ޚިޔާލު / ކޮވިޑް-19

ލުއިތަކުން ނަތީޖާ ގޯސް ނަމަ، ކަންކަން މަޖުބޫރުކުރޭ!

ލޮކްޑައުން ދޫކޮށްލުމުން ސޯޝަލް ޑިސްޓެންސިންއަށް ސަމާލުކަން ދޭން ޖެހުނަސް ބައެއް މީހުން އެކަމަށް ފަރުވާތެރިއެއް ނުވޭ -- ފޮޓޯ: ނިޝާން އަލީ /މިހާރު

އަބަދުވެސް ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަ ވާހަކަ އެވެ. ލޮކްޑައުންގައި ނުތިބެވޭނެ ކަމަށް ބުނެ، ކުރަމުން ދިޔަ ޝަކުވާތަކެވެ. ސަރުކާރާއި ސަރުކާރު ނިސްބަތްވާ މައި ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުގެ ވިސްނުމާއި ސަރުކާރުގެ ސިޔާސަތާ ދިމާނުވުމުގެ މަންޒަރުތަކެވެ. ތަޖުރިބާކާރުންގެ އިރުޝާދުތައް ބޮލާލައި ޖަހައި، އާންމުން ގޭގެ އާއި ބޭރުގައި ބާއްވާ އެއްވުންތަކެވެ.

އެންމެ ފަހުން، މި މަހު 1 ގައި ދިން ބޮޑު ލުޔާ އެކު، މިހާރު ކުރިމަތިލާން ޖެހުނު ހަގީގަތް ނަންބަރުތަކުން އެ ދަނީ ފެންނަމުންނެވެ. މާލެ ސަރަހައްދުގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން ކަށަވަރުވި ފުރަތަމަ ކޭސް އެޕްރީލް 15 ގައި ފެނުނު ފަހުން، ދެ މަސް ވަންދެން ބޭއްވި ލޮކްޑައުން އުވާލުމާ ހަމައަށް ވެސް، އަދި މި މަހުގެ 1 ގައި، ލޮކްޑައުން ގާތްގަނޑަކަށް ދޫކޮށްލަންދެން ވެސް، ގިނަ ކޭސްތައް ފެންނަމުން އައި ގްރޫޕް ވެސް މި ވަނީ ބަދަލުވެފަ އެވެ. ކުރިން ނަމަ އެއީ، ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހުން ބޮޑުކޮށް އުޅެމުން އަންނަ ބަންގްލަދޭޝްގެ މީހުންނެވެ. މިހާރު އަލަށް ގިނައިން ބަލިޖެހެނީ ދިވެހިންނަށެވެ. މާލޭގައި ދިވެހިން ވެސް އުޅެނީ ތޮއްޖެހުން ބޮޑު ހާލަތެއްގަ އެވެ.

ބައެއް މީހުންގެ ނަޒަރުގައި ލޮކްޑައުން ދޫކޮށްލިލެއް އަވަހެވެ. އެކަމަކު ގިނަ މީހުންގެ ހިޔާލު ހުރީ ހިފެހެއްޓުންތަކަކާ އެކު ލުއި ދިނުމަށެވެ. މަސައްކަތްކުރަން ބޭރަށް ނުކުމެ، އާމްދަނީ ހޯދުމުގެ ފުރުސަތު ގިނަ މީހުންނަށް ލިބޭނީ އޭރުންނެވެ. ގޭގައި ތިބެގެން "ބަނޑަށް ޖެހި މަރުވުމު"ގެ ބަދަލުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ވަޒީފާ އަދާކޮށް، މި ދަތި ހާލުގައި ވެސް އާމްދަނީއެއް ލިބޭނެ ގޮތަށް ހުޅުވާލަން ސަރުކާރަށް ވެސް މަޖުބޫރެވެ.

އާ ލުއިތަކާ އެކު ވިޔަފާރިތައް ހުޅުވާފައި: ސޯޝަލް ޑިސްޓެންސިން އަކީ ވަރަށް މުހިންމު ބައެއް

އެކަމަކު ކޮންމެވެސް ކަންތައްތަކެއް ގޯސްކޮށް ދާ ކަމުގެ ހެއްކަކީ، ބަލި ޖެހޭ މީހުންގެ އަދަދު ގިނަވުމެވެ. އިއްޔެގެ ހިސާބުތައް އެ ހުރީ ލޮކްޑައުން ތެރޭގައި ވެސް އެންމެ ބޮޑަށް ބަލިމީހުން ފެނުނު ދުވަސްދުވަހުގެ ހިސާބުތަކާ ދާދި އެއްވަރެއްގަ އެވެ. އެ އަދަދު މަތިވުމުގެ ފުރުސަތު ވެސް އެހާމެ ބޮޑެވެ. އެހެންކަމުން ބޭރުގައި މާސްކު އަޅައިގެން އުޅުނަސް، ސަމާލުކަން ދޭން ޖެހޭ އެހެން ބައެއް ކަންކަމުގައި ފަރުވާކުޑަކުރުންތަކެއް އެބަ ހުރިކަން ސާބިތުވެ އެވެ. އެއްގޮތަކީ މާ ގައިގޯޅިކޮށް އުޅުމެވެ. ފިހާރަތަކާއި ހޮޓާ/ކެފޭ/ރެސްޓޯރެންޓް ފަދަ ތަންތަނުގައި ހުންނަން ޖެހޭ ސޯޝަލް ޑިސްޓެންސިން ނެތުމެވެ. ގިނަ މީހުން އެއްވެ އުފާފާޅުކުރުމުގެ ޕާޓީތައް ބޭއްވުމެވެ. ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ކުރުމަކީ ވެސް، ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކޮށްދޭ އެއްވުމެއްގެ ގޮތުގައި، ތަޖުރިބާކާރުން ނަގަ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރޭލެއް އެހާ އަވަހެވެ. ބަލީގެ "ފުރަތަމަ ރާޅުން" ސަލާމަތްވެ، ލޮކްޑައުން ދޫކޮށްލި ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގެ ތަޖުރިބާ ވެސް ގޯހެވެ. ބަލި ކޮންޓްރޯލް ކުރެވުނަސް އަނެއްކާ "ދެވަނަ ރާޅެއް" ނަގާ ކަމުގެ ނިޝާންތައް، ޖަރުމަނާއި ސްޕެއިން ފަދަ ގައުމުތަކުން މިހާރު އެބަ ފެނެ އެވެ. ވައިރަސް ކޮންޓްރޯލް ކުރަން ހޮންގް ކޮންގުން ފުރަތަމަ ހޯދި ކާމިޔާބު ވެސް މާޒީވެ، އަނެއްކާ މިހާރު އެ އޮތީ ގާތްގަނޑަކަށް ލޮކްޑައުންގަ އެވެ. ރެސްޓޯރަންޓްތައް ބަންދުކުރަނީ އެވެ. ބޭރުގައި އުޅޭ އިރު މާކްސް އެޅުން މަޖުބޫރެވެ. ގިނަ މީހުން އެއްވެ އުޅުން ވެސް މަނަ އެވެ.

ބުރަ މަސައްކަތަކާ އެކު ރާއްޖެ އިން ވެސް ކޮރޯނާވައިރަސްގެ "ފުރަތަމަ ރާޅުން" ސަލާމަތްވި އެވެ. ފުރަތަމަ ރާޅު ކަމަށް މި ބަލަނީ ކޮމިޔުނިޓީ ސްޕްރެޑް ފެނުނު ފަހުން ޖުލައި 1 އާ ހަމައަށް އެ ވޭތުވި ދުވަސްތަކަށެވެ. އެކަމަކު ކަމާ ބެހޭ ރަސްމީ ފަރާތްތަކުން ކަނޑައެޅި މުހިންމު ބައެއް އުސޫލުތައް، އާ ދޫކުރުމުގައި، މާ ބޮޑަށް ލުއިކުރި އެވެ. މިސާލަކަށް ޖުލައި 1 ގައި ދޭ ލުއިތަކުގައި ބޭރުގައި ގްރޫޕް ހަދައިގެން ގިނަވެގެން ވެސް އުޅެވޭނީ 10 މީހުންނަށް ކަމަށް އިއުލާންކުރި އެވެ. އެކަމަކު ޖުލައި 1 އައި އިރު އެ ނިންމުން އޮތީ 30 މީހުންނަށް ގިނަކޮށްފަ އެވެ.

ޓޫރިޒަމް ހުއްޓުމާ އެކު ރާއްޖޭގެ އިގުތިސާދު މިއޮތީ ފާޑަކަށް ފުނޑިފަ އެވެ. އަބަދު ލޮކްޑައުންގައި ނުތިބެވޭނެތީއާ އެކު ޓޫރިޒަމް ހުޅުވާލައި، ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ގޮތަށް ސަރުކާރުން ފިޔަވަޅު އެޅި އެވެ. އެކަމަކު ބައެއް ކަންކަން ސަރުކާރުން ބޭނުންވި މިންވަރަށް ވުރެ އަވަހަށް ކުރަން މަޖުބޫރުވީ، ބެލެވޭ ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔާލުފުޅު ތަފާތުކަމުންނެވެ. އެ މަނިކުފާނުގެ ވާހަކަފުޅުތައް ހުރީ ސަރުކާރުގެ ސިޔާސަތާ ފުށުއަރާ ގޮތަށެވެ. އަދި ބަލިމަޑުކަމަކާ ގުޅިގެން އިއުލާންކުރާ ސިއްހީ ކުއްލި ނުރައްކަލުގައި، މަޖިލިހުގެ ދައުރެއް ނެތުމުން، އެކަން ވެސް އަތުލައިގަންނަން އެމްޑީޕީ މެމްބަރުން މިހާރު ވަނީ ފައިވިއްދައިފަ އެވެ. އެހެންކަމުން އެމްޑީޕީގެ ބާރު އޮތް ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ މެދުގައި މި އޮތީ، މި ނުރައްކާތެރި ހާލަތުގައި ތަފާތު ދެ ވިސްނުމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ ބޭފުޅެއް ނަމަވެސް، ސަރުކާރު ހިންގުމުގެ ބައި ވެސް މަޖިލިހަށް އަތުލެވޭނެ ގޮތަށް މަސައްކަތްކުރާތަން ވަރަށް ސާފުކޮށް ފެނެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ރާއްޖެ އައި ޓޫރިސްޓުންގެ ބަޔަކު ރިސޯޓަށް ދާން އެއާޕޯޓުން ނުކުންނަނީ: ލޮކްޑައުން އުވާލުމުން، އާންމުން ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ -- ފޮޓޯ: ނިޝާން އަލީ /މިހާރު

އެއްގޮތަކުން ބަލަންޏާ ޖުލައި 1 ގައި ސަރުކާރުން މާ ބޮޑު ލުއިތަކަކާ އެކު ހުޅުވާލީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އަންނަ ޕްރެޝަރުގަ އެވެ. މުޅިން އާ މިކަހަލަ ނުރައްކާތެރި އަދި އާންމު ދިރިއުޅުމާ ގުޅޭ ހާލަތުގައި ތަފާތު ހިޔާލުތައް ހުންނާނެ އެވެ. އެކަމަކު ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮވެއްޖެ ނަމަ މުހިންމުވާނީ ތަޖުރިބާކާރުންގެ ވާހަކަ އެވެ. ސިޔާސީ ގޮތުން ކުރިމަތިވެދާނެ ހުރަހަކަށްޓަކައި ތަޖުރިބާކާރުންގެ ހުށައެޅުންތައް ބައެއް ފަހަރަށް އެއްފަރާތްކޮށްލިޔަސް، އަލުން ބޮޑު ނުރައްކަލަކަށް ދާން ނޭދޭ ނަމަ، ސިޔާސީ ފިއްތުންތަކާ ވެސް ސަރުކާރުން ކުރިމަތިލާން ޖެހޭނެ އެވެ. އެންމެ ފަހުން ހުރިހާ ކަމެއް ބޮލުއަޅަން ޖެހޭނީ ވެސް ސަރުކާރަށެވެ.

މިހާރު މި އޮތީ، އެންމެ ދުވަހަކަށް ނަމަވެސް، ހާލަތު ވަރަށް ގޯސްކަން އެނގިފަ އެވެ. އަޅުގަނޑުމެންގެ ނަސީބު ރަނގަޅު ނަމަ، އިތުރަށް މިކަން ގޯސްނުވުން ވެސް އެކަށީގެންވެ އެވެ. އެކަމަކު ދުނިޔޭގެ އެހެން ހިސާބުތަކުގައި ކޮރޯނާވައިރަސް ދައްކަމުން އަންނަނީ ހިތްހެޔޮ މަންޒަރެއް ނޫނެވެ. އެހެންކަމުން ދިވެހިންނަށް އެ ވައިރަސް ވަކި ހިތްހެޔޮވާން ޖެހޭ ސަބަބެއް ނެތެވެ. މިކަމުގައި އޮތީ ވައިރަސްއާ ދެކޮޅަށް ނުކުތުމެވެ. ބައެއް އުސޫލުތައް މަޖުބޫރުކޮށްގެންނެވެ. މާސްކު އެޅުމެވެ. ސޯޝަލް ޑިސްޓެންސިން އެވެ. އެއްފަހަރާ ބައްދަލުވެވޭނެ މީހުންގެ އަދަދު މަދުކުރުމެވެ. ފިހާރަތަކާއި ހޮޓާ/ކެފޭ/ރެސްޓޯރެންޓްތައް ވެސް، ނިއު ނޯމަލްގެ އުސޫލުތަކަށް ރަނގަޅަށް ފެއްތުމެވެ.

ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވަމުން ދާ ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހަމައެކަނި ވިދާޅުވުމަކުން ނުފުދެ އެވެ. އާންމުންނަށް ދޫކޮށްލި ލުއިތަކުން ނަތީޖާ ރަނގަޅު ނުވަންޏާ ދެން އޮންނާނީ އެ ލުއިތަކާ އެކު އުޅެން، ބައެއް ކަންކަން މަޖުބޫރުކުރުމެވެ. ނުވަތަ "ދެ ވަނަ ރާޅާ"އި "ތިން ވަނަ ރާޅަކާ" ވެސް ކުރިމަތިލުމެވެ.

7 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 65%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮތަރު

29 July 2020

ދިވެހީންނަކީ ވަރަށް ނާތަހުޒީބު ބައެއްކަން މިއެގެނީ މިކަހަލަ ހާލަތެއްދިމާވީމާ. ގޮތެއްފޮތެއްނޯވެ

The name is already taken The name is available. Register?

ނަންބުނެލަން

29 July 2020

ހެޔޮނުވަާނެ މިއުޅޭ ބަންގާޅީން މިޤަމުމުން ފޮނުވާލަބަލަ އޭރުން ވެސް ކޮވިޑް19 ގިނަބަޔަކު ސަލާމަތް ކުރެވިދާނެ އެއީ އަގަލެއް ސަދަބެއް ނެތް އަދިބުނީމަވެސް ގޮތް ދޫކުރާބައެއް ނޫން.

The name is already taken The name is available. Register?

އިޙްސާސް

29 July 2020

އެންމެ ބޮޑު ގޯހަކީ ކެފޭ، ރެސްޓޯރަންޓު، ހޮޓާ ޓޭކަވޭ ތަކުގަ މީހުން މާސްކުނާޅާ ގިއްކިޔާފަ ތިބުން. ދެން މިތަންތަނުން ބަލިހިފައިގެން ގެޔަށް ދިޔައީމަ ގޭމީހުނަށް ބަލިއެރުމުގެ ފުރުސަތު ބޮޑުވުން.

The name is already taken The name is available. Register?

ކޮވެލި

29 July 2020

ހޮޓާ/ކެފޭ/ރެސްޓޯރެންޓް ފަދަ ތަންތަނާއި މީހުން އެއްވެ ޕާޓީތަކާއި އެއްވުންތައް ބޭއްވުމާއި ޖަމާއަތުގައި ނަމާދުކުރުން ފަދަ ގައިގޯޅިކަން ގެންގުޅޭ ކަންކަން އަވަހަށް މަނާ ކުރަންވީ. ބޭރުގައި އުޅޭ އިރު މާސްކު މަޖުބޫރު ކުރަންވީއެވެ. ފިހާރަތަކުގެ މުވައްޒަފުންވެސް ރަގަޅަށް މާސްކު އަޅާތޯ ބަލަންވީވެވެ. މި ފަދަ ބަދަލަކުން ނަތީޖާ ފެންނާނެކަމަށް އުއްމީދު ކުރެވެއެވެ. ހުރިހާ ވިޔަފާރިއެއް ބަންދުކުރުން ރަގަޅެއް ނޫނެވެ. ހޭލުންތެރިކަން އަދިވެސް އިތުރު ކުރަންވީއެވެ.

The name is already taken The name is available. Register?

ޟީހާ.

29 July 2020

ޕޮލިހުންވެސް ބަލަނީ ސައިކަލެއް ހިފާއްޓާފަ ޖޫރިމަނާ ކޮއްލެވޭތޯ. ކޮވިޑް ހިފާއްޓަން ޕޮލިހުންވެސް ކޮންމެވެސް ކަމެއް މިދުވަސކޮޅުކުރިއްޔާ މާރަނގަޅު ވާނެހެންހީވަނީ. ކޮވިޑް އިން ސަލާމަތް ވެވުނީމަ ދެން ފަހުން ސައިކްތައް ހިފާއްޓަން.

The name is already taken The name is available. Register?

ބަސް

29 July 2020

މިގައުމު ނެތިފަނާވާ ހިސާބަށް ގެންދަން އުޅޭ ބަޔަކު އެބަތިއްބެވެ. ގައުމަށާ ރައްޔިތުންނަށް ހެޔޮއެދޭ މީހުންގެ ފޭރާންލައިގެންނެވެ. ކުރާނެކަމެއްނެތެވެ. ހުރިހާކަމަކަށް ﷲ ކުޅަދުންވަންތަވެވޮޑިގެން ވެއެވެ. ﷲ ގެ ހަޒުރަތުން ހެޔޮގޮތް މެދުވެރިކުރެއްވުން އެދި ދުއާކުރަމެވެ.

The name is already taken The name is available. Register?

ތުނިޔަ

29 July 2020

ފުރިހަމަ ލިޔުމެއް..މޫސަޔަށް ޝުކުރިއްޔާ! މިގައުމުގަ ޖެހޭ ހުރިހާ މައްސަލައެއްގެ އަސްލަކީ ނަޝީދު..ރައްޔިތުންނަށް ހެޔޮނޭދޭ އަމިއްލައެދުން ބޮޑު މީހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454