ޚަބަރު / ސިއްހަތު

ކުޑަކުއްޖާގެ ފުއްޕާމޭގައި ތާށިވި އެތިކޮޅު ރާއްޖޭން ބޭރުން ނަގައިފި

ޒުުވާން ކުއްޖަކަށް ދިރުވާލެވުނު ޕިނެއް ފުއްޕާމޭގައި ތާށިވެފައި އޮތްތަން ފެންނަ އެކްސްރޭއެއް: މި ފަދަ ތަކެތި ނަގަނީ ބްރޮންކޮސްކޮޕީ ހަދައިގެން- ފޮޓޯ: އައިޖީއެމްއެޗް.

ފުއްޕާމޭގެ ނޭވާލާ ހޮޅިއެއްގެ ތެރޭގައި ކާއެތިކޮޅެއް ތާށިވި ކުއްޖާ، ރާއްޖޭން ބޭރަށް ގެންގޮސްގެން އޭތިކޮޅު ނަގައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ކާއެތިކޮޅު ތާށިވެގެން، އުމުރުން ފަސް އަހަރުން ދަށުގެ ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ރޯގާ ޖެހި ނޭވާލާން އުނދަގޫވާތީ، އެންމެ ފުރަތަމަ ހެދީ އެ ކުއްޖާގެ ސީޓީ ސްކޭނެކެވެ. ނޭވާލާ މައި ހޮޅިއަށް ވުރެ ވެސް އެތެރޭގައި ކާއޭތިކޮޅު ތާށިވެފައިވާކަން އެނގުނީ އެ ސްކޭނުންނެވެ.

ނޭވާލާހޮޅީގައި ތާށިވެފައިވާ ކާއެތިކޮޅު ނެގުމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ވަރަށް މަސައްކަތް ކުރި އެވެ. ގަނޑުކޮށްގެން ވެސް އެ އެތިކޮޅު ނުނެގުނު އިރު، އެކަމުގެ ތެރޭގައި ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ވެސް ބާއްވަން ޖެހުނެވެ.

އެންމެ ބޮޑު މައްސަލައަކަށް ދިމާވީ، ކާއެތިކޮޅަށް ގިނަ ދުވަސްވެ މަސް އަރާފައި އިނުމެވެ. އެހެންވެ، ޑޮކްޓަރުން ނިންމީ ކުއްޖާ ރާއްޖޭން ބޭރަށް ފޮނުވާލާށެވެ.

އައިޖީއެމްއެޗުގައި ކުޑަކުއްޖާ ބެލި އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ މިއަދު ވިދާޅުވީ އިންޑިއާގައި ދެ ފަހަރެއްގެ މަތިން ބްރޮންކޮސްކޮޕީ ނުވަތަ ފުއްޕާމޭގެެތެރެއަށް ހޮޅިއެއް ވައްދައިގެން، ކާއެތިކޮޅު ނަގައިފައިވާ ކަމަށެވެ.

ކުޑަކުއްޖާ ބޭރަށް ފޮނުވައިލުމަށް، ޑރ. މުހައްމަދު އަލީ ކުުރިން އިރުޝާދު ދެއްވީ ވެސް، ފުއްޕާމޭގެ އޮޕަރޭޝަން ނުކޮށް، އެ އެތިކޮޅު ނެގުމަށެވެ.

"ކާއެތިކޮޅު އިނީ ވަރަށް އެތެރޭގައި. އަޅުގަނޑުމެން ފުރަތަމަ މަސައްކަތް ކުރީ ވެސް، ބްރޮންކޮސްކޮޕީ ހަދައިގެން ކެމެރާ ލައްވައިގެން އެ އެތިކޮޅު ނެގޭތޯ. އެކަމަކު އެތިކޮޅު ތާށިވެފައި އޮތް ހިސާބަށް ދެވޭވަރުގެ އެހާ ކުޑަ ސައިޒުގެ [ބްރޮންކޮސްކޮޕީ]އެއް އަޅުގަނޑުމެން އަތަކު ނެތް،" ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާގައި ފަރުވާ ދެމުން އަންނަ ކުޑަކުއްޖާގެ ހާލު މިހާރު ރަނގަޅެވެ.

ތުއްތު ކުދިން ދިރުވާލައިގެން، މި ފަދަ "ފޮރިން އޮބްޖެކްޓްސް" ނޭވާލާ ހޮޅީގައި ތާށިވުމަކީ ރާއްޖޭގައި ދިމާވާ ކަމެކެވެ. ސުޕާރީ އާއި ރުފިޔާ އަދި އެކި ކަހަލަ ބަދަން އެއްޗެހި ދިރުވާލައިގެން، ބްރޮންކޮސްކޮޕީ ހަދައިގެން ނަގަން ޖެހިފައި އެބަ ހުއްޓެވެ.

ޑޮކްޓަރުގެ އިރުޝާދަކީ ބަދަނާއި ޕޮޕްކޯން ފަދަ ތަކެތި، ދެ އަހަރުންގެ ދަށުގެ ކުދިންނަށް ދޭއިރު ސަމާލުވުމެވެ. ކާއެއްޗެހި ރަނގަޅަށް ނުހަފައި ދިރުވުމަކީ ވެސް މިފަދަ ހާލަތެއް ދިމާވެދާނެ ކަމެކެވެ.

3 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 18%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުސްތާޛްޒަކީ

29 January 2021

ٱلْحَمْدُ لِلّٰهِ

The name is already taken The name is available. Register?

ޜަދުން

28 January 2021

އިންޑިޔާ އައުޓް ވީދޯ

The name is already taken The name is available. Register?

އެފް

28 January 2021

އުފާވެރި ޚަބަރެއް. ތުއްތު ދަރިފުޅަށް ދުޅަހެޔޮ ސިއްހަތަކަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454