ލައިފްސްޓައިލް / އޭޝިއާ

އޭޝިއާގައި ވީޑިއޯ ގޭމް ކުޅޭ އަންހެނުން އިތުރުވަނީ

ޒުވާން އަންހެނަކު ވީޑިއޯ ގޭމް ކުޅެނީ.

ފަހަކަށް އައިސް، ވީޑިއޯ ގޭމް ކުޅޭ ފިރިހެނުންނަށް ވުރެ އަންހެނުން އޭޝިއާގެ ގައުމުތަކުގައި އިތުރުވަމުން އަންނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ގޫގުލް އިން އިސްނަގައިގެން ނިކޯ ޕާޓްނާޒް ގުޅިގެން ހެދި ދިރާސާ އިން ދައްކާ ގޮތުގައި ވީޑިއޯ ގޭމް ކުޅޭ އަންހެނުން އެންމެ ބޮޑަށް އިތުރުވަމުންދާ އޭޝިއާގެ ގައުމުތަކުގެ ގަދަ ތިނެއްގައި އުޅެނީ ޗައިނާ އާއި އިންޑިއާ އާއި ޖަޕާނެވެ. މި ތިން ގައުމަށް ބަލާ އިރު، ޗައިނާ އާއި އިންޑިއާ އަކީ އާބާދީ އެންމެ ބޮޑު ދެ ގައުމެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް އޭޝިއާގެ ގައުމުތަކުގައި ވީޑިއޯ ގޭމް ކުޅޭ އަންހެނުންގެ ނިސްބަތަށް ވަނީ 19 ޕަސެންޓްގެ އިތުރުވުމެއް އައިސްފަ އެވެ. މުޅި ދުނިޔެ އަށް ބަލާއިރު އޭޝިއާގެ ވީޑިއޯ ގޭމް ކުޅޭ މީހުންގެ ނިސްބަތަކީ އާބާދީގެ 48 ޕަސެންޓެވެ. އަދި މިއީ ވީޑިއޯ ގޭމްގެ ވިޔަފާރިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ މާކެޓް ވެސް މެ އެވެ.

ގޫގުލް އޭޝިއާ ޕެސިފިކްގެ ފަރާތުން ވާހަކަ ދެއްކި ރޯހިނީ ބުޝަން ބުނި ގޮތުގައި އޭޝިއާގެ ގައުމުތަކުގައި އަހަރުން އަހަރަށް ވީޑިއޯ ގޭމް ކުޅޭ މީހުންގެ އަދަދު އަންނަނީ ފިރިހެނުންނާ އަޅާބަލާ އިރު އިތުރުވަމުންނެވެ. ވީޑިއޯ ގޭމްތައް އާންމުކޮށް ކުޅެނީ ފުރާވަރުގެ ކުދިންނާއި ޒުވާނުންނެވެ.

ނަމަވެސް ދުވަސްވީ މީހުންގެ ތެރޭގައި ވެސް މި އާދަ ކޮންމެވެސް ވަރަކަށް އޮވެ އެވެ.

"ސްމާޓް ފޯނު ގެންގުޅޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ އެކު އިންޓަނެޓް އެކްސެސް މިހާރު އޭޝިއާގައި ވަރަށް ފުޅާ. އެހެންވީމަ އަންހެނުންނަށް މިހާރު ގޭމިންގެ ތެރެއަށް ވަނުމުގެ މަގު ވަރަށް ފަސޭހަ."

ރޯހިނީ ބުނިގޮތުގައި އަންހެނުން ވީޑިއޯ ގޭމް ކުޅޭ މިންވަރު އިތުރުވަމުން ދިއުމުގައި އެކި ސަބަބުތައް އެބަހުއްޓެވެ.

"އޭގެ ތެރޭގައި އަންހެނުން ގަޔާވާ ކަހަލަ ތީމްތަކުގެ ގޭމްތައް އިތުރުވަމުން ދިއުމާއި ކަނެކްޓިވިޓީ އިތުރުވަމުން ދިއުން ހިމެނޭ،" އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔޭގެ ގޭމިން ކޮމިއުނިޓީ އަށް ބަލާ އިރު އަންހެނުންގެ ނިސްބަތަކީ 38 ޕަސަންޓެވެ. މުޅި ދުނިޔޭގެ ގޭމިން ކޮމިއުނިޓީގެ އާބާދީ އަކީ 1.33 ބިލިއަން މީހުންނެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވީޑިއޯ ގޭމް ކުޅޭ އަންހެނުންގެ ނިސްބަތް އެންމެ މަތީ ޗައިނާގަ އެވެ. އެ ގައުމުގެ 45 ޕަސެންޓް އަންހެނުން ގޭމް ކުޅެ އެވެ. އަދި ދެކުނު ކޮރެއާ އާއި ޖަޕާން ފަދަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ބަލާ އިރު ނިސްބަތް އުޅެނީ 40 ޕަސެންޓްގަ އެވެ.

ގޫގުލް އޭޝިއާ ޕެސިފިކްގެ އެޕްސް، ޕާޓްނާޝިޕްސް އެންޑް ޕްލެޓްފޯމް މާކެޓިންގެ ހެޑް މެޓް ބްރޮކަލްހާސްޓް ވިދާޅުވި ގޮތުގައި އޭޝިއާގެ ގައުމުތަކުގައި ވީޑިއޯ ގޭމް ކުޅޭ އަންހެނުންގެ އަދަދު އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތަކާއި އިންޓަނެޓް ލިބޭ މިންވަރު ފުޅާވަމުން އައުން ވަރަށް ބޮޑު ރޯލެއް އަދާކުރެ އެވެ.

"ސްމާޓް ފޯނު ގެންގުޅޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ އެކު އިންޓަނެޓް އެކްސެސް މިހާރު އޭޝިއާގައި ވަރަށް ފުޅާ. އެހެންވީމަ އަންހެނުންނަށް މިހާރު ގޭމިންގެ ތެރެއަށް ވަނުމުގެ މަގު ވަރަށް ފަސޭހަ،" އޭނާ ވިދާޅުވި އެވެ.

މެޓް ވިދާޅުވި ގޮތުގައި އޭޝިއާގެ އަންހެނުންގެ މެދުގައި ވީޑިއޯ ގޭމްތައް ކުޅުމުގެ ފޯރިގަދަވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި މި ސަރަހައްދުގައި ގޭމް އުފައްދާ ކުންފުނިތައް އިތުރުވުމާއި އަންހެން ކުޅުންތެރިންނަށް މިހާރު ސްޕޮންސަޝިޕް ފަސޭހަ އިން ލިބުމާއި ވާދަކުރަން ލިބޭ ޕްލެޓްފޯމްތައް އިތުރުވަމުން ދިއުން ފަދަ ކަންކަން ހިމެނެ އެވެ.

ބަޔަކު ވީޑިއޯ ގޭމް ކުޅެނީ.

އެގޮތުން މިހާރު އޭޝިއާގައި ނަގާކިޔާ އަންހެން ކުޅުންތެރިންނަށް ލިބޭ އާމްދަނީ 20 މިލިއަނުން މައްޗަށް އަރާ ކަމަށް ވިދާޅުވި އެވެ.

"ފޮލޯވަރުން އިތުރުވެ، ލައިވް-ސްޓްރީމްގައި އަންހެނުންގެ ނުފޫޒު އަންނަނީ ބޮޑުވަމުން." މެޓް ވިދާޅުވި އެވެ.

ވީޑިއީ ގޭމްތައް ކުޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަކު ގޭމަށް ދެވިހިފައި މުޅި ހަތަރުދަމު އެކަމުގައި އުޅުމަކީ މައްސަލައެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން 2017 ގައި ވަނީ ވީޑީއޯ ގޭމަށް ދެވިހިފުމަކީ ނަފުސާނީ ބައްޔެއް ކަމަށް ކަނޑައަޅައިފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454