ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކުރަނީ. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
28 ފެބުރުއަރީ 2020 - 00:58
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ 1.4 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ސުވާލުކޮށް ބަޔާން ނަގަން ކަމަށާއި ޝަރީއަތުގައި އޮތް މައްސަލައެއްގައި ޔާމީނާ ސުވާލު ނުކުރާ ކަމަށް ބުނެ އެ މަނިކުފާނުގެ ވަކީލުންނަށް ފުލުހުން މިރޭ ރައްދު ދީފި އެވެ.
މިހާރުވެސް މަނީ ލޯންޑަރިންގެ ކުށެއް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުރި ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ތިން ގަޑިއެއްހާއިރު ސުވާލުކުރި އެވެ. އޭގެ ފަހުން ޔާމީންގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައި ވަނީ ޔާމީނާ ސުވާލުކުރީ އެ މަނިކުފާނަށް ސާބިތުވެ މިހާރު އިސްތިއުނާފު މަރުހަލާގައި އޮތް މަނީ ލޯންޑަރިންގެ ކުށާ ގުޅިގެން ކަމަށާއި އާ މައްސަލައެއްގައި ފުލުހުން ޔާމީނާ ސުވާލު ނުކުރާ ކަމަށެވެ.
މި ވާހަކަ ދޮގުކޮށް ފުލުހުން ނެރުނު ބަޔާނުގައި ތުހުމަތުތައް ވަނީ ހާމަކޮށްފަ އެވެ.
ޔާމީން ކުރާ އެއް ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރިސޯޓް ތަރައްގީކުރުމަށް ފަޅުތަކާއި ރަށްތައް ކޮރަޕްޝަން ހިމެނޭ ގޮތަށް އެކި ފަރާތްތަކަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރު (1 ބިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކުރުމެވެ. އަދި ޑޮލަރު ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން 220،704،546ރ. ހޯދައި އެ ފައިސާ އަށް ވެސް ޚިޔާނާތްތެރިވެ ލޯންޑަކުރި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީން 1،900،000ރ. އަމިއްލަ ފަރާތްތަކަށް ލޯނުގެ ގޮތުގައި ދޫކޮށް އެ ފައިސާ އަށް ވެސް ޚިޔާނާތްތެރިވެ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ވަނީ ސުވާލުކޮށްފަ އެވެ.
ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ފުލުހުން ބުނީ މިއީ މީގެ ކުރިން ވެސް ޔާމީނާ ސުވާލުކޮށް ތަހުގީގު ހިންގަމުން އަންނަ މައްސަލައެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު (17،239،560ރ.) ހޯދައި އެ ފައިސާ ލޯންޑަކުރި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
މި ހުރިހާ ފައިސާއެއްގެ ޖުމްލަ 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް، ތުހުމަތުކުރެވޭ މީހާ އާއި އެ މީހެއްގެ ވަކީލުންނަށް، ތުހުމަތުތައް ބަޔާންކޮށްދީ ލިޔުމުން ފުލުހުން އެކަން އަންގަ އެވެ. މި އިޖުއަތު ޔާމީންގެ މައްސަލާގައި ވެސް ފުރިހަމަކުރިކަން ވަނީ އެނގިފަ އެވެ. ނަމަވެސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލް ނޫސްވެރިންނަށް ވިދާޅުވީ ޔާމީން ހާޒިރު ކުރީ މިހާރު ވެސް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ.
"އާ މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ފާހައެއް ނުމެވޭ. މިހާރު ދައުވާކޮށް ޝަރީއަތުގެ، އިސްތިއުނާފްގެ މަރުހަލާގައި ކުރިއަށްދާ ކަންތައްތަކުގެ ހަވާސާގެ ތެރޭގައި މިއަދުގެ ވެސް ތަހުގީގު،" ޖަމީލް ވިދާޅުވި އެވެ.
ފުލުހުން ނެރުނު ބަޔާނުގައި އެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރާ ތަހުގީގުތަކާ ގުޅިގެން ހިންގޭ އިޖުރާއަތު ރައްޔިތުންނަށް އޮޅޭ ގޮތަށް އަދި ފުލުހުންގެ މަސައްކަތާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް އަމަލު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޔާމީން މިހާރު ޖަލުގައި ހުކުމް ތަންފީޒުކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ. މި ކުށުގެ އަދަބަކަށް ފަސް އަހަރަށް ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮނު
29 February 2020
މިވަރުގެމީހަކު ދޫކުރަން މިހަޅޭފަޅޭ ލަވަނީ ދުވަހަކުވެސް ޖަލުންނެރޭނެކަމެއްނެތް.
އަރީފުބޭ
29 February 2020
ކެމްޕޭނު ޕީއާރު އާއުސްމިން ތަކަކަށް..އަހަރެމެން ހަމަ ގަމާރީ ކޮބާތަ ނުކާ ރައީސަކު..
Omega 3
29 February 2020
ތިހުރިހާ ވައްކަމެއްގެ މޭސްތިރިޔާ އަދި ވައްކަމުގާ އަމަލީ ގޮތުން އުޅުއްވީ އަދީބު ގޭގަ ބަހައްޓައިގެން ކުރާ ހުރިހާ ކަމަކީ ރައްޔިތުން ބަލައިގަންނަ ކަމެއްނޫން. މުޅި ރާއްޖެ ހެކިވޭ ތިހުރިހާ ކަމެއްގާ އުޅުއްވީ އަދީބުކަން. ޔާމީން ކުއްވެރިކުރަން ވައްކަމުގެ ބައިވެރިންގެ ހެކިބަސްނަގައިގެން އަދީބާ ޒިޔަތު ގޭގައި ބަހައްޓއަިގެން ތިހިންގަނީ ދެކޮޅުނުޖެހޭ ކަންތައް...ސަރުކާރުން އަދީބާއި ޑީލްހަދައިގެން ކަންތައްނުކުރައްވާ.
އަލި
29 February 2020
ފުލުހުން އަބަދުވެސް ސިޔާސީ ކަންތައްގަނޑެއްގަ....
ރީތި މޫސަ
29 February 2020
ކެމްޕޭނަށްޖެހި ބޮޑުމަތިގަނޑެއް މިހާރުކޮށްފައޮތްހުކުމް ބާތިލްވެދާނެތީ ކުރާކަމެއް
ކަލޯގަޔާ
28 February 2020
މިފަސްއަހަރު މިސަރުކާރައް ވާނެކަން އެކުރަނީ ރ ޔާމީންފަހަތުން ދުވުން ދުވާވަރަކައް އަތަޠް ގޮވަނީ މީކުރާތަރައްގީ
ޢަބްދުﷲނާފިޒް
28 February 2020
ތުހުމަތެއް ކުރިއަސް އެނުވާނެ ޙަޤީޤަތަކަށް، އެއީ ޔާމީނުގެ ސިޔާސީ ދުވެލި ހުއްޓުވާލަން މިސަރުކާރުން ކުޅޭ ގޭމެއް، ރައީސް ޔާމީނަކީ ފައިސާއާހެދި މޮޔަވެގެން އުޅުއްވާ ބޭފުޅެއްނޫން، މައުސޫމު ބޭފުޅެއް.
ވަހުސޔ
29 February 2020
ޔާމީން ވެސް ފައިސާ ބޭނުންވާނެ. އެކަމަކު އޭނަގެ އެކައުންޓަށް ފައިސާ ޖަމާކުރި މީހުން ކުށްވެރި ނުވެ، އޭނަ ކުއްވެރިވީމަ މީގައި އަދުލު އިންސާފު ނެތޭ އެބުނަނީ. ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާވިގޮތަށް މިހާރުގެ ރައީސް ޞާލިހުގެ އެކައުންޓަށް ވެސް ފައިސާ ޖަމާވި. އެމައްސަލަ ވެސް ބަލަން ޖެޙޭ
އަޙުމަދު
29 February 2020
ޜަނގަޅުވާހައެއް. މޮޔަނުވާކަން އެނގޭ. މިހާރު ޖަލުގަ އެ ހޭދަކުރަނީ 1 މިލޔަން ޑޮލަރު ތެޔޮފޮދަކާވެސްނުލާ އަމިއްލަ އެކައުންޓަށް ކަހާލި މައްސަލައެއްގަ. މިކަހަލަ ކިތަންމެ މިލިޔަނެއްގެ ޝަރީއަތް އަދިހުރީ ކުރިއަށް. މިހާރު އެދަނީ ތަހުގީޤު. ފައިސާޔާހެދި މޮޔައެއްނުވޭ. ޢެކަމަކު މިލިޔަނުން މިލިޔަނުން ދަވާލާފަ އެބައޮތް.
ވިސްނާލުމަށް އެދެމޭ
28 February 2020
0ޓޮލަރެންސްގަ މިސަރުކާރުން ހިންގި ވައްކަންތަކުގެ ފޯކަސް ބަދަލެނުކުރެވޭނެ..ތިޔަށްވުރެ ބޮޑުއަދަދެ ބުންޏަސް. ތުހު މަތު ކުރެވޭ ކިތައް މެކަ މެ ކިތައް މެބަޔަކު އެބަތިބި އަހަރެ މެންނަވެސް އެކަ މަކު ކޮއް މެ ތުހު މަތަކީ ހަގީގަތެނޫން..އަބުރަކީ ﷲރައްކާތެރި ކުރެއްވިއެއްޗެ ވަކިއާއިލާއެ ވަކި މީހަކަށްނޫން.ވީ މާ މަރުވު މަށްފަހު ދިރުއްވޭނެކަ މާ ސުވާލުކުރެވޭނެކަން ދަންނަ މީހުން ވިސްނާ ތިކުރެވޭކަންކަ މާ މެދު.1 މިލިޔަށް ޑޮލަރު އިންދީ މަ ކުރިފެޅީ 77 މިލިޔަން.
ނާރު
28 February 2020
މީ ބަޖަޓަށް ފައިިސާ ހޯދަން ކުރާ ކަމެއްހެން ހާދަ ހީވޭ!
އާރު
28 February 2020
ދައުލަތުން ގެއްލުނު ފައިސާ ހޯދަންވީ އަސްލު މީހާ އަތުން ހޯދަން ނޫޅެ ކަންނުވެ ނަންވި މީހާ އަތުން ހޯދަން އެއުޅެނީ.
މަގުފުޅާޓިނު
28 February 2020
ނެގި މީހެއްގެ އަތުން ދޯ ހޯދަން ޖެހޭނީ، އޭގެ ފަހުންތާ މިމީހުން ބޭނުން ބަޔަކަށް ބެހޭނީ.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
28 February 2020
1.4 ބިލިއަން ރުފިޔާ 5 އަހަރު . އަދުރެމެޓިކްސް ތިޔަ އަދަދު ހާމަ ކުރީމާ އިގޭނީ.