ކޮވިޑް-19 އަށް ޕޮޒިޓިވްވޮ ފެލައިނީ (ކ).-- ފޮޓޯ: އޭއެފްޕީ
22 މާޗް 2020 - 20:44
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓުވި ދެ ދިވެއްސެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާތީ ޓެސްޓްކޮށް އެކަހެރި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރީތިރަށް ރިސޯޓްގައި ޗުއްޓީ ހޭދަކުރި ފެލައިނީއާ ކޮންޓެކްޓްވެ ބަލީގެ އަލާމާތް ފެނިގެން ދެ މީހަކު ޓެސްޓުކުރަން ގެންދަނީ މާލެ އިން ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވި އެވެ.
މިރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވަނީ ފެލައިނީއާ ބައްދަލުވި އެންމެން ވީ އެންމެ އަވަހަކަށް އެޗްޕީއޭ އަށް ގުޅައި އެންގުމަށް އެދިވަޑައިގެންފަ އެވެ. ފެލައިނީއާ ބައްދަލުވި ބައެއް މީހުން އެކަން ނާންގައި ތިބޭކަން ފާހަގަކުރައްވައި މަބްރޫކް ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މީހުން ހޯދަންދެން ނުތިބެ އަމިއްލަ އަށް ރިޕޯޓްކުރުމަށް ވިދާޅުވެފަ އެވެ.
މަބްރޫކް ވިދާޅުވީ ބަލީގެ އަލާމާތްތައް ފެންނާތީ ދެ ދިވެއްސަކު ޓެސްޓްކޮށް ވެލިދޫ އައިސޮލޭޝަނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މާލެ އާއި ރިސޯޓްގައި ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ ޝަންޑޮން ލުނެން އަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު މި ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ހުކުރު ދުވަހު އެވެ. މަބްރޫކް ވިދާޅުވީ އެ ތާރީހަށް ބަލައި އަދި 14 ދުވަހުގެ މުއްދަތު ބަލާއިރު ފެލައިނީ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ އެންމެ އަވަސް ތާރީހަކީ މި މަހުގެ ހަ ވަނަ ދުވަހެވެ.
ފެލައިނީ އަށް ވައިރަސް އެރީ ރާއްޖޭގައި ނޫން ކަމަށް ބެލެވުނަސް، އޭނާއާ ކޮންޓެކްޓްވި އެންމެން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ފެލައިނީ ރާއްޖެ އައުމުން އޭނާއާ އެކު ބައެއް ދިވެހިން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ހުރި 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ޓޫރިސްޓުންނާއި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރަކާއި އޭނާގެ އެހީތެރި އެވެ. އެއީ ވެސް ދެ ބިދޭސީންނެވެ.
މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 318،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 13،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ބަލިން ރައްކާތެރިވުމަށް މިހާރު ވަނީ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ނޫން، ރާއްޖޭން ބޭރުން އަންނަ އެންމެ ކަރަންޓީނުކުރުމަށް ނިންމައިފަ އެވެ. އަދި ރިސޯޓްތަކަށް ދިއުމާއި ރިސޯޓްތަކުން ފޭބުން ވެސް މަނާކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނިޔާ
24 March 2020
މި ރައީސް އޯގާތެރި ކަމުން ކޮށްދިން ކަމެއް މަށަކައް ނުފެނެ . މަސް ދުވަސް ވާއިރު ކުދިންނާއެކު ރިސޯޓްމުއައްޒަފުގެ އަނބިދަރިން ނިކަމެތިކޮށްފަ. ރިސޯޓްގަ ފިރިމީހާ ބަންދު ކޮއްފަ . ޢެ ބަނދުން ވީއްލޭކަށް ނެއް ރާއްޖެއަށް ގެސްޓުން ގެންނަ ހާ ހިނދަކު. މިކަން ނޭނގޭ ކަމަށް ހަދައިގެން ރޢސ މީހާ އޮތީ ގަނޑުވަރުގަ
ގިޔާސް
23 March 2020
ތިޔަ ދެދިވެހިންނާ ކޮންޓެކްޓްވި އެންމެން، އާއިލާ ހިމެނޭގޮތަށް ޓެސްޓް ކުރާނެ ކަމަށް އުއްމީދުކުރަން.
ކަތްދަ ކަތްދާދީ
24 March 2020
ނުކުރާނެ. ނުވެސް ކުރެވޭނެ ދެނެއް. އެމީހުންގެ އާއިލާ މީހުންވަނީ މިހާރު އެތައް ތާކަށްގޮސްފަ
ޭއެދުރު
23 March 2020
ރައްކާތެރިވުމުގެ ގޮތުން ޓުއަރިސްޓުން ފިޔަވައި އެންމެން ކަރަންޓީނު ކުރަނީޔޯ! ހާދަހާ ރައްކާތެރި ފިޔަވަޅެކޭ ދެއްތޮ؟
ކޮންއެެއްޗެއް ހަދަން
23 March 2020
ފެލެއިނީ( ޗައިނާގައި ހުއްޓާ ) ރާއްޖެ ގެނައީ ކާކުހޭ؟ ހުއްދަ ލިބުނީ ކިހިނެއް ހޭ؟ ދެން ކޮން ފެލައިނީ އެކޭ ކިޔާކަށް ހޭ؟
ފަރީދާ
23 March 2020
އާނ ދެން ފެލޭނެކަމެއްނެތް ފެލައިނީ އެކޭ ކިޔައިގެން!
ކޮކްޓެއިލްރައީސް
23 March 2020
ޗައިނާއިން ފުރައިގެންބާ އޭނަ ރާއްޖެއައީ، ނޫނީ އެހެން ޤައުމެއްގަ ހުރެފަބާ!
ފޫހި
23 March 2020
އާދޭސްކުރަން ދުނިޔޭގައި މިހާރު ވައިރަސް ފެތުރެނީ ވަރަށްބާރަށް. އެހެންވީމާ ބޯޑަރ ބަންދުކުރޭ. ޑޮލަރ ހޯދާނީ ފަހުން. މިހާރު ފަތުރުވެރިން ސޭފެެއްނޫން. މަދު ރިސޯޓް އޯނަރުން އެއުޅެނީ ޑޮލަރާހެދި.
ގިޔާސް
23 March 2020
ބޯޑަރު ބަންދުކޮށްފަ ވައިރަސް އިންފެކްޓްވެފަ ތިބިކަން ނޭގޭ އެތައްބަޔަކާއެކު އެއްވެ މަސްހުނިވެ ފިނިބުރުޖަހަން ނުކުތީމަ ހުންނާނީ މަޤްސަދު ހާސިލުވެފަ ދެއްތޮ.
ހޯރަފަންކާ
23 March 2020
މިބަލީގެ އެންމެބޮޑު އެއް ހިތްދަތިކަމަކީ، ބަލި ޖެހުނީއްސުރެ ގާތްތިމާގެ މީހުންނާ ރަހުމަތްތެރިޔަކާވެސް ބައްދަލުނުވާހާ ވަކިން އޮންނަންޖެހޭކަމެވެ. އަދި މިބަލީގައި މަރުވާ މީހަކާ ކައިރިވެ، މޫނުދެކިލަންވެސް ފުރުސަތު ނުލިބޭނެތީއެވެ. އެހެންވެގެންނޭ ސިންހީމާހިރުން އެ ބުނަނި ތިބޭފުޅުން ވެސް ގޭގަ ތިބޭށޭ. ރައްކާތެރި ވުމުގެ ގޮތުން.
އާރީ
23 March 2020
މިއަދު ރާއްޖެއަށް އެތެރެވާ 200 ނުވަތަ 300 ޓުވަރިސްޓުންގެ ފަރާތުން ވާނެ ފައިދާ އެއް އޮތްބާ؟؟ އޭގެ ސަބަބުން ދެރަގޮތެއް ދިމާވެއްޖެނަމަ ދެން އިޤްތިސާދު ވެއްޓޭނެ އަނދަވަޅު އިހްސާސް ނުކުރެވޭނީ ބާ؟؟ ވިސްނުން ތެރި ގޮތަކީ މިވަގުތައް ރާއްޖެއަށް އެއްވެސް ޤައުމަކުން އެތެރެވިޔަ ނުދިނުން....
ވަދޫދު
23 March 2020
މިހާރުން މިހާރަށް އިންޓަރނޭޝަނަލް ފްލައިޓްތަށް މިވަގުތަށް ހުއްޓާލަން ފެންނަނީ.
މިޝާލު
23 March 2020
ރާއްޖެ އަންނަ ޓުއަރިސްޓުންނާ އެކީ ސެލްފީ ނެގުމާއި، ކޮންޓެކްޓް ބޭއްވުމުގެ ހުއްދަ ދެވިގެން ނުވާނެ. މި ކަހަލަ ދޯދިޔާ ކަންކަމުގެ ސަބަބުން ހައްތަހާ ގައުމު ނުރައްކަލަށް ވެއްޓިގެން މިދަނީ. މީގެ އިތުރުން ރާއްޖެއަށް އަންނަ ޓުއަރިސްޓުންނަކީ ކޮރޯނާ ނެގެޓިވްކޮށް ޓެސްޓުގެ ނަތީޖާ ލިބިފައިވާ ބަޔަކަށްވެސް ހަދަން އެބަޖެހޭ. ބަލި ހިފައިގެން އާދެވިގެން ނުވާނެ.
ޤަބޫލް ކޮށްބަލަ
22 March 2020
ގެސްޓުން ގެނައުން ކުޑަދުވަސްކޮޅަކަށް ހުއްޓާލަން ގިނަ ރައްޔިތުން އާދޭސް ކުރާއިރުވެސް ހަމަ އެނގޭ ކަމަށް ހަދާނުލާ ރައީސްމީހާ ކުރަނީ ކީއްބާއޭ ހިތައް އަރަ. މަބްރޫކް މީ މި ޤައުމުގެ ރައީސްތަ އަޅެފަހެ .