ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ޕީގީ އަދި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ . ފޮޓޯ:ހުސައިން ވަހީދު، މިހާރު.
19 ޖެނުއަރީ 2020 - 18:23
ޖިންސީ ޝިކާރައަކަށް ކުދިން ވުމުގެ ނުރައްކާ އޮތް އާއިލާތައް ޖެންޑާ މިނިސްޓްރީ އަށް މިހާރު ވެސް އެނގޭނެތީ، އެފަދަ އާއިލާތަކުގެ ކަންތައްތައް މޮނިޓާ ކުރުމުގެ މަސަައްކަތް ހަފްތާއެއްގެ ތެރޭގައި ފަށަން، އެ މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ގއ. ކަނޑުހުޅުދޫގައި، އުމުރުން އަދި އެންމެ ދެ އަހަރުވެސް ނުވާ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވުމުން، އެ ކޮމިޓީން ވަނީ އެފަދަ ކުށްތައް ހުއްްޓުވުމުގެ ޒިންމާ އޮތް މުއައްސަސާތަކުގެ ވެރިންނާ ރޭ ސުވާލުކޮށް، މައުލޫމާތު އެއްކޮށްފަ އެވެ. ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި އެ މިނިސްޓްރީގެ އިސް ބައެއް އެހެން ބޭފުޅުން ކޮމިޓީގެ ރޭގެ ބައްދަލުވުމަށް ވަޑައިގަތެވެ. އަދި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަންދޫބުން ވެސް އެ ބައްދަލުވުމުގައި ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގަތެވެ.
ރޭގެ ބައްދަލުވުމާއި އޭގެ ކުރިން ބޭއްވި ބައްދަލުވުމުން، ހޯދާފައިވާ ހޯދުން ތަކަށް ބިނާކޮށްް، ހަ ކަމެއް ކުރަން އަންގަން ކޮމިޓީން މިއަދު ނިންމި އެވެ. އޭގެ ތެރެއިން ޖެންޑާ މިނިސްޓްރީން އެންމެ އަވަހަށް ކުރަން އަންގާނެ އެއް ކަމަކީ ނުރައްކާ އޮތް އާއިލާތައް ދެނެގަންނާނެ އުސޫލެއް ކަނޑައެޅުމާއި މިހާރު ވެސް އެކަން އެނގޭ އާއިލާތައްް މޮނިޓާ ކުރަން ފެށުމެވެ. އެ ގޮތަށް އަންގަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރުން ރޮޒައިނާ އާދަމް އެވެ.
"މިހާރު ދައުލަތުގެ ހުރި މައުލޫމާތުން، ކަށަވަރުން ވެސް އެނގޭނެއޭ ކޮން ކުދިންނެއްތޯ ރިސްކްގައި ތިބީ. ކޮން ގެތަކެއްގެ ކުދިންނެެއް ތޯ، ކޮން އާއިލާތަކެއްގެ ކުދިން ކަން ރިސްކްގައި މި ތިބީ،" އާއިލާތަކުގެ ހާލަތު ބަލަން ފެށުމާ ބެހޭ ގޮތުން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވި އެވެ.
މިހާރު ކަނޑައެޅިގެން އެނގޭ އާއިލާތަކުގެ އިތުރުން ވެސް ކުދިންނަށް ނުރައްކާތެެރިކަން ބޮޑު އާއިލާތައް ދެނެގަތުމުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ކުރަން ވެސް ރައްޔިތުންގެ މަޖިލީހުން އެދޭނެ އެވެ. ރަށްރަށުގައި ހުރި ސިއްހީ މުއައްސަސާތައް ނުވަތަ މަދަނީ ޖަމާއަތްތަކުގެ އެހީގައި އެ މަސައްކަތް ކުރުމަށް ލަފާ ދޭނެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ތެރެއިން މުޖުތަމައަށް ދޫވެފައި ތިބީ ކޮންކޮން ބައެއްތޯ ބަލައި، އެ މީހުން ދޫވެފައި ތިބި ތިބުން މުރާޖައާކޮށް، އެމީހުންގެ ކަންތައްތައް ބަލަން ފަށަން އަންގަން ވެސް ކޮމިޓީން މިއަދު ނިންމި އެވެ. އަނެއް ކަމަކީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ޑިޕާޓްމަންޓްތަކުގައި މަސަައްކަތްކުރާ މީހުންގެ މަސައްކަތް ހުރި ގޮތް ބެލުމެވެ.
ކޮމިޓީން ނިންމި ކަންތައްތައް ޖެންޑާ މިނިސްޓްރީ އަށާއި ކަމާ ބެހޭ އެހެން އިދާރާތަކަށް އަންގާނީ މުގައްރިރު ޖީހާން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވާ ސިޓީފުޅުތަކެއްގެ ގޮތުގަ އެވެ. އެ ކަންތައްތައް ކުރަން އަންގަން ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އިއްތިފާގުންނެވެ.
ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައިގައި އެ ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ވަނީ އަންގައިފަ އެވެ.
ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތު ފުލުހުން ކުރަނީ އުމުރުން 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަ އަށެވެ. ކުއްޖާގެ ބައްޕަގެ މައްޗަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެވަރ
28 January 2020
މަޖުލިސް މެމްބަރުން ތި މަސައްކަތް ކުރުމަށް ނުކުންނަން ވީ ނޫން ތޯ؟ އެއް މިލިއަން ރުފިޔާގެ މުސާރައެއް އަހަރެއް ތެރޭ ނަގާ މީހުން މިފަދަ ބުރަ މަސައްކަތް ކުރުން މާ ރަގަޅު.
މޯސް
22 January 2020
ނުރައްކާ އޮތް ޢާއިލާ ތައް ހައްޔަރު ނުކޮއްފިއްޔާ ނަސީބެއް
ހަކު
21 January 2020
އަންހެނުން ފިރިހެންކުދިންނާ ބެހޭ މައްސަލަ މިކަހަލަ ދަނޑިވަޅުތަކުގަ ވަޅުޖަހާތީ ދެރައީ. އެވާހަކަ ދައްކާނެ މީހަކު ނެތް.
ނުވާނެ ކަލޭމެންނަކަށް
19 January 2020
ރިޕީޓެޑް ކޮށް ކުއްޖެއްގެ މައްސަލަ ހުށަހެޅިޔަސް ނޫނީ ޕޭރެންޓުންނަށް މައިތިރި ނުވެގެން އެހީއަށް އެދި ތި އެންމެން ކައިރީ އަދޭސްކުރިޔަސް ހަމަ އަޅާނުލާ. މިހާރުވެސް އޮންގޮއިން ކިތައްކޭސް އެބއިން ތި މުސްކުޅިމީާގެ ކަހަލަ.
ޝާމް
19 January 2020
ޒިންމާއަށް އިހުމާލުވާ އެންމެންވެސް މިފަހަރު ހައްޔަރުކުރަންވާނެ. އިނަފް އިސް މޯދެން އިނަފް
ކޮމެންޓޭ1
19 January 2020
ތިން ބާރު ވަކިވެފަ އޯ. ގާނޫނޫ ހަދާމީހުން ސަރުކާރު ހިންގަންވީވެސް
ޅަދަރީން ފުރަތަމަ
19 January 2020
ދާއޫދު އަންގަނީ ތިކުދިން ވަކިކޮށް ބެލެހެއްޓުންތީ ދައުލަތަށް ހަރަދު ބޮޑު ކަމެކޭ. މި ތުއްތު ކުދިންގެ ސަލާމަތަށް ކޮންމެ ހަރަދެއް ހިގިއަސް އެކަންކޮށްފަ އެހެން ހަރަދެއް ކުރެވެން ޖެހެނީ. ފުލުހުންގެ އިދާރާގެ އިސްވެރިއަކަށް ހުރެ މިމީހުންގެ ވިސްނުންހުރި ގޮތާ މިޒާތުގެ ޒިންމާދާރުކަން ކުޑަ ވާހަކައިން މިކަންކަން މިހާވަރަށް ބޮއްސުންލައިގެން ދިޔަ ސަބަބު ވަރަށް ސާފު.
ޢަލީހާޝިމް
19 January 2020
ޢެންމެ ބޮޑު ނުރައްކަލަކީ ނާގާބިލު މިނިސްޓަރެއް ހުރުން
އަޅުވެތިކަން
19 January 2020
ތިއީ 7 ދުވަހުން ނިން މާލަން ޖެހޭ ކަ މެއް ނޫން. ތިކަން ދެ މެހެއްޓެނިވި ކަ މެއްގެ ގޮތުގަ ކުރަންވީ. ކޮން މެ ރަށަކަށް ޖެންޑަރ 2 އޮފިސަރުންނާ، ނޭބަރހުޑް ޕޮލިސް ބޭތިއްބެން ޖެހޭނެ. ފައިސާ ހުރޭ ސަރުކާރު ކޫސަނި ކަންކަން ކުރަން. ކީއްވެތަ ކުޑަކުދީންގެ ރައްކަލަކަށް މުޖްތަ މައުގެ ހަ މަޖެހު މަށް މަޖުބޫރު ކަންކަން ނުކުރެވެންވީ؟ މާލެ އަށް ހުރިހާ ކަ މެއް ޖަ މާކުރީ މަ ތިޒާތުގެ ކަންކަން ދި މާވަނީ. ނާތަހުޒީބުކަ މުގަ ދަ މަހައްޓަނީ ސަރުކާރުތަކުން.
އަލީސް
19 January 2020
ޖެންޑާރ މިނިސްޓްރީ ހިންގާނެގޮތް އެނގޭނީ ޖެންޑަރ މިނިސްޓަރަށް. ނޭނގެންޏާ އިސްތިއުފާ ދޭނީ ނޫނީ މަގާމުން ވަކިކުރާނީ
ނިދާދު
19 January 2020
މުސާރަދީފަ އޮފީސްދީފަ ޓެކްނިކަލް މުވައްޒަފުން ދީފަ އަދި މިޖެހެނީ އަކުރުމަތީ އަކުރުއަޅާދޭން