މަޖިލީހުގެ މެމްބަރުން ޖަލްްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ގާނޫނު އަސާސީ އިސްލާހުކުރަން މިރޭ ޖަލްސާއެއް ބާއްވާނެ
01 ޖޫން 2020 - 17:06
ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ގާނޫނުއަސާސީ އަށް ގެންނަންޖެހޭ ބަދަލުގެ މަސައްކަތް ނިންމަން މިރޭ ދަންވަރު 1:30 ގައި ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާވަލް ކުރައްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެން ނެތުމުން މިހާރު އޮތް ކައުންސިލްތަކުގެ އުމުރު ދަންމައިލަން ސަރުކާރުން ހުށައެޅި ގޮތް މުޅި މަޖިލިހުގެ ކޮމިޓީން އިއްޔެ ރޭ ވަނީ ފާސްކޮށްފަ އެވެ. އެކަމަކު މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ފާސްކުރަން ވޯޓަށް އެހޭނީ، ކޮމިޓީން އެ ބިލެއް ނިންމާތާ ތިން ދުވަސް ފަހުންނެވެ. އެ އަށް ވުރެ އަވަސް ކުރެވޭނީ މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރަޓީ ލީޑަރު އެ ކަމަށް އެއްބަސްވެވަޑައިގަތުމުންނެވެ. އެކަމަކު މައިނޯރަޓީ ލީޑަރު، އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް އެގޮތަށް އެއްބަސްވެވަޑައެއް ނުގަތެވެ.
ގާނޫނުއަސާސީގެ 231 ވަަނަ މާއްދާ އަށް އިންތިގާލީ ބައެއް އިތުރުކޮށް ކައުންސިލަަރުންގެ ދައުރު ދަންމައިލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ހުށަހެޅުމަށް ތިން ދުވަސް ވާނީ މިރޭ ދަންވަރަށެވެ.
އެނގިފައިވާ ގޮތުގައި، އެހާ ލަސް ގަޑިއެއްގައި ޖަލްސާ ބާއްވަނީ އިސްލާހު ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ފޮނުވުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކަށް ވެސް ވަގުތު ލިބޭ ވަރަށް މަސައްކަތް ނިންމަށެވެ. އެގޮތުން، ކުރަން ޖެހޭ އިދާރީ ކަންތައްތަކުގެ ތެރޭގައި ބިލުގައިވާ އިމްލާ ކުށްތައްް ފިލުވުން ފަދަ ކަންތައްތައް ހިމެނެ އެވެ.
ކައުންސިލަރުންގެ އުމުރު ދަންމައިލުމަށްޓަކައި ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ސަރުކާރުން ހުށަަހެޅީ މިދިޔަ މާޗް މަހުގެ 31 ގަ އެވެ. އެކަމަކު، އެ އިސްލާހުގެ މަސައްކަތް މަޖިލީހުން ފެށީ މިދިޔަ މަހުގެ ފަހު ހަފުތާގަ އެވެ. އެ ހިސާބުން އެ އިސްލާހާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުނެވެ. ސަރުކާރުން ހުށަހަޅާފައި އޮތް ބިލު މިހާރު ބަދަލުކޮޮށްފައި ވަނީ އެ ލަފަޔާ އެއްގޮތަށެވެ.
ގާނޫނުއަސާސީގެ 231 ވަަނަ މާއްދާ އަށް އިންތިގާލީ ބައެއް އިތުރުކޮށް ކައުންސިލަަރުންގެ ދައުރު ދަންމައިލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ހުށަހެޅުމަށް ތިން ދުވަސް ވާނީ މިރޭ ދަންވަރަށެވެ.
ސުޕްރީމް ކޯޓުގެ ލަފައާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމެވެ. އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އަށް ދެ އަަކުރެއް އިތުރު ކުރުމަށެވެ. އެއީ ކައުންސިލްތަކުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުންް އިންތިހާބުކުރާ މެމްބަރުން ކަމަށް ބުނެފައިވާ އެ މާއްދާގެ (ނ) އަށް އިސްތިސްނާއެެއް ދޭ ދެ މާއްދާ އެވެ. އެގޮތުން، އިތުރު ކުރަން ހުށަހެޅި ފުރަތަމަ މާއްދާގައި ބުނެފަައި ވަނީ ކައުންސިލް އިންތިހާބު ބާއްވައި މެމްބަރުން ހުވާ ކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބޭނެ ކަމަށެވެ. ދެވަނަ މާއްދާގައި ބުނަނީ އެގޮތަށް މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިޔުންގެ މަޖިލީހުން އެކަމަށް ފާސްކުރާ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.
ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާތީ އެއީ ސާފު އަގުލަބިއްޔަތެކެވެ. އެހެންވީމާ ގާނޫނުއަސާސީއަށް ގެންނަ އިސްލާހު މިރޭ ފާސްކުރާނެކަން ކަށަވަރެވެ.
މިރޭގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްސަ ބިލާ ބެހޭ ގޮތުން ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުން ވެސްް ހިމެނެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބައި
02 June 2020
ދަންވަރު ދިވެހިރައްޔިތުން ނިދާ ފައިހިލަވަޅު އޮބުނީމާ ރައްޔިތުން މަޖްލީހުގެ ޖަލްސާ ބޭއްވުމަކީ ރަގަޅުކަމެއްތޯ؟
ދުން ތަރި
01 June 2020
އެމްޑީޕީ މަޖިލީހުން ކޮންމެ ކަމެއް ކުރިޔަސް ސްޕްރީމް ކޯޓުން އޯކޭވާނެ މިސާލަކަށް ލޯކަލް ކައުންސިލްގެ ޤާނޫނަށް އިސްލާޙުގެނެސް އަންހެނުނަނަށް ބައިކުޅަބައި ކަށަވަރުކޮށްދިން އިސްލާހަކީވެސް ޤާނޫނު އަސާސީއާޚިލާފު އިސްލާހެއް މިކަހަލަ އެތަށްކަމެއް ކުރިޔަށް އޮތްތަނުގައި އެމްޑީޕީ މަޖިލީހުންކުރާނެ ޤާނޫނު އަސާސީއަކީ އެމްޑީޕީގެ އަސާސީޤަވާއިދުކަމަށް ބަލައުގެން އެމީހުން ހުރިހާ ގަނޑެއްގަންނާނެ ރިޔާސީ އިންތިހާބުވެސް ފަސްކުރާނެ ބަރުލަމާނީ ނިޒާމަކަށް ބަދަލްކުރާނެ !
ޑިސްއޮނަރަބަލް އަފީފު ދީދީ
01 June 2020
އެންމެ ދަންގަޑީގާ މަޖުލީސް ބޭއްވިކަމުގެ ރެކޯޑު މުގުރާލަނީދޯ! އަދި މިދައުރު ނިމުގެ ކުރިން ޖަލްސާއެއް ކަނޑުއަޑީގާ ނޫނީ ފަރުމަތީގާ ނޫނީ ސޯލާފެނަލްޖެހި ފުރާޅެއްމަތީގާ ބާއްވަންޖެހޭނެ. އަދި އެޖަލްސާ ފަށަންވާނީ ތުންޖީނާ ޞަލަވާތުން.
ހަސަދު
01 June 2020
ރޭގަނޑު 1:30 ގައި ޖަލްސާ. އަޅެ އެނޫން ވަގުތެއްނުވީބާ!!. މަޖްލިސް ރައީސްގެ ސަިކޮލޮޖިކަލް ޓެސްޓެއް ހެދުން މުހިންމު. މަޖުލިސް މެންބަރެއްގެ އެއްޝަރުތު ބުއްދި ސަލާމަތުން ހުރުން.
މަންމީ
01 June 2020
ސޯބެ ގޭގަ މަޑުކޮށްލަން މިފަހަރު ޖެހޭނީ....އަހަރުމެން ނާހާނަން އެކްޕަޔަރވި ކައުންސިލުން ބުނާ އެއްޗެއް...އެމީހުންނެކޭ އާންމުރައްޔިތެކެ ތަފާތެއްނެތް....ހައިސިއްޔަތެއްނެތް..
މާ މާނިޚް
01 June 2020
ކީއްކުރަންތަ ދަންވަރު ފިލާތިބެ ގާނޫނު އިސްލާހު ކުރަން އުޅެނީ.. ކީއްވެ ދުވާލުގެ އަލިކަ މުގައި އެކަން ނުކުރެވެނީ. މީ ޑުރެކިއުލާ މަޖިލީހެއްތަ ރޭނގަޑު ހޭލާ.
Ali Gasim
01 June 2020
މިކަން ވެސް ކުރަނީ ރޭގަނޑު ފަންވަރު ވަގަށްތަ މީހަކު ބަލާފާނެތީ ދީ
ގުދުބޭ
01 June 2020
ސުޕުރީމް ކޯޓު ފުރާޅުނަގައިގެން މީހުންވަނީވެސް ދަންވަރު. މައުމޫން ޝަރީއަތަށް ގެންނަނީވެސް ދަންވަރު.
ކޮރަލް
01 June 2020
އިސްލާހު ކުރަން 2 މަސްދިނީމަ ފަރުވާ ކުޑަ ކޮށްލާ މިހާރު ތެޅިގަތީ އެވެ. ގާނޫނާ ހިލާފް ގޮތަކަށް ކަން ނުކުރުން ރަނގަޅު ވާނެ އެވެ. މ ރައީސް ބޯއީސް ކޮޅު ދަންވަރު ނެރެނީ އެވެ. ހިންގުން ތެރި ކަމެއް ނެތެވެ ދެއްކުން ތެރި ކަމެވެ.
ގަޓް ބްރޯ
01 June 2020
ޤާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެންވެސް މުއްދަތު ހަމަވެފަވާ ކައުންސިލަރުން މަޤާމް ގަ ދެމިތިބެވޭގޮތަށް ހެދުމަކީ ބޮޑު ގޯހެއް. އެއީ ކާބޯތަކެތި އުފައްދާ ކުންފުންޏަކުން އުފައްދާފަވާ ކާނާއެއްގަ މުއްދަތު ހަމަވާ ތާރީޚެއް ޖަހާފަވަނިކޮށް އެތާރީޚް ފޮހެލާފަ އެހެން ތާރީޚެއް ޖެހުން ފަދަ ކަމެއް. ރައްޔިތުން ތިޔަ ކައުންސިލަރުން އިންތިޅާބްކުރީ 3 އަހަރަށް. އެ 3 އަހަރު ބޭކާރު ކޮށްލި ކިތަންމެ ކައުންސިލަރުންނަކާ މޭޔަރުންނެއް މިހާރުވެސް އެބަތިބި.
ކަޑަބައި
02 June 2020
އަހަރެން ވޯޓްދީގެން ކައުންސިލަރުން ހޮވީ ކަޑައެފައިވާ ވަކި މުއްދަތަކަށް. ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކުން އެ މުއްދަތު ދިގުކުރެވިދާނެ ކަމަށް އަހަރެން ހުވަފެނުންވެސް ނުދެކެން. ސަބަބަކީ އަހަރެން ވޯޓްދިންއިރު ގާނޫނުއަސާސީގަ އެގޮތަށް ދިގު ދެމިގެންދާނެކަމަށް ލިޔެފަނެތީމާ.
ކުޑޭ
01 June 2020
އަސްލު ތިބޭފުޅުންްނަށް ލިބޭ މުސާރަ ހަލާލުވާވަރަށް މަސައްކަތެއްނުކުރެވޭނެ ރޭގަނޑު ހަތަރުދަމު ހޭލައި ތިއްބަސް