އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއީދު އޮތް ފަޅި އެނގޭނީ ޕާޓީގެ ޗެެއާޕާސަން އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ކެމްޕެއިނަށް މިއަދު ޕާޓީގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އެ މަނިކުފާނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު އެބަތިބި ކަމަށެވެ. ޕާޓީ ތެރޭގައި ގިނަ ބިޔަކު ތިބީ އެ މަނިކުފާނުގެ ފަޅީގައިކަން ނުވަތަ އިބޫގެ ފަޅީގައިކަން އެނގޭނީ މި އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެހެން ނޫނީ ޕާޓީގެ މަސްލަހަތު އަނެއްކާވެސް ގެއްލިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"މި އިންތިހާބު ނުބާއްވައިފިއްޔާ މާ ގޯސްވާނެ. ހަމަ އަސްލަ އުނދަގޫ. މިހާރު މިސާލަކަށް އެއްބަޔަކު އެބަތިބި ރައީސް ސޯލިހަށް ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އަނެއް ބަޔަކު އެބަތިބި އަޅުގަނޑާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި،" ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ މިކަމުގައި ރަނގަޅު ވޯޓެއް ނަގައި ހޯދަން ވެއްޖެތާ ކޮންބައެއްތޯ ގިނައީ."

ނަޝީދު ވިދާޅުވީ ޕާޓީގެ ތެރޭގައި ތާއީދު ގިނައީ ކޮން ފަޅިއަކަށް ކަން ނޭނގިއްޖެ ނަމަ، އަނެއްކާ ވެސް ޖެހޭނީ ޕާޓީގެ މެމްބަރުން ހިތްހަމަޖައްސަން އެ މަނިކުފާނާއި އިބޫއާ ދެބޭފުޅުން އެކުގައި، އެއް މޭޒެއްގައި ތިއްބަވައިގެން ފޮޓޯއެއް ނަންގަވަން ކަމަށެވެ. އެކަމަކު، އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުން އުފެދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ފެންނަ ގޮތުގައި މި އިންތިހާބު ބާއްވާ މިކަން ނިންމީމަ އަޅުގަނޑުމެންނަށް މާ ރަނގަޅު،" ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީގެ ޗެެއާޕާސަން އިންތިހާބު ފަސްކޮށް އިންތިގާލީ އިންތިޒާމެއް ހަމަޖައްސަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވުމާ އެކު، ނަޝީދު ވަނީ އެ ޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަންނަވަން ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރައްވަން ޣަފޫރު ހުށަހެޅުއްވީ ޕާޓީގެ އެތެރޭގައި މަސްލަހަތު ހިފެހެއްޓުމަށާއި މިވަގުތު އޮތް މާލީ ދަތިކަމުން ކަމަށް ވިދާޅުވެ އެވެ.

ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޣަފޫރު ވިދާޅުވީ އިންތިހާބު ފަސްކުރުމަށް ފަހު "އިންޓެރިމް އެރޭންޖްމަންޓެއް" ހަމަޖައްސަން ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ނަޝީދާ ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ.