ދަރުމަވަންތަ ހޮސްޕިޓަލް. ކޮވިޑް ޖެހި ހާލުބޮޑުވި ޕާކިސްތާން މީހާ މިހާރު އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގައި
30 އެޕްރީލް 2020 - 01:33
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، ހާލު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ "ޑީއެޗް11" އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޕާކިސްތާންގެ އުމުރުން 48 އަަހަރުގެ މީހާ ރާއްޖެ އަަށް އައީ ދުބާއީ އަށް ދިއުމަށް ފަހު ޕާކިސްތާނުގައި ހުރެފައި ކަމަށް އޭނާގެ ކުންފުނީގެ މީހަކު ބުނެފި އެވެ.
އެކަމަކު ޕާކިސްތާނު މީހާގެ ކިބައިން ފެނުނު އާ އަލާމާތްތަކާ އެކު، އެކޭސް އާ ގުޅުވައިގެން، ގަލްފް އެކްސްޕޯ އަށް ދިޔަ މީހުން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓް ކުރަން އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އެޗްޕީއޭ އިން އެގޮތަށް އެދުނީ ތަރުކާރީ އާއި މޭވާގެ ވިޔަފާރިކުރާ ރާއްޖޭގެ ކުންފުންޏެއްގައި ހިއްސާ އޮންނަ އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނު އިރު ވެސް އޭނާ އަށް ނިއުމޯނިއާ ޖެހިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަން އޭނާގެ މެޑިކަލް ރިޕޯޓްތަކުން ދައްކާތީ އެވެ.
ޕާކިސްތާނު މިހާ ހިއްސާވާ ކުންފުނީގެ އިސް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މިދިޔަ ފެބްރުއަރީ 16-20 އަށް ދުބާއީގައި އޮތް "ގަލްފް ފުޑް އެކްސްޕޯ" އަށް ދިއުމަށް ފަހު ޕާކިސްތާން މީހާ ރާއްޖެ އަށް ނައިސް ފުރަތަމަ ދިޔައީ ޕާކިސްތާނަށެވެ. އެ ގައުމުގައި އުޅުމަށް ފަހު އޭނާ ރާއްޖެ އަށް އެނބުރި އައީ މާޗް، 9 އެއްގައި ކަމަށް އޭނާ ބުންޏެވެ.
"އޭރު އައި އިރު އެހާ ބަލިވެއެއް ނޫން އުޅުނީ. ސައިނަސް މައްސަލައެއް ޖެހިގެން އުޅޭ ކަމަށް އޭރު ބުނީ،" ކުންފުނިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އާއްމު ގޮތެއްގައި ސިއްހީ ދުޅަހެޔޮ އާދަތަކެއް ގެންގުޅޭ، އަދި ދިރިއުޅުމުގެ ފެންވަރު ވެސް ރަނގަޅު އެ މީހާ ބޮޑަށް ބަލިވެގެން ފުރަތަމަ އޭޑީކޭ ހޮސްޕިޓަލަށް ދެއްކީ މި މަހުގެ 15 ގައި މާލެ ލޮކްޑައުން ކުރި ފަހުންނެވެ. އޭޑީކޭ އިން ފަރުވާ ހޯދުމަށް ފަހުގައި ވެސް މާބޮޑު ކުރި އެރުމެއް ނުލިބުމުން ދެން އޭނާ ދެއްކީ ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ކަމަށާއި އޭނާ އަށް ނިއުމޯނިއާ ޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލްގެ ރިޕޯޓްތަކުން ދެއްކި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
"ކޮވިޑަށް ޝައްކު ނުކުރެވޭ ކަމަށް ވެސް އެ ހޮސްޕިޓަލުން [ޓްރީޓޮޕް ހޮސްޕިޓަލުން] ބުނި. ދެން ވެސް ގޭގައި ހުއްޓާ މާބޮޑަށް ބަލިވެ، ނޭވާލާން އުނދަގޫ ވުމުން ދިޔައީ އައިޖީއެމްއެޗަށް،" އޭނާ ބުންޏެވެ.
އޭނާ ކޮވިޑް-19 އަށް ޓެސްޓްކޮށް އެ ބައްޔަށް ޕޮޒިޓިވްކަން އެގުނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެެވެ. އެ ހިސާބުން އޭނާގެ ކޮންޓެކްޓުން ވެސް ހޯދައި މިހާރު ވަނީ އައިސޮލޭޭޓް ކޮށްފަ އެވެ.
ޕާކިސްތާންގެ މި ވިޔަފާރިވެރިޔާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
އެކަމަކު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވި ގޮތުގައި މާލޭގެ ކޮވިޑް ކްލަސްޓާތަކުގެ ތެރެއިން ބާޒާރުމަތީ ކްލަސްޓާ ދުބާއީ އެކްސްޕޯއާ ގުޅިފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
"ވަރަށް އެކަށީގެންވާ ކަމެއް އިނގޭތޯ. އަޅުގަނޑުމެންނަކަށް ޔަގީނާ ގާތަކަށް ނުބުނެވޭނެ އެހެން ނަމަވެސް އެ ޕޮޒިބިލިޓީ އެބަ އޮތް. އެއީ އެ ކްލަސްޓާއިން އައި ބަޔަކީ ވިޔަފާރިވެރިން ކަމަށް ވާތީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާސްމީން
01 May 2020
ޑުބާއީގެ ފެއާ ބޭއްވިގެން ދިޔައީ މިވައިރަސް ބާރަށް ދުނިޔޭގެ އެތަން މިތަނުގާ ފެތުރެނިކޮށް. ދެން ކީއްކުރަންބާ ވިޔަފާރިވެރިން އެތަނަށް އެދިއަކީ؟؟ އަދި އެވަރުން ނުވެގެން ރާއްޖެއައިސް މުޅި މާލޭގެ އެތަންމިތަނުގެ އުޅެފަ ދޯ ހުންނާނީ. އަމިއްލައަށްވެސް ޖެހޭ އެހެން މީހުނާމެދު ވިސްނާލަން.
ޒުވާނާ.
30 April 2020
ކޮން މެގެޔަކައް ހަނޑޫ ހަކުރުފުއް ފެން ޕެނަޑޯލު ދީފަ ގޭދޮރު މަތީ ބަޑިޔައް ވަޒަންލައްވާފަ ސިފައިން ބައިތިއްބާ މިނޫންގޮތެއްނެތް ކުރިޔައް މިއޮތް 30 ދުވަހު ނުވަތަ އިބުރާހި މު އިސްތިޔުފާދީފަ މިކަން ވާވަރު ބަޔަކާ ހަވާލުކުރަންވެއްޖެ
Ali Didi
30 April 2020
ބަޑިއެއް ނުބެހެއްޓިޔަސް ކޮއްތު ފެން ކަރަންޓު ބޭސް ދެނިކޮށް އަހަރު ދުވަހުވެސް ލޮކުގަ ތިބެދާނަން. ނިކުންނަނީ ބަޑުހައިވީމަ
ޒުވާނާ1
01 May 2020
އިބުރާހީމު ވުނާ އެއްޗެއް ކަލޭ އެގިއްޔާއެއްނު ވާނީ
ހާދަ ހީވޭ
30 April 2020
ޕޭޝަންޓް ޒީރޯ އުޅޭނީ މި ބުރުގުގެ ތެރޭގައިހެން ހާދަ ހީވޭ. ވިޔަފާރިވެރިން ވީމާ އޮންނާނެތާ ބޭރުން އަޔަސް އާއްމުންގެ ތެރެއަށް ފަސޭހައިން ދެވޭނެ "ހާއްސަ" ގޮތް!
ގަޓް ބްރޯ
30 April 2020
ތިޔައީ ކޮވިޑް-19 އަށް ދުރާލާ ތައްޔާރުވުމުގެގޮތުން އަޖުމަބަލައިލަން ގެނައި މީހަކަށްވާނީ.
އޮނަރަބްލް އަފީފު ދީދީ
30 April 2020
ހެލްތް މިނިސްޓްރީން ފޮރިންގް މިނިސްޓްރީއަށް ދަންނަވައި ތިމީހާ ޑްބާއީން އައިސް ޕާކިސްތާންގައިހުރި މުއްދަތުގައި ޕާކިސްތާންގެ އެއްވެސް ހޮސްޕިޓަލަކަށް ދައްކާފައިވޭތޯއާއި އަދި ފަރުވާ ހޯއްދެވީ ކޮން ބައްޔަކަށްތޯއާއި ހޮސްޕިޓަލްގެ ރިޕޯޓްސް ލިބިދާނެތޯ ޕާކިސްތާން ސަރުކާރުގައި ދަންނަވާ. # މިކަމުގައި މީނާ އޮޅުވާލާ ނުބައިމަގަކުން މިކަން ސިއްރުކުރާން އުޅެފައިވާނަމަ ހަދާނުން ފިލައިގެން ނުދާވަރު ޤާނޫނީ އަދަބެއް ދޭންޖެހޭނެ.
ސުވާލު
30 April 2020
ކޮވިޑްގަ ބޮޑަށް ގޯސްވެގެން މަރުވާ ބައިވަރު މީހުންތައް މި މަރުވަނީ ނިއުމޯނިއާ ޖެހިގެނެއް ނޫންތަ؟ އެކަމަކު ނިއުމޯނިއާ ޖެހިފަވާ ކަމަށް ރިޕޯޓުން ދެއްކީމަވެސް ކޮވިޑަށް "ޝައްކު" ނުވާކަމަށް ހީއެއްގެ މައްޗަށް ބިނާކޮށް ދޫކޮށްލީ؟
އެހެންްވީމާ
30 April 2020
9 މާރޗުން ފެށިގެން އޭނާ ވައިރަސް ބަހަމުން އެދިއައީ.
ދޮންފުޅު123
30 April 2020
ދެރައީ އެއަޕޯރޓް ތެރެއިންވެސް ހުން ނެތޭ ކިޔައި ދޫކޮށްފައިވާތީ.. އަދި ކޮވިޑް ފެނިފައިވާ ޤައުމުތަކަށްވެސް މީހުން ފުރަފިރައިގެން ދިޔައިރުވެސް ނުހުއްޓުވީމަ. ތި އައިސޮލޭޓް ކުރަންފެށީ މާފަހުން.. ފެބްރުއަރީގަވެސް ރޯގާތައް އުޅުނު. ޢެކަމަކު ޗެކް ކުރެވޭނެ ގޮތެއް އޭރަކު ނެތް. މާތް ﷲ އަހަރެމެން ހުރިހާ އެންމެން މިބަލިން ސަލާމަތް ކޮށް ދެއްވާ ބަރަކާތްތެރި ސިއްހަތު ރަނގަޅު އުމުރެއް ދެއްވާންދޭވެ. ޢާމީން
އެހެން
30 April 2020
ރާއްޖޭގަވެސް ރަގަޅަށް ބަލައިފިއްޔާ ފެބްރުއަރީގައި މިބަލި އުޅެފައިވާނެ ކަމަށް ވަރަށް ހީވޭ. ފެބްރުއަރީގައި އަލާމާތްތައް ހުރި މީހުން ހޯދައިގެން ބެލިދާނެ ކަންނޭނގެ. އެކަމު އެކަމުން ކުރާނެ މާބޮޑު ފައިދާއެއް މިވަގުތަކު ނޯންނާނެ މިހާރުގެ ކޮންޓެކްޓް ޓްރޭސިންގތައްވެސް ރަގަޅަށް މޮނިޓަރު ނުކުރެވިގެން އުޅޭއިރު. އިތުރު ވޯކްލޯޑެއް ނެގުން އެއީ. ބައެއް ގައުމުތަކުގައި ޖެނުއަރީގައިވެސް މިބަލި އުޅުނުކަމަށް މާ ފަހުން ބެލިބެލުމުން އެ ދައްކަނީ.
ހާމިދު ޝާހިދު
30 April 2020
އެ ޕާކިސްތާނު ވިޔަފާރި ވެރިއާއަކީ، ބޮޑު ސައިކަލެއްގައި އުޅޭ ގާރީއެއްތަ! އޭނާ ކުދިންނަށް ޤްރުއާންވެސް ކިޔަވައިދޭން އުޅުނު. މިސްކިތްތަކުގައި ބައެއްފަހަރު އިމާމުވެ ނަމާދުކޮށް ބަންގިވެސް ގޮވާ ހެދި. އެކަމަކު ފަހުން ފެނުނީ ކަންމަތީ ފިހާރައެއް ހިންގަނިކޮށް. އަނެއްކާ މީ އެކަކު ކަމަށްވަނީނަމަ، އޭނާގެ ކޮންޓެކްޓްސް ވަރަށް ގިނަވާނެ. އޭނާ މާރޗް މަސްތެރޭ މާލެއައިއިރުވެސް ކަރަންޓީނު ކޮށް ޓެސްޓް ކުރެވިފައިވެސް ނުވަނީބާ!
މޫސާކުއްދާ123
30 April 2020
މިއީ ތިބުނާ މީހެއްނޫން. މި ވިޔަފާރި ވެރިއަކީ މިރާއްޖެއަށް ކިޔަވާދޭން އައިސް ވިލާކޮލެޖް ގައި އުޅެމުން ދިވެހި ކުންފުންޏެއްގެ ހިޔަނީގައި ހުރެ 20 ހާސް ޑޮލަރުން ވިޔަފާރިފަށާ އެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާކޮއްފައިވާ ފަރާތެއް. ދިވެހި ކުންފުނީގެ ވެރިން ގެންގުޅެނީ މުއައްޒަފުންގެ ގޮތުގައި. ވޯރކް ޕާމިޓް އޮންނަނީ ޓީޗަރެއްގެ ނަމުގައި. ހަގީގަތަކީ ނާޖާއިޒު ގޮތުގައި ވިޔަފާރިހިންގާ މިހާރު ބޮޑު މަހުޖަނެއް! މިލިއަނުން ޑޮލަރު ބޭރުކޮއްފި!
އައްޔު
30 April 2020
މިފަދަ ދަނޑިވަޅެއްގައި ޑޮކަޓަރަށް ރޯގާގެ އެއްވެސް ވައްތަރެއްގެ ބައްޔަކަށް ފަރުވާ ހޯދަން ދާ ހުރިހާ ފަރާތެއް ޓެސްޓްކުރެވެންޖެހޭކަން މިއިން މި ހާމަވަނީ، ކިހިނެތްހޭ އޭނަ މުޅި ސޮސައިޓީގެ ތެރެއަށް އެއް ހޮސްޕިޓަލުން އަނެއް ހޮސްޕީޓާލުން އަނެއް ހޮސްޕިޓަލަށް ދާ ދިއުމުގައި ދިމާވާ އެންމެނަށް ބަލި ބަހަމުންދާން ފުރުޞަތުދެވެނީ؟ އަދިވެސް ސިސްޓަމް މާ ނައީވް ކަމަށް މިފެންނަނީ.