ވައުދެއް ކަމަށެވެ. މިއީ މަޖިލިހުގެ 87 މެމްބަރުންގެ ތެރެއިން، ދާއިރާގެ ރަށްރަށަށް ވަޑައިގަތުމަށްޓަކައި ފަސް އަހަރުގެ ތާވަލެއް އެކުލަވައިލެއްވި ފުރަތަމަ މެމްބަރެވެ.
މެމްބަރު ނަސީމް، ދާއިރާގެ ރަށްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް.
"ދާއިރާގެ ރައްޔިތުން އަބަދުވެސް ބުނާނެ ހޮވުނީމާ [ރައްޔިތުން ކައިރި އަށް] ނާންނާނެއޭ، ރަށަކުން ނުފެންނާނެއޭ. ރަށަށް އަރާނީ ކޮން ދުވަހަކުންތޯ ސުވާލު ކުރާނެ. އެހެންވެ، އެންމެންނަށް ފެންނާނެ ގޮތަށް ތާވަލެއް ހެދީ. އޭރުން އެ ރަށެއްގައި ތިބި މީހުންނަށް އެނގޭނެ ކޮންއިރަކުން ކަން އަޅުގަނޑު ރަށަށް ދާނީ،" ދިއްފުއްޓަށް އުފަން އެކަމަކު މާލޭގައި ދިރިއުޅުއްވާ ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިންމަފުއްޓަށް ކުރެއްވި ދަތުރުގައި، އެ ރަށުގައި ހުރި މުއައްސަސާތަކާއި ޖަމިއްޔާތަކާއި ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުންތަކުގައި ރަށުގައި ގިނަ ކަންތައްތަކެއް ކުރަން ހުރި ކަން އެނގިވަޑައިގެންނެވި ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.
"މިސާލަކަށް ހިންމަފުށީގެ ނަރުދަމާގެ ނިޒާމު ނިމިފައި އޮތީ. އެކަމަކު އޮޕަރޭޝަން ހަވާލު ނުކުރެވިގެން އެ ހިދުމަތް ނުފެށި އޮތީ. އަޅުގަނޑު އެންވަޔަރަމަންޓް މިނިސްޓްރީ އާ ވާހަކަ ދެއްކީމާ މިހާރު އެބަ ބުނޭ، މި މަހުގެ ފަހުކޮޅު ހިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށް،" ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އޭނާ ތަމްސީލް ކުރައްވާ ހަތަރު ރަށަށް ވެސް ވަޑައިގަންނަވަނީ ރައްޔިތުންނާ ވީހާވެސް ކައިރިން ބައްދަލުކުރައްވައި، އެ މީހުންގެ ޝަކުވާތައް އަޑު އައްސަވައި ހައްލު ހޯދަން ކަމަށެވެ.
ތާވަލްގައިވާ ގޮތަށް އެ ރަށަކަށް ހާއްސަ ކުރެވިފައިވާ މަހުގެ ތެރޭގައި މަދުވެގެން ދެ ރޭ ހުންނަވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ހުންނަ ގޮތުން ނުވަތަ އެ ނޫން ސަބަބަކާ ހުރެ ތާވަލާ އެއްގޮތަށް ޒިޔާރަތް ނުކުރެވިއްޖެ ނަމަ، ޖެހިގެން އަންނަ މަހު ޒިޔާރަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސީމް، ރައްޔިތުންގެ މަޖިލިހުގެ މި ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، އޭގެ ކުރީ ދެ ފަހަރު ވެސް އަމިއްލަ ގޮތުން ތުލުސްދޫ ދާއިރާ އަށް އޭނާ ވާދަކުރެއްވި އެވެ. އެކަމަކު، އެ ދެ ފަހަރު ވެސް ކާމިޔާބެއް ނުވި އެވެ. މި ފަހަރު، ދާއިރާގެ މެމްބަރު ވައްޑެ ބަލިކުރައްވައި ނަސީމް ކާމިޔާބު ހޯއްދެވީ 700 އެއްހާ ވޯޓުގެ ތަފާތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
24 June 2019
ތިކަހަލަ ތަރި އަރާވަރަށް ގިނައިން އޮތްސޮނިމިއްޖެ. ސުވާލަކީ ތިތަރިވާނީ. ކިހެނެއްބާ?
އޮސްކާ
24 June 2019
ކޮންމެ ކުރަންޖެހޭ ކަމެއް ކުރީމާ ތައުރީފުކުރުން. އިތުރުަކަމެއް ކޮށްގެން ތައުރީފުކުރަން ރަނގަޅު.
ބޭބެ
24 June 2019
މީހުންގެ މަސްކެއުމުން އެއްވަނަ މެންބަރ
ޙަސަން މުޙައްމަދު
24 June 2019
ރާޣިބުގެ ވާހަކަ ދެއްކުމަކީ މަސް ކެއުމެއް ނޫން. އެއީ ތުލުސްދޫ ދާއިރާގެ މެންބަރުގެ ޙައިޘިއްޔަތުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. ސާބަހޭ އަޅުގަނޑުމެންގެ މެންބަރު
އެމްސް
23 June 2019
ދާއިރާގަ ދިރިއުޅޭމީހަކު ދާއިރާއަށް ހޮވުން ރަގަނޅެއް ނުވާނެބާ؟ އޭގެ އިތުރުން އެލަށީގެންވާ ތަޢުލީމީ މިންގަނޑެއްވެސް މެމްބަރުން ގައިގަ ހުރުން، މުހިއްމެއް ނޫން ބާ؟
ހަވާނާ
24 June 2019
ދާއިރާގައި ދިރިއުޅޭ މީހަކުވެސް، މަޖްލިސް ޖަލްސާތައް ފެށުނީމާ އުޅެންޖެހޭނީ މާލޭގައޭ. ދުވާލާރޭގަނޑު އެހާގިނަ ޖަލްސާ ބާއްވާއިރު، ރަށުގައި ދިރިއުޅެގެން ކިހިނެއް މިކަންކުރާނީ؟
އަބޫ ކެޓް
23 June 2019
އަލުގަނޑުމެން ބޭނުންވަނީ، މަޖްލިހަށް ހުށައެޅޭ ބިލުތަކަށް އަޅުގަނޑުމެންގެ ހިޔާލު ހުށައެޅޭނޭ ވެބްސައިޓެއް، ނުވަތަ އެޕެއް. ދާއިރާގެ ގިނަމީހުން ބިލަކަށް ވޯޓްލާން ދެކޭގޮތްވެސް މެންބަރަށް އެގިވަޑައިގަންނަވާނެ އޭރުން.
ރާއްޖެތެރޭ މީހާ.
25 June 2019
ހޮވުނީމަ ދެންކުރާނެ ކަމެއް ނޯންނާނެ. ވޯޓު ދޭނީ ކުލަޔަށް. ބަލަން ތިބެއްޗޭ. މިނޫންގޮތެއް ވޭތޯ<>
ކަންއޮތްގޮތް
23 June 2019
ތިކަން ތިގޮތަށްކުރުމަކީ މަންދޫބެއްގެބޭނުމާއި ވާޖިބު. ބޭނުންވަނީ ކެންޕޭނަށްފަހު، މީހާގެއްލި، ބޭނުމެއްގައި ދިޔައިމަ، ނޫނީ މެސެޖެއްކުރީމަ، ޗައްޕަލުގަނޑު ދައްކައި އަޅާނުލާމީހުނެއްނޫން. ބޭނުންވަނީ ކެންޕޭނުގައި އުޅުނުގޮތަށް ބުނުމަކާއިނުލައި، ރައްޔިތުނާއިހަމައަށްގޮސް، ބައްދަލުކޮށް، އެމީހުންގެއަޑު އަހައި، ޚިޔާލުބަދަލުކޮށް މަޝްވަރާއަށްފަހު މަޖިލީހުގައި އެވާހަކަ މަޖިލީހަށްއިއްވައި އެމީހާގެ ވާޖިބު އަދާކުރާމެންބަރުން. ރިވެތި ނަމޫނާއަކަށްވާނެކަން ކަށަވަރު.
ށ.އަތޮޅު މީހާ
23 June 2019
މަރުޙަބާ! ތީތި ސަޅި.
ޟޟޭހ
23 June 2019
މެމްބަރުންގެ މެންޑޭޓްތެރޭގައި ހިމެނޭކަމެއްތޯ މިނިސްޓްރީތަކާއި ބައްދަލުކޮށް ތަރަށްގީގެ މަސައްކަތްބެލުން. ޕްރޮފެސަރު އުގައިލް ވިދާޅުވަނީ ގާނޫނޭ
ބުރުތުގާލް
23 June 2019
ތި ރަށްތަކަށް މެމްބަރުގެ ކުންފުނިން ފެރީ ދަތުރުވެސް ކުރޭ ކަންނޭގެ. ލައްކަ ފަސޭހަވާނެ ނު އެހެންވީމާ.
ބިރިތިގީލް
23 June 2019
ޅިޔަނާ! ތިއީގޮންގޮތެއް. ތިއީ ތަފާތުކަމެއްނު! އޭނައެދެއްކީ ރީތިމިސާލެއް. ކަންކުރަންއެއުޅެނީ ރަނގަޅަށް. ހޯދަންވީ ދަންމަޅިއަޅުވާނެ ޖާގައެއްނޫންދޯ!
އަހަންމަދާ
23 June 2019
މަޖިލިސް ނިންމާފަ ގޮސްވެސް ހުރެވޭނެ ތިރަށްތަކުގަ
މުޙައްމަދު ވަޙީދު އިބްރާހީމް (ލވ
23 June 2019
މައްސަލަައަކަށްވީ ކުރީގެ މެމްބަރަކަށް ހުރި އިއްޒަތްތެރިޔާ އަށް ހޮވުނުފަހުން 2 ފަހަރު ވަރު 5 އަހަރު ތެރޭ ދެވުނީތީ އިބްރާހީމް ނަސީމްއަކީ ވަރަށް ވެސް އަޚްލާޤް ރަނގަޅު ޒިންމާދާރު، މިޖީލުގެ ޒުވާނުންނަށް ނަމޫނާއެއް. ދީނީ ކަންކަމަށް އިސްކަންދެއްވާ، އެންމެންނާވެސް ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއް. ނަސީމް ތިޔަ ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާ، ސާބިތުކަން ދެއްވާށި