ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖެ އަންނަ މީހުން ބައިތިއްބަން ފަރުކޮޅުފުށީގައި ހަދާފައިވާ ކޮޓަރިއެއް: ޗައިނާ އިން ރާއްޖެ އައި ދެ ދިވެހިން މިހާރު ވަނީ މިތަނުގައި ކަރަންޓީނު ކޮށްފައި.---ފޮޓޯ: ހެލްތު މިނިސްޓްރީ
17 މާޗް 2020 - 20:43
ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ޓެސްޓު ހެދުމަށްޓަކައި ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ ކުރިން ގޭގައި މަޑުކުރަން އެންގުމުން، އެކަމަށް އެއްބާރުލުން ނުދިން ދިވެއްސަކު ފުލުހުންގެ އެހީތެރިކަމާ އެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ މިއަދު ހަވާލުކޮށްފި އެވެ.
ސައުތު ކޮރެއާ އިން މީގެ ދެ ދުވަސް ކުރިން އައިސް، ވިލިމާލޭގައި ދިރިއުޅޭ އެ ފިރިހެންމީހާ އެޗްޕީއޭގެ އެންގުމަށް އަމަލު ނުކުރުމުން، އެ މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހެޅުމާ ގުޅިގެން ފުލުހުން ވަނީ އެ އަވަށަށް ގޮސް، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށުން އެޗްޕީއޭއާ މިއަދު މެންދުރު ހަވާލު ކޮށްފައި ކަމަށް ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވި އެވެ.
ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވައިފަ އެވެ. އެހެންކަމުން، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވަ އެވެ.
ވިލިމާލެ އިން ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާގެ ޓެސްޓް ހެދުމަށްޓަކައި ފަރުކޮޅުފުށީގެ ކަރަންޓީން ފެސިލިޓީ އަށް ގެންދިއުމަށް ގޭގައި މަޑުކުރަން އެންގީ ވެސް މައިމޫނާ އަށް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ދެކޮޅު ހެދުމަކީ ކުށެކެވެ.
ފުލުހުން ބުނީ، އެޗްޕީއޭ އަށް އެއްބާރުލުން ނުދިން މީހާގެ މައްސަލަ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ދަށުން ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
"ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާން ކުރުމާ ގުޅިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ޚިލާފަށް އަމަލުކުރާ މީހުންގެ މައްސަލަ މި ސާވިސް އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ތަރުޖަމާން އިޒްމިއާ، މީޑިއާއާ ހިއްސާ ކުރެއްވި އެސްއެމްއެސްއެއްގައި ވެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ވިލިމާލެ އިން ކޮވިޑަށް ޝައްކުވި މީހާގެ ޓެސްޓް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ގޭގައި މަޑުކުރަން އެންގި ނަމަވެސް އެއާ އެއްގޮތަށް އެ މީހާ އަމަލު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ ފަރުކޮޅުފުއްޓަށް ގެންދިއުމަށްޓަކައި އޭނާ ބަލާ ދިޔައިރު ކަމާބެހޭ ފަރާތްތަކަށް ބައްދަލު ނުވި ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ މީހާ ދިރިއުޅޭ ގެ ހުރީ ތަޅުލައިފަ އެވެ.
"އޭނާ އަށް ފޯނު ނުކުރެވިގެން އާއިލާގެ މީހަކަށް ގުޅުނު ކަމަށް މައުލޫމާތު އެބަ ލިބޭ. އަދި އާއިލާގެ މީހާ، އޭނާ ގޭގައި ނެތް ކަމަށް ބުނެފައިވޭ،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް ބަލީގެ އަލާމާތް ހުރި މީހާ ނުފެނިގެން އެޗްޕީއޭ އިން ފުލުހުންނަށް އެންގީ އެ ހިސާބުންނެވެ.
މަބްރޫކް ވިދާޅުވީ، އެ މީހާ ފުލުހުންގެ އެހީތެރިކަމާ އެކު ހޯދައި، ފަރުކޮޅުފުއްޓަށް އެންމެ ފަހުން ގެންގޮސް "ކޮންޓެކްޓް ޓްރޭސިން" ވެސް ހެދުން ކުރިއަށް ގެންދާ ކަމަށެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ޚިލާފަށް، އައްޑޫގެ ސައުތު ޕާމް ރިސޯޓުން އެ ސިޓީގެ މީދު އަށް ފަތާފައި ދިޔަ މީހަކު ވެސް ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ. އަދި އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން މީދޫ ކޯޓުން މިއަދު ވަނީ އަންގައިފަ އެވެ.
ކޮވިޑް ބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރިސޯޓުތަކަށް މީހުން އަރައިފޭބުން ވެސް މި ވަގުތަށް ވަނީ މަޑުޖައްސާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައްވާ ރަ
19 March 2020
ފަ ރުދީ ޒިންމާއޭ ކިޔާ އަނގަފުޅާ ކު ރާއިވެސް ދިވެހިންތައް ހޭވައްޓާލާފަ ރާއްޖެއިން ބޭ ރަށް ދަތު ރުކު ރަންޖެހޭ!!! އެންމެ ފު ރަތަމައިނުންވެސް އެއާޕޯ ރޓްތަކުގައި ބޮޑުތަޅު އެޅުވިނަމަ މިހާ ރުގެ ޙާލަތަށް އަންނާކަށް ނުޖެހުނީސް!! ބޭ ރުގެ ގައުމުތަކުގައި ވިގަނި އަ ރައިގެން ފެތު ރެން ފެށިއި ރު ސަ ރުކާ ރުން ތިބީ ބުޅާ ނިގޫ ތަޅުވާލަ ތަޅުވާލަ ވިޔަފާ ރިވެ ރިންގެ އަނގަޔަށް ބަލަހައްޓައިގެން! އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ!! ??????
ސާފު
18 March 2020
އެމީހަކު ކޮރެއާއިން އައުމަށްފަހު ހުރީ އަމިއްލަޔަށް އައިސޮލޭޝަންގަ. ކަރުގަ ކަައްޓެއް އަޅައިގެން ހޮސްޕިޓަލަށް ނުދާން އެޗްޕީއޭއަށް އެންގީވެސް. އެދުވަހު 3 ޖެހި އިރު އަންގައިފި. ގޭގަ މަޑުކުރާކަށް ނާންގާ، އަންނާނެ ގަޑިއެއްނުބުނޭ. ފޯނު ނިވިގެން ނުގުޅުން އެއީ ކުށަކަށްމިވީ. ބަޔަކު ޒިންމާ ނުނެގިގެން އެހެންމީހުން ބަދުނާމު ކުރަނީ.
ކޮރެޔާ
18 March 2020
ކަރުގަ ކައްޓެއް އަޅާގަނެގެން މުޅި ރަށުގަ އެނބުރުނީ. ވިލިގިލި ސިއްހީ މަރުކަޒުތެރޭ ޑްރާމާ ކުޅުނީ. ތީ އެ ފެމެލީ މީހެއްތަ؟
ބޭބި
18 March 2020
އެ ދެމަފިރިން ރާއްޖެ އައީ ސަރުކާރުގެ ތަންތަނަށް އެންގުމަށް ފަހު ސަރުކާރުގެ ލަފާގެ މަތިންނޭ ، ސެލްފުއައިސޮލޭޝަން އަކަށް ދާން ނާންގާ ކަމަށާއި ، އެދެމަފިރިން އަމިއްލަ ވިސްނުމަކަށް ކަމަށް އެކަހެރި ވެގެން ވިލިމާލޭގައި ތިބީ! ކަންތަކާ އުޅެގަތީ އެދެމަފިރިން ހޮސްޕިޓަލަށް ދާންވެގެން އުޅެގަތުމުން! އެވެސް ގަވާއިދާ އެއްގޮތަައް ! "ކޮރެޔާ" ހިޔެއްނުވޭ މުޅިރަށުގަ އެބުރޭ ޒާތުގެ ދެމަފިރިންހެނެއް އެއީ ! ޕީ. އެޗް. ޑީ ހަދަމުން ގެންދާ އަޚުލާގު ރަނގަޅު މީހެއް އެއީ!
ވަހީދު
18 March 2020
އަމިއްލައަށް އައިސޮލޭޓްވެގެން ހުރީ ކޮންތާކު. މިހާ ބޮޑު ކަމެއްގައި ފޯނު ނިވުމުގެ ކުރިން ޗާޖު ކުރުމަކީ ފަރުދި ޛިއްމާގެ ތެރޭގައި ހިމެނޭ ކަމެއް. އަދި ގޭގައި މަޑު ކުރުމާއި ބަލާ އަންނަ ގަޑިއެއް އަހައި އޮޅުން ފިލުވަން ޖެހޭނީ އަމިއްލައަށް. މީހާ ކިތައްމެ އުމުރުން މަތި ވިޔަސް ކަންކަމާއި ފިކުރު ނުކުރަންޏާ ގަޅިއެކޭ ތަފާތެއް ނެތެއްނު
އަލާމާތް
19 March 2020
އަމިއްލަޔަށް އައިސޮލޭޓުވި ވަރުން ހިނި އަރައިގެން މުޅި ރަށުތެރޭ އުޅުނީމަ ކަޑަދޯ. އެހެން ވެތާ މީހުންނަށް ފެނިގެން ށަަކުވާ ކުރީމަ ބަލާއަންނަން ޖެހެނީ
މުޙުއްމާ
18 March 2020
ތިކަލޭގެ ޖެހެނީ ޢާއްމު ރައްޔަތުންނަށް ބަލިމަޑުކަމެއް ފެތުރިދާނެ ޢަމަލެއް ކުރުމުގެ ކުށުގައި ޙުކުމްކޮށް ޖަލަށް ލާން. އެއިރުން އޮންނާނެ ބޮޑާހޭކިފަ.
އަސްތާ
18 March 2020
މިމީހާ ގޭގައި މަޑު 14 ދުވަހު މަޑު ނުކުރެވުނީ ބޮޑާ ކަމާ ކިބުރުވެރި ކަމުން ކަމަށްވާތީ 140 ދުވަހު ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ލައި މައިތިރި ކުރަން ފެނޭ. މިކަހަލަ މީހުން ހަރުކަށި ފިކުރޭ ނުކިޔަނީ ކީއްވެތަ؟
ހަސަންތަކުރާ
18 March 2020
ތިވަރުގެ މީހަކު ކޮރެއާއަށް ގޮސްއުޅުނީ... އެވަރުގެ މީހަކު ކިނިނެއް މުޖުތަމައުގައި ގެންގުޅޭނީ... ގަސްތުގައި ބަޔަކަށް ގެއްލުން ދިނުމުގެ ވިސްނުން އިސްކުރިކަމަށް ބެލެވެނީ... ކޮވިޑު 19 ނިމެންދެން ތިމީހާ ބަންދުގައި ބަހައްޓަން ގޮވާލަން... ނުރައްކާތެރި މީހެއްކަމަށް ބެލެވެނީ..
ޙިނި
18 March 2020
ޢަސްތާ އެމްޑީޕީ ސަރުކާރުން މަސްލަހަތު ފުޝު ނާރާ ދިވެހި ކުންފުންޏަކާ މަސައްކަތެއް ހަވާލު ކުރަން ޖެހިލުންވާނެ އަދި ހުންއަންނާނެ. ލަގޮނޑީގަ ނާށި ލާފަ ހުންނައިރުވެސް ކަމެއްނުވާނެ.
ކޮރީނާ
18 March 2020
ކޮމެންޓު ކުރެވުނީ ރަނގަޅު އާޓިކަލަށްތޯ އަދި އެއްފަހަރު ޗެކް ކުރައްވާ.
ވައއހެ
18 March 2020
މިވެސް ސިކުނޑިއަށް ހިނިއަރައިގެންފައި ހުރި މީހެއްތަ؟ ސިޔާސީ ޕާޓީތަކުން ވެސް މިހާރު ސިޔާސީ ވާހަކައެއް ނުދައްކާ. މަނިކުފާނަށް ކިހިނެތް ވެގެންތަ ތިއުޅެނީ
ކަލޯފުޅު
19 March 2020
ކަލޯފުޅު މޮޔަވީތަ
ބިސްކަލޯ
18 March 2020
ހަރުކަށި އަދަބު ދީ
ވަހީދު
18 March 2020
މިދުވަސްކޮޅު ސައިޒު އޮޅިގެން ނޫޅުނިއްޔާ ރަނގަޅުވާނީ. 2 ވީކްސް ތެރޭގައި މިކަން ނިމި ހުރިހާ އެންމެނަށް ވެސް ސައިޒަށްވުރެ މަތީގައި ތިބެވޭނެ.
ޅވަހީސު
18 March 2020
ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ކޮވެޑި ޖެހުމުން މަރުވުމުގެ އޮންނަ އިރު އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި އުޅޭ މީހުން ޖަލަށް ވެސް ލާންވީ.
ޢެޗްޕީޕީ
17 March 2020
ރީތިކޮށް ކަންކަން ކުރަން ދެކޮޅު ހަދަންޏާ ހިމަރޯނުން ބަނދެފަވެސް ކުރަންޖެހޭ ކަން ކުރަން ޖެހޭނެ. ބޮޑާ ހާކަން މިއީ ރަގަޅު ވަގުތެއް ނޫން.