މާލެ: ފެބްރުއަރީ 9، 2020- ޖެންޑާ މިނިސްޓަރަކަށް، މި ސަރުކާރުގައި އަލަށް އައްޔަން ކުރެއްވި އާއިޝަތު މުހައްމަދު ދީދީ، މަގާމުގެ ލިޔުމުގައި މިއަދު ސޮއިކުރައްވަނީ. އޭނާއަށް ރުހުން ދިނުމުގެ މައްސަލަ މިއަދު ވަނީ ކޮމިޓީއަށް ފޮނުވާފައި---ފޮޓޯ: ރައީސް އޮފީސް
11 ފެބުރުއަރީ 2020 - 10:24
ޖެންޑާ މިނިސްޓަރުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީއަށް ރުހުން ދިނުމުގެ މައްސަލަ، ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިިފި އެވެ.
އައިޝާ ޖެންޑާ މިިނިސްޓަރުކަމުގެ މަގާމަށް މިދިޔަ ބުދަދުވަހު އަައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޝިދާތާ ޝަރީފް، އާންމުންގެ ފާޑުކިޔުންތަކާ ހެދި، އިސްތިއުފާދެއްވުމުންނެވެ.
އައްޑޫ ހިތަދުއަށް އުފަން އައިޝާއަކީ މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ރާއްޖެއަށް ޒަމާނީ ވެރިކަމުގެ ނިޒާމެއް ގެންނަން އިދިކޮޅު ފަރާތްތަކުން ފެށި ހަރަކާތްތަކާ ގުޅިގެން ކެބިނެޓް އާކުރައްވަން ގެންނެވި އާ މިނިސްޓަރުންގެ ތެރެއިން އެއް ބޭފުޅެވެ. އޭނާ ވަނީ ޖެންޑާ މިނިސްޓަރުކަން 2005-2008 އަށް ކުރައްވައިފަ އެވެ. އޭގެ ކުރިން މަސައްކަތް ކުރެއްވީ ކުޑަކުދިންނާ ގުޅޭ ބައިނަލްއަގުވާމީ ޖަމާއަތް ޔުނިސެފްގަ އެވެ.
އައިޝާ، އިންޑިއާ ސަފީރުކަމަށް ޑިސެމްބަރު 2018 ގައި އައްޔަން ކުރެއްވުމާ ހިސާބަށް ހުންނެވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް އާޓްސް ހާސިލް ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން، ލުބުނާގެ އެމެރިކަން ޔުނިވަސިޓީން ބެޗެލާ އޮފް އާޓްސް އާއި ޑިޕްލޮމާ އިން ޓީޗިން ވެސް ފުރިހަމަ ކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދެވަނަ ޖެންޑާ މިނިސްޓަރުގެ މަގާމާ އެކު، އައިޝާ ވެފައި ވަނީ މިހާރުގެ ކެބިނެޓުން ފުރުސަތު ލިބިވަޑައިގެންނެވި އައްޑޫގެ ފުރަތަމަ ބޭފުޅާ އަށެވެ. އޭނާ އަކީ އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އެއްބަނޑުއެއްބަފާ ދައްތަ އެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމާ އައިޝާ މި ހަވާލުވެވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތައް އިތުރުވެ، ފިޔަވަޅު ނޭޅޭ ކަމުގެ ޝަކުވާތަކާ އެކު ޖެންޑާ މިނިސްޓްރީ އަށް ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ. އެ މަގާމުގައި ކުރިން ހުންނެވި ޝިދާތާ އިސްތިއުފާ ދެއްވީ އެ ފާޑުކިއުންތަކާއި އިތުބާރު ނެތް ކަމުގެ ވޯޓުން މަގާމުން ދުރުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ކުރިމަތިކުރުވި ފިއްތުންތަކާ ހެދި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން
11 February 2020
ކޮންތަންތާކުން ނިކުންނަ މީސްމީހުންނެއްތަ މީ. ޓެސްޓެޑް އެންޑް ފެއިލްޑް މީހުން ތަންތަނަށް ލާތީ މައްސަލައަކީ. ސިސްޓަމް ރަނގަޅެއް ނުވާނެ ދުވަހަކުވެސް މިހެން މީހުންނަށް މަޤާމް ތަށް ދީގެންނެއް. އިއުލާނެއް ކޮށްލާފަ ޤާބިލް މީހުން ހޯދާގެން ތިކަހަލަ މަޤާމްތަށް ދީބަލަ ނަތީޖާ ނިކުންނަ ގޮތް ބަލާލަން.
އިމް
11 February 2020
ޝިދާތާއަށް މަލާމާތްކޮށް އެއްޗިހި ގޮވި ނަޝީދުގެ ސަޕޯޓަރުން ގާތު އަހާލަން ބޭނުންވަނީ، މައުމޫނު ދައުރުގައި އައިޝަތު ދީދީ ޖެންޑާ މިނިސްޓަރަކަށް ހުރިއިރު ސިސްޓަމް ރަނގަޅު ކުރެވުނުނަމަ މިއަދު އެ މައްސަލަ ފެންމަތިވާނެ ހެއްޔެވެ؟ ގުދޯ ގުދޯ ގޮވުން ހުއްޓާލާފައި ރަނގަޅަށް ވިސްނާލާށެވެ.