އައްޑޫ ހިތަދޫގައި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށް ބަޔަކު ބޭނުންކުރަމުންދިޔަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނިކޮށް، އެ ގެއަށް ވަން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭނުންކުރަމުން އައި "ލާމިޔާގެއާގެ" މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 6 ގެ ނިޔަލަށް ތިން މަސް ދުވަހަށް ބަންދުކުރީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ އެ ގެ ބަންދުކޮށް، ބޭރުގައި ނޯޓިސް ވެސް ހަރުކޮށްފައިވަނިކޮށް ކޯޓު އަމުރާ ހިލާފަށް އިއްޔެ އެ ގެއަށް މީހަކު ވަދެފައިވާ ކަމަށެވެ. އެހެންވެ، އޭނާ ހަތް ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް އައްޑޫ ޕޮލިހުން ބުންޏެވެެ.
އެކަމަކު ބަންދުކުރި މީހާގެ ވަނަވަރު އަދި އާންމެއް ނުކުރެ އެވެ.
ލާމިޔާގެއާގެ ބަންދުކޮށް، ފުލުހުން އެންމެ ފުރަތަމަ މީޑިއާ އަށް ބުނީ އެއީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުން ބޭނުންކުރަމުންދާ ތަނެއް ކަމަށެވެ. އެހެންވެ، އާންމުންނަށް އެކަމުގެ ސަބަބުން އުނދަގޫތައް ފޯރާ ކަމަށް ފުލުހުންނަށް އެކި ފަހަރު ޝަކުވާ ހުށަހަޅާފައިވާތީ ހައްލެއް ހޯދުމުގެ ގޮތުން ކޯޓު އަމުރަކަށް އެދުނު ކަމަށް ބުންޏެވެެ.
ފުލުހުން ބުނިގޮތުގައި ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަ ނެތި ވަދެ އުޅުމަކީ ކުށެކެވެ. އެފަދަ ތަންތަނަށް ހުއްދައަކާ ނުލައި ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ހިތަދޫ ގެއެއް ބަންދުކުރަން އަމުރު ނެރުނުއިރު ޏ. ފުވައްމުލަކުގައި ވެސް މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެ ތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ކެފޭއެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތު ކުރެވޭ ތަނެއް ވަނީ މިދިޔަ މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ. އެއީ އެ ރަށު ފުނާޑު އަވަށުގެ ގުލިސްތާނުގޭގައި ހުރި ތަނެކެވެ.