މިރޭ ބޭއްވި މީޑިއާ ބްރީފންގައި ފިނޭންސް މިނިސްޓަރު އަމީރު (ކ-3) ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
01 އެޕްރީލް 2020 - 23:33
ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ސަރުކާރުން ދޫކުރާ ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރާ އިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ވަޒީފާއިން މުވައްޒަފުން ވަކި ނުކުރާ ކުންފުނިތަކަށް ކަމަށެވެ.
އަމީރު ވިދާޅުވީ، ސްޓިމިއުލަސް ޕެކޭޖުތަކުން ކުންފުނިތަކަށް ދޫކުރާ ފައިސާ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް އޮތުމަކީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ރިސޯޓުތަކާއި އެހެނިހެން ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އިންޓްރެސްޓަކީ ހަ ޕަސެންޓެވެ. މި ލޯނު ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު ދެއްކުމަށްޓަކައި ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.
ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ތައް މެދުވެރިކޮށެވެ. މީގެ ތެރެއިން ބީއެމްއެލް އިން ދޫކުރާނީ ވިޔަފާރިތަކަށް އަހަރަކު 10 މިލިއަން ރުފިޔާ ލިބޭ އާންމު ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ.---ފޮޓޯ އަހުމަދު އަވްޝަން/މިހާރު
"މިހާތަނަށް ގިނަ ގައުމުތަކުން އެކުލަވައިލި ސްޓިމިއުލަސް ޕެކޭޖުތައް ހުރީ ގާތްގަނޑަކަށް މިގޮތަށް. މިއާ އެއްކޮށް ޑެޓް މޮރަޓޯރިއަމެއް ވެސް އެބަދެވޭ. އޭގެ މާނައަކީ ވިޔަފާރިތަކުން ވެސް ލޯނު ހަ މަހަށް ނުދައްކާނެއޭ. ދެން އޮންނާނީ އާންމުންގެ ވަޒީފާ ޔަގީން ކުރުމަށް ދޭ ސްޓިމިއުލަސް ޕެކޭޖެއް."
މިނިސްޓަރު ވަނީ ވަޒީފާތަކުން ވަކި ކުރާ މީހުން، އެ މީހުންގެ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރުމަށް އެދިފަ އެވެ. އަދި ލޯނުތައް ދިނުމުގައި ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތައް އިސްކަން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ވިޔަފާރިތަކަށް ލޯނު ދޭ އިރު 10،000ރ. އަށް ވުރެ މަދުން މުސާރަ ލިބޭ މީހުންގެ މުސާރަ ކުޑަ ކުރެވިގެން ނުވާނެ ކަމަށެވެ.
"އެ ކުންފުންޏެއްގެ ބިޒްނަސް ޑިސިޝަނަކަށް ވާނީ މިސާލަކަށް 40،000ރ. ލިބޭ މީހެއްގެ މުސާރައިން ކުޑަ ކުރާނެ ވަރު. އަޅުގަނޑުމެން އެގޮތަށް އެންފޯސް ކުރާކަށް ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިކޮޮނޮމިކް ރިކަވަރީ ޕެކޭޖުގެ ތެރެއިން ލޯނުތައް ހަ މަަހަށް ފަސް ކުރުމަށްޓަކައި މާދަމާއިން ފެށިގެން ފޯމު ހުށަހެޅޭނެ އެވެ. އެކަމަށްޓަކައި ހާއްސަ ފޯމެއް ފުރަން ޖެހޭ އިރު އޮންލައިންކޮށް ވެސް ލޯނު ފަސް ކުރަން އެދެވޭނެ އެވެ.
ބޭންކުން ކުރިން ކަނޑައަޅާފައިވާ ގޮތުން ލޯނު ފަސް ކުރުމާ މުއްދަތުގައި އިންޓްރެސްޓަށް ދައްކަންޖެހޭނީ ފިކްސްޑް އަދަދެކެވެ. އެހެންވެ އިންޓްރެސްޓްގެ މައްޗަށް އިންޓްރެސްޓް ނުވަތަ ކޮމްޕައުންޑް އިންްޓަރެސްޓް ދައްކާކަށް ނުޖެހޭނެ އެވެ. މި ބަދަލާ އެކު ވެސް އިންޓްރެސްޓްގެ ގޮތުގައި ވަކި އަދަދެއް ހަ މަސް ދުވަހު ދައްކަން ޖެހޭނެ އެވެ. ލޯނު ފަސް ކުރާ ހަ މަހަށް ފަހު ދެން އަންނަ ހަމަހުގައި ލޯނަށް ދައްކަން ޖެހޭ އަދަދުގެ 20 ޕަސެންޓް ކުޑަކޮށްދެވޭނެ އެވެ. އަދި ލޯނުގެ ބާކީ މުއްދަތަށް އިތުރު ހަ މަސް އިތުރުވެގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމާޔަތް ކޮއްފަ
02 April 2020
ޕްރައިވެޓް ސެ ކްޓަރ އަށްވީ ގެއްލުން މިމީހުނަށް ނުވެސް ވިސްނޭ. ޕްރައިވެޓް ސެ ކްޓަރގެ މުއައްޒަފުންނަށް ދޭންވީވަރު ވެސް ކަޑަމިއަޅަނީ ސަރު ކާރުން. އެ ކަމަ ކު އެމީހުންގެ އޮފީހިގެ ކުލި 90،000 އަށް ލުއެއް ދިނުމަށްވެސް ނެއެންގޭ ސަރުކާރަށް.ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރާހެން ހިމާޔަތް ކޮއްފަ ތިބޭ ބައެއްތަ މާލޭބިމުގެ ވިޔަފާރި ކުރާ މީހުންނަ ކީ؟
އާރުބީބީއާރު
02 April 2020
ބީއެމްއެލް އިން ލޯނެއް ލިބޭނީ ވަރަށް ވަރުން ނެވެ.މިހާގެ މުޅި ދިރިއިޅުން އަތް ދަށު ލައިފާ ދޭނީ އެތި ފުކެކެވެ. އެވަރަށް ތަޅުވާ ފައެވެ. 40 ދުވަހު އެތަނަށް ދާން ޖައްސާނެއެވެ. އަދި ކޮބާ ލޯނު ދިނަސް އަތް ލާން ވެސް އެހާ އުދަގޫ ކުރާނެއެވެ. ފުރަތަމަ ދޭ އެމައުންޓާ އެކި ފުލް ލޯނުގެ އިންޓަރެސްޓް ޖަހަން ފަށާނެއެވެ.ލޯނުން އުނިވާ އެއްޗަކަށް ވުރެ އިންޓަރެސްޓަށް ދޭ ބައި ބޮޑުވާނެއެވެ
ބެންކް އޮފް ޑްރެކިއުލާ
02 April 2020
އާރުބީބީއާރު އެބުނީ ތެދެކެވެ. ގްރޭސް ޕީރިއަޑް ގައި ހަމައެކަނި ލޯނުގެ އިންޓަރެސްޓް އަށް ތިރީސް ހާސް ދައްކަން ޖެހޭ ނަމަ ގްރޭސް ޕީރިއަޑް ފަހުން ދައްކަން ޖެހޭނީ ސާޅީސް ހާސް އެވެ.މާނައަކީ މަހަކު ލޯނުގެ 40 ހާސް ރުފިޔާ ދައްކަން ޖެހޭ ލޯނެއްގެ އެމައުންޓުން މަހަކު އިނިވާނީ ދިހަހާސް އެވެ.
ހަދާގޮތް
02 April 2020
ލޯނު ފަސްކުރަން ފޯމެއް ފުރަން ނުޖެހޭ ގޮތަކަށް ނުގެދޭތަ؟ ތި ބޭންކް އަށް ފުރާ ފޯމެއް ދުވަހު ވެސް އެއް ފަހަރުން ރަގަޅު ވެފައެއް ނެތެވެ. އެތަށް ފަހަރެއް މަތިން އިސްލާހު ކުރަން ޖައްސާނެއެވެ. ކޮންމެ ޖެއްސުމެއްގެ ދެމެދު7 ދުވަސް ނަގާނެ އެވެ. މިހެން ގޮސް ބޭންކުން ބޭނުންވާ މުއްދަތަކަށް ދިގު ދަންމާނެ އެވެ.
ޝީޒާ
02 April 2020
އާމްދަނީ ހޯދޭކަހަލަ ތަފާތު ހުނަރުވެރީން ރާއްޖޭގަ އެބަތިބި. އެފަދަ މީހުންނައް އެމީހުންގެ މަސައްކަތާއިގެން ކުރިޔައް ދެވޭނެ މަގު ފަހިކޮށްދިނުމުން ސަރުކާރައްވެސް ލުއިތަކެއް ލިބިގެން ދާނެ. އޭރުން ކޮންމެވެސް އެއްބަޔަކައް ވަޒީފާ ލިބި އެތައްބަޔަކައް އޭގެ މަންފާ ލިބިގެން ދާނެ
ކައްޕިތާނު
02 April 2020
މަހުޖަނުން އިތުރައް މުއްސަނދި ކުރުމުގެ ބަދަލުގަ އާދައިގެ ނިކަމެތިންނައް އަމިއްލަފަސްގަނޑުގަ ތިބެގެން ކޮންމެވެސް އާމްދަނީއެއް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމައް އެދި ސަރުކާރައް ދަންނަވަނަ. ރައީސް ނަށީދާއި އިބޫ ސާލިޚު އާއި ދެމީހުންގެ ހުރި އޯގާތެރިކަން ރައްޔިތުންނައް އޮށްސާލަންވީވަގުތު މީ
ށީޒާ
02 April 2020
ރަށުގައި ތިބެގެން މަންފާ ހޯދޭފަދަ ލުއި ލޯންތައް މިވަގުތު ހަމަޖެއްސުން ރަނގަޅު
ޖަމްށީދު
02 April 2020
އަލައްފަށަން އުޅޭ ކުދި ވިޔަފާރި ތަކައް ވެސް ލޯން ލިބޭނެގޮއް ހަމަޖައްސަބަ. މިސާލަކައް މަސްކެއްކުމާއި ދަނޑުވެރިކަމާއި ފެހުމުގެ މަސައްކަތައް. މިކަހަލަ މަސައްކަތަކުން ނޫނީ ރަށްރަށުގަ ވަޒީފާ ނެތިފަ ތިބި މީހުންނައް މިވަގުތު އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެއް.
ޓިމް ސޯޔާ
02 April 2020
ލޯނު ފަސްކޮއްދޭން އެދޭ އޮންލައިން ޕޯޓަލެއް ހަދާނެ ކަމަށާ ކަސްޓަމަރުންނަށް އެމީހެއްގެ ލޯނު ފަސްކުރުމުން ފަހުން އިތުރުވާނެ ބައިގެ ތަފުސީލު ފޮނުވާނެ ކަމަށް ބުނެފަ ހަބަރެއް ނުވޭ. އެކަމަކު މިއަދު ލޯނު ޕޭމަންޓަށްވާ ބައި އެކައުންޓުން މަދުވެއްޖެ. އެހެންވީމާ މިމަހުންފެށިގެން 6 މަހަށް ލޯނު ފަސްކޮއްދެނީއޭ ކިޔައިގެން ބޭންކުން މިހެދީ ހާދަހާވާ ބޮޑުދޮގެކޭ. އެދޮގު ގަބޫލުކޮއްގެން ކުލިކުޑަކޮއްދިން ބައެއް މީހުންގެ އެކައުންޓު ބެލަންސް މިހާރު ހުރީ މައިނަސްގަ.
މަންޑޭލާ
01 April 2020
ވެރިކަން ކުރަން ނޭގޭ ބަޔަކައް ވެރިކަން ލިބުނީމަ. ރާއްޖެއަ ވާނެގޮތެއް ދިވެހިންނަކަ ނުވިސްނޭ.
އޮނަރަބްލް އަފީފު ދީދީ
01 April 2020
ދައުލަތުން ދޫކުރާ ފައިސާއާއި ލޯނު ތަކުގެ މަންފާ ޤައުމަށް ލިބޭނެ ގޮތަކަށް ސަރުކާރުން ކަންކަން ކުރުމަށް ސިޔާސަތުތަކެއް ކަޑައަޅާ ތަންފީޒު ކުރާންޖެހޭ. # މިގޮތުން ރިސޯޓް ތަކުން ވަކިކޮށް އެއްލާލި މުވައްޒަފުންނަށްވެސް ފުރުސަތެއްލިބޭނެގޮތަށް ސަރުކާރާއި ދައުލަތް ޙިއްސާވާ ކުންފުނިތަކުގައިތިބި ޕްރޮފެޝަނަލް ގިންތީގެ ބިދޭސިންނޫން އެންމެނަށް 3 މަހުގެ ނޯޓިސްދީ މުއްދަތު ހަމަވުމުގެކުރިން ވޯކްވީސާ ކެންސަލްކޮށް އެމީހެއްގެ ޤައުމަށް ފޮނުވާލާ މިބުރައިން ސަލާމަތްވާންޖެހޭ.