ރިޕޯޓް / ހުސްނުއް ސުއޫދު (ސުޕްރީމް ކޯޓުގެ ފަނޑިޔާރު)

ސުއޫދުގެ އަސްލު ނިޔަތަކީ ކޮބާ؟

ސުއޫދު ކުރެއްވި ޓްވީޓަކާ ގުޅިގެން ހައި ކޯޓުގެ އަމުރަކަށް މިދިއަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުވަނީ

27 އޮކްޓޯބަރ 2016 - 07:22

42 comments

ޝަރުއީ ނިޒާމަށް ފާޅުގައި ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވަފާނެ އެވެ. ދިފާއުގައި ނުކުންނަވާފާނެ ކަމަށް ހީވެސް ނުކުރެވޭ ކަހަލަ ބޭފުޅުންގެ ހައްގުގައި ބަސް ވިދާޅުވެދާނެ އެވެ. ސިޔާސީ ގޮތުން އެއް ފިކުރެއްގައި ތިބި ބަޔަކު ދޫކުރައްވައި، ކުއްލިއަކަށް ނުކުމެވަޑައިގެންފާނެ އެވެ. މިއީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ވަކީލް ހުސްނުއްސުއޫދުގެ ހަޔާތުން ފެންނަން ހުރި ހަގީގަތްތަކެވެ. އެކަމަކު އޭނާގެ އެ އަމަލްތަކުގެ ފަހަތުގައި ވާ ސަބަބުތައް ނޭނގި، އަސްލު މަންޒަރެއް ނުފެންނާނެ އެވެ.

ސުއޫދު "ގެއްލިގެން" އުޅުނު ވަގުތުކޮޅެއް ނޫސްވެރިކަމުގެ ހަޔާތުގައި އަޅުގަނޑަށް ދިމާވި އެވެ. އިންތިގާލީ ސުޕްރީމް ކޯޓުގެ ދެ އަހަރުގެ މުއްދަތު ހަމަވެ، ދާއިމީ ސުޕްރީމް ކޯޓު އުފައްދަން އެމްޑީޕީ ސަރުކާރާއި އިދިކޮޅު ޑީއާރުޕީއާ ދެމެދު ހުޅުފަޅައިގެން ގޮސް، ސިޔާސީ އަލިފާން އަނދަމުން ދިޔަ ދުވަސްވަރެވެ. އޭރު އޭނާ ހުންނެވީ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ އެޓާނީ ޖެނެރަލްގެ މަގާމުގަ އެވެ. ސުޕްރީމް ކޯޓުގެ ތަޅުދަނޑި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ކޯޓް ބަންދުކުރަން އުޅޭކަމުގެ އަޑުތަކާ އެކު އުފެދުނު ހައިޖާންގަނޑެވެ.

ކުއްލިއަކަށް ސުއޫދު އިސްތިއުފާ ދެއްވި އެވެ.

އެހާ ނާޒުކު ހާލަތެއްގައި ރައީސް ނަޝީދު ދޫކުރައްވާ އޭނާ ވަޑައިގެންފާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރާނެ އެވެ. ސުއޫދު ވަކިވެވަޑައިގެންނެވި ހަބަރާ އެކު އޭނާ ހޯދަން ނުވަތަ ގުޅަން އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. އެތައް ގޮތަކަށް، އެތައް ބަޔަކާ ގުޅައިގެން އެންމެ ފަހުން އޭނާގެ ބަހެއް ލިބުނު އިރު އެނގުނީ، ސުއޫދު ގަބޫލުކުރައްވާ އިމުން ސަރުކާރު ބޭރުވެއްޖެ ކަމެވެ. ޝަރުއީ ނިޒާމަށް ބޮޑު އިސްލާހެއް ގެންނަން އޭރު ވެސް އަދި މިހާރު ވެސް ސުއޫދުގެ އަޒުމް އެބަ އޮތެވެ. އެކަމަކު ސުޕްރީމް ކޯޓަށް ނުވަދެވޭ ގޮތަށް ސިފައިން ލައްވާ ތަން ބެލެހެއްޓުމުގެ އިތުރުން އިންތިގާލީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ރައީސް ނަޝީދަށް ފޮނުއްވި ސިޓީ އަކީ، އޭނާ ގަބޫލުކުރައްވާ އުސޫލްތަކެއް ނޫނެވެ.

ސުޕްރީމް ކޯޓުން ފޮނުވި ސިޓީގައި ވަނީ އިންތިގާލީ ސުޕްރީމް ކޯޓުގެ މުއްދަތު ހަމަވިޔަސް އެ ކޯޓު ނުއުވޭނެކަމާއި ފަނޑިޔާރުންގެ މުއްދަތު ވެސް ދެމިގެންދާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުން އާ ފަނޑިޔާރުން އައްޔަން ނުކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފާނެކަމުގެ ބިރު ސަރުކާރަށް އޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ހާލަތުގައި އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ބަސް ނުވިކޭނެކަން އޭނާ ގަބޫލުކުރެއްވި އެވެ.

މުއްދަތު ހަމަވުމުގެ މާ ކުރިން ލަފާ ދެއްވި

އޭރުގެ ހާލަތު އޮތް ގޮތުން ހުރިހާ ތަފްސީލެއް ނުދެއްވި ނަމަވެސް މިއަދު ސުއޫދަށް އެއްވެސް ހުރަހެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިގާލީ ސުޕްރީމް ކޯޓުގެ މުއްދަތު އޮގަސްޓް 7، 2010 ގައި ހަމަވުމުގެ ފަސް މަހެއްހާ ދުވަސް ކުރިން ރައީސް ނަޝީދަށް އޭނާގެ ލަފާ އެރުވި އެވެ. އާންމުންގެ އިތުބާރު ބޮޑުވާނެ އަދި ރަނގަޅު ސުޕްރީމް ކޯޓެއް ދުރާލާ އެކުލަވާލުމަކީ އޭނާގެ ނިޔަތެވެ.

"އެންމެ ފަހު ވަގުތު އުޅެގެން އެކަން ނުވާނެތީ އަޅުގަނޑު ލަފާ އެރުވިން ފެބްރުއަރީ ނުވަތަ މާޗު މަހު،" ސުއޫދު ވިދާޅުވި އެވެ.

އޭގެ ބޭނުމަކީ، ސުއޫދު ވިދާޅުވި ގޮތުގައި، އެންމެންގެ މެދުގައި މަޝްވަރާކޮށް، އެންމެ ރަނގަޅު ފަނޑިޔާރުން ހޯދުމެވެ. އެކަމަކު އެ މަސައްކަތް އެގޮތަކަށް ނުދިޔަ އެވެ. އެންމެ ފަހުން އޮގަސްޓް 7 އައި އިރު ސަރުކާރާއި، އޭރު ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރި އިދިކޮޅު ޑީއާރުޕީން ތިބީ، އެބައެއްގެ ފަޅިޔަށް ސުޕްރީމް ކޯޓު "ދަމާލެވޭނެ" ވިސްނުމެއްގަ އެވެ. އެކަން ނިމުނީ އެއް ބަޔަކު އަނެއް ބަޔަކަށް ބައި އަޅައިގެންނެވެ.

"ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރެއްވިޔަސް ރައީސް ނަޝީދަށް ވެސް އަމަލްކުރެއްވުނީ މުޅިން އެގޮތަކަށް ނޫން،" ސުޕްރީމް ކޯޓަށް ދާއިމީ ފަނޑިޔާރުން ހޮވަން ގެންގުޅުއްވި އުސޫލުތަކަށް އިޝާރަތްކުރައްވާ ސުއޫދު ވިދާޅުވި އެވެ.

އޭނާ އަށް އެކަންކަމެއް ގަބޫލެއްނުކުރެއްވުނެވެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރުން އޭނާ އިސްތިއުފާ ދެއްވީ އޭގެ ފަހަތުގައި ރަނގަޅު ސަބަބުތަކެއް ހުރެގެންނެވެ.

ހިތްހަމަނުޖެހުނު ސިޔާސީ ބޭފުޅުންގެ ފަހަތުގައި

"ކޮންމެ މީހަކަށް ވެސް އިންސާފު ލިބެން ޖެހޭނެ،" މިއީ ސުއޫދުގެ ހަމަ އެވެ.

އޭނާގެ އެ ނިޔަތަކަށް، އެ އަޒުމަކަށް ގުޑުމެއް ނާރަ އެވެ. ކުށެއްގެ ތުހުމަތުގައި ކޯޓަށް ގެންދާ މީހާ އަށް ލިބެން ޖެހޭ ހައްގުތައް އެއްފަރާތްކޮށް، ފަނޑިޔާރުންގެ ބާރު "ނާޖާއިޒު" ގޮތުގައި ބޭނުންކުރާ ތަން ބަލަން އޭނާއަކަށް ފަސޭހައެއް ނޫނެވެ. ސުއޫދުގެ ޓްވީޓްތައް ބައެއް ފަހަރަށް "ކެކިގަންނަނީ" އެހެންވެގެންނެވެ. ޓްވީޓާ އިން އޭނާ ފޮލޯކުރާ މީހުންގެ އަދަދު 30،000 އަށް ވުރެ މައްޗެވެ. އޭނާ އަކީ ޓްވިޓާގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނަމެވެ. އެހެންކަމުން އޭނާ ލިއުއްވާ އެއްޗެއް، އިސާހިތަކު އެތައް ބައެއްގެ ވިސްނުމަށް ދޫކޮށްލެވެ އެވެ.

މައުމޫންގެ ވަކީލް ހުސްނުއް ސުއޫދު (ވ)، މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުންނާ އެކު ހައި ކޯޓަށް ވަޑައިގަންނަވަނީ: ޕީޕީއެމްއާ މެދު އިއްވި ހުކުމް ވަރަށް ގޯސް ކަމަށް ވިދާޅުވޭ

ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ނާޒިމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ވަކީލެއްގެ ގޮތުން ސުއޫދު ވަކާލާތުކުރައްވާ ތަން ފެނުމުން ބައެއް މީހުންނަށް ގަބޫލުކުރެވެނީ އޭނާ "ލާރި އަށް ވިކެނީ" ކަމަށެވެ. ސިޔާސީ ގޮތުން ސުއޫދުގެ ވިސްނުމާއި އަނެއް ދެ ބޭފުޅުން ގުޅިފައި އޮތް ކޮޅު ވަރަށް ތަފާތެވެ. ދެ ނާޒިމަކީ ވެސް، ސުއޫދު އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރާ ގުޅުން ބޮޑު ބޭފުޅުންނެވެ. އަދި ސިޔާސީ ދާއިރާގައި އޭރު އެމްޑީޕީއާ އެންމެ އިދިކޮޅު އަޑުތަކެވެ.

ނަމަވެސް އެ ދެ ބޭފުޅުންގެ ވަކީލެއްގެ ގޮތުން ކޯޓަށް ވަޑައިގަންނަވަނީ، ސުއޫދު ވިދާޅުވި ގޮތުގައި، ކޮންމެ މީހަކަށް ވެސް ހައްގު ލިބުމާއި އެއްވެސް މީހަކު ނާއިންސާފުން ހައްޔަރުކޮށް، ޖަލަށް ލުމަކީ ދުވަހަކު ވެސް އޭނާ ގަބޫލުކުރައްވާނެ ސަބަބުތަކަށް ނުވާތީ އެވެ.

"އަޅުގަނޑު އަބަދުވެސް އަޑުއިއްވާނަން ހައްގު ހޯދަން. ނާއިންސާފުން މީހުން ހައްޔަރުކުރާ ތަން ބަލަން ފަސޭހައެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.

އޭނާ އަށް އެނގިވަޑައިގަތީ ކުރީގެ މެމްބަރު ނާޒިމްގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރަން ގިނަ ވަކީލުން ޖެހިލުންވާ ކަމެވެ. ނަމަވެސް ކޯޓުގައި މީހުންގެ ހައްގު ހިމާޔަތްކުރަން އަޑުއިއްވާކަށް ސުއޫދު ޖެހިލުންވެވަޑައެއް ނުގަންނަވަ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް،" ސުއޫދު ވިދާޅުވި އެވެ.

"އެކަމުގައި އަޅުގަނޑު އަޑުއިއްވާނަން. ޖެހިލުމެއް ނުވޭ."

ދެ ނާޒިމުގެ ދިފާއުގައި، ކޯޓު ތެރޭގަ އާއި ކޯޓުން ބޭރުގައި ވެސް އޭނާ ގެންދަވަނީ ކިތައްމެ ވާހަކައެއް ދައްކަވަމުންނެވެ. ވަކި ބައެއްގެ މައްސަލަތަކާ ހަވާލުވެވަޑައިގަންނަވާ އިރު ވެސް އެ ޝަރީއަތްތަކުގައި ކާމިޔާބުނުވާނެކަން އެނގިވަޑައިގަންނަވަ އެވެ.

"އަޅުގަނޑު އެ ބޭފުޅުންނަށް ވެސް ދަންނަވަން އެ ވާހަކަ. އެ ބޭފުޅުން ވެސް އެކަން ގަބޫލުކުރައްވާ،" ސުއޫދު ވިދާޅުވި އެވެ.

އެންމެ ފަހުން މިހާރު އޭނާ ނުކުމެވަޑައިގެން ހުންނެވީ، ސިޔާސީ ގޮތުން އޭނާއާ އެންމެ ދުރު އެއް ލީޑަރުގެ ފަހަތްޕުޅުގަ އެވެ. އެކަމަކު ޕީޕީއެމް މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިފާއުކުރައްވަން ވެސް އޭނާ ނުކުމެވަޑައިގަތީ، ސުއޫދު ވިދާޅުވާ ގޮތުގައި، ޝަރުއީ މަރުހަލާގައި ހައްގުތަކެއް ގެއްލިގެން ދާކަން ގަބޫލުކުރައްވާތީ އެވެ. އޭގެ އިތުރުން ޕީޕީއެމް ހިންގުމުގެ ބާރުތައް ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ދަށު ކޯޓުން ކުރި ހުކުމުން ގާނޫނީ އަދި ޝަރުއީ ވަރަށް ބޮޑެތި މައްސަލަތަކެއް ނުކުންނަ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ މައްސަލާގައި ދަށު ކޯޓުން ކުރި ހުކުމާ އެކު ސުއޫދު ކުރެއްވި ދެވަނަ ޓްވީޓް

ދަށު ކޯޓުގެ ހުކުމުން ސުއޫދުގެ އިހުސާސްތައް ބަންޑުންވާން ފެށީ މައުމޫންގެ ވަކީލަކަށް ހަމަޖެއްސުމުގެ ވެސް ކުރިންނެވެ. އެ ހުކުމާ އެކު އޭނާ އިނގިރޭސި ބަހުން ކުރެއްވި ފުރަތަމަ ޓްވީޓްގައި ވިދާޅުވީ "ޕީޕީއެމަށް ޝަރުއީ ބަގާވާތެއްގެ ވޭން ތަހައްމަލްކުރަން ޖެހިއްޖެ" ކަމަށެވެ. އަދި ޕާޓީ ހިންގާނެ ބަޔަކު ކަނޑައަޅަން ޖެހޭނީ ޕާޓީގެ މެމްބަރުން ކަމަށް ވެސް ވިދާޅުވި އެވެ.

"ކޯޓަށް ކުރެވިދާނެ ކަންކަން އެބަ ހުރި. މިސާލަކަށް ޕާޓީގެ ރައީސް މައުމޫނަށް އަމުރުކުރެވިދާނެ 24 ގަޑިއިރު ނުވަތަ 48 ގަޑިއިރުގެ ތެރޭގައި ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން. ނުވަތަ ޕާޓީގެ ކޮންގްރެސްއެއް ބާއްވަން،"

ހަމަ އެ ދުވަހު ދެ ވަނަ އަށް ކުރެއްވި ޓްވީޓްގައި އޭނާ ފާހަގަކުރެއްވީ އަދި މާ ބޮޑު މައްސަލައެކެވެ. އެއީ އެ ހުކުމް ސައްހަ ކަމަށް ވަންޏާ ރައްޔިތުންގެ ވޯޓަކާ ނުލައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ޔާމީން އައްޔަންކުރުމުގެ ބާރު ވެސް ކޯޓަށް އޮތުމެވެ.

ސުއޫދު ވިދާޅުވާ ގޮތުގައި ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ދީފައި ނުވާ ފަރާތަކަށް އެ ބާރު ކޯޓު ހުކުމަކުން ނުދެވޭނެ އެވެ.

"ކޯޓަށް ކުރެވިދާނެ ކަންކަން އެބަ ހުރި. މިސާލަކަށް ޕާޓީގެ ރައީސް މައުމޫނުގެ މައްޗަށް އަމުރުކުރެވިދާނެ 24 ގަޑިއިރު ނުވަތަ 48 ގަޑިއިރުގެ ތެރޭގައި ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން. ނުވަތަ ޕާޓީގެ ކޮންގްރެސްއެއް ބާއްވަން،" ސުއޫދު ވިދާޅުވި އެވެ.

"އެކަމަކު މިހާރު ބާރު މިދިނީ ޕާޓީގެ މެމްބަރުން ހޮވާފައި ހުރި ރައީސް އެ ހުރި ގޮތަށް ބަހައްޓާފައި މުޅިން އެހެން މީހަކަށް. އެއީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން."

އެ ހުކުމާ ގުޅިގެން އެހެން މިސާލެއް ވެސް އޭނާ ނެންގެވި އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ނުބާއްވާތީ، މަޖިލިހުގެ ރައީސާ ދެކޮޅަށް މަޖިލިހުގެ ދެ މެމްބަރަކު ކޯޓަށް މައްސަލައެއް ހުށަހެޅުމެވެ.

"އަޅުގަނޑު ހިތަށްއަރަނީ އެގޮތަށް ހުށަހަޅައިފިއްޔާ ކޯޓުން ހުކުމްކޮށްފާނެ ބާވައޭ، މަޖިލިހުގައި ނުހިމެނޭ މީހަކާ މަޖިލިހުގެ ރައީސްކަން ހަވާލުކުރަން؟" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ބައެއް ވެރިންގެ ހިމާޔަތުގައި ސުއޫދު ކުރައްވާ މަސައްކަތްތަކުގެ ނިޔަތާ މެދު މިހާރު ސުވާލެއް ނެތެވެ. އޭނާގެ އަޒުމަކީ އެ ބޭފުޅުންގެ ހައްގުތައް ހިމާޔަތްކުރެއްވުމެވެ. އިންސާފުވެރި ޝަރީއަތްތަކެއް ލިބޭތޯ ހިތްވަރުކުރެއްވުމެވެ.

އެ މަސައްކަތްތަކުގައި އޭނާގެ އަޑުއިއްވަވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވަ އެވެ. ކޯޓު ތެރޭގައި ނަމަ ފަނޑިޔާރުން އޭނާ ހުއްޓުވަން ދެނެވެ. ކޯޓުން ބޭރުގައި ނަމަ، ހުއްޓުވާނެ ފަނޑިޔާރެއް ނެތް މާހައުލެއްގައި، ޓްވިޓާ ފަދަ ވަސީލްތައް މެދުވެރިކޮށެވެ.

42 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 10%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަންމަދު

28 October 2016

އަހަރުމެންނަކަށް ނޭގޭ އޭނަގެ ނިޔަތެއް. އެނގޭ ކަމަކީ ސަހަލު ކަމަކައިގެން ނުދާނެކަން. ނަޝީދު ނޫނީ ޔާމީންގެ ފަރާތުން ގޮސް އުޅޭ މީހަކަށް ނުވިއްޔާ ސަހަނރޯ. ތީނަގެ ސަބަބުންކަންނޭނގެ ކޯޓުތަކުން ޕީޕީއެމްއާ ގުޅޭ ހުކުމްތައް ތިގޮތަށް ތިކުރަނީވެސް. އާންމު ގޮތެއްގައި މިހާރު މިއުޅޭ ވަކީލުން ވަކާލާތު ކުރަނީ މިބީދައިން. އެއްކޮޅުން ވަކީލަކަށް ނަގާ މީހާއަށް އަނެއްކޮޅުންވެސް ބޯކޮށް ލިބޭ ކަމަށްވޭ. ދެން އޭނަ ވަކާލާތު ކުރާނީ ދެބަދޭތެރެއަށް. އަހަރެން ތީނައަކަށް އިތުބާރެއް ނުކުރަން.

The name is already taken The name is available. Register?

ފަގީރު

27 October 2016

ވަރައް ސާފު ގައުމުގަ ފިތުނަ ފަސާދަ އުފައްދަން

The name is already taken The name is available. Register?

އަޑީބް އެންޑް ބަދީއް

27 October 2016

ތީހަމަ ލާރި. ލާރިޔާޖެހުނީމާ ނޯންނާނެ އެއްކޮޅެއް އިދިކޮޅެއް........ހަކުރުދެންނާ ބޮޑުބޭބޭ..........ލާރިދެންޏާ ޔޭއްސާ!

The name is already taken The name is available. Register?

އަހުމަދު

27 October 2016

ލިޔުންތެރިޔާ ބޮޑަށް މަސައްކަތްކޮށްފަ ވަނީ ސުއޫދުގެ ނުފޫޒުހުރިވަރު ބުނެދޭންތަ. ސުއޫދު މިއަދު ކޯޓުގެ ނިންމުމުން ހުޅުވިގެންދާ ނުރަނގަޅު ދޮރުތަކުގެ ވާހަކަ ބުނުމަކުން އެއިންއާ ގަބޫލުކުރުންތަކެއް ނުއުފެދޭނެ. މީހަކު ނުބުންޏަސް މިވާގޮތްތައް ދިވެހިންނަށް އެނގޭ. ސިވިލް ކޯޓުން މާދަން ނިންނަންވީ މީގެފަހުން ވަރިކުރުމުގެ އިޚްތިޔާރު އޮންނާނީ އަނބިންގެ އިޚްތިޔާރުގައޭ އެކަން އެހިސާބުން އެނިމުނީ. މައްސަލަޔަކީ މިހިސާބަށް އަންނަންދެން ތިފުންނާބު އުސް މީހުންތައް ކޮބާހޭ. ސިސްޓަމްގަ ހުރި ލޯވަޅުތައް މައުމޫނަށްވެސް އެނގެން ވީ މިއަދަކު ނޫނޭ.

The name is already taken The name is available. Register?

އަންޖުމަން

27 October 2016

އާނ! ހިލޭ ސާބަހަށް ވިއްޔާ ދަނީ މައްސަލަތަކުގައި! މޮޅެތި ވާހަކަ ދައްކާތި. ލާޖެއްސުމާއި ބެހޭގޮތުން މާބޮޑަށް އެނގިގެން ކުރި ޓްވީޓަކީ ސުއޫދުގެ ފެންވަރު ހާމަވާ ކަމެއް!

The name is already taken The name is available. Register?

ދޮންކަލޯބެ

27 October 2016

އޭރު ހުސްނުއްސުޢޫދު އިސްތިޢުފާ ދެއްވީ އުއްތަމަ ފަނޑިޔާރުކަމަށް އައުމުގެ ޝައުގުވެރިކަން ބޮޑުކަމުން ކަމަށް ވަނީ. މިއަދު ރައީސް މައުމޫނުގެ ފަހަތްޕުޅަށް އެރީވެސް އެބޭނުމުގަކަމަށް ވާހަކަ ދެކެވޭ. ކޮންމެގޮތެއްވިޔަސް އެއީ މޮޅު ލޯޔަރެއް.

The name is already taken The name is available. Register?

އަސްލަމް

27 October 2016

ރާއްޖޭގެ ޖުޑިސަރީއަކީ މުޅި ދުނިޔެއަށް ނަމޫނާ ޖުރިސަރީއެއް

The name is already taken The name is available. Register?

ބަކުރު

27 October 2016

އަމިއްލަ ފައިދާއަށް އުޅުއްވާ ބޭފުޅުން ގިނައީ

The name is already taken The name is available. Register?

ގޮއްޔެ

27 October 2016

މޫސަ އަނެއްކާ ކޮންދިމާލަކުން އިރު އަރައިގެން ތިއުޅެނީ؟؟ މަށެއް ނުވެސް ކިޔަން މި އާޓިކަލް އެއް. ހަމަ އެކަނި ސުރުޚީންވެސް މޫސަގެ ހިތުގައިވާ އެއްޗެއް ފެނި ހާމަވެއްޖެ. ތިބޭފުޅުން (ނޫސްވެރިން) އިނދަ ޖައްސާ، ސިޔާސީ ވެރިން ކުޑަ އުލަށް މަހާލާ، މީހަކަށް ދުވަހަކު ވެސް މަގޭ ވޯޓެއް ނުދޭނަން. އިންޝާ ﷲ މާދަމާވެސް އޭނާގެ ޙައްޤުތައް ނިގުޅައިގަނެވޭނެ. އެދުވަހުން ހަމަ އެއްކަލަ ސުޢޫދު އެ މީހުންގެ ޙައްޤުގައި ތެދުވާނެ. ބަލަން ތިބެމާ.

The name is already taken The name is available. Register?

ކިޔާލިނަމަ

27 October 2016

ގޮއްޔެ މި ލިޔުން ނުކިޔާ ކޮމެންޓް ކުރިކަން ވަރަށްދެރަ.. ލިޔުން އެއްކޮށް ކިޔާލި ނަމަ ދޭހަވީސް ލިޔުންތެރިޔާވެސް އެބުނަނީ ގޮއްޔެ ތިބުނިހެން ފިކުރީގޮތުން ސުއޫދާއި ކިތަންމެ ތަފާތު ބޭފުޅެއްގެ ހައްގު ހޯދަންވެސް ސުއޫދު ނިކުންނާނެކަން ލިޔުންތެރިޔާވެސް ބުނެފައި އެއޮތީ.. ޑޯންޓް ޖަޖް އޭން އާޓިކަލް ބައި އިޓްސް ހެޑިން ބބރނޗ

The name is already taken The name is available. Register?

ޕައްލަންބެ

27 October 2016

މިއާޓިކަލް އިން މަށަށް މުހިންމުވީ ހަމަ އެކަނި ނަޝީދު ގެ ދައުރު ގައި (ޝަރުއީ) ބަޤާވާތް ރޭވެމުން އައި ވާހަކަ. އިތުރު އެއްޗެއް އެނގިގެން ހިންގައްޖެ. ދެން އޮއޮތް ވާހަކަ ތަކަކީ އެއީ ހުރިހާ ލޮޔަރުން ވެސް ބުނާ ވާހަކައެއް. ދިފާއު ވުމައް ވަކާލާތު ކުރެވޭނެ ކޮންމެ ވަކީލަކަށްވެސް. ނާޝީދު ގެ ވާހަކަ ތަކަށް އެނބުރިލަމުން ބުނެވެން އޮތީ ސިޔާސީ ކޮމްޕްރޮމައިސް ތަކެއް ކުރެވޭ ވަގުތު ތިމާ ހިތްރުހޭ ހުރިހާ ގޮތަކަށް ކަންތަކެއް ނުވާނެއޭ ... ނަޝީދުގެ އެންމެ ކައިރިން މަސަތްކަތް ކުރިމީހެއްގެ ހައިސިއްޔަތުން ނަޝީދު ގެ އާޙިރު މަޤްސަދު ނިކަން ރަނގަޅައް ތިބޭފުޅާއަށް އިނގޭނެ ދެއްތޯ. ވަރަށް ގިނަ ދިވެހިންނަށް ނަޝީދު ކުރަން އުޅުނު މަސަތްކަތް މިހާރު ފަހުމުވޭ ... އެކަމު މިހާރު މިއޮތީ ވަގުތު ފާއިތުވެފަ. އެހެންނަމަވެސް ނަޝީދުވެސް މީގައި ނުރަނގަޅު ފިޔަފަޅު ތަކެއް އެޅިކަން އަބަފުވެސް ޤަބޫލު ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454