16 މެއި 2021 - 08:20
ބޮލީވުޑްގެ ބަތަލާ ރޭކާ އާއި ޕާކިސްތާނުގެ މިހާރު ބޮޑުވަޒީރު އަދި ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާން ލޯބީގެ ވަރަށް ސީރިއަސް ގުޅުމެއް ބޭއްވި ކަމަށާއި އެ ދެ މީހުންގެ ގުޅުން ކައިވެންޏާ ހަމައަށް ވެސް ދިޔަ ކަމަށް ކުރީގެ ރިޕޯޓެއް ބުނެފި އެވެ.
ދަ ސްޓާ" ކިޔާ ނޫހެއްގައި ބުނެފައިވާ ގޮތުން ރޭކާއާ ރައްޓެހިވެެގެން އުޅުނު ދުވަސްވަރު އިމްރާން ވަރަށް ގިނައިން އިންޑިއާ އަށް ޒިޔާރަތްކޮށް، ރޭކާއާ އެކު ވަރަށް އުފާވެރި ވަގުތުތައް ހޭދަކޮށްފައިވެ އެވެ. އަދި އެ ދެ މީހުންގެ ގުޅުމާ މެދު ރޭކާގެ މަންމަ ވެސް ވަރަށް ގަބޫލުވި ކަމަށާއި އެ ދެ މީހުން ކައިވެނިކުރުވަން މަންމަ ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށް ބުންޏެވެ.
"ސްޓާ" އިން ބުނެފައިވާ ގޮތުގައި ރޭކާ އާއި އިމްރާން ލޯބީގެ މާތައް ފޮޅުވަމުން ދިޔަ ދުވަސްވަރު ދެ މީހުންގެ އެކީގައި ރޭގަނޑުގެ ކެއުންތަކަށް ދިއުމާއި ޕާކްތަކުގައި ވަގުތުތައް ހޭދަކޮށް އެ ނޫން ވެސް ތަންތަނަށް ދެ މީހުން އެކީގައި ވަރަށް ގިނައިން ގޮސް އުޅުނެވެ. އަދި ދެ މީހުން ވެސް ތިބީ އެކަކު އަނެކަކަށް ލޯބީގައި ދީވާނާވެފައި ކަމަށް ބުންޏެވެ.
ނަމަވެސް ކުއްލި ގޮތަކަށް ރޭކާ އާއި އިމްރާންގެ ގުޅުމުގައި ސިއްކަ ޖެހުނީ ކަމަށާއި އެކަމުގެ ސަބަބެއް ސާފުނުވާ ކަމަށް ވެސް "ސްޓާ" އިން ބުނެފައިވެ އެވެ. ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އޭރު އިމްރާނަށް ހިތްކިޔައިގެން އުޅުނު މަޝްހޫރު ތަރިންގެ ތެރޭގައި ޒީނަތު އަމަން އާއި ޝަބާނާ އަޒްމީ ވެސް ހިމެނެ އެވެ.
އިމްރާނާ ލޯބީގެ ގުޅުމެއް ބޭއްވުމުގެ އިތުރަށް ރޭކާ އަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ފަންނާނު އަމީތާބް ބައްޗަން އާ ވެސް ރައްޓެހި ބަތަލާއެކެވެ. އެ ދެ މީހުން ސިއްރު ލޯބީގެ ކުޅިގަނޑު ފަޅާއަރައި އަމީތާބާއި އަންހެނުން ޖަޔާ ބައްޗަަންގެ ކައިވެނި ވެސް ސަލާމަތްވެފައި ވަނީ ހަމަ ކިރިޔާ އެވެ.
އުމުރުން މިހާރު 66 އަހަރު ވިޔަސް އަދިވެސް ޒުވާން ކަމަށް މާ ބޮޑު ބަދަލެއް ނާންނަ ރޭކާ މިހާތަނަށް ކުރި ކައިވެންޏެއްގެ ގޮތުގައި އެނގެން އޮތީ 1990 ގައި ނިއު ދިއްލީގެ ވިޔަފާވެރިޔާ މުކޭޝް އަގަރްވާލްއާ ކުރި ކައިވެންޏެވެ. އެކަމަކު އެ އަހަރު މުކޭޝް ވަނީ މަރުވެފަ އެވެ. ރޭކާ އާއި ކުރީގެ އެކްޓަރު ވިނޯދް މެހެރާ ކައިވެނިކުރިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އޭނާ ވެސް ވަނީ 1990 ގައި މަރުވެފަ އެވެ. ކައިވެންޏަށް ދަރިއަކު ނެތެވެ.
އިމްރާނާއި ރޭކާގެ ޒުވާން ދުވަސްވަރުގެ ފޮޓޯތަކެއް.
އިމްރާން، 68، ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވީ 2018 ގަ އެވެ. އޭނާ މިހާތަނަށް ތިން ކައިވެނިކުރެއްވި އިރު ދެ ކުދިން އެބަތިއްބެވެ. އިމްރާމް ތިން ވަނަ ކައިވެނި ބައްލަވައިގަތީ ބޮޑުވަޒީރު ކަމަށް ވަޑައިގަތް އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީލް
04 June 2021
ދެން ކާވެނކުރިތަ؟
ފުލްޒާރު
16 May 2021
އިމްރާނު ތިޔަކަހަލަކަމެއް ކޮށްފާނެހެން ހާދަހީނުވެއޭ.
ނޫރާނިމާ
16 May 2021
ބަލަ، އެއީ ސޭހު އިމުރާނެއްނޫނޭ