ބޮޑު ޗުއްޓީ އާއި އީދު ބަންދުގެ ތެރެއަށް ޖުލައި 26 ގެ ބަންދު ވެސް ވަދެ، މިއޮތީ ވަރަށް ދިގު ޗުއްޓީއެއް ލިބިފަ އެވެ. މިކަހަލަ ދުވަސްވަރެއް ވަރަށް ނުލިބެ އެވެ. އެހެންވެ، މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު ވަނީ ރަށްރަށަށް ފުރައިފަ އެވެ. ބެލެވޭ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް ރަށްރަށުން ބޭރަށް ދާ ޗުއްޓީ އަށް ވުން އެކަށީގެންވެ އެވެ. ކޮވިޑާ އެކު، އެތައް ދުވަހެއް ވަންދެން "ގޭބަންދުގައި" ތިބެން ޖެހުމާ އެކު އެންމެން ވެސް ބޭނުންވަނީ މާލެ އިން ބޭރަށް ޖެހިލާށެވެ.
ރަނގަޅަށް ޗުއްޓީ ހަދާލާށެވެ! އެކަމަށް މާ ގިނަ ފައިސާއެއް ބޭނުމެއް ވެސް ނޫނެވެ. އަދި ދާ ރަށުގައި ކޮންމެހެން ދަންނަ ބަޔަކު ތިބުން ވެސް މުހިންމެއް ނޫނެވެ. މިހާރު ވަރަށް ގިނަ ފުރުސަތުތައް އޮތީ ހުޅުވިފަ އެވެ.
މި ލިސްޓުގައި މި ހިމަނާލަނީ މާލެ ކައިރިން، ފަސޭހައިން ޗުއްޓީ ހޭދަކޮށްލެވިދާނެ ބައެއް ރަށްރަށުގެ މައުލޫމާތާއި ލަފާ ކުރެވޭ ބަޖެޓެވެ.
ތުލުސްދޫ
ކ. ތުލުސްދުއަކީ މާލޭގައި އުޅޭ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލަން ދާ ރަށެކެވެ. މިއީ ދިވެހިންގެ އިތުރުން ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ރަށެކެވެ. މި ރަށުގައި ވޯޓާ ސްޕޯޓްސްގެ އެކި ކުޅިވަރުތަކާއި މިޔަރު ބަލާލަން ދިއުމާއި ވެލާ އަދި މަންޓާ މަޑި ބަލާލަން ދިއުން ފަދަ ހިތްގައިމު އެތައް ކަމެއް ކޮށްލެވޭނެ އެވެ.
މި ރަށަށް ދާން ބޭނުންވާ މީހުންނަށް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:30ގަ އާއި މެންދުރު 12:30ގައި އަދި ހަވީރު 4:30ގައި ލޯންޗުގައި ދެވޭނެ އެވެ. ލޯންޗުގައި އެ ރަށަށް ދާން މީހަކަށް ހަރަދުވާނީ 150ރ. އެވެ.
ތުލުސްދުއަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ދާ ރަށަކަށްވުމުން ގެސްޓުހައުސްތައް ވެސް މަދެއް ނޫނެވެ. އެކި ފަންތީގެ ގެސްޓުހައުސްތަކުގައި ތިބުމަށް ދުވާލަކަށް ހޭދަ ވާނީ 650ރ.-800ރ. އާ ދެމެދުގެ އަދަދެކެވެ. އެއީ ހެނދުނުގެ ނާސްތާއާއެކުގަ އެވެ.
ދިއްފުށި
ކ. ދިއްފުއްޓަކީ ވެސް ޗުއްޓީ ހޭދަކުރުމަށް ދިވެހިންގެ މެދުގައި މަގުބޫލު ރަށެކެވެ. ދިއްފުއްޓަކީ ވެސް މާލެއާ ކައިރި ރަށްތަކުގެ ތެރެއިން ބަޖެޓެއްގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މީހުންނަށް ކަމުދާނެ ރަށެކެވެ.
މި ރަށުގެ ގެސްޓުހައުސްއެއްގައި ހުރުމަށް ދުވާލަކު ހޭދަވަނީ 700ރ.-1000ރ. އާ ދެމެދުގެ އަގެކެވެ. މި ރަށުގައި ވެސް ވޯޓާ ސްޕޯޓްސްގެ އިތުރުން ސްނޯކްލިންއަށް ދިއުމާއި ކައިރީގައި އޮންނަ ފިނޮޅަށް ދިއުން ފަދަ މަޖާ ކަންކަން ކޮށްލެވޭނެ އެވެ.
މި ރަށަށް ދިއުމަށް ހަފުތާއަކު ތިން ދުވަހު މާލެއިން ލޯންޗު ފުރާނެ އެވެ. އެއީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 4:00ގަ އާއި ރޭގަނޑު 7:30ގަ އެވެ. އެހެން ދުވަސްތަކުގައި ވެސް ގެސްޓުހައުސްތަކުން ވަކިން ޓްރާންސްފާ ލޯންޗުތައް ހަމަޖައްސައިދޭނެ އެވެ.
ހިންމަފުށި
ކ. ހިންމަފުށީގައި ޗުއްޓީ ހޭދަ ކުރުމަށް މީހަކަށް ދުވާލަކު ހޭދަ ވަނީ 700ރ-800ރ. އާ ދެމެދުގެ އަދަދެކެވެ. ލޯންޗު ދަތުރާއެކު 1000ރ. އިން އެ ރަށުގައި އެއްދުވަހު ޗުއްޓީ ހޭދަ ކޮށްލެވޭނެ އެވެ.
މާލެއިން ހިންމަފުއްޓަށް ދިއުމަށް ހަފުތާގެ ހުރިހާ ދުވަހަކު ލޯންޗު ދަތުރުތައް އޮންނާނެ އެވެ. ލޯންޗުން މީހަކަށް 100ރ. ނަގާއިރު ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ މެންދުރު 12:00ގަ އާއި ހަވީރު 4:00 އަދި ރޭގަނޑު 10:00ގައި މާލެއިން ލޯންޗު ފުރާނެ އެވެ. ހުކުރު ދުވަހު ދަތުރުތައް އޮންނާނީ ހަވީރު އަދި ރޭގަނޑު އެކަންޏެވެ.
ހިންމަފުއްޓަށް ދާ ދިވެހިންނަށް ވެސް ޓޫރިސްޓުންނަށް ލިބޭ ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. އެގޮތުން، ރާޅާ އެޅުމާއި ސްނޯކްލިން އަށް ދިއުމާއި ވޯޓާ ސްޕޯސްޓްސް އާއި މަސް ދަތުރު ދިއުން ފަދަ ހިދުމަތްތަކުގެ އިތުރުން ކައިރީގައި އޮންނަ ފިނޮޅަށް ދިއުމުގެ ފުރުސަތު ވެސް އެ ރަށުން ލިބޭނެ އެވެ.
މަތިވެރި
އއ. މަތިވެރި އަކީ ވެސް ޗުއްޓީ ހޭދަކޮށްލަން ހިތްގައިމު ރަށެކެވެ. މާލެއިން މި ރަށަށް ދާން ގާތްގަނޑަކަށް ހަތަރު ގަނޑިއިރު ނަގާއިރު އެއްކޮޅު ޓިކެޓެއްގެ އަގު އުޅެނީ 400ރ. އަށެވެ.
މި ރަށަށް ދާން ލޯންޗު އޮންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 10:30ގަ އާއި ހަވީރު 4:00ގަ އެވެ. ހުރކުރު ދުވަސްތަކުގައި ލޯންޗު އޮންނާނީ ހެނދުނު 9:30ގަ އާއި ހަވީރު 4:00ގަ އެވެ.
މަތިވެރީގެ ގެސްޓުހައުސްތަކުގެ މި ދުވަސްވަރު އަގުތައް އުޅެނީ 500ރ.-1000ރ. އާ ދެމެދުގަ އެވެ. އެއީ ހެނދުނުގެ ނާސްތާއާއެކުގަ އެވެ. އެ ރަށުގައި ނައިޓް ފިޝިން އާއި ސްނޯކްލިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ސްނޯކްލިންއަށް ދާ މީހުންނަށް އެ ރަށް ކައިރިން މަންޓާ މަޑިތަކާއެކު ފީނާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މަހިބަދޫ
ވޯޓާ ސްޕޯޓްސް އާއި ސްނޯކްލިން ފަދަ ކުޅިވަރުގެ އިތުރުން އީދު ކުޅިވަރުތައް ކުޅެން ބޭނުންވާ މީހުންނަށް މިފަހަރު އދ. މަހިބަދޫ ކަމުދާނެ އެވެ. އެ ރަށުގައި މި ހަރަކާތްތަކުގެ އިތުރުން މަސް ދަތުރުތަކުގައި ދިއުމާއި ސްކޫބާ ޑައިވިންގެ ތަޖުރިބާ ހާސިލް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މަހިބަދުއަށް ދާން ކޮންމެ ހޯމަ ދުވަހަކާއި ބުދަ ދުވަހެއްގެ ހަވީރު 4:00ގައި މާލެއިން ލޯންޗު ފުރާނެ އެވެ. ލޯންޗުގައި އެ ރަށަށްދާން މީހަކަށް ހޭދަ ވާނީ 300ރ.-400ރ. އާ ދެމެދުގެ އަދަދެކެވެ.
އެ ރަށުގައި ގެސްޓުހައުސްތަކުގެ އަގުތައް ވެސް ވަނީ ކޮވިޑް-19އާ ގުޅިގެން ކުޑަކޮށްފަ އެވެ. އެގޮތުން، މި ޗުއްޓީގައި އެ ރަށުގެ ގެސްޓުަހައުސްތަކުގައި މަޑުކޮށްލަން ހޭދަވާނީ ދުވާލަކު 400ރ.-700ރ. އާ ދެމެދުގެ އަދަދެކެވެ.
ލޯކަލް ޓޫރިޒަމްގެ އެންމެ ފޮނިމީރު ކަމަކީ މިއީ އެވެ؛ ފެރީ ނިޒާމާ އެކު ރަށްރަށުގައި ތިބުމާއި ކެއިންބުއިމުގެ އިންތިޒާމް ފަސޭހައިން ހަމަޖެހުމެވެ. އެ ރަށްރަށުގައި ރަހުމަތްތެރިއަކު ނުވަތަ އާއިލާގެ މީހަކު ނެތަސް މިހާރު ކަންބޮޑުވުމުގެ ބޭނުމެއް ނެތެވެ!.