01 ޖުލައި 2019 - 09:17
ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިރިއުޅޭތާ އެތައް ދުވަހެއްވީ އިރު ވެސް، އޭނާ ރާއްޖެ ގެނައުން ލަސްވާތީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވާ ގޮތުން ލުތުފީ އަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ވެރިކަމަށް އެރުމަށް ގަސްތުކޮށް، ސިފައިންގެ މައި މަރުކަޒު ހިފުމަށް ނުރައްކާތެރި ހަތިޔާރާ އެކު ލަންކާގެ ޕްލޮޓް ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ އެކު ރާއްޖެ އަށް ހަމަލާދީ ދިވެހި ސިފައިންނާއި އާންމުންގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލުމުގައި ބައިވެރިވި އެންމެ އިސް މީހާ އެވެ. ސިފައިންނާއި އާންމުންގެ އެތައް ބައެއް ޒަހަމްކޮށްލައި ރަހީނުކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް އާންމުން ނުރައްކާތެރި ހާލަތަކަށް ވައްޓާލި ލުތުފީ ރާއްޖޭގެ ހައި ކޯޓުގެ ގަޒިއްޔާ އިން މެރުމަށް ހުކުމްކޮށްފައިވާ ކަން އެ މައްސަލައިގައިވެ އެވެ.
ހައި ކޯޓުން އޭރު ލުތުފީ މެރުމަށް ހުކުމް ކުރި ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރުވާލައި ފިހާރަތައް ލޫޓުވައި މުދާ ފޭރި، އަދި ހުވަފަތްވެ އަދި ޔަތީމްވެފައިވާ އެތައް ރައްޔިތުންގެ ހިތުގެ އިހްސާސްތަކާއި ގުޅިފައިވާ ލުތުފީ ހައި ކޮމިޝަން ގައި ދިރިއުޅޭ އެއް މަހާއި 24 ދުވަސް ފަހުން ފުލުހުން ބަޔާން ނެރެ، އެކަން ކަށަވަރުކޮށްދިން ކަމަށް މައްސަލައިގައިވެ އެވެ.
އޭގެ ފަހުން 48 ގަޑިއިރު ތެރޭގައި ލުތުފީ ރާއްޖެ ގެންނާނެ ކަމުގެ މައުލޫމާތު ސަރުކާރުން ދިނުމަށް ފަހު އަދިވެސް އޭނާ ރާއްޖެ ގެނެވިފައި ނުވުމާއި ފޮރިން މިނިސްޓްރީގެ ބަޔާންތަކުން އޭނާ ގެނައުމުގެ ހުރަސްތަކެއް ހުރި ކަމަށް ބުނެ އުޒުރު ދައްކާ ކަމަށް ވެސް މައްސަލައިގައިވެ އެވެ.
ކުއްލި މައްސަލައިގައިވާ ގޮތުން ލުތުފީ ރާއްޖެ ގެނައުމުގައި ސަރުކާރުން ކަންކަން ކުރަމުން ދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށެވެ. ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުންފިލުވައި ދިނުމުގެ ބަދަލުގައި ފުލުހުންގެ ފަރާތުން ވެސް ފެނިގެން ދަނީ ޒިންމާ އިން ރޭކޭ ތަން ކަމަށް އެ މައްސަލައިގައިވެ އެވެ.
މީގެއިތުރުން ކުށްވެރިން ބަދަލު ކުރުމާ ބެހޭ އެއްބަސްވުމެއް ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ އިރު، އަދި 19 ދިވެހިން ޝަހީދުކޮށްލިކަން ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ލުތުފީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކުށްވެރިޔަކު އދ. ގެ ހިމާޔަތް ހޯދައިގެން "ލިޔުންތައް ގެންގުޅޭ" ކަމަށް ބުނެ އުޒުރު ދައްކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމަށް އެކަށީގެންވާ މަސައްކަތެއް ކުރާ ކަމަށް ނުދެކޭ ކަމަށް ވެސް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.
ކުށެއް ނެތް 19 ދިވެހިންގެ ލޭ އޮހޮރުވައިލުމުގައި އިސްކޮށް އުޅުނު ބާޣީ ލުތުފީ އެމްބަސީ އަށް ގޮސް އަމާންދިނީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މޭ 1 ގަ އެވެ. ފުލުހުން އެހެން ހާމަކުރުމުން ބޮޑަށް ބެލެވުނީ ލުތުފީ އަމާން ދިނީ ލަންކާގައި ދިން ބޮމުގެ ހަމަލައާ ގުޅިގެން އެ ގައުމުގައި އުޅުމުގައި ދަތިތަކެއް ދިމާވުމުންނެވެ.
ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އިއްޔެ ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި، ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމިއްލަ އަށް ހަވާލުވީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގެ ނުވަ ތަނަކަށް ދިން ބޮމުގެ ހަމަލާގެ ކުރިން ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ އޭޕްރީލް 20 ވަނަ ދުވަހެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އިރު، އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭ އެންޑް ނިހާނު
01 July 2019
ޑުރާމާކުޅުން ހުއްޓާލާށެވެ.
ރަދީފުއްދީނުލް އަކްބަރު
01 July 2019
ކުއްލިމައްސަލަ ލީލެއް މާ އަވަސް. އަދި އެބައޮތެއްނު 5 އަހަރު. 5 އަހަރު ނިމެން އެއްދުވަހަށްވީމާ ލާން މަޑުކޮށްބަލަ.
ނަގިލި
01 July 2019
ލުތުފީ އެރީ މާލެއަށް، އޭނާ ގޯސް. ނާސިރު އެރީ ތިނަދޫއަށް، ދެމީހުންވެސް ކުރީ އެއްކަމެއް. އެކަމަކު ނާސިރުވަނީ މާބަނޑު އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިންނަށްވެސް ބޮޑެތި ލާއިންސާނީ ޖަރީމާ ހިންގާފަ.
ބާގިރު
01 July 2019
ސާބަހޭ ކުދިންނޭ މިއީ އިނާމުދޭ ވަރުގެ ނޫސްވެރިކަމަކީ!
ނަގިލި
01 July 2019
އުމަރުނަސީރާއި މީނައާއި ވަޒީރުކަމުގަ ތިބެގެން މިލިއަނުން ބޮޑެތި މުސާރަ ގެއަށް ކަހަމުން ވަށައިގެން ބޮޑީގާޑުން ޖަހައިގެން ކުރީކީއްތަ. ކީއްވެގެންތަ އޭނާ ނުގެނައީ އޭރު.
ނަންގިލިގިލި
01 July 2019
އުމަރު ނަސީރާއި މީނާގެ ވަޒީރުކަމުގައި އޭނާގެ މައްޗަށް ރެޑް ނޯޓިސްނެރެ، އޭނާއާ ބެހޭ މަޢުލޫމާތު ދޭ މީހަކަށް 10،000 ޑޮލަރު ހުށަހެޅި. އޭނާ ހުރީ ދިވެހި ދަޢުލަތުގެ އިޚްތިޞާސުން ބޭރުގައި. އޭނާ ލަންކާގައި އެޅޭކަން ލަންކާ ސަރުކާރަށް އަންގައި، ސަމާލުކަމަށް ގެނައި. އަންނިގެ ސިކުނޑިން ނުކުމެ އަމިއްލަ ސިކުނޑިން ވިސްނުމަށްފަހު މިހާރުގެ ޙާލަތަށް އަދި އެއްފަހަރު ކޮމެންޓުކޮށްލަދީބަ.
ނަގިލި
01 July 2019
މިހާރު ހުރީ ދިވެހި ދައުލަތުގެ އިހްތިސާސްގަތޯ. ދިވެހި ދައުލަތުގެ އިހްތިސާސް ހިނގާނީ އެންބަސީ ހަތަރު ފާރުން އެތެރޭގަ. އޭނަ ފުރުވައެއް ނުލެވޭނެ، ބޭރަކަށް ނުނެރެވޭނެ ލަންކާގެ ކަމާއިބެހޭ ފަރާތްތަކުގެ ލިޔެކިއުންނެތިއެއް.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
01 July 2019
ސިޔާސީ މޫސުމީ ބިޔަ ކޮޅި ގަޑެއް ފަދައިން ފެނި ދިޔައެށް ކަމަކު. 3 ނޮވެމްބަރ 1988 ގެ ބުރާސްފަތި ވިލޭރޭ ފަތިސް ނަމާދަށް ގޮވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ވެރިރަށް މާލެ ، މުޅި ރާއްޖެ ، މުޅި ދުނިޔެ ސިހިގެން ދިޔަ އުދުވާން އާއި ގުޅުން ހުރި އަމުދުން މުޅި އުދުވާނުގެ މަސްދަރު ގެ މޫނުމަތީ ޖަރީމާ މަގުމަތީ ޖާމާ މަސްތުވާ ތަކެތީގެ މޫނުމަތީގެ އަގަށް ބާޒާރުގެ އަގަށް އުދުވާނުގެ ގެއްލުން ބޮޑު. ކޮންމެ ދިވެއްސަކަށް އެމުޖިރިމުންގެ އެ އުދުވާނުގެ އަޑު އުފުލަން ޖެހެ.
ކުޅުއްދުއްފުށީ ބޭގަނޑެއް
01 July 2019
ވިސްނާލާ ލުތުފީ ގެންނަ ވާހަކަ ކިޔާ އިރު ލުތުފީގެ ބަގާވާތް ކާމިޔާބު ވިނަމަ އެކަމާ އެންމެ އުފާ ކޮށް އޭގެ ފައިދާ ވާނި ކޮންބަޔަކަށް ، ކުޅުދުއްފުށީ ޒުވާނެއްގެ ގުރުބާނީގެ އެއްވެސް އަގެއް ނެތް ، އެމްޑީޕީ ސަރުކާރު އިސްތިއުފާ .
ވިސްނާލާފާ
01 July 2019
ރޭގަވެސް ތިކަމަކާހެދި ނުނިދިގެން މީހަކު ޓީވީއަށް އަރާ ލުތުފީގެ މުސްކުޅިވާހަކަޔާ، ލުތުފީ ގައިބާރު ދަށްވާހަކަޔާ، އޭނާއަށް މާފުކުރަންވީއޭ ކިޔައިގެން ވަރަށް ގިނަ ވާހަކަ ދެއްކި. އަހަރެން ހިތަށްއަރަނީ މިމީހެއްގެ އަނބިމީހާ ނުވަތަ ދަރިޔަކު ނުވަތަ ބަފަޔަކު މަރާލިމީހަކަށް ހަމަ އެހާ ފަސޭހައިން މާފުކުރާނެ ބާއޭ. ބަލަ އެދުވަހުގެ ހަނދާންތަކާއެކު ނިކަމެތި ހާލުގާ ދިރިއުޅެމުންދާ އައިލާތައް އަދިވެސް މަދެއްނޫނޭ. ދެންވެސް ވީ ހާޖަރާގޭ ބާގީލުތުފީއަށް މާފުދޭން.
ފުންއަސަރު
01 July 2019
ކުއްލި މައްސަލައެއް ހުށަހެޅުމަކުން މައްސަލައެއްނެތް. އެކަންކުރަންވާނެ. އެއީ ތިބޭފުޅުންނަށް ކުރެވޭނެ ކަންކަން. ކުރަންޖެހޭނެ ކަންކަން. ތިދައްކަނީ އެންމެމީހެއްގެވާހަކަ. ނުގެނެވިގެން ތިއުޅެނީވެސް ހަމަ އެންމެމީހެއް. ވިސްނާލަބަލަ ތިމީހެއްގެސަބަބުން ޝަހީދުވެގެންދިޔަ 19 ދިވެހިންނާދޭތެރޭ. އަދި އެއާއިލާތަކާދޭތެރޭ. ކިތައްއާއިލާތޯ އެކަމާހެދި ބިކަވެނިކަމެތިވީ. މިހާރު ތިބުނާމީހަކު ގައިބާރުދޫވެ ހާލުގާ ޖެހިފާވިޔަސް، ތިކަންތަކާހެދި މާޔޫސްވީ އާއިލާތައްމަދެއްނޫން.
ހަމީޓް
01 July 2019
ކަމިޝަނަރ ހަމީދާ ކުރިމަތިވި ފުރަތަމަ އިމްތިހާނުން ފެއިލް، ބޮޑު ތަނުން ފެއިލް. އޭނަ ގެންނާނެ ކަމަށް ބުނިދުވަށް ފާއިތުވިތާ ހަފްތާއެއްވާން ދަނީ...