ޚިޔާލު / ރާއްޖެ-ލަންކާ

ލަންކާ މީހުން ވަޅުލައިދޭން ބޭނުންވާ ވަރުން ދުވާ ނުބައި ވަސް!

ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަންދާތީ އެކަމާ ދެކޮޅަށް ކުރާ ހިމޭން އިހްތިޖާޖުގައި، ގަބުރުސްތާނެއްގެ ބޭރުގައި ހުދު ފޮތި އައްސަނީ

ސްރީ ލަންކާ ސަރުކާރުން މުސްލިމުންނާއި ކްރިސްޓިއަނުންގެ ހައްގެއް ނިގުޅައިގަނެގެން އުޅޭ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެ ވަދެފައި މި އޮތީ އާދަޔާޚިލާފު ގޮތަކަށެވެ. ކޮވިޑް-19ގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ދައްކަން ވަޒީރުންނާއި ސިޔާސީ މީހުންނާއި ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން އުޅޭ ގޮތް ވެސް ހަމަ އެހާމެ އާދަޔާޚިލާފެވެ. އާއްމުންނަށް ނޭނގޭ ކަންތައްގަނޑެއް މި ކަމުގެ އަޑީގައި އޮތީތޯ ޝައްކު އުފެދޭހާ އާދަޔާޚިލާފެވެ.

ކޮވިޑް-19ގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ވާހަކަ އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ލަންކާ މީޑިއާ އިން ހާމަކުރީ ރާއްޖޭގެ ހުށަހެޅުމެއްގެ ގޮތުގަ އެވެ. ޕަބްލިކް ހެލްތު ސާވިސަސްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. ހެމަންތަ ހެރަތު ލަންކާގެ ޑެއިލީ މިރާ އަށް ވިދާޅުވިގޮތުން ނަމަ އެއީ ކުރެވިދާނެ ކަމެއްތޯ ބަލައި އުސޫލެއް ތައްޔާރުކުރަން ހެލްތު މިނިސްޓްރީ އަށް އެންގީ އެކަން ކޮށްދޭން ބޭނުންވާކަން ދިވެހި ސަރުކާރުން ރަސްމީކޮށް އެ ގައުމުގެ ފޮރިން މިނިސްޓްރީ އަށް އެންގުމުންނެވެ. އެކަމަކު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނު އިރު އޭގައި އޮތީ އެކަމާ ބެހޭ ގޮތުން ސަރުކާރު ތެރޭގައި މަޝްވަރާކުރަންދާ ކަމަށެވެ. އަދި އެ މަޝްވަރާތައް ފެށީ ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އެކަމަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވުމުން ކަމަށް ވެސް ބުނެފައިވެ އެވެ. ފަހުން ލަންކާ ކެބިނެޓުގެ ތަރުޖަމާނު ވިދާޅުވި ގޮތުން ނަމަ އެ ގޮތަށް އެދުނު ކަމެއް ކެބިނަޓަކަށް ނޭނގެ އެވެ. ކެބިނެޓުގައި އެފަދަ މަޝްވަރާއެއް ވެސް ނުކުރެ އެވެ.

ފުރަތަމަ މި ވިސްނުން ފާޅުކުރީ ކޮންމެ ސަރުކާރަކުން ކަމަށް ވިޔަސް, މަޝްވަރާގެ މަރުހަލާގައި އޮތް ކަމެއް ކަމަށް ބުނެ ދިވެހި ސަރުކާރުން ދުރާލާ ރައްޔިތުންނަށް މިފަދަ ކަމެއް ނުހަނު ރަސްމީކޮށް އެންގީމާ ސަރުކާރުގެ ހާމަކަމާ މެދު އާއްމުން އުފާކުރާނެ އެވެ. ކޮވިޑް ޖެހިގެން މަރުވާ ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބާއްވައިދިނުމާ ދޭތެރޭ ދިވެހިން ދެކޭ ގޮތް ބަލައި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ނިންމުމުގެ އިޚްތިލާސްތެރިކަން ސަރުކާރުން ގެންގުޅޭ ކަމަށް ހީކުރާނެ އެވެ. އެކަމަކު ދެން އައީ, މިއީ ކޮންމެހެން ކުރަން ޖެހޭ ކަމަށް ދައްކަން ސަރުކާރު ތެރެއިންނާއި ބޭރުން ވާހަކަތަކެއް ފަޅައި ކަންތައްގަނޑެއް ހިންގައިގަތް ތަނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އާދަޔާޚިލާފު ހުއްޖަތަކީ ޒަމާނުއްސުރެ ވެސް ލަންކާގެ ގަބުރުސްތާނުތަކުން ދިވެހިންނަށް ޖާގަ ލިބިފައިވާ ކަމެވެ. އިރުކޮޅެއް ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓެއް ހަމަ އެ މޭރުމުންނެވެ. ލަންކާގެ މިސްކިތެއްގައި "ދިވެހި ހަތަރު ޖީލެއްގެ ލީޑަރުން" ވަޅުލާފައި އެބަތިބި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އާއްމުންގެ ތެރޭގައި ބަހުސް އެންމެ ހޫނުވެގަތް ދަނޑިވަޅު ބަލާފައި އިސްލާމިކް މިނިސްޓްރީން ވެސް "މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދީނީ ވާޖިބެއް" ކަމަށް އެކަނި ބުނެލާފައި ޓްވީޓެއް ދޫކޮށްލި އެވެ. އިހަށް ދުވަހު ރުގުޔާގެ ނަމުގައި އަނިޔާވެރިވި ޖަރީމާއެއް ފަޅާއަރައި ދީނީ ހޭލުންތެރިކަން ބޭނުންވެފައި އޮތް މިންވަރު ހާމަވެ އިސްލާމިކް މިނިސްޓްރީގެ ބަހެއް އިވޭތޯ އާއްމުން ކެތްމަދުވެފައި ތިބި އިރު ހިލަމެއް ނުވެ ހަނު ހުންނެވ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މި ކަމުގައި އަމިއްލަފުޅަށް ވެސް ނިކަން ހަލުވިކޮށް ބަސް އިއްވަވައިފި އެވެ. ކުރުން މުހިއްމު, ސަވާބާއި ދަރުމަހުރި ކަމެއްގެ ގޮތުގަ އެވެ. ސަރުކާރަށް ތާއީދުކޮށް ސަރުކާރުގެ ދިފާއުގައި އާއްމުކޮށް ވާހަކަދައްކާ ޝެއިޚުންނާއި ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ އަދާލަތު ޕާޓީގެ ރުހުމާއި ތައުރީފް ވެސް އޮއްސާލައިފި އެވެ. ކޯލިޝަންގެ އަނެއް ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް މިއީ "އެދެވިގެންވާ" ކަމެކެވެ.

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އުޅުއްވަނީ ތާއީދުގެ ޓްވީޓުތައް ރީޓްވީޓްކުރެއްވުމުގަ އެވެ.

މުޅި އެތިން ފެންނަނީ ޕްރޮޕެގަންޑާއެއް ފަތުރާ ތަނެވެ. ދުވަނީ ނުބައި ނިޔަތެއްގެ ވަހެވެ.

ޒަމާންވީ ގާތް އަވައްޓެރިޔާ އަށް ކަމެއް ޖެހުނު ވަގުތު އެހީތެރިވާންވާނެއޭ ކިޔަސް, އެހީގެ އަތް ދިއްކުރާށޭ މި ބުނަނީ ވަރަށް އެހެން ކަހަލަ, އާދަޔާޚިލާފު ކަމެއްގަ އެވެ. މިއީ ކޮވިޑް ކޮންޓްރޯލްކުރުން ނުވަތަ އެ ބައްޔަށް ފަރުވާދިނުމުގެ އެހީތެރިކަމެއް ނޫނެވެ. އެ ބަލީގައި މަރުވާ އަމިއްލަ ރައްޔިތުންގެ ތެރެއިން ވަކި ބަޔަކާ މެދު ތަފާތުކޮށް އިހާނެތިކުރުމުގެ ހަރުކަށި ސިޔާސަތަކަށް ދޫނުދީ އޮތް ސަރުކާރަކަށް ދޭން ބުނާ އެހީތެރިކަމެކެވެ. ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުން ރައްކާތެރިކަމަށް ނިންމާފައި ހުރި ބައިނަލްއަގުވާމީ މިންގަނޑުތައް ވެސް ބަލައިނުގަނެ, ގައުމުގައި އޮތް ބުޑިސްޓު އަޣުލަބިއްޔަތުގެ ޕްރެޝަރަށް މުސްލިމުންތަކެއްގެ ހަށިތައް އަންދާލި ސަރުކާރެކެވެ.

ހަމަ ގައިމު ލަންކާގެ މުސްލިމް އާއިލާތައް އެދިއެދި ތިބީ ލޯބިވާ މީހުންގެ ގަބުރުތައް އެހެން ގައުމަކަށް އަރުވާލުމުގެ ނިކަމެތިކަމަކަށް ނޫނެވެ. އަމިއްލަ ފަސްގަނޑުގައި ވަޅުލުމުގެ ހައްގަށް ވުރެ ތަންފުކެއް ކުޑަ މިންވަރަކަށް ވެސް އެ މީހުން ރުހޭނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު ލަންކާގެ ރައީސް ދިވެހި ސަރުކާރުގައި މި އެދުނު އެދުމުން އެނގެނީ ލަންކާ ސަރުކާރުން އަދިވެސް ކަން ކުރަން މި އުޅެނީ މުސްލިމުންނަށް އިހާނެތިކޮށް ކަމެވެ. މި މައްސަލައިގައި މުސްލިމް ރައްޔިތުންނަށް ހޯދައިދޭނެ ހައްލަކީ އެ މީހުންގެ ގާތްތިމާގެ މީހުންގެ ގަބުރުތައް ޖެހިގެން އޮތް ގައުމުގެ ބޮލަށް ޖަހާލުން ކަމެވެ. އެކަމާ ދެކޮޅުކަން ލަންކާގެ މުސްލިމުން ތަމްސީލްކުރާ ބައެއް ފަރާތްތަކުން މިހާރު ވެސް ވަނީ ހާމަކޮށްފަ އެވެ. ދިވެހި ސަރުކާރަށް އެކަން އެނގޭނެ އެވެ.

މި އުޅެނީ ލަންކާ ސަރުކާރަށް ގޮތް ހުސްވެގެނެއް ނޫނެވެ. އަމިއްލަ ބާރު ނުފޯރުވޭ ފަދަ ހާލަތެއް މެދުވެރިވެގެނެއް ނޫނެވެ. ލަންކާގައި މީހުން ވަޅުލާނެ ބިން ނެތީއެއް ވެސް ނޫނެވެ. ލަންކާ ސަރުކާރުން މި އުޅެނީ އަމިއްލަ ރައްޔިތުންތަކަކަށް ދޭން ޖެހޭ ހައްގު މިންވަރު ނުދީގެން އެތެރެއިން ކުރިމަތިވަމުންދާ ފިއްތުންތަކުން ބޯދަމައިގަންނާށެވެ. ގޮތް ދޫނުކޮށް ދެން ވެސް މުސްލިމުން ނިކަމެތިކުރާށެވެ. އެ ކަމުގައި ދިވެހިރާއްޖެ ބައިވެރިކުރަން ސަރުކާރުގެ އިސް އޮފިޝަލުން އާދަޔާޚިލާފަށް ބޭނުންވެގެން މި އުޅޭ ހަގީގީ ސަބަބު ސާފުވާން ޖެހެ އެވެ. ގައިމު ލަންކާގެ ގަބުރުސްތާނުތަކުގައި ވަޅުލާފައި ތިބި ދިވެހިންނަކީ މަރުވީމާ ރާއްޖެ އިން ބޭރުކޮށްލައިގެން އެ ގައުމުގެ ފަސްގަނޑަށް ތިރިކުރަން މަޖުބޫރުވި ގަބުރުތަކެއް ނޫނެވެ. އެ މަހާނަތަކަށް ރާއްޖެ އިން ދޭން ޖެހޭ ބަދަލެއް ނެތެވެ. ރާއްޖޭގައި ލަންކާ މީހަކު މަރުވިޔަސް، ވަޅުލާނެ އެވެ.

ކުރަން ޖެހެއޭ މި ކިޔަނީ ލަންކާ ސަރުކާރުން އެ ގައުމުގެ މުސްލިމުންނަށް ކުރިމަތިކޮށްފައި އޮތް ނިކަމެތިކަމުގައި ބައިވެރިވާ އައުވާނެއްގެ ހުތުރު ބަދުނާމު ރާއްޖޭގެ ބޮލުގައި އެޅިދާނެ ވަރު ކަމެކެވެ. އެފަދަ ކަމެއް ކުރުމުގެ ހައްގެއް ސަރުކާރަކަށް ނެތެވެ. މި މައްސަލައިގެ ތެރެއަށް ވަންނަން ސަރުކާރުން ބޭނުމިއްޔާ, ލަންކާ މުސްލިމުންނަށް ހައްގު މިންވަރު ދޭން އެ ގައުމުގެ ސަރުކާރަށް ބާރުއަޅަންވީ އެވެ. ޑިޕްލޮމެޓިކްކޮށް, ނުސީދާކޮށް ނަމަވެހެވެ. ރާއްޖެ އިން މީހުން ވަޅުލަމުންދަނީ ކޮވިޑް ޖެހިފައި އޮތް ގަބުރަކުން ބިމު އަޑީގެ ފެން ތަޣައްޔަރުވެދާނެ ކަމުގެ ބިރެއް ނެތިކަން ބުނެދީގެން ވިޔަސް މެ އެވެ. ކޮވިޑް މަރުތަކުގެ ޖަނާޒާތައް ރައްކާތެރި ގޮތުގައި ބާއްވާ ގޮތް ކިޔައިދީ, މީހުން ތަމްރީންކޮށްދޭން ހުށަހަޅައިގެން ވިޔަސް މެ އެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އަދި އެންމެ ގާތުގައި އޮތް އަވައްޓެރިޔާގެ ހައިސިއްޔަތުން ލަންކާ މުސްލިމުންގެ ހައްގަށް ވަކާލާތުކުރުމުގެ ޒިންމާ ވެސް ރާއްޖެ އަށް އެބަ އޮތެވެ. އެ ޒިންމާ އަދާކޮށްގެން ރާއްޖޭގެ ލީޑަރުންނަށް އެ މީހުންގެ އިސްލާމީވަންތަކަމާއި އިންސާނިއްޔަތުކަން މާ ފުރިހަމަ އަށް ދެއްކޭނެ އެވެ.

ސަރުކާރުން ދިވެހި ރައްޔިތުންގެ ނަމުގައި ނިންމަން މި އޮތީ ބޮޑު ކަމެކެވެ. އެހެންކަމުން, ލަންކާ ސަރުކާރަށް ވުރެ ވެސް މާ ބޮޑަށް ރާއްޖޭގެ އިސް ބައެއް މީހުން މިކަން ކުރަން ބޭނުންވާހެން ހީވާ ވަރަށް, އާދަޔާޚިލާފު ގޭސްގަނޑެއް ޓްވިޓާގައި މި އެނބުރެނީ ކީއްވެގެންތޯ ދިވެހިން ސުވާލުކުރަން ޖެހެ އެވެ. ސަރުކާރުގެ އިސް އޮފިޝަލުންނާއި ސަރުކާރަށް ސަނާ ކިޔާ ބަޔަކު, މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދައްކަން އުޅުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއްތޯ ހޯދައިގަންނަން ޖެހެ އެވެ.

74 ކޮމެންޓް, 217 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 4%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސްހަގީގަތް

18 December 2020

މިހާރު ނޫހުން ހަގީގަތަށް ނޫންގޮތަކަށް ކޮން ދުވަހަކު ކޮން ރިޕޯޓެއްތޯ ގެނައީ.. އަހަރެމެން ޕާޓިއަވައިގަ ޖެފަތިބޭ މީހުން އެ، ގޮތްގޮތަށް އަބުރަނީ.. މިރިޕޯޓަކީ މިއަދު އިދިކޯޅެންނަށް މިވަރެއނެތް ރިޕޯޓަކަށްބަލާ މިހާރަށް ސަނާ ކިޔާއިރު، ވައްކަން ސާބިތުވެއޮތް ގައިދީ ޔާމީން ވައްކަންކުރި ކަމަށް މުވައްސަސާ ތަކަށް ރިފާކޮށް މިހާރުން ލިޔެފައިވާ ރިޕޯޓުތަކަށް ރަތްމަލަށް ނުގޮހާ ހުތުބަސްތަކުން ގޮވީވެސް ހަމަ ތިބޭފުޅުން ނުންތޯ.. ހަމަ މިރިޕޯޓވެސް ވ ފުރިހަމަ

The name is already taken The name is available. Register?

ޒީރޯ ފޮޑި

18 December 2020

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އުޅުއްވަނީ ތާއީދުގެ ޓްވީޓުތައް ރީޓްވީޓްކުރެއްވުމުގަ އެވެ. މުޅި އެތިން ފެންނަނީ ޕްރޮޕެގަންޑާއެއް ފަތުރާ ތަނެވެ. ދުވަނީ ނުބައި ނިޔަތެއްގެ ވަހެވެ.

The name is already taken The name is available. Register?

ޙަޤީޤަތް

17 December 2020

ފަހުގެ ތާރީޚެއްގަ މިހާރު ނޫހުން ފެނުނު އެންމެ ރަނގަޅު ރިޕޯރޓް. ސިޔާސީ ނުފޫޒުން އެއްކިބާވެ ގައުމީ ކަމެއްގޮތަށް ލިޔެފަވާ ރިޕޯރޓެއްކަން ފާހަގަވޭ. ވަގުތު އަދި ރާއްޖެއެމްވީ އެބަޖެހޭ މިކަހަލަ ރިޕޯރޓްތަކުން ނަމޫނާ ނަގަން.

The name is already taken The name is available. Register?

މޫރިޝް

17 December 2020

އާސިޔަތުގެ ގިނަ ލިޔުންތައް ފަދައިން މިލިޔުމުންމެސް، އޭނާ ހުންނެވީ މިކުރެވޭ ބަހުސްގެ ކޮންފަޅިއެއްގައިކަން ވަރަށް ސާފުކޮށް އެގެއެވެ. މިއީ، މައްސަލާގެ ދެފަރާތާ ރަނގަޅަށް ހޯދާ ބަލާފައި، ދެފަރާތުގެ ވިސްނުން އަޅާކިޔާފައިވާ، އިންސާފުގެ ނަޒަރަކުން މުޅި މައްސަލައިގެ ހަގީގަތް ހާމަކުރާ ލިޔުމެއް ނޫނެވެ.މިއީ،އޭނާގެ އަމިއްލަ ޚިޔާވެސް ނޫނެވެ. އެއާއިޚިލާފަށް މިއި،ސަރުކާރާއި މެދު އޭނާގެ ހިތުގައި އޮތްކަމަށް ދޭހަވާ ނަފުރުގެ ކުނިވަސް ދުވާ ލިޔުމެކެވެ.

The name is already taken The name is available. Register?

ޢަޙުމަދު ނަޢީމް

17 December 2020

ރައީސް މައުމޫން ވިދާޅުވި އެއްވެސް ވާހަކައެއް މި ލިއުމުގައި ނެތުމުން، ފުރިހަމަ ނުވާކަން ފާހަގަކުރަން! އެމަނިކުފާނު ލަންކާއިން ރާއްޖެއަށް، ގަބުރު ގެންނަން ތާއީދު ނުކުރައްވާ!

The name is already taken The name is available. Register?

އުނޭސް

17 December 2020

ބަލަ ލަންކާގަ އެބަ އުޅޭ ތިރީސް ހާހަށް ވުރެ ގިނަ ދިވެހިން! މީގެން މީހަކު ކޮވިޑުގައި ނިޔާވެގެން އަންދަން ޖެހިއްޖެ ނަމަ ކިހިނެތްތޯ ހަދާނީ! އެކަމު ލަންކާ މީހުންވެސް ވިސްނަން އެބަ ޖެހޭ ޑަބްލިޔުއެޗްއޯ އާއި އެހެނިހެން ޤައުމުތަކުގަވެސް އެއްވެސް ވަރަކަށް ބާރުއަޅާ ކަމެއް ނޫން ކޮވިޑުގައި ނިޔާވާ މީސްމީހުން އެންދުމަކީ އެއް! އެހެންވީމަ ލަންކާ މީހުންވެސް މި ކަން ދަންނަން ޖެހޭނެ ކަމަށް ދެކެނީ!

The name is already taken The name is available. Register?

ބޭބެ.

17 December 2020

'މިހާރު' ގެ ރިޕޯޓަރުން ހަބޭސް

The name is already taken The name is available. Register?

އަށް ގޮދާ

17 December 2020

ސާބަސް އާސިޔަތު... ތިއީ ނޫސް ވެރިކަމަކީ... ސަރުކާރުތެރެއިން ދުވާ ނުބައިވަސް.

The name is already taken The name is available. Register?

ކަކުނިބޯ

17 December 2020

އާސިޔަތު މުހައްމަދު ސައީދު އަށް ފަށް ފަށުން ޝުކުރިއްޔާ ވަރަށް ވަރުގަދަ ބަރާބަރު ލިޔު މެއް

The name is already taken The name is available. Register?

އަބުދުﷲ

16 December 2020

އެކިޤައުމުތަކުގައި އިސްލާމް ކުދަކުދިނވެސް ކާންދީ ބަލަން މިޤައުމަށް ގެންނަންވީނު, އޭރުން އެކުދިން ބޮޑުވެން މަސައްކަތްކޮށްދޭން ތިބޭނެ!.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454