ބޭންކް އޮފް މޯލްޑިވްސްގެ ބޭންކަކަށް މީހަކު ޗެކެއް ޖަމާ ކުރަނީ. "ނޮޓް ނެގޯޝިއަބަލް" ހަ ޗެކެއް ބީއެމްއެލް އިން އެސްއޯއެފް އެކައުންޓަށް ޖަމާކުރި ކަމަށް ރިޔާސީ ކޮމިޝަނުން ބުނޭ. --- ފޮޓޯ: މިހާރު
29 ޖުލައި 2019 - 12:14
އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ހަ ޗެކް ބީއެމްއެލުން އެސްއޯއެފަށް ޖަމާކުރިކަން، ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް އަންގާފައިވާ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ އިހުމާލާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި ޗެކްތަކާ ބެހޭ ގޮތުން ބޭންކްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން ފޮނުވި ސިޓީގައި ނޮޓް ނެގޯޝިއަބްލް ހަ ޗެކެއް ބީއެމްއެލް އިން އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރިކަން އެނގުނީ އެމްއެމްޕީއާރުސީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލައާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ހޯދާފައިވާ ލިޔެކިޔުންތަކުން ކަމަށެވެ.
ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އެމްއެމްޕީއާރުސީ އަށް ރަށްރަށާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބިފައިވާ ޗެކްތަކުގެ ތެރެއިން ނޮޓް ނެގޯޝިއަބަލް ޖަހާފައިވާ ހަ ޗެކެއް އެންޑޯޒްކޮށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ ހުޅުވާފައިވާ ޔޫއެސް ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާ ކަން ވަރަށް ސާފުކޮށް އެނގޭކަން ސިޓީއާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ އިހުމާލާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި މެމްބަރުން ޝަރީފާ ސުވާލުކުރުމުން އޭނާ ބައެއް ވާހަކަތައް ވިދާޅުވީ ހަގީގަތް ފޮރުވަން އޮޅުވާލައިގެން ކަމަށް މަޖިލިހުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ފަހުން ބެލި ބެލުމުން އެކަން ސާފުވެފައިވާ ކަމަށް ވެސް، ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޝަރީފް ދޮގު ހެއްދެވި ކަމަށް ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން ނޮޓް ނެގޯޝިއަބްލް ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދިން ކަމަށް ބުނާ މައްސަލައިގަ އެވެ.
ނޮޓް ނެގޯޝިއަބްލް ޗެކްތައް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޗެކްގައި ލިޔެފައި އޮންނަ ފަރާތުގެ އެކައުންޓަށެވެ. އެކަހަލަ އެއްވެސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށް، ފެށުނީއްސުރެ ބީއެމްއެލުން އަންނަނީ ބުނަމުންނެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވެސް އެ ބޭންކުން ތަކުރާރުކޮށް، ބުނަމުން ދިޔައީ އެފަދަ ޗެކެއް ޖަމާކޮށްފައި ނުވާނެ ކަމަށެވެ.
އެކަމަކު ނޮޓް ނެގޯޝިއަބްލް ޗެކްތަކެއް ބީއެމްއެލް އިން ޖަމާކޮށްދީފައިވާ ކަމަށް ތަހުގީގަށް ހެކި ލިބިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ.
މި ތުހުމަތުތަކަށް ރައްދު ދީ ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރީފް، މަޖިލީހަށް މައުލޫމާތު ދެއްވީ އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތަކާ ގުޅިގެން ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށެވެ. އޭނާގެ އެއްވެސް ވާހަކައެއްގައި ހަގީގަތް އޮޅުވާލާފައި ނުވާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތޯ
29 July 2019
ދެން ޝަރީފު ފަހަތުން ދުވީމައި ހުންނާނީ ތިކުރަން އުޅޭކަންތައް ހާސިލުވެފައި. ތިކަހަލަ ކޫސަނި ކަންތަކުން މީހުންގެ ލޮލުގައި އަނދުން އަޅުވަނީ. ވައްކަމުގައި އިސްކޮށް ހުރިމީހާ އެހެރީ ހުދު ފޮތިކޮޅަކަށްވެ ފްރީކޮށް. ދެކޮޅަށް އެއްޗެއް ބުނެލާނެ އެމްޑީޕީ މެމްބަރަކުނެތް. ކަން ބޮޑުވާ މީހަކުނެތް. ލާރިލިބުނު މީހުން އެއޮތީ ފެންނަށް.. ފުލުސް އޮފީހަށް ތި މަޖިލީހުން ބާރުއަޅާތަނެއް ނުފެނޭ. ހުސް ފޭކު. އެއްވެސް އިޚްލާސްތެރިކަމެއް ނެތް.
މާރަނގާ - އައްޑޫ ސިޓީ
29 July 2019
ޝަރީފްއަށް ނޭގުނުއެއްޗަކީ ދައުލަތްކަޅާކޮށްލިވައްކަމުގައި ބޭންކްގެދައުރު އެންމެނަށްއިގޭކަމާއި ސޯލިޙްގެކެމްޕޭނުގައި “ޖަރީމާގެބައިވެރިންނަށް ދޫނުދެއްވާނެކަމަށް” ވައުދުވެފައިވާކަން. * * ނޭގުނީ ތިމާއާއިނުބައްދަލުމަޤާމެއްހަވާލުކުރެވުނީ “އެހެންބަޔަކު ޒިންމާއިންރެކެންވެގެންކަމާއި”އެހެންނޫންނަމަ AGM ގެމަޤާމްނުލިބޭނެކަން. * * ނޭގުނުއެއްޗަކީ މަޖިލީހަށްދިޔަދުވަހު “ގޮސްމިހެންވިދާޅުވާށޭބުނިމީހުންނަކީ ޝަރީފުގެކަރަށްމަޅިމަހާލުމަށްބޭނުންވި” މީހުންކަން.
ދާދޭ
29 July 2019
"މައުލޫމާތު ދެއްވީ އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތަކާ ގުޅިގެން ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށެވެ." އެހެންވީމާ ނުފެނި ހާދަ ރެކޯޑެއް ތިމައްސަލާގައި ހުންނާނެތާ؟ މަހިތަށްއަރާ ދޮގުތައް މިހަދަނީ ކާކަށް ކޮންކަމެއް އޮޅުވާލަންތޯއެވެ؟ ރައްޔިތުންގެ ފައިސާއަށް ބަޔަކުމީހުން ޚިޔާނާތްވަމުންދާކަން ޤާސިމު ޢަބްދުލްކަރީމު ހާމަކުރުމުން ބޮޑުސިއްރު ހާމަކުރީތީ އެފަކީރަށް އެތައް އަނިޔާއެއްދީފައި އަދިވެސް ދޮގުހަދައިގެން ސަލާމަތްވާން ނޫސްބަޔާންމިނެރެނީ
ލިނބޯދުން
29 July 2019
ބީއެމްއެލްއަކީ އެހެން ގައުމެއްގެ ބޭންކެއްތަ؟ ކީއްވެތަ އެތާނމީހުން އެހާ ބާރުގަދަވެގެން މިއުޅެނީ މިކަންކަން ފޮރުވަން. ދިވެހިންނަކީ ގަމާރުންކަމަށް ދެކެނީތަ؟
ހުސޭނާއަޖސކއ
29 July 2019
އެހެން ބޭންކްތަކާ ސުވާލެ ނުކުރަނީ ކީއްވެ. އެމީހުން އޯކޭ ދިނީމަ ދޯ ބީއެމްއެލް އިން ޖަމާކުރާނީ.
މޮހޮދު
29 July 2019
ކަންކަމަށް ނާޤާބިލު މީހުން ލީމާ ވާނެ ގޮތް ތިޔައީ
ާބޮޑުމީހާ
29 July 2019
ކީކޭބުނާނީ. ޝަރީފްއެބުނަނީ ރިކޯޑްސް ތަކުގަ ނެތީޔޭ. މިމީހުން ކޮންމެ ފަދަ ދޮގެއްވެސް ހަދައިފާނެ. ތި އެންމެން ބޭރުކުރޭ
ބައިރޯ
29 July 2019
ތިއޮތީ ހަތެރެސްކަން ހަމަވެފަ، ބޭންކްގެ ރައުލްސުލް މާލަކީ އިތުބާރު ތިއޮތީ ދިވެހިންގެ ލެއިން ތައްތެޅިފަ
ސިސޫ
29 July 2019
ތި ގޮތަށް ހަަމަ ބާރަށް ފުލެޓް ކޮމެޓީ ކަންކަން ބާލަ ނިންމަބަލަ..މިހާރު 9 މަސް ވާނިޔޭ.
ނަހޫ
29 July 2019
އެހެން މުަވައްޒަފެއް ނަމަ މިހާރު ކަނޑާލީސް. ބޭންކުން ނުޖެހޭ ޝަރީފް ޑިފެންޑް ކުރާކަށް.
ދާދޭ
29 July 2019
ތިބޭންކްގެ ބޯޑު އެއްކޮށް ބަދަލުކުރަން އެބަޖެހޭ. ބޯޑުގެއަތެއްވެސް އޮތުން ތިޔަކަމުގައި އެކަށީގެންވޭ. ޝަރީފު ދޮގުއެހަދަނީ އެހެންކަމެއް ފޮރުވަން ވެގެންކަމަށްބެލެވޭ. މަނިޓަރީގެ ގޮރުނޮދޯރާވެސް ސުއާލުކުރަންޖެހޭނެ.