ފްރޮންޓްލައިން ސްޓާފުންގެ މެދުގައި ކޮވިޑް ފެތުރޭ ނިސްބަތް ދައްކައިދޭ ގްރާފް
30 އޯގަސްޓް 2020 - 11:15
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި މިހާރު އެންމެ ގިނައީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ވަޒީފާނެތް މީހުން ކަމަށާއި ފްްރޮންޓްލައިން މީހުންގެ ތެރޭގައި ގިނައީ އެއާޕޯޓްގައި މަސައްކަތްކުރާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ތަފްސީލުކޮށްދެއްވި ގްރާފްތަކުން އެނގޭ ގޮތުގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ 600 މީހަކާއި ވަޒީފާ ނެތް މީހުންގެ ތެރެއިން ވެސް ހަމަ އެ އަދަދަށް މި މަހު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެ ބަލި ޖެހުނު މީހުންގެ ތެރޭގައި ތިން ވަނަ އަށް އެންމެ ގިނައީ މަސައްކަތުމީހުންނެވެ. އެ މީހުންގެ އަދަދު 400 އަށް ވުރެ މައްޗެވެ. ހަތަރު ވަނަ އަށް އެންމެ ގިނައީ ސްކޫލްތަކާއި ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނާއި ޓީޗަރުންނެވެ. މީގެ ތެވެސް 400 އަށް ވުރެ ގިނަ ކޭސް ހިމެނެ އެވެ. އެކަމަކު މަސައްކަތުމީހުންނަށް ވުރެ މަދެވެ.
އެކި ދާއިރާތަކުގެ މީހުންގެ ތެރޭގައި ކޮވިޑް-19 ފެތުރޭ ވަރު ދައްކައިދޭ ގްރާފެއް
ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވަކިވަކި އިދާރާތަކުގެ މީހުންގެ އަދަދުތައް ވަކިވަކިން ހާމަ ނުކުރަން އެޗްޕީއޭ އިން ކުރިންސުރެ ވެސް އޮތީ ނިންމައިފަ އެވެ. އެހެންވެ އަފްޒަލް ދެއްކެވީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މީހުން ޕޮޒިޓިވްވި މީހުންގެ ދާއިރާގެ ޖުމްލަ އަދަދުތަކެވެ.
އަފްޒަލް ހާމަކުރެއްވި ގްރާފުން ފެންނަ ގޮތުގައި އޭގެ ތެރޭގައި އެންމެ ގިނައީ އެއާޕޯޓްތަކުގައި މަސައްކަތްކުރާ މީހުންނެވެ. ދެ ވަނަ އަށް އެންމެ ގިނައީ ސިއްހީ ހިދުމަތްތެރިންނެވެ. އަދި ތިން ވަނަ އަށް އެންމެ ގިނައީ ފުލުހުންނެވެ.
ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ކޭސްތައް އިތުރުވި ސަބަބަކީ އަފްޒަލް ވިދާޅުވި ގޮތުގައި އެއީ ގިނަ ބަޔަކު އެކުވެގެން މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވުމެވެ. އޭނާ ވިދާޅުވީ ސްކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ޓީޗަރުން ޕޮޒިޓިވްވީ އެ ތަންތަނުގެ ތެރޭގައި ބަލި ފެތުރިފައިވުމުގެ ސަބަބަކުން ނޫނެވެ.
"އެހެން ވީމާ ނަގައިގަންނަވަންވީ އެއްޗަކީ ބޭރުތެރޭގައި އެބަ އުޅެޔޭ ފުދޭވަރަކަށް. އެއީ އެއް ސަބަބު، ބަލިޖެހުމުގެ، ނޫނިއްޔާ ވެސް ބޭރުތެރޭގައި އުޅޭ ބައެއްގެ ސަބަބުން ގޭތެރޭގައި ތިބި ބަޔަކަށް ބަލިޖެހެނީކަން،" އަފްޒަލް ވިދާޅުވި އެވެ.
ރޭ އަފްޒަލް ދެއްވި ތަފްސީލުތަކުން އެނގުނު ގޮތުގައި ކޮވިޑްގެ ކޭސްތައް މި މަހު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރޭގައި ބަލި ފެތުރޭ ނިސްބަތް ހުރީ މާލެ ލޮކްޑައުންކޮށްފައި އޮތް އިރު ވެސް ހުރި ވަރަށެވެ. އިތުރުވީ ދިވެހިންގެ ތެރޭގައި ބަލި ފެތުރޭ ވަރެވެ. އިއްޔެގެ ހަވީރު 6:00 އާ ހަމަ އަށް ރާއްޖޭން 7,578 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރޭގައި ދިވެހިންގެ އަދަދަކީ 4،653 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފްރޮންޓލައިން މެމމްބަރ
30 August 2020
ކޮބާތަ ފްރަންޓްލައިންގަ މަސައަކަތް ކިރާ މަޖިލިސް އޮތީ.އެއްވަނައިގެ ކުރީގަ ސުންވަނަިގަތޯ. މާލޭގެ މަޖިލިސްގަ ބޭކާރު އަނގަތެޅުން އެއީ ފްރަންޓްލައިން ވެފަ އެއައްވުރެ ފްރޮންޓް ޥާންވެގެން ނައިބު އާއި އަދިވެސް ސޯޓުބުރި ލީހާބަޔަކު ވީއައިޕީގަ ފްރޮންޓްވެގެން މިހާރު ރައްޖޭންބޭރުގަޔޯ ފްރަންޓްލައިންގަ ހުންނެވީ. ވަރަށް ފްރޮންޓްލައިން ވެވިފަތާ. މަޖިލީހަށް މިއޮތީ.
ައަސްލަށް ރުޖޫއަވަމާތޯ
30 August 2020
"ހަތަރު ވަނަ އަށް އެންމެ ގިނައީ ސްކޫލްތަކާއި ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނާއި ޓީޗަރުންނެވެ." އެކަމަކު އެޑިޔުކޭޝަނުން ހަމަ ހެސްކިޔާފަ ސްކޫލަށް ކުދިން ގެންނަދަން ކެމްޕެއިން ޖައްސަނީ. ސަރުކާރުން ނިކަން މަޖުބޫރު ކޮށްބަލަ ރަނގަޅު އަދި އަގުހެޔޮ އިންޓަނެޓް ފޯރުކޮށްދޭން. އެހިސާބުން ސްކޫލްތަކާއި އޮފީސްތައް އޮންލައިން ކޮށްބަލަ މިކަން ހަމައަކަށް އެޅެންދެން ވިޔަސް!