އެންމެ ބޮޑަށް އަސަރުކުރި ގްރޫޕުތަކުގެ ތެރޭގައި ޒުވާނުން، ޕްރޮބޭޝަންގައި ތިބި މުވައްޒަފުން، އަދި އަމިއްލަ މަސައްކަތް ކުރާ މީހުން ހިމެނޭ. ރާއްޖޭގައި ޔުނިވާސަލް ބޭސިކް އިންކަމް ތައާރަފްކުރަން ރިޕޯޓުގައި ވަނީ ލަފާދީފައި.
ދެ މަސް ދުވަހުގެ ލޮކްޑައުންއަކަށް ފަހު، ތުއްތު ކުއްޖަކު އުރާލައިގެން، މީހަކު މަގު ހުރަސް ކުރާއިރު، ސިނަމާލެ ބްރިޖުން ފައިބައިގެން މީހުން ދުއްވާފައި ދަނީ: ކޮވިޑްގެ ސަބަބުން އާމްދަނީ އަށް އަސަރު ފޯރި ކަމަށް ޖޮބް ސެންޓަރަށް ރިޕޯޓްކުރި މީހުންގެ ދެބައިކުޅަ އެއްބަޔަކީ 30 އަހަރުން ދަށުގެ ޒުވާނުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
26 އޯގަސްޓް 2020 - 08:20
ކޮވިޑްގެ ހާލަތު ދިގުދެމިގެންގޮސް، ވަޒީފާ އިން ވަކިކުރުމާއި ވަޒީފާ ނެތުމުގެ މައްސަލަ ހުރިހާ ދާއިރާއެއްގައި ވެސް ބޮޑުވެދާނެ ކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އެއްކޮށް ހުއްޓިދާނެ ކަމުގެ އިންޒާރު، ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިއްޔެ ނެރުނު ރިޕޯޓެއްގައި ދީފި އެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލްކުރަން އިގްތިސާދު ބަންދުކުރަން ޖެހުމުގެ އަސަރު، ދިރިއުޅެން ކުރާ މަސައްކަތަށާއި ވިޔަފާރިތަކަށް ކުރި ގޮތް ދެނެގަންނަން ހެދި ދިރާސާއެއްގެ އެ ރިޕޯޓް ބުނާ ގޮތުގައި މި ހާލަތުން އަރައިގަތުން ލަސްވާ ވަރަކަށް ކަންތައް ދާނީ ގޯސްވަމުންނެވެ.
"ކާރިސާގެ ޔަގީންކަން ކުޑަކަމާއި ބައިނަލްއަގުވާމީ ފަތުރުވެރިކަން ރަނގަޅުވާނެ ދުވެލި ލަސްވާނެ ކަމަށް އަންދާޒާކޮށްފައިވުމާއި ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އަދި ޖުމްލަ ގޮތެއްގައި ރާއްޖޭގެ އިގްތިސޯދު ރަނގަޅުވާ ނިސްބަތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިންގުން މުޅިން އެއްކޮށް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު އެބަ އޮތެވެ. މީގެ ސަބަބުން ހިދުމަތް ހޯދާ މީހުންނާއި ސަޕްލަޔަރުން އަދި އުފެއްދުންތެރިކަމާއި އަދި މުސްތަގުބަލުގައި ގައުމުގައި ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތުތަކަށް އަސަރުކުރާނެ އެވެ،" ރިޕޯޓުގެ ހުލާސާގައި ބުނެފައިވެ އެވެ.
އެހެންކަމުން މި ލޮޅުމުގެ އަސަރުކޮށްފައިވާ މީހުންނަށާއި އެންމެ ކުދި (މައިކްރޯ)، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ގިނަ ގޮތްތަކަކުން އެހީތެރިކަން ފޯރުކޮށްދޭން ރިޕޯޓުގައި ލަފާދީފައިވެ އެވެ. އަދި އިގްތިސާދު އަލުން ކޮޅަށް ޖަހައި މިހާރަށް ވުރެ ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތަކަށް އިގްތިސޯދު ބައްޓަންކުރަން ކުރަންވީ ކަންތައްތަކެއް ވަނީ ހުށަހަޅައިފަ އެވެ.
ރިޕޯޓު ނެރެން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންޑީޕީގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު އަދި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ކަންނީ ވިނަރާޖަ ވިދާޅުވިގޮތުގައި ރާއްޖެ އަށް މި ހާލަތުން އަރައިގަނެވެނީ އަވަހަށްތޯ ނުވަތަ ލަހުންތޯ އަދި އެކަން ކުރަނީ ކުރިއަށް ވުރެ ރަނގަޅަށް، ދެމެހެއްޓެނެވި ގޮތުގައިތޯ ބިނާވެގެން ވަނީ މި ވަގުތު ކަނޑައަޅާ ސިޔާސަތުތަކުގެ މައްޗަށެވެ.
ދިރާސާ ހެދުމުގައި ބައިވެރިވެވަޑައިގެންނެވި ޔޫއެންޑީޕީގެ ޑިވެލޮޕްމެންޓް އިކޮނޮމިސްޓް ރާނިޔާ ސޯބިރު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ލޮކްޑައުން ނިމި އިގްތިސޯދު ހުޅުވެން ފަށާފައި އޮތް މި ދަނޑިވަޅުގައި ބޭނުންވަނީ ދެމިގެންދާ އިގްތިސޯދީ ކާރިސާއަކަށް އިޖާބަދޭ ދުރު ރާސްތާގެ ރޭވުންތަކެކެވެ.
"ކުރިއަށް އޮތް ހަ މަސް ތެރޭގައި ސްޓްރެޓެޖީ ކޮންމެވެސް ވަރަކަށް ބަދަލުކުރުން މުހިއްމު،" ރާނިޔާ ވިދާޅުވި އެވެ.
"މިހާރު ހުރި ވަރަށް ގިނަ ފިޔަވަޅުތަކަކީ ޕެންޑެމިކަށް ވަގުތީ ރައްދެއްގެ ގޮތުން ސަރުކާރުން ތައާރަފްކޮށްފައި ހުރި ކަންތައްތައް. އެކަމަކު އިގްތިސޯދު ހުޅުވިގެންދާ އިރު އަޅުގަނޑުމެންނަށް މިހާރު އެބަ އެނގޭ، ރިކަވަރީ ލަސްވާނެކަން އަދި ޔަގީންކަން ވަރަށް، ވަރަށް ކުޑަކަން. އެހެންވީމާ އެ ނަޒަރުން މިހާރު ވަރަށް ބޮޑަށް ޕްލޭންތައް ހެދެން އެބަ ޖެހޭ."
ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިއީ މިހާރުގެ ހާލަތާ ގުޅިގެން ސިޔާސަތުތައް ކަނޑައެޅުމުގައި، ހާއްސަކޮށް މަސައްކަތު އާބާދީގައި ތިބި އެންމެ ނާޒުކު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރަށް މަގުދައްކައިދޭ ދިރާސާއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މި ރިޕޯޓަށް ވަރަށް ބޮޑަށް ބަލާނެ އެވެ.
ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް އައި ހުއްޓުން އިއާދަކުރަން، ކުދި ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވެސް ތަފާތު އިގްތިސޯދީ ޕެކޭޖުތައް ތައާރަފްކޮށްފައި ހުރި ނަމަވެސް އެ ފުރުސަތުތަކުން ވެސް ނުފުދޭތީ، ހާއްސަކޮށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނުހުއްޓި ހިނގާނެކަން ޔަގީންކުރުމަށް، ސަރުކާރަށް އިތުރަށް ވެދެވޭނީ ކޮން އެހީތެރިކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.
ރިޕޯޓުގައި ބުނިގޮތުގައި، އިގްތިސޯދުގެ ހުރިހާ ދާއިރާއަކުން ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާ އިރު 68 ޕަސެންޓް މީހުން ވަނީ މި ހާލަތާ ގުޅިގެން އާމްދަނީ އެއްކޮށް ހުއްޓުނު ކަމަށް ބުނެފަ އެވެ. އަދި 38 ޕަސެންޓް މީހުން، އާމްދަނީ ދަށަށް ދިޔަ ކަމަށް ރިޕޯޓްކުރި އެވެ.
ވަޒީފާތަކުގައި އުޅޭ މީހުންނަށް ކުރި އަސަރަށް ބަލާ އިރު، ވަޒީފާ ގެއްލުނު ކަމަށް 44 ޕަސެންޓު މީހުން ބުނެފައިވެ އެވެ. އަދި 24 ޕަސެންޓް މީހުން، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްކުރި އިރު މުސާރަ ކުޑަކުރި ކަމަށް 32 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެ ދާއިރާ އަށް ސަޕޯޓް ހިދުމަތް ދޭ ވިޔަފާރިތަކަށް ލޮޅުންއެރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި މާލެ ސަރަހައްދުގެ ލޮކްޑައުންގެ ސަބަބުން ވަރަށް ގިނަ ރަސްމީ އަދި ނުރަސްމީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރިކަމަށާއި ދަތުރުކުރުމުގެ ހުރަސްތަކާ ގުޅިގެން މުޅި ގައުމުގެ ވިޔަފާރިތަކަށް ސަޕްލައިގެ ބޮޑު ހުއްޓުމެއް އައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ދިރާސާގައި އިންޓަވިއުކުރި ހުރިހާ ވިޔަފާރިތަކެއްގެ ވެސް ކޭޝް ފްލޯ އަށް ވަނީ އަސަރުކޮށްފަ އެވެ. އަދި މިހާރު ވެސް ވަރަށް ބޮޑަށް ގެއްލުންވަމުންދާ ކަމަށް ގިނަ ވިޔަފާރިތަކުން ބުނި އިރު، މިހާރު ހުރި ކޭޝް ފްލޯ އިން ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓިދާނެ ކަމަށް ބުނީ ވަރަށް މަދު ވިޔަފާރިތަކަކުންނެވެ. އިންޓަވިއުކުރި 67 ވިޔަފާރީގެ ތެރެއިން 80 ޕަސެންޓަށް ވުރެ ގިނަ ވިޔަފާރި، މާޗުން ޖުލައިގެ ނިޔަލަށް، އެންމެ ކުޑަމިނުން ވަގުތީ ގޮތުން ބަންދުކުރަން ޖެހުނެވެ.
ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ ހަމައަކަށް އެޅުން ލަސްވާ ވަރަކަށް ހާލަތު ދާނީ ގޯސްވަމުންނެވެ. އެއް ސަބަބަކީ ރިސޯޓުތައް އޭޕްރީލް އިން ޖޫން އަށް ބަންދުކުރި މުއްދަތުގައި މުސާރަ ލިބުނު މީހުން ނޯ ޕޭ އަށް ފޮނުވާލުމާއި ވަޒީފާ އިން ވަކިނުކޮށް ތިބި މީހުން ވެސް ވަކިކުރުމުގެ ފުރުސަތު ބޮޑުވުމެވެ. އެހެން ވެއްޖެ ނަމަ، ވަޒީފާ ނެތް މީހުންގެ އަދަދު އަވަހަށް އިތުރުވެގެންދާނެކަމާއި މިހާރު ވަޒީފާ ގެއްލިފައި ނުވަތަ ވަޒީފާ ބަދަލުވުމުގެ ތެރޭގައި ތިބި މީހުންނަށް ދިގު މުއްދަތަކަށް ވަޒީފާ ނެތުމާ ކުރިމަތިލާން ޖެހި ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން އުނދަގޫވާނެކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ކުރިން ރިސޯޓުތަކުން މުވައްޒަފުންގެ ކަންކަން ނިންމީ ޖުލައިގައި ރިސޯޓު އަލުން ހިންގަން ފެށޭނެ ކަމަށް ބަލާފައި. އެކަމަކު މިހާރު ރިސޯޓުތައް ހުޅުވީމަ އެބަ އެނގޭ މިއީ ވަގުތީ ލޮޅުމެއް ނޫންކަން، ދިގުދެމިގެންދާ ކާރިސާއެއްކަން،" ރާނިޔާ ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ އަދި އެންމެ ގިނަ ބައެއްގެ އާމްދަނީ އަށް އަސަރު ފޯރި ދާއިރާއަކީ ޓޫރިޒަމެވެ. ޓޫރިޒަމް މުޅިން ހުއްޓުމަކަށް އައި އިރު، އެ ދާއިރާގައި ހަމައެކަނި ރިސޯޓުތަކުގައި ވެސް 45،000 މީހުން ވަޒީފާ އަދާކުރާ ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރެއިން 22،000 މީހުންނަކީ ދިވެހިންނެވެ. މޭ މަހުގެ ނިޔަލަށް ޖޮބް ސެންޓަރަށް ޝަކުވާ ހުށަހެޅި 7،500 އަށް ވުރެ ގިނަ މީހުންގެ 54 ޕަސެންޓަކީ ސީދާ ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނެވެ. އަދި 14 ޕަސެންޓަކީ ޓޫރިޒަމާ ގުޅުން ހުރި ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ.
ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ކަންނީ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު ދާއިރާއަކީ ޓޫރިޒަމް ކަމަށްވާ އިރު ރިސޯޓުތައް ބަންދުކުރަން ޖެހި، މިހާ ގިނަ މީހުންގެ އާމްދަނީ އަށް އަސަރު ފޯރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
މި ދިރާސާ އިން އެނގުނު ގޮތުގައި ކޮވިޑްގެ ސަބަބުން ވަކިވަކި މީހުންގެ އާމްދަނީ އަށް އެރި ލޮޅުމަށް ބަލާ އިރު އެންމެ ބޮޑަށް އަސަރުކުރި ގްރޫޕުތަކަކީ ޒުވާނުންނާއި ޕްރޮބޭޝަންގައި ތިބި މުވައްޒަފުންނާއި ރިސޯޓުތަކުގައި ތިންވަނަ ފަރާތްތަކުން ކޮންޓްރެކްޓަށް ގެންގުޅޭ މުވައްޒަފުންނާއި ނުރަސްމީ މަސައްކަތްތައް ކުރާ ބިދޭސީންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނާއި ފްރީލާންސަރުންނާއި ކައިރި ރަށްރަށުން ރިސޯޓުތަކަށް ހިދުމަތް ދޭ ކުދި ވިޔަފާރިވެރިންނަށެވެ.
ވަޒީފާ އަށް ނުވަތަ އާމްދަނީ އަށް އަސަރު ފޯރި ކަމަށް ޖޮބް ސެންޓަރަށް ރިޕޯޓްކުރި މީހުންގެ ދެބައިކުޅަ އެއްބަޔަކީ 30 އަހަރުން ދަށުގެ މީހުންނެވެ.
ވަޒީފާ ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ޕްރޮބޭޝަންގައި ތިބި މުވައްޒަފުންނަށެވެ. ޖުމްލަކޮށް ހުރިހާ ދާއިރާއަކަށް ބަލާ އިރު، ތިން މަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައިވާ މީހުންގެ 86 ޕަސެންޓް، މި ހާލަތާ ގުޅިގެން ވަނީ ވަޒީފާ އިން ކަނޑާލައިފަ އެވެ.
އެންމެ ބޮޑަށް އަސަރުކުރި މީހުންގެ ތެރޭގައި، ރިސޯޓުތަކުގައި ނުރަސްމީ މަސައްކަތްކުރާ ބިދޭސީން ހިމެނެ އެވެ. ހިދުމަތް ފޯރުކޮށްދޭ ތިންވަނަ ފަރާތެއްގެ މުވައްޒަފުންގެ ގޮތުގައި ވެސް ރިސޯޓުތަކުގައި ބިދޭސީން މަސައްކަތްކުރެ އެވެ. އެފަދަ ގިނަ މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ރިޕޯޓުގައި ބުނިގޮތުގައި ގިނަ ބިދޭސީން، ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށްރަށާއި މާލެ އަށް ވަނީ ފޮނުވާލައިފަ އެވެ. އޭގެ ސަބަބުން އެ މީހުންނަށް ރިސޯޓުގައި ހިލޭ ލިބެމުންދިޔަ ކެއިންބުއިމާއި ބޯހިޔާވަހިކަމުން މަހުރޫމުވެ ގިނަ ބިދޭސީން މަގުމަތިވި ކަމަށް ވެސް ރިޕޯޓު ބުނެ އެވެ.
އާމްދަނީ އަށް އަސަރުކޮށްގެން ޖޮބް ސެންޓަރަށް ރިޕޯޓުކުރި، އަމިލަށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ގިނައީ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ ޓެކްސީ ޑްރައިވަރުންނެވެ. މާލެ ސަރަހައްދު ލޮކްޑައުންކުރުމުން އެ މީހުންގެ ހިދުމަތުގެ ޑިމާންޑު ވެއްޓުނީ އެވެ.
ރާނިޔާ ވިދާޅުވި ގޮތުގައި ގޭގައި ތިބެގެން ނުރަސްމީ މަސައްކަތްކުރާ މީހުން ޖޮބް ސެންޓަރަށް ޝަކުވާ ހުށަހަޅާފައި ހުރިލެއް މަދުކަން ފާހަގަކުރެވުނެވެ.
ދަތުރުފަތުރުގެ ދާއިރާއާ ޖެހިގެން، އަމިއްލަ މަސައްކަތްކުރާ މީހުންނާއި ފްރީލާންސަރުންނާއި އަމިއްލަ ގޮތުން ހިދުމަތް ފޯރުކޮށްދޭ މީހުންނަށް އެންމެ ބޮޑަށް އަސަރުކުރި ކަމަށް ފާހަގަކުރެވުނީ ޓޫރިޒަމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި މުނިފޫހިފިލުވުމާއި ތައުލީމީ ދާއިރާ އިންނެވެ. އޭގެ ތެރޭގައި ރިސޯޓުތަކަށް ހިދުމަތްދޭ މިއުޒިކް ބޭންޑުތަކާއި ބޮޑުބެރު ގްރޫޕްތަކާއި ޑީޖޭއިންނާއި ފޮޓޯގްރާފަރުން ހިމެނެ އެވެ. ރިޕޯޓުގައި ބުނެފައިވަނީ މުނިފޫހިފިލުވުމާއި ފަންނުގެ ދާއިރާ އިން އަސަރުކުރި މީހުންނަކީ އެހެން ދާއިރާތަކާ އަޅާބަލާ އިރު އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަ މީހުން ކަމަށާއި ކޮވިޑް-19އާ ގުޅިގެން ޚިދުމަތްދިނުން ހުއްޓާލަން ޖެހުމުން އެ މީހުންގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވި ކަމަށެވެ.
ރިސޯޓުތަކަށް ރޯ މަހާއި މޭވާ އާއި ތަރުކާރީ ވިއްކާ މީހުންނާއި ސްޓާފް ކެންޓީނަށާއި ޓޫރިސްޓުންގެ ބުފޭތަކަށް ކާބޯތަކެތި ފޯރުކޮށްދޭ އަންހެނުންނާއި ކެމިކަލާއި ކުނި އުކާލުމުގެ ހިދުމަތް ދޭ މީހުން ކައިރި ރަށްރަށުގައި ތިބޭ ކަމަށާއި ރިސޯޓުތައް ބަންދުކުރުމުން، އެ އެންމެންގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ޖިންސުގެ ނިސްބަތުން ކުރި އަސަރަށް ބަލާ އިރު، ޖޮބް ސެންޓަރަށް ޝަކުވާ ހުށަހެޅި ފިރިހެނުންނަށް ވުރެ އަންހެނުން މަދު އިރު ވެސް، މި ހަލާތާ ގުޅިގެން ވަޒީފާ އިން ކަނޑާލުމާއި އާމްދަނީ ގެއްލުމުގެ މައްސަލަ ބޮޑީ އަންހެނުންނަށެވެ. އަންހެނުންގެ 55 ޕަސެންޓް މީހުންގެ ވަޒީފާ ގެއްލުނު އިރު ފިރިހެނުންގެ ތެރޭގައި އެ ނިސްބަތަކީ 47 އެވެ. ޓޫރިޒަމް ދާއިރާ އަށް ވަކިން ބަލާ އިރު އެ ފަރަގު އަދި އެއަށް ވުރެ ވެސް ބޮޑެވެ.
"މީގެ ސަބަބުން ދިމާވާނީ ދިގު މުއްދަތަކަށް ދެމިގެންދާނެ މައްސަލައެއް. އެއީ ރާއްޖޭގައި ޒުވާން އަންހެނުން ވަޒީފާގެ ބާޒާރަށް ނުކުމެފައި ވެސް، އުމުރު މައްޗަށް ދިޔައިމަ ވަޒީފާގެ ބާޒާރުން އެއްކޮށް ނުކުންނަނީ، މީހަކާ އިނދެގެން، ދަރިން ހޯދައިގެން، ނުވަތަ ކެއާ ދިނުމުގެ ޒިންމާ އުފުލަން ޖެހިގެން،" ރާނިޔާ ވިދާޅުވި އެވެ.
"މިއީ ޒުވާން އަންހެނުންނަށް ވަރަށް މުހިއްމު ދަނޑިވަޅެއް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށާއި މަސައްކަތުގެ ތަޖުރިބާ ހޯދަން. މި ވަގުތު މި މީހުން ކަނޑާލީމަ އެ މީހުން ވަޒީފާގެ ބާޒާރުން ދާއިމަށް ބޭރުކޮށްލެވުމުގެ ބިރު އެބަ އޮތް."
ރަސްމިއްޔާތުގައި ކަންނީ ވިދާޅުވި ގޮތުގައި ވަޒީފާގެ ބާޒާރުގައި އަންހެނުން މަދުވުމުގެ ގެއްލުން ބޮޑެވެ.
"މިއީ ގައުމަށް ގެއްލިގެންދާ ވަރަށް ބޮޑު ކެޕޭސިޓީއެއް އަދި އެ މީހުންގެ އާއިލާތަކަށް އާމްދަނީ ގެއްލިގެންދާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
“The impact of COVID-19 on Small Island Developing States, like the Maldives, is more severe because of the country’s high dependence on tourism and the import of oil and food. The severe economic and social impacts of the pandemic...." (1/3) pic.twitter.com/95dkXe5mFP
— UNDP Maldives (@UNDPMaldives) August 25, 2020
ރަސްމިއްޔާތުގައި ކަންނީ ވާހަކަދައްކަވަނީ
އެޕްރީލް-މޭގައި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ކޮށްފައިވާ، 2،000 އަށް ވުރެ ގިނަ ވިޔަފާރީގެ ސާވޭއަކާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ވިޔަފާރިތަކުގެ 87 ޕަސެންޓަށް، މައިގަނޑު ހުރިހާ ދާއިރާއަކުން ވަނީ އާމްދަނީ ދަށްވެފަ އެވެ. އަދި ދިރާސާގައި އިންޓަވިއުކުރި ވިޔަފާރިތަކުގެ 58 ޕަސެންޓަށް ހުރިހާ އާމްދަނީއެއް ހުއްޓުނެވެ.
އާއްމު ހާލަތުގައި ވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހިންގުމަށް ގިނަ ދަތިތަކެއް ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ކޮވިޑްގެ ސަބަބުން އެފަދަ ބައެއް ވިޔަފާރިތައް އެއްކޮށް ހުއްޓާލަން ޖެހުނު އެއް ސަބަބަކީ އެ ހުރަސްތަކުގެ އަސަރު ބޮޑުވުމެވެ.
އިންޓަވިއުކުރި ވިޔަފާރިތަކުގެ 42 ޕަސެންޓު ބުނިގޮތުގައި މި އަހަރު ވިޔަފާރި ހުއްޓާލަން ޖެހިދާނެ އެވެ. ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް 40 ޕަސެންޓު ވިޔަފާރިން ބުންޏެވެ. އެކަމަކު ކޮވިޑްގެ ސަބަބުން، ގިނަ ވިޔަފާރިތަކެއް ފުޅާކުރުން ވަގުތީ ގޮތުން ހުއްޓާލަން ޖެހުނެވެ.
ޒުވާނުން ފަށާފައިވާ އާ ވިޔަފާރިތަކާއި ޓޫރިޒަމާ ގުޅިފައިވާ ވިޔަފާރިތަކާއި ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކާއި ނުރަސްމީ ވިޔަފާރިތައް އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އޮތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެކަމަކު ރިޕޯޓުގައި ބުނެފައިވަނީ ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންވާ މުދަލާއި ސިއްހީ އަދި ބޭސްވެރިކަމުގެ އާލާތްތައް ވިއްކާ ފިހާރަތަކާއި ޑެލިވަރީގެ ހިދުމަތް ދޭ ރެސްޓޯރެންޓްތަކާއި އޮންލައިން ޕްލެޓްފޯމްތަކަށް ބަދަލުކުރި ވިޔަފާރިތަކާއި އައިސީޓީ ހިދުމަތްތަކަކީ އާ ހާލަތަށް ބަދަލުވުމާއި ވިޔަފާރި ފުޅާކުރުމުގައި ކާމިޔާބު ހޯދާނެ ވިޔަފާރިތަކެއް ކަމަށެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން އޭޕްރީލް އިން ސެޕްޓެމްބަރަށް ކުރިއަށް ގެންދާ އިންކަމް ސަޕޯޓް ޕްރޮގްރާމް، "ވިޔަފާރި ދާއިރާ އާއި ތަރައްގީގެ ބައިވެރިންގެ އެހީތެރިކަމާ އެކު" އިތުރަށް ފުޅާކޮށް، އެ ޕްރޮގްރާމުން އެހީ ދޭ މުއްދަތާއި އެހީ ލިބޭ މީހުންގެ އަދަދު އިތުރުކުރަން ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.
"މިހާރަށް ވުރެ ވެސް ދުރު ރާސްތާގެ ޕްލޭނެއް އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ލަފަޔަކީ ވަޒީފާ ދޭ ފަރާތާ ވާހަކަދައްކައިގެން އެމްޕްލޯޔާގެ ފަރާތުން ވެސް އިންކަމް ސަޕޯޓަށް ކޮންމެވެސް އެއްޗެއް ލާ ގޮތަށް ނިޒާމް ބައްޓަންކުރުން. އެއީ ތިން މަހުން ތިން މަހުން އާކުރުމުގެ ބަދަލުގައި ދިގު މުއްދަތަކަށް އެ އެހީ ކުރިއަށް ގެންދެވިދާނެ ގޮތެއް. އާބާދީގެ ބޮޑު ބަޔަކަށް، ފަހަރުގައި ކުރިއަށް އޮތް އެއް އަހަރަށް ވެސް، އިންކަމް ސަޕޯޓް ބޭނުންވެދާނެ ކަމަށް ބަލަންވީ،" ރާނިޔާ ވިދާޅުވި އެވެ.
ވަޒީފާ އަށް ސީދާ އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެހެނިހެން ގޮތްގޮތުން ވެސް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން ވަރަށް މުހިއްމު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެއް ކަމަކީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ސައިކޯސޯޝަލް ސަޕޯޓާއި ނަފްސު ތަރައްގީކުރުމާއި ކޯޗިންގެ ހިދުމަތް ދިނުމެވެ. އަދި އަސަރުކޮށްފައިވާ މީހުންނަށް ތައުލީމީ ކޯސްތައް ހޯދައިދިނުމާއި ހުނަރު ތަރައްގީކޮށްދިނުމާއި މެދު ފަންތި އާއި މަތީ ފަންތީ އަދި ފަންނީ މަގާމުތަކަށް ދިވެހިންގެ ހުނަރު ތަރައްގީކުރުމާއި ކޮވިޑްގެ "ނިއު ނޯމަލް"ގައި ބޭނުންވާނެ މަސައްކަތްތަކަށް ހާއްސަ ތަމްރީނާއި ވަޒީފާއާ ގުޅުވައިދިނުމުގެ ހިދުމަތްތައް ފޯރުކޮށްދޭން ލަފާދީފައިވެ އެވެ.
"އަޅުގަނޑުމެން މި ލަފާ ދެނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައި ހުރި ކޮންމެ މީހަކަށް ވެސް ގުޅަންވާނެއޭ. ގުޅާފައި އެ މީހުންނަށް އޮރިއެންޓޭޝަނެއް ދީގެން އެ މީހުންނަށް މަގުދައްކައިދޭން އެބަ ޖެހޭ. އެ މީހުން ކަމެއް ނެތި މަޑުކޮށްލައިގެން ތިބުން ރަނގަޅެއް ނޫން،" ރާނިޔާ ވިދާޅުވި އެވެ.
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ފައިސާގެ އެހީ އިތުރުކުރުމަށާއި އެފަދަ ވިޔަފާރިތަކާއި ނުރަސްމީ ވިޔަފާރިތަކަށް އަމާޒުކޮށްގެން އިތުރު އެހީތެރިކަން ފޯރުކޮށްދޭން ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ. އެގޮތުން އެސްޑީއެފްސީން ވިޔަފާރިތަކަށް ލޯނު ދޭން މިހާރު އޮތް ސްކީމް ފުޅާކޮށް އެހީ ދިނުމުގެ ދެވަނަ މަރުހަލާއަކަށް ދާން ހުށަހަޅާފައިވެ އެވެ.
އަގުހެޔޮކޮށް އަދި ފެންވަރު ރަނގަޅުގޮތެއްގައި ވިޔަފާރިތަކަށް ފަންނީ އެހީތެރިކަމާއި ލަފާދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދީީގެން ވިޔަފާރިތަކުގެ ގާބިލްކަން އިތުރުކުރަން ވެސް ވަނީ ލަފާދީފަ އެވެ.
ޓޫރިޒަމް އަލުން ފަށައިގަންނަން ކަން ކުރާނެ ގޮތްތަކެއް ވެސް ރިޕޯޓުގައި ހުށަހަޅާފައިވެ އެވެ.
ރިޕޯޓުގައި މެދު އަދި ދުރު ރާސްތާ އަށް ދީފައިވާ ލަފާތަކުގެ ތެރޭގައި ރާއްޖޭގައި ޔުނިވާސަލް ބޭސިކް އިންކަމް ތައާރަފްކުރުން ހިމެނެ އެވެ.
ކޮވިޑްގެ އިގްތިސޯދީ ކާރިސާއަކީ އާއިލާތައް ފަގީރުކަމަށް ހުށަހެޅުމުގެ ނުރައްކާ ފަދަ، އާބަދީގައި ހުރި ނާޒުކު ކަންކަން ހާމަވެގެންދިޔަ ކަމެއްކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައި ވަނީ އޭގެ ސަބަބުން އާމްދަނީގެ ގޮތުން މީހުންގެ މެދުގައި ފަރަގު ބޮޑުވެގެން ހިނގައިދާނެ ކަމަށެވެ.
އެހެންކަމުން، ކުރިމަގުގައި ކުރިމަތިވެދާނެ ކާރިސާތަކުން ކުރާނެ އަސަރުން އެންމެ ނިކަތި މީހުންނަށް ރައްކާތެރިކަން ލިބިދިނުމަށް، ހަރުދަނާ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމްކުރުން ވަރަށް މުހިއްމު ކަމަށާއި މިހާރު ހުރި ސްކީމްތައް އަލުން މުރާޖައާކޮށް، ނާޒުކު އެންމެން ބައިވެރިކުރާ ޔުނިވާސަލް ބޭސިކް އިންކަމް ސްކީމެއް އުފައްދަން ލަފާދޭ ކަމަށް ރިޕޯޓުގައި ބުނެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަކީ އެންމެންގެ ބައިވެރިވުން އޮތް ދެމެހެއްޓެނެވި ސިނާއަތަކަށް ހެދުމަށާއި އިގްތިސޯދު ފުޅާކުރުމަށާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށްގެން "ނޫ" އިގްތިސޯދުގެ ތެރޭގައި ހުރި ފުރުސަތުތައް ބޭނުންކުރުމަށާއި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީގެ ދާއިރާ އިން ވިޔަފާރިތައް އުފެއްދުމަށާއި މަސައްކަތުގެ މައިދާނަށް ނުކުމެ މަސައްކަތުގައި ދެމިތިބެން އަންހެނުންނަށް މަގުފަހިކޮށްދިނުމަށް ކެއާ ޚިދުމަތްތަކުގެ ނިޒާމެއް ގާއިމްކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ރާއްޖެ މާ ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިގްތިސޯދު ފުޅާކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި އައިސީޓީ އިތުރަށް ތަރައްގީކުރަން ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ކަން ކުރިއަށް ގެންދަނީ ކުދި ވިޔަފާރިތަކާއި އަންހެނުންގެ ބައިވެރިވުން ބޮޑުކުރަން ހާއްސަކަމެއް ބަހައްޓައިގެން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މިއީ ވަރަށް މުނާސަބު ދިރާސާއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ސިޔާސަތުތައް ކަނޑައަޅާ އިރު ސަރުކާރުގެ މިނިސްޓްރީތަކާއި އެޖެންސީތަކުން މި ރިޕޯޓަށް ބަލާނެކަން ޔަގީންކުރައްވާ ކަމަށެވެ. ހާއްސަކޮށް މަސައްކަތު އާބާދީއާ ގުޅޭ ސިޔާސަތުތައް ބައްޓަން ކުރާނީ މި ރިޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ކުރި އަސަރު ދެނެގަތުމުގެ "ރެޕިޑް ލައިވްލިހުޑް އެސެސްމެންޓް"ގެ ނަން ދީފައިވާ މި ދިރާސާގެ ފުރަތަމަ ފިޔަވައްސަށް ފަހު ޕްރިލިމިނަރީ ރިޕޯޓެއް މޭ މަހު ނެރުނެވެ. އިއްޔެ ނެރުނީ ފައިނަލް ރިޕޯޓެވެ.
Ministry of Economic Development
moed,trade,med
ރެޕިޑް ލައިވްލިހުޑް އެސެސްމެންޓް ރިޕޯޓް
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔައިން
04 October 2020
ރާއްޖޭގައި ވިޔަފާރިއެއް ފެށިއްޔާ ވަނީ ބަނގުރޫޓު. ކަމެއް ކުރަން ފަށާއިރަށް ސަރުކާރަށް ދައްކަންޖެހޭ ބައި ދައްކާފަ އެކައްޗެއްވެސް ނޯވޭ. ޢަޅުންނަށް ހަދާފަ.
ދަރަނި ދަންތުރަ
28 August 2020
ދެން ރާކަނިމަސްކާށޯ ސޯލިބޭ ބުނީ
ދަރަނި ދަންތުރަ
28 August 2020
ވަރަށް ބަރާބަރު ޔާމީނު ގައުމުތަރަޢްގީ ކުރާތި ކަމުނުގޮސްގެން އިބޫއާ ގައުމު ހަވާލުކުރީ ގައުމު ފުނޑާލަން އެކަން އިބޫ ކިތަޢްމެހާވެސް ސަޅިކޮން ކޮށްފި ދެން ވޯޓުދިން މީހުން ބާރަށް އަތްޖަހާ އައްސަރި ބަހާސާބަސް ، ގައުމު ދަވާލައިފި މިހާރު މިއޮތީ އަނގަޔާ އަތާ ބޫޓާ ފަޔާ ދިމާވެފަ ހާދަ މޮޅޭ
ައަހުމަދު
26 August 2020
މީސަރުކާރުން މުޅިންވެސް ރައްޔަތުންނަށް އޮޅުވާލާ ނިކަމެތިން ނިކަމެތިކުރަނީ20،000 ފުލެޓް އަޅާނަމޭކިޔާފައި މާލޭގެ 10ބުރިއިމާރާތުގެ ވެރިން ނަށް ލޯންދައްކަން ލާރިނުލިބޭނެޔޭ ކިޔައިގެން ފުލެޓްއެޅުން ކެންސަލްކޮށްފަ ނިކަމެތިން ނިކަމެތި މުއަސަނދިން މުއްސަނދިކުރަނީ ހުސްވައްކަން މިހާރުކުރަނީ ސަރުކާރުގެ އެތެރެއިން ، ޤައުމުގެ ވެރިމީހާ ހަދަނީ ރައްޔަތުންނަށް ދޮގު ،ރައްޔިތުން ހުރިހާބާރެއްދިނީމަވެސް ނުކުރެވުނެއެއްކަމެއްވެސް، ރަނަޅުވާނީ ވެރިކަމުންއިސްތިއުފާދިނީމަ
ދޮންބެއަލީ
26 August 2020
ސަރުކާރުން ކުލިތައް ކޮންޓުރޯލު ކޮށް ޓުރެކްކައިރީ އަޅަށް އުޅޭ ސުވިމިމ މިންޕޫ ލަސްކޮށްލާ އެފައިސާއިން 7000 ފުލެޓަށް ކަރައްޓާ ފެންގުޅާ އަވަހަށް ހަވާލު ކޮށްލު މުން ވަރަށް ގިނަ ފަރާތް ތަކަށް މިހާރު ކުއްޔަށް ހޭދަ ކުރާފައިސާ ޒަރޫރީ ބޭނު މަށް ރައްކާކުރެވޭނެއެވެ...ހުޅު މާލެ 2 ކުން 500 ގޯތި ބީލަ މަށް ލީ މަ ފައިސާ ސަރުކާރަށް ލިބޭނެ ޤައު މު ހިންގަން އުޅެބަލަ ތައް ވާހަކަ ގިނަ ނުކޮން ....
ދޮގު
26 August 2020
ޢެކަމަކު ދިރިހުރެގެންދޯ ފައިސާ ހޯދޭނީ
ފޫހި
26 August 2020
މިހާރު ހިނގާ ކުދި ވިޔަފާރިން ދިވެހިންނަކަށް މޮޅެއްނެތް އެއީ ސީދާ ބިދޭސީންގެ ވިޔަފާރިތައް. ދިވެއްސަކަށް ވަޒީފާއެއްނުލިބޭނެ. ބިދޭސީން ކުދިވިުަފާރި ނުކުރެވޭގޮތަށް އުސޫލުތަށް ބަދަލުކޮށް ތަންފީޒުކުރޭ. ޢެކަންނުކޮށް ހާސަރުދަމަނީ ދިވެހިން ނިކަމެތިކުރަން.
ޖާބެ
26 August 2020
ސިޔާސީ މީހުން މަހުޖަނުންނައް ވެއްޖެ ރައްޔިތުން ބިކާރީ ވެއްޖެ ، ހުރިހާ ކަމެއްވެސް އަތްފޯރާފަށުގަ އަތްޖަހާ ކުދިންކޯޅު އަތްޖަހާނެ މިހާރު
އެންދެރި
26 August 2020
ކޮވިޑް އިން ފައިދާ ވީ ސިޔާސީ ވެރީންނަށެވެ. އާދައިގެ މީހުންނަށް ވީ ގެއްލުމެވެ . މިހާރު ވެސް ފައިދާ ވަނީ ސިޔާސީ މީހުންނަށެވެ.
ރަދީފު ބިން ރަފައިދާ
26 August 2020
ވޯޓުދިނީ ފުނޑާން. ދެން ފުނޑާނެއެއްނު.