ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އަދި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވެ ޖަލުން ސަލާމަތްވި ތިން މީހެއްގެ މައްޗަށް މޮނިކޮން އަމުރެއް ހައި ކޯޓުން ނެރެފި އެވެ.
މި މައްސަލާގައި އަށް މީހެއްގެ މައްޗަށް ހަތް ދައުވާއެއްކޮށް، ކްރިމިނަލް ކޯޓަށް ހުށަހެޅި އިރު ކުށް ސާބިތުވީ ތ. ތިމަރަފުށީ އަސްރަފީވިލާ އަލީ މުނީޒާއި ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދާއި ރ. މަޑުއްވަރީ، ބީޗްހައުސް، އަބްދުﷲ އިމާދު ނ. ކުޑަފަރީ، ރޯޒްމީޑް، އިބްރާހިމް ލޫތުގެ މައްޗަށެވެ. މި ހަތަރު މީހުން ބަންދުގައި ތިބި މުއްދަތު އަދަބުގެ މުއްދަތުން ކެނޑުމުން ޖަލު އަދަބެއް ތަންފީޒު ކުރަން ޖެހެނީ އަރުހުމްއަށް އެކަންޏެވެ.
ކުށް ސާބިތުނުވީ ތ. ތިމަރަފުށީ، ފެހިވިދުވަރުގޭ، އަބްދުﷲ ޝަރީފާއި އެ ރަށު އަސްރަފީވިލާ، އަހުސަން މުހައްމަދާއި އެ ރަށު އަސުރުމާގޭ، މުހައްމަދު އާސިރާއި އެ ރަށު ސައިމާ، ސަމާހް ޝަރީފާފުގެ މައްޗަށެވެ،
އޭގެތެރެއިން ހޯމް މިނިސްޓްރީން ވަނީ ކުށް ސާބިތުނުވި ތިން މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ ސަމާހު ފިޔަވައި ދެން ތިބި ތިން މީހުންނެވެ.
އެކަމާ ގުޅޭ އަޑުއެހުން މިދިޔަ އަންގާރަ ދުވަހު ހައި ކޯޓަށް ކުރިއަށް ގެންދިޔަ ކަން ވެސް ކަށަވަރުވެފައިވާއިރު، އެ އަޑުއެހުމުގައި އަމުރު ނެރެފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން އަމުރު ތަންފީޒު ކުރަންޖެހޭ ފުލުހުންގެ ބަހެއް ނުލިބެ އެވެ.
މިފަދަ އަމުރަކަށް އެދި ހޯމް މިނިސްޓްރީން ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭ ގޮތެއް ކަނޑައަޅަންޖެހެ އެވެ.
މިއީ މި ބާވަތުގެ އަމުރެއް ހައި ކޯޓުން މިފަހުން ނެރުނު ފުރަތަމަ ފަހަރެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ އެވެ.
މޮނިކޮން އަމުރެއްގެ މުއްދަތަކީ ގާނޫނުގައިވާ ގޮތުން އެއް އަހަރެވެ. އެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލަން ކޯޓަށް ފުރުސަތު ލިބެ އެވެ. ނަމަވެސް، މިނިސްޓްރީއަށް ފެނިއްޖެ ކޮންމެ ވަގުތެއްގައި ވެސް އެ އަމުރު ތަންފީޒުކުރުން ހުއްޓާލެވިދާނެ އެވެ.
މިފަދަ އަމުރަކީ އިސްތިއުނާފު ކުރުމާއި ރިވިއު ކުރުމަށް އެދުމުގެ ފުރުސަތު ވެސް އޮންނަ އަމުރެކެވެ.
ތިމަރަފުށީގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތުވާ މައްސަލާގައި ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، ދައުލަތުން ވަނީ މައްސަލަ އިސްތިއުނާފު ކުރަން ގަސްދުކުރާ ކަމަށް ބުނެފަ އެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި އިސްލާމިކް ސްޓޭޓުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދީ، ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާހް 3" ދޯނި ތެރޭގައި އައިއީޑީ އެއް ތައްޔާރުކުރުމަށްފަހު އެ ގޮއްވާލައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ތައްޔާރުކުރުވުމަށް ތައްޔާރީތައްވަމުން ދިޔަ އެވެ.
ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން އެ ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭފަދަ ކްލާސްތައް ހިންގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމަކީ ވެސް އެ މީހުންނަށް ދައުވާކުރަން ފޮނުވި ސަބަބުތަކެވެ.
ދޯނިން ހައްޔަރުކުރި މީހަކު އައިސިސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗް ކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
އެގޮތުން 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވި ކަމާއި އެ ދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.