މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައި ދެވަނަ ޝެޑިއުލް އަށް ތައްޔާރުވަމުން އަންނަ އިރު، އޭގެ ރޯލަކަށް ބޮމަން އިރާނީ ސޮއިކޮށްފި އެވެ.

ހައިދަރުއާބާދުގައި މަންޒަރުތައް ނަގާ ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ އަޖޭ އާއި އަމީތާބް ބައްޗަންގެ އިތުރުން ރަކުލް ޕްރީތު ސިންގެވެ. "މޭޑޭ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަންގިރާ ދާރާއި އަކަންކްޝާ ސިންގް ވެސް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި އަޖޭ އާއި ރަކުލް ކުޅެނީ ޕައިލެޓުންގެ ރޯލެވެ. އަދި އަމީތާބަކީ ވަކީލެކެވެ.

ދެހާސް އަށެއްގެ "ޔޫ މީ އޯރް ހަމް" އިން ޑައިރެކްޝަނަށް ނުކުތް އަޖޭގެ ދެވަނަ ޑައިރެކްޝަނަކީ 2016 ގެ "ޝިވާއޭ" އެވެ.

"މޭޑޭ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 29 ގަ އެވެ.

"ކޭޖީއެފް: ޗެޕްޓާ 2" ޖުލައި 16 ގައި

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" މި އަހަރުގެ ޖުލައި މަހުގެ 16 ގައި ގެނެސްދޭން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ދާދި ފަހުން މި ފިލްމުގެ ޓްރެއިލާއެއް ވެސް ދައްކާފައިވާ އިރު ކަންނާޑާ ބަހުން ހަދާފައިވާ ފިލްމުގެ މުހިއްމު ރޯލުތަކުން ބޮލީވުޑްގެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ވެސް ފެންނާނެ އެވެ. ހިންދީ ބަހުގެ އިތުރުން ތަމަޅަ އާއި ތެލެގޫ އަދި މަލަޔާޅަމް ބަހުން އަޑު އަޅައިގެން ގެނެސްދޭން ނިންމާފައިވާ "ކޭޖީއެފް: ޗެޕްޓާ 2" ގައި ސަންޖޭ ފެންނާނީ ވަރަށް ތަފާތު ލުކެއްގައި ފިލްމުގެ ވިލަންގެ ރޯލުންނެވެ. ރަވީނާގެ ކެރެކްޓާ އަކީ ބޮޑުވަޒީރެއްގެ ރޯލެވެ.

ޕްރަޝާންތު ނީލް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލަކީ ކަންނާޑާ އެކްޓަރު ޔާޝް އެވެ. މިއީ މި ދެ މީހުން އެކީގައި 2018 ގައި ގެނެސްދިން "ކޭޖީއެފް: ޗެޕްޓާ 1" ގެ ދެވަނަ ބައެވެ.

"ޓީއެންޑްއެފް" ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ކުރީގެ ބަތަލާ ޕޫނަމް ދިލަންގެ ފިރިހެން ދަރިފުޅު އަންމޯލް ތަކޭރިއާ ދިލަން ބޮލީވުޑަށް ނެރޭ ފިލްމު ޓިއުޒްޑޭޒް އެންޑް ފްރައިޑޭޒް (ޓީއެންޑްއެފް) ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށްފައިވާ ފިލްމު އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަނީ ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެންނެވެ. ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ޓީއެންޑްއެފް" އަކީ ތަރަންވީރު ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ ބަތަލާ އަކީ އަލަށް ތައާރަފުކުރާ ޖަތަލޭކާ މަލްއުތުރާ އެވެ. އޭނާ އަކީ 2014 ގެ ފެމިނާ މިސް އިންޑިއާގެ ދެވަނަ މަގާމު ހޯދި މޮޑެލްއެކެވެ.

ކަރީނާ ވިހާނީ އަންނަ މަހު

މިހާރު ދެވަނަ ދަރިފުޅަށް ބަލިވެއިން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ވިހާނީ އަންނަ މަހުގެ ތެރޭގައި ކަމަށް ފިރިމީހާ/އެކްޓަރު ސައިފް އަލީ ޚާން ބުނެފި އެވެ.

ކަރީނާ އަށް ދެވަނަ ދަރިޔަކު ލިބޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ނަމަވެސް ވިހާނެ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

ބަލިވެއިނުމާ ގުޅިގެން ކަރީނާ ކުޅެން ފަށާފައި އޮތް އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" އަށް ކަރީނާ ޝޫޓްކުރަން ޖެހޭ މަންޒަރުތައް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނިންމާލައިފަ އެވެ. އެ ފިލްމަމީ މި އަހަރުގެ ޑިސެމްބަރުގެ ފަހުކޮޅު ރިލީޒްކުރާނެ ފިލްމެކެވެ.

ސައިފާއި ކަރީނާ 2012 ކުރި ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ޚާނަށް 4 އަހަރު ފުރުނީ މިދިޔަ މަހުގެ 20 ގަ އެވެ. އެއީ ސައިފްގެ ތިން ވަނަ ދަރިފުޅެވެ.

ބަތަލާ އަމްރިތާ ސިންގްއާ ކައިވެނިކޮށްގެން ސައިފަށް ލިބިފައިވާ ދެ ދަރިން މިހާރު ތިބީ ބޮޑެތިވެފަ އެވެ. އެއީ ބަތަލާ ސާރާ އަލީ ޚާން، 25، އާއި މާޗް 5 ގައި 20 އަހަރު ފުރޭ އިބްރާހީމް އަލީ ޚާނެވެ.

ކަރީނާ އަށް ދެވަނަ ދަރިޔަކު ލިބޭ އިރު އޭނާ އާއި ފިރިމީހާ މިހާރު ވަނީ އާ ގެއަކަށް ވެސް ބަދަލުވެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454