އެމްޑީޕީގެ އިސްބޭފުޅުންތަކެއް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ބިޑް ކުރުމަކާ ނުލައި ރަށްތަކާއި ފަޅުތައް ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތް އެމްޑީޕީގެ ސަރުކާރެއްގައި ބަލާނެ ކަމަށް އެ ޕާޓީން ބުނޭ.---ފޮޓޯ: މިހާރު
01 ނޮވެމްބަރ 2016 - 21:41
ބިޑް ކުރުމަކާ ނުލައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެހެން ބަޔަކަށް މިލްކުކޮށް ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތް އެމްޑީޕީގެ ސަރުކާރެއްގައި ތަހުގީގުކޮށް، ހިޔާނާތް އެކުލެވިގެން ހަރު މުދަލެއް ވިއްކާލާފައިވާނަމަ، އެ މުއާމަލާތެއް ބާތިލުކޮށް އެ މުދަލެއް އަތުލާނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.
ފުލުހުންގެ ބޭނުންތަކަށް ދީފައި އޮންނަ ކ. ފޭދޫފިނޮޅާއި ކުރިން ބޭރު ބަޔަކަށް ވިއްކި ފުށިދިއްގަރުފަޅާއި އިތުރު ރަށްތަކުގައި ރިސޯޓް ހަދަން ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރުމާ ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީން ވަނީ ބަޔާނެއް ނެރެ، ސަރުކާރުގެ އަމަލު ކުށްވެރިކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން މިފަހަރު އިއުލާންކުރި 11 ފަޅުރަށާއި ދެ ފަޅު ވިއްކާލައިގެން 2.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެ އެވެ.
އެމްޑީޕީގެ ބަޔާނުގައި، ފުށިދިއްގަރުފަޅާ މެދު މީގެ ކުރިން 2013 ވަނަ އަހަރު ސަރުކާރުން އެހެން ފަރާތަކާއެކު އެއްބަސްވުމެއް ހަދައި މުއާމަލާތް ކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި އެ އެއްބަސްވުމަށް ވީގޮތެއް އޮޅުން ނުފިލައި ވަނިކޮށް، އަނެއްކާ ފުށިދިއްގަރުފަޅު ވިއްކާލުމަށް އިއުލާން ކުރުމުން ސަރުކާރުން ތަކުރާރުކޮށް އަމަލު ކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަން ހާމަވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދާލަތު ޕާޓީން ވެސް ވަނީ ބިޑްނުކޮށް، ކުރީގެ އެގްރީމަންޓާއި ފައިސާއަށް ވީގޮތް ހާމަނުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނިންމުމާ ހިލާފަށް ފުށިދިއްގަރުފަޅު އަލުން ވިއްކާލަން ނިންމި ނިންމުން ކުށްވެރިކޮށްފަ އެވެ.
"އެމްއެމްޕީއާރުސީ އިން ޓުއަރިޒަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކުރުމުގައި މީގެ ކުރިން ވެފައިވާ އެތައް ބިލިޔަން ރުފިޔާގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މިހާތަނަށް އެއްވެސް އަދަދެއް ހޯދައި، ރައްޔިތުންގެ ހަޒާނާގެ ތެރެއަށް އަލުން ވައްދާފައި ނުވާއިރު، މި މުޖުރިމު ސަރުކާރުން ހިންގާ މިފަދަ މުއާމަލާތްތަކުގައި ވައްކަމާއި ހިޔާނާތް ދެން އެކުލެވިގެން ނުވާނޭ ކަމަށް، ނުވަތަ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ނުދޭނޭ ކަމަށް ރައްޔިތުން ނުދެކުމަށް އެމްޑީޕީ އިން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ބޭނުމުގައި، ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލްއާ އެކު 2013 ގައި ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދާފައިވެ އެވެ. އަދި އެ ފަޅުގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުން ނޫނީ ކުއްޔަށް ނުދިނުމަށް އޭސީސީ އިން ޓޫރިޒަމް މިނިސްޓްރީ އަށް މިދިޔަ މާޗް މަހު އަންގާފައިވެ އެވެ.
ފުށިދިއްގަރުފަޅު ވިއްކާލަން ސަރުކާރުން ނިންމީ ކުރިން ހަދާފައި އޮތް އެއްބަސްވުން އުވާލުމަށް ފަހު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހސހޒހޒހހ
04 November 2016
އެމް.ޑީޕީ ތިކަހަލަ ވާހަކަ ދެއްކީމާ ވަރަށް ހަޑި ދޯ. ޢަދިވެސް ދިވެހިން މިއުޅެނީ އެމް.ޑީޕީ އިން ހެދި ހިޔާނާތުގެ އެގްރިމަންޓް ތަކުން ސަލާމަތް ނުވެވިގެން. ޢަނގަ ހުޅުވާއިރު ދަތްއުނގުޅައިގެން ހުޅުވަބަ. ޥަސްދުވަޔޭ
ޒާ
04 November 2016
އެހެންވެ ޖީއެމް އާރު އެއްބަސްވުންވެސް ސަރުކާރުން ބާތިލް ކުރީ. އެކަމަކު ނަޝީދުގެ ސަބަބުން ދިވެހި ދައުލަތަށް 250 މިލިއަން ޑޮލަރުގެ ގެއްލުމެއްވި. މުޅީންވެސް އެކަހަލަ ކަންތައް ކޮށްފައިހުރީ.
މެންޓަލިސްޓް
02 November 2016
އެއީކޯޓުން ކުރެވޭނެކަމެށް ، ޓްއަރިޒަމް މިނިސްޓްރީއިން ލީޒްއެގްރީމެންޓްގައި ސޮއިކޮއްފައި ނޫނީ އެވާޑް ސިޓީދީފައިހުރި އެއްވެސް ތަނެއްގެ އެގްރީމެންޓް ނޫނީ މިލްކްވެރިކަމުގެ ހުއްދައެއް ބާތިލް ކޮށް އެކަން ނިގުޅައިގަނެވޭނީ ކޯޓްތަކުން ، ދެން އޮތީ އެމް،ޑީ،ޕީގެ ސަރުކާރުން ރައްތަށް ދިނީ ބިޑްކޮއްގެންތޯ ؟ ޖަވާބަކީ އެން،ޕީ،ސީ ކިޔާ ނެޝަނަލް ޕްލޭނިންގް ކައުންސިލްއިން ޕްރޮޕޯޝަލް ލާމީހުންނަށް ރައްތަށް ދެމުންގެންދިޔައީ ،،، އެއްވެސް ބިޑްކުރުމަކާއިނުލައި ،،، ވީމާ ގުދޯގުދޯ ނުކިޔުން ވަރަށް އެދެން ، އޭރު އެކުއިޒިޝަން ކޮސްޓްއަކަށް އޮތީ ހެކްޓަރ އަކަށް 6 ލައްކަ ޑޮލަރުގެ ރޭޓޫން ބޭޏުން ބަޔަކަށް ރައްތަށް ވިއްކާގޮތަށް ،، ވީމާ އޮޅުވާނުލާ ހަގީގަތަށް އެމް،ޑީ.ޕީވެސް ވާހަކަދެއްކުން ވަރަށް އެދެން ،،،
ދޮގެއްތަ؟
02 November 2016
އެމްޑީޕީ ސަރުކާރެއްގައޭ! ކެކެކެ ހިޔަނި ރައީސަކާއި ހިޔަނި ވަޒީރުން ތިބެގެން ޚިޔާލީ ސަރުކާރެއް ހިންގައި އެގްރިމެންޓްވެސް ޚިޔާލީ ގޮތުން އުވާލާ. ހަހަހަހަކެކެކެކެ ވެރިކަމޯ.
މަހަށްދޭ
02 November 2016
މަމެންގެ ބިއުޓިފުލް ސަރުކާރުން ވިއްކާ ރަށެއްގެ އެއްބަސްވުމެއް ތަމެންނަށް ބާތިލް ކުރެވޭނެއޭ ބުނާނަމަ އެމެރިކާ އާއި ހަނގުރާމަ ކޮށްގެން އަފްއާން ތާލިބާނުންނަށް މޮޅު ވީސް އެވެ. ތަމެން ނަށް ނުވާނެ ތިކަމެއް އިނގޭ. ތަމެންނަށް އެއްބަސްވުން ބާތިލް ކުރެވޭނީ ތަމެންނަށް ރާއްޖޭގެ ވެރިކަމަށް އާދެވިއްޖެ ނަމަ ތާ. ތަމެން ދެން އާދެ ބަލަ ރާއްޖޭގެ ވެރިކަމަށް. ރައީސް އޮފީހާއި 100 ކިލޯ މީޓަރު ގާތަށް ވެސް ތަމެން ނާންނާތި އިނގޭ. ތަމެން ރަނގަޅު ވާނެ ދެން ދޮށި ބޮނޑި ހިފައިގެން މަހަށް ދާން އުޅުނިއްޔާ ދޯ.
ހަމީދާ
02 November 2016
ކިހާ ދެރަކަމެއް. އެއްވެސް ރަށެއް އަތުލެވޭމީ އެމްޑީޕީ ސަރުކާރެއް ގާއިމު ވެގެންތާ؟ ﷲ އިރަދަފުޅުން ދެން ދުވަހަކުވެސް މި ގައުމަށް އެމްޑީޕީ ވެރިކަމެއް ނައަންނާނެ.. އަގަފުޅާކޮށްފަ ވައްކަމުގެ ވާހަކަ ދައްކާއިރު، މިސަރުކާރުން އެތިބީ ވައްކަން ކުރިމީހުން ޖަލަށް ލާފައި. މި ސަރުކާރުގެ ރައީސް އެންމެ އިތުބާރުކުރި ނައިބު ރައީސްވެސް އެ އޮތީ ޚިޔާނަތް ސާބިތުވީމަ ޖަލުގަ، ރައީސް އެންމެ އެކުވެރިޔާވެސް ޚިޔާނަތުގެ މައްސަލަ ސާބިތުވެ ޖަލިގަ. އެމްޑީޕީ އެހެން ތޯ؟ ވައްކަންކޮށް ވައްކަން ސާބިތުވާ މީހުން ވެސް އެތިބީ އަދިވެސް މަގުމަތީ ހަޅޭއްލަވަން
ވާލަ ހަންބެ
02 November 2016
އަޅުގަނޑަށް މިރާއްޖޭގެ ވެރިކަން ލިބޭ ދުވަހަކުން، ރައީސް ޔާމީނާއީ، މަޖިލިސް މެންބަރުންގެ ތެރެއިން ބިން ވިއްކުމަށް ތާއީދުކޮށް ވޯޓު ދިން މެންބަރުން ނާއި، ރައީސްގެ ކެބިނެޓް މެންބަރުން ގެ މުދާ ދައުލަތަށް ނަގާނަން.
ދެރަ
02 November 2016
އަހަރެން އެންމެ ދެރަވަނީ ފޭދޫ ފިނޮޅު ވިއްކާލާތީ، މާލެކައިރިން ސްކޫލްކުދިންގެ ކެމްޕެއް ބާއްވަން ވެސް ދެން ތަނެއް ނެތް. ތިޔަ ނުވިއްކާ ދިވެހިންގެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ނޫނީ ސްކޫލްކުދިންގެ އައުޓްޑޯ އިވެންޓްތައް ބޭއްވުމަށް ތިޔަރަށް ވިއްކާނުލާ ބާއްވާދީ. އާދޭސްކޮށްފަބުނަން. ތިޔަގޮތަށް ތަންތަން ވިއްކައިގެން ތަރައްޤީ ނުގެނަޔަސް އެންމެރަނގަޅު. ތިޔަކަމުން ދިވެހިންވާނީ ނިކަމެތި.
އުފާ
02 November 2016
މިގޮތަށް މިހަދަނީ އެންމެގާތް މީހުނަށް މާލެ ކައިރިން ރަށެއްދޭންވެގެނޭ.
ހަމަ ތެދެއް
02 November 2016
ގުދޯ ގުދޯ ގޮވާކަށް ލަދެއް ނުގަނޭތަ؟ ޔާމީނުގެ އަމިއްލައަކަށް ނޫންތަ ބުނީ މިދިވެހިރާއްޖޭގައި މިވީހާ ތަނަށް ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު ވައްކަން ކުރީ ތިމަން މަނިކުފާނުގެ ވެރިކަމުގައޭ. ހަމަ މިބަސް މިގޮތަށް މައުމޫނުވެސް އެވަނީ ވިދާޅުވެފައި. ދެން ކޮން ވައްކަމޭ ކޮރަޕްޝަނޭ ކިޔާކަށްތަ؟؟؟؟
އެކްސް
02 November 2016
ތިހުރިހާ ރަށްތަކެއްވެސް އަތުލަންޖެހޭނެ. އެކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތް. އެންމެނަށް ވާދަކުރެވޭނެހެން ހަމަހަމަ އުސޫލެއްގެ ދަށުން ރަށްތައް ކުއްޔަށް ދޫކުރަން އިއުލާން ކުރަންޖެހޭނީ.