"މަންކީ ބީ ވައިރަސް" ނަމަކަށް ކިޔާ ވައިރަހުގެ ސަބަބުން ޗައިނާގެ ޑޮކްޓަރަކު ވަނީ މަރުވެފައި.
19 ޖުލައި 2021 - 20:12
ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް، ވައިރަހުގެ ސަބަބުން ޖެހޭ އެހެން ބައްޔެއްގައި ޗައިނާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.
"މަންކީ ބީ ވައިރަސް" ނަމަކަށް ކިޔާ ވައިރަހުގެ ސަބަބުން ބަލިޖެހި، މަރުވެފައިވަނީ ޖަނަވާރުންގެ ބަލިތައް ތަހުލީލުކުރުމުގައި އުޅޭ ޗައިނާގެ ޑޮކްޓަރެކެވެ. އޭނާގެ ހަށިގަނޑަށް އެ ވައިރަސް އެރި ކަމަށް ވަނީ، މަކާކް ކިޔާ ބާވަތެއްގެ، މަރުވެފައި އޮތް ދެ ރާމާމަކުނެއްގެ ހަށިގަނޑު ފަޅައިގެން ދިރާސާތަކެއް ކުރުމުގެ ތެރޭގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އޭނާގެ ހަށިގަނޑަށް އެ ވައިރަސް އެރުމުގެ ސަބަބުން، އެނބުރުން އަރައި، ހޮޑުލެވި، ހުން އައުމުގެ އިތުރުން ނާރުތަކުގެ ނިޒާމަށް ގެއްލުން ލިބިފައިވާ ކަމަށްވެ އެވެ.
ޑޮކްޓަރުގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް އެންމެ ފުރަތަމަ ފެނުނު ކަމަށް ވަނީ، މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އެ ޑޮކްޓަރު މަރުވީ މިދިޔަ މެއި މަހުގެ ތެރޭގައި ކަމަށް ވިޔަސް، ޗައިނާ ސަރުކާރުން އެކަން ހާމަނުކޮށް މިހާތަނަށް ފަސްކުރީ، އެ ބަލީގެ އަސްލު ސަބަބާއި ބާވަތް ދެނެގަތުމަށް ކަމަށްވެ އެވެ.
ރާމާމަކުނުގެ ހަށިގަނޑު ތަހުލީލުކުރި ޑޮކްޓަރު ހުން އައިސް ބަލިވެގެން ޗައިނާގެ ވެރިރަށް ބެއިޖިންގެ ހަތަރު ހޮސްޕިޓަލަކަށް ދެއްކި ކަމަށްވެ އެވެ. އޭނާގެ ބަލީގެ އަސްލު ދެނެގަތުމަށްޓަކައި، އޭނާގެ ހަށިގަނޑުން ލެޔާއި، ނޭފަތުގެ ފުނުގައި ހުންނަ ތެތްކަމާއި ކަރުބުޑުގެ ތެތްކަން ނަގައިގެން ތަހުލީލުކުރި އެވެ. އެ ހުރިހާ އެއްޗެއް ތަހުލީލުކުރުމުން ވެސް އެނގުނީ އޭނާގެ ހަށިގަނޑުގައި މަންކީ ބީ ވައިރަސް ހުރި ކަމެވެ.
މަކާކް ކިޔާ ބާވަތުގެ ރާމާމަކުނުގެ ހަށިގަނޑުގައި އުފެދޭ މި ވައިރަސް، ޗިމްޕާންޒީ އާއި ކަޕުޗިން ކިޔާ ރާމާމަކުނުގެ ހަށިގަނޑުގައި ވެސް ހުރެ އެވެ.
އެމެރިކާގެ ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އިން ބުނި ގޮތުގައި މި ވައިރަސް އެންމެ ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން ފެނިފައިވަނީ 1932 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން މިހާތަނަށް 50 މީހެއްގެ ހަށިގަނޑުން މިވައިރަސް ފެނިފައިވާ އިރު، އޭގެ ތެރެއިން އެ ބަލީގައި މަރުވެފައިވަނީ އެންމެ 21 މީހުންނެވެ.
މިބަލި ޖެހިގެން ޗައިނާގެ ޑޮކްޓަރަކު މަރުވި ކަމަށް ވިޔަސް، މިއީ އިންސާނުންގެ މެދުގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަގުލުވާ ވައިރަހެއް ކަމަށް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ޗައިނާގެ ޑޮކްޓަރު މަރުވުމާ ގުޅިގެން، އޭނާގެ ހަށިގަނޑަށް އެ ވައިރަސް އެރި ދުވަސްވަރު، އޭނާއާ އެކުގައި އުޅުނު އެންމެންގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން އެ ބަލި ހުރިތޯ ވަނީ ޓެސްޓު ކޮށްފަ އެވެ. ނަމަވެސް އެ އެންމެންގެ ނަތީޖާވެސް ދެއްކީ ނެގެޓިވް ކަމަށެވެ.
މިހާތަނަށް މި ބަލި ޖެހުނު ކަމަށް ބުނާ 50 މީހުންގެ ހަށިގަނޑަށް ވެސް އެވައިރަސް އެރިކަމަށް ވަނީ، ރާމާމަކުނު ދަތްއަޅައިގެން ނުވަތަ ވަކި އަޅައިގެން ޒަޚަމްވުމުގެ ތެރޭގަ އެވެ. އަދި ބައެއް މީހުންގެ ގަޔަށް މިވައިރަސް އަރާފައިވަނީ، ރާމާމަކުނުގެ ހަށިގަނޑުން ތަންކޮޅެއް ޒަހަމްވެފައި ވަނިކޮށް އެތަނުގައި އަތްލެވިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޕީޒް ވައިރަސް
20 July 2021
ބީ ވައިރަހަކީ ހާޕީޒް ވައިރަހެއް. ވައިރަސް ޖެހިގެން އަވަަހަށް ފަރުވާކޮށްފިއްޔާ ސަލާމަތްވާނެ. މިވައިރަސް ޖެހެނީ މަކުނު ދަތް ނޫނީ ނިޔަފަތި އަޅައިފިއްޔާ. ބީ ވައިރަހަށް ވުރެ އިންސާނުންގެ މެދުގައި ފެތުރޭ ޖިންސީ ގުޅުން ހިންގައިގެން ޖެހޭ ހާޕީޒްގެ ނުރައްކާ ބީ ވައިރަހަށް ވުރެ ބޮޑު. ބީ ވައިރަހަކީ ނުރައްކާ ވައިރަހެކޭ މިކިޔަނީ އިންޑިޔާގެ ޗެނަލްތަކުން ޗައިނާއާއި މެދު ބިރުވެރިކަން ފެތުރުމަށް. މީޑިޔާ އަކީ އެންމެ ނުރައްކާތެރި ހަތިޔާރު.
ޝީ ޖިން ޕިން
20 July 2021
އިންޑިއާ އައުޓް
ކުޗީ
19 July 2021
" މިއީ އިންސާނުންގެ މެދުގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަގުލުވާ ވައިރަހެއް ކަމަށް މިހާތަނަށް އެނގިފައެއް ނުވެ އެވެ. " ... އަހަރެން މިހާރުވެސް މިއުޅެނީ ވަރަށް ޕްރެޝަރުގައި. މިޖުމްލަ މިލިޔުމުގެ އެންމެ ކުރިޔަށް ލާދިނުން އެދެން. "މަންކީ ބީ ވައިރަސް" އާއި އެކިއެކި ނަންނަން ކިޔާބަލިތަށް އިވުނީމަ ހާލު ބޮޑުވާގޮތްވޭ. ދޮގުނަހަދާ މިބުނަނީ ... އަހަރެންނަށް މިވެފަ ހުރިވަރު ވެފަ ތިބިއެތައް ބަޔަކު މިވަގުތު އުޅޭނެ.
ތަމެންދޯ
19 July 2021
އެމެރިކާ އިން ޗައިނާގެ ދުވަސް ދުއްވާލާ އަދި ޗައިނާ އިން ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ ދަރަޖަ ހޯދާތީވެ ޖެލަސް ވެގެން ދައްކާ ވާހަކަ ތަކޭ ތިޔާއީ...
ހަޖަމް1
20 July 2021
އެމެރިކާއިން ޖެލަސްވެގެންދޯ ޗައިނާމީހުން މުސްލިމުން ކޭމްޕްތަކަށްލާ މުސްލިމުންނަށް އެމީހުންގެ ދީނުންބޭރުވުމަށް ބުރެއިންވޮޝް ކުރަނީ.