ރަސްދޫގައި މަރުވި އިންޑިއާގެ ޓޫރިސްޓު މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިއުމުގެ ކުރިން ޓެސްޓު ހެދުމުން.
އއ. ރަސްދޫގެ މަގެއް: އެ ރަށުގައި މިއަދު ވަނީ ކޮވިޑް ބަލީގައި މީހަކު މަރުވެފައި-- ފޮޓޯ: މެޕިއޯޑޮޓްނެޓް
06 މެއި 2021 - 16:38
އއ. ރަސްދު އަށް ޒިޔާރަތްކުރި އިންޑިއާގެ ޓޫރިސްޓަކު ކޮވިޑް-19ގައި މިއަދު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިއީ، ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓުން ޕޮޒިޓިވްވެގެން، ރަސްދޫގައި ކަރަންޓީނު ވެގެން ހުރި މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ މިދިޔަ މަހުގެ 27ގަ އެވެ.
ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ރިޔާޒު ވިދާޅުވިގޮތުގައި އުމުރުން 60 އަހަރުން މަތީގެ އެ ފިރިހެން މީހާ މަރުވީ، އޭނާ ހުރި ގެސްޓް ހައުސްގަ އެވެ.
"އެ މީހާ ކަރަންޓީނު ވީއްސުރެ އަޅުގަނޑުމެން ދިޔައީ މޮނީޓާ ކުރަމުން، ދެން މިއަދު ހާލު ގޯސްވެގެން، އޮކްސިޖަންއާ އެއްޗެހި ހިފައިގެން ގޮސް ގެސްޓް ހައުސްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ،" އޭނާ ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި މިއަދު ކޮވިޑް ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 77 އަހަރުގެ އަންހެނަކު ރޭ މަރުވި އިރު، ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މެންދުރު ވަނީ މަރުވެފަ އެވެ. މިއަދުގެ ތިން ވަނަ މަރާއެކު، މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެންމެ ގިނައިން މީހުން މަރުވި ދުވަހެވެ.
ގެސްޓް ހައުސްތައް ގިނަ ރަސްދޫގައި މި ފަހުން އެންމެ ގިނައީ އިންޑިއާގެ ޓޫރިސްޓުންނެވެ. އެ ގައުމުުގައި ބަލިމަޑުކަން އިންތިހާ އަށް ގޯސްވެފައި ވަނިކޮށް، މީހުން ރާއްޖެ އަންނަނީ މެދު އިރުމައްޗަށް ދާ މަގުމަތީގައި، 14 ދުވަހަށް މަޑުކޮށްލުމަށެވެ. ނަމަވެސް ރާއްޖޭގެ ހާލަތު މާ ބޮޑަށް ގޯސްވާން ފެށުމުން، ޓޫރިސްޓް ވިސާގައި އަންނަ އިންޑިއާގެ މީހުންނަށް ގެސްޓް ހައުސްތަކަށް ނުދެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު، އެ ފިޔަވަޅު އެޅީ ވަރަށް ބޮޑަށް ވަގުތު ފާއިތުވި ފަހުން ކަމަށް ވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީނޯ
06 May 2021
ހާލުބޮޑުވެ އޮކްސިޖެން ގުޅަންޖެހޭހާލަތުގައިވެސް ގެސްޓް ހައުސްގައި ، ކިހާދެރަކަމެއް
ޒީނިޔާ
06 May 2021
މީހުން މަރުވާނެއެވެ. އަޖަލު ޖެހުނީމައި ހަމަ އެކަކަށްވެސް މިބިންމަތީގައި ނޫޅެވޭނެއެވެ. ދައުލަތުގެ ފައިސާގައި އަތްލައި ހުދު ގަމީސް ތުރުކުރަައްވައިގެން ތިއްބަވައި ރައްޔިތުންނަށް އޮޅުވައި ނުލާންވީ މިހެން ވެއެވެ. ކިތައްމެ މުއްސަންޖަކަސް ބަލާއައީމައި ޖެހެނީ ދާށެވެ. ތިމަންނާއަށް ބަދަލު ނުލިބެޔޭ ކިޔައިގެން މިތަނަކު މަޑެއް ނުކުރެވޭނެއެވެ. އޭރަކުން ރިޔާސީ ނިޒާމް ގެންނަން ރައްޔިތުން ކައީރީ އަހާފައޭ އެނގޭނީއޭ ބުނެ ދައްކަވާ ކަހަލަ އުޒުރެއްވެސް ނުދެއްކޭނެއެވެ.
ހުސައިނުބޭ
06 May 2021
އަދިވެސް އޯޕަންކޮށް ޕައުންޑް ވަންނަގޮތަކަށް އުޅޭވޭނެގޮތް ހަދާލާ އެއިރުން ރަންގަޅުވާނެ. ރައްޔިތުން މަރުވެ ބިކަ ވިޔަސް މި ސަރުކާރުގެ ވެރިންނަށް އޯކޭ.
އިސްލާހު
06 May 2021
"އިންޑިއާގެ މީހުންނަށް ގެސްޓް ހައުސްތަކަށް ނުދެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު، އެ ފިޔަވަޅު އެޅީ ވަރަށް ބޮޑަށް ވަގުތު ފާއިތުވި ފަހުން ކަމަށް ވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ." މީވަރަށް ބޮޑުތެދެކެވެ. މިހާލަތުގޯސް ކުރީ ސަރުކާރުންނޭ ބުނުމުގެ ފުރަސަތު އެބައޮތެވެ.
ހަސަނު
06 May 2021
ކޮވިޑު ޖެހިގެން ހާލު ބޮޑުވި އިރުވެސް ގެސްޓު ހައުސްގަ؟؟ އެއީ ކިހިނެއްވިކަމެއް ބަ؟؟
ފަހުދު
06 May 2021
މިދިޔަ 24 ގަޑިއިރުތެރޭގަ ކޮވިޑްގެ 4 މަރު
ނާހިދު
06 May 2021
އިންޑިޔާގައި ފަތުއަޑުކިޔާފައި ކޮވިޑް ފެތުރެމުންދަނިކޮށް އިންޑިޔާ މީހުން ޓްއަރިސްޓުންގެ ގޮތުގައާ، ކަރަންޓީނުވުމަށް ގެނެސް ރާއްޖޭގައި މިހާބާރަށް ބަލިފެތުރުމުގެ ޒިންމާ ޓްއަރިޒަމް މިނިސްޓަރުވެސް ފުރިހަމައަށް ނަގަންޖެހޭނެ! އަދި އެޗްޕީއޭއިން މީހުންއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް އޭގެ މީހުން ގެނައުން މަނާކުރިހައިރުން ވެސް އެކަން ހުއްޓުވަން އުޅުނެއްނުން! ހެޔޮނުވާނެ މަހަކަށް ނަމަވެސް އިންޑިޔާގެ ހުރިހާ މީހުން ގެނައުން މަނާކޮށްބަލަ! އެންމެ ކައިރިއަށް އޮތް ލަންކާއަށް ވެސް އިންޑިޔާ އިން މީހުން އައުން އެއޮތް މަނާކުރީ!
ފައިވާން
06 May 2021
މިވެސް ރައިތުން ފަރުވާކުޑަކަމުން ވީކަމެއް. އިންޑިޔާ ޓޫރިސްޓުން މިތަނަށް ގެންނަނީ ރައްޔިތުން.
ައަބްދު
06 May 2021
ނެއްތަ މުޒާހަރާއެއް ނޫނިީ އިލެކްޝަން އެއް ކައިރި މުސްތަގްބަލެއްގަ
އެދުރުކަލޭގެފާނު
06 May 2021
ކޮވިޑްގެ ސީރައަސްކަން ކެނޑުނީ ރައީސް ނަޝީދުގެ ސަބަބުންނެވެ. އެމަނިކުފާނުގެ އަމަލު މުޅީން ކުށްވެރި ކުރެވެންނެތީ ކޮވިޑްގެ ނަމުގައި މިސަރުކާރުގެ މިނިސްޓަރުންތައް ދައުލަތުގެ ފައިސާއިން ނަހަމަ ބޭނުން ކުރަމުން ދިޔައިރުވެސް ރައީސް ކުޅިބަލަން މިބަލިމަޑުކަމަކީ ސީރިއަސްކަމެއް ކަމަަށް ވިދާޅުވުން ފިޔަވައި އިތުރުކަމެއް ނުކޮށް ހުރުމުން ވިޔާނުދާކަންތައް ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ މިބަލި މަޑުކަމަށް ކުރާ ޚަރަދާމެދު ސުވާލުއުފެއްދުން ކަމަށްވާތީއެވެ.