ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ ކުރީގެ ރައީސް އިބްރާހީމް މުަހައްމަދު ސޯލިހު (އިބޫ) އަލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބައްދަލުކުރައްވައި ނެންގެވި ފޮޓޯގެ މާ ބޮޑު ބޭނުމެއް ނެތްކަން ނަޝީދު އިއްޔެ އެ ވިދާޅުވީ އެވެ. އެއީ އެއްވެސް މާނައެއް ނެތް ފޮޓޯއެއްކަން ނަޝީދު އެ ތިލަކޮށްދެއްވީ ސަބަބެއް އޮތީމަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިންގެ އިއްޔެގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެ ޕާޓީގެ ތެރޭގައި ތާއީދު ގިނައީ ކޮން ފަޅިއަކަށް ކަން ނޭނގިއްޖެ ނަމަ އަނެއްކާ ވެސް ޖެހޭނީ ޕާޓީގެ މެމްބަރުން ހިތްހަމަޖައްސަން އެ މަނިކުފާނާއި އިބޫއާ ދެބޭފުޅުން އެކުގައި، އެއް މޭޒެއްގައި ތިއްބަވައިގެން ފޮޓޯއެއް ނަންގަވަން ކަމަށެވެ.
އެކަމަކު، އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުން އުފެދޭނެ ކަމަށް ނަޝީދު ވަރަށް ސާފުކޮށް ވިދާޅުވި އެވެ.
މީގެ ހަތަރުމަސް ކުރިން ނަޝީދާއި އިބޫ އެ ނެންގެވި "ބޭކާރު" ފޮޓޯ އެއީ ވަގުތީ އުފަލަކަށް ކެމެރާތަކުގައި ރައްކާކުރި ފޮޓޯއެކެވެ. އޭރު ކުރިމަތީގައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީ އަށް ނަގަން ކަނޑާލި ފޮޓޯއެއްކަން އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އައީ ސާފުވަމުންނެވެ. މިއަދުގެ ތަފާތަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ އޮއިވަރުގެ ތެރޭގައި އެކަން މާ ބޮޑަށް ތިލަވުމެވެ. ހިތްސާފު ނޫންކަން އިތުރަށް ކަށަވަރުވީ އެވެ.
"ހައިވެގެން ކާނެ އެއްޗެއް ހޯދަން ދެ ބުޅާ މަސައްކަތް ކުރީ ވަރަށް އެކުވެރިވެގެން. ބޯކިބާ އަތަށް އެރުމާ އެކު، އެ ޖެހުނީ މައްސަލަ. ބޮޑުފަޅި ލިބެން ޖެހޭ ފަރާތަކާ މެދު ހިގަން ފެށީ އަރައިރުމާއި ކޯޅުން،" ނަޝީދާއި އިބޫ ބައްދަލުކުރެއްވި ދުވަހު ކޮމެންޓޭޓަރަކު އެކަން ސިފަކުރީ މިހެންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ދެ ބޭފުޅުންގެ ތާރީހީ ބައްދަލުވުމަށް ފަހު އަދިވެސް ފެންނަނީ ދެ ފެކްޝަންގެ ތެރޭގައި އޮތް ނުރުހުމާއި ނުތަނަވަސްކަމެވެ. އެއްބަޔަކު އަނެއް ބަޔަކަށް ފަލީހަތް ކުރުން ނޫން ކަމެެއް ނެތެވެ. މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް އިންތިހާބުން ވެސް ދެއްކީ ހަމަ އެ މަންޒަރެވެ. އެމްޑީޕީ އަށް ކޮންމެހެން އެ އިންތިހާބުގައި ގޮނޑިތައް ނަގަން ޖެހޭތީ "މަޖުބޫރީ ހާލަތެއް" ގައި ތިއްބެވި ތަނެވެ. ބޭރުފުށުން އެހެން މަންޒަރެއް ދެއްކިކަން އަމަލުތަކުން އެނގެ އެވެ.
ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިނީ ސަރުކާރުގެ އިހުމާލުން ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅުން އަބަދުވެސް ތުހުމަތު ކުރައްވަ އެވެ. އެ ހަމަލައާ ގުޅުވައިގެން ނަޝީދާއި އެ މަނިކުފާނުގެ ޓީމުން އިބޫ އަށާއި އެ ސަރުކާރަށް ތުހުމަތުގެ އިނގިލި ދިއްކުރީ މާބޮޑަށް ވެސް ސީދާކޮށެވެ. އެއާ އެކު، ނަޝީދާއި އިބޫގެ ކޯޅުންގަނޑަށް ހައްލެއް ނުލިބި 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވި ހިސާބުން އަދި މާ ގޯސްވި އެވެ. އެ ރިޔާސީ އިންތިހާބުގައި ނަޝީދު ވެސް ކެންޑިޑޭޓެއް ނެރުއްވައި އިބޫއާ ވާދަކުރެއްވައި އިބޫގެ ސަރުކާރު ބަލިވުމުގެ ޒިންމާ ނަޝީދުގެ އިސްތަށިފުޅުގައި އަދިވެސް ދަނީ އަޅުވަމުންނެވެ.
"އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވުމުގެ ޒިންމާ ނަޝީދު ނަގަން ނުޖެހޭނެ ގޮތެއް ނޯންނާނެ. އެކުގައި ތިބި ނަމަ މިއަދު ވެރިކަމުގައި އޮންނާނީ އެމްޑީޕީ. އެ ހިތްދަތިކަން އަދިވެސް އޮތީ،" އިބޫގެ ސަޕޯޓަރަކު ބުންޏެވެ.
އެމްޑީޕީން 2028 ގައި ވެރިކަަމަށް ނެރޭނެ ބޭފުޅަކާ ބެހޭ ވާހަަކަ ނުދައްކަވަވާ "އިންކިއުބޭޓަރު ގައި" ބާއްވާ ގޮތަށް ދެބޭފުޅުން އެކުގައި ކުރައްވަން ފެށްޓެވި މަސަައްކަތްޕުޅު ނިމުނުއިރު ކަންވީ ކޮމެންޓޭޓަރު ބުނި ގޮތަށެވެ. ބޯކިބާ އަތަށް އެރުމާ އެކު ބޮޑުފަޅި ހޯދަން ދުވަނީ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީގެ ކްރެޑިޓް ނަންގަވަން އެއްބޭފުޅަކު އުޅުއްވާ ކަމަށް އަނެއް ބޭފުޅެއްގެ ސަޕޯޓަރުން ދިޔައީ ބުނަމުންނެވެ. ކާމިޔާބީގެ އުފާ ފާޅުކުރަން ބޭއްވި ޖަލްސާގައި ދެ ލީޑަރުން ވެސް ވާހަކަފުޅު ނުދައްކަވާ ގޮތަށް، އެމްޑީޕީގެ ވަގުތީ ލީޑަޝިޕުން ނިންމީ އެހެންވެ ކަމަށް ބެލެވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަން ނަޝީދާއި އެ މަނިކުފާނާ އެކު މިހާރު މަސައްކަތް ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަަރު ފައްޔާޒް އިސްމާއީލް އެދިވަޑައިގެންނެވުމުން، އެކަމާ މެދު އަދި ގޮތެއް ނުނިންމަނީސް ނަޝީދުގެ ސަޕޯޓަރުން އެ ވާހަކަ ސޯޝަލް މީޑިއާ އަށް ދޫކޮށްލި އެވެ. އެއާ އެކު، އާއްމު މެންބަރުންގެ ތެރެއިން އެތައް ބަޔަކު ފާޑުކިޔަން ފެށީ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށެވެ.
އެ ދުވަހު އާއްމު މެންބަރުން އޭނާއާ ދިމާލަށް "ރަތްމަހަށް ނުގޮވާހާ އެއްޗިިހި" ގޮވި ފަހުން ޣަފޫރު އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ނަޝީދަށް ފުރުސަތު ނުދިން ވާހަކަ ސޯޝަލް މީޑިއާއަށް އައީ އެ މަނިކުފާނާ ފޯނުން ވާހަކަ ދައްކަވައި ނިމުނު ތަނުން ކަމަށެވެ.
އޭރު އުފެދުނު މައްސަލަ ހައްލުކުރައްވަން މަޝްވަރާތައް ބާއްވަވައި، އެކަން ހައްލު ވެއްޖެކަން އިއުލާނުކުރެއްވީ ވެސް އިބޫ އެވެ.
މި ފަހަރުގެ މައްސަލައިގެ އަސްލަކީ ކޮބާ؟
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރި އިއުލާނު ބާތިލުކުރަން އެދިވަޑައިގެން ވަގުތީ ޗެއާޕާސަން ޣަފޫރަށް ފުރަތަމަ ސިޓީ ފޮނުއްވީ އިސްިތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފެވެ. ފެކްޝަނަކަށް ނިސްބަތްކުރާ ނަަމަ އެއީ ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ.
އިންތިހާބު ފަސްކުރަން އޭރު ބޭނުންވެގެން އުޅުނީ ނަޝީދުގެ ސަޕޯޓަރުންނެވެ. އެއީ އިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތަށް އިތުރު ވަގުތު ބޭނުންވާތީ އެވެެ.
އަހުމަދު އަބްދުﷲ އަފީފް ފޮނުއްވި ސިޓީ އަށް ޣަފޫރު ޖަވާބެއް ނުދެއްވައި ހުންނަވާފައި މިދިޔަ ހުކުރު ދުވަހު އޭނާ ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީގެ ފަހުން ބާއްވާ ގޮތަށް ޗެއާޕާސަން އިންތިހާބު ފަސްކުރުމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެތެރޭގެ ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
އިންތިހާބު ފަސްކުރަން ހުށަހަޅުއްވާ ދެވަަަނަ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އިިންތިހާބު ބާއްވާނެ ފައިސާ ނެތުމެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ސަރުކާރުން ލިބެންޖެހޭ ފައިސާ އެމްޑީޕީ އަށް އަދިވެސް ނުލިބެ އެވެ.
އިންތިހާބު ފަސްކުރި ނަމަވެސް ވަގުތީ ޗެއާޕާސަން ކަން ދޫކޮށްލައްވައި، އިންތިގާލީ އިިންތިޒާމެއް ހަމައްސަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެ ގޮތުން ހަމަޖައްސާ ވަގުތީ އިންތިޒާމުގައި ޕާޓީގެ ލީޑަރަކަށް ވެވަޑައިގަންނަވަން ނަޝީދު ފުރަތަމަ ހުންނެވީ ތައްޔާރަަށެވެ.
ނަަމެސް ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ މީހުންނަށް މިހާރު އެކަން ބޮޑު މައްސަލަ އަކަށް ވެއްޖެ އެވެ. ޣަފޫރުގެ ހުށަހެޅުއްވުމުގެ ފަހަތުގައި އޮތީ ނަޝީދަށް ފުރުސަތު ނުދިނުން ކަމަށް ގަބޫލު ކުރެއްވިގެންނެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަކި ފެކްޝަނެއްގެ ލީޑަރަކު މި އިންތިހާބު ކާމިޔާބުކޮށްފި ނަމަ 2028 ގެ ރިޔާސީ އިންތިހާބާ ހިސާބަށް، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ދެމިނުއޮތުމަކީ ވެސް އެކަށީގެންވާ ކަމެއް. އެހެންވީމާ ނިއުޓްރަލް މީހަކު އައިސްގެން ރަނގަޅުވާނީ، އެ މީހަކީ އަޅުގަނޑު،"
ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ ކުރީގެ މެމންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އިންތިހާބު ފަސްކުރުމުގެ ފަހަތުގައި ދެވަނަ އެހެން ސަބަބެއް ނެތް ކަމަށެވެ.
"ފައިސާގެ ދަތިކަން އޮތަސް އެމްޑީޕީގެ އެތެރޭގެ މި ކަހަލަ އިންތިހާބުތައް ބޭއްވޭނެ. މިފަދަ އިންތިހާބުތަކަށް ހިނގާ ހަރަދު ޕާޓީގެ އާއްމު މެމްބަރުން ވެސް ހަމަޖައްސާނެ. މިހާރު ވެސް އެ މީހުން ތިބީ ފައިސާ އެއްކުރަން ތައްޔާރަށް،" ބޮންްޑޭ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވިދާޅުވީ ޕާޓީގެ މާލީ ހާލަތު ދަަށަސް ޗެއާޕާސަންގެ އިންތިހާބު ބޭއްވޭނެ ކަމަށެވެ. އެއީ ހަގީގަތުގައި އެހާ ބޮޑު ހަރަދެއް މީގެ ކުރިން ވެސް ހިނގާ އިންތިހާބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޯޓު ފޮށިތައް ފޮނުވަން ތިބޭނެ ހުރިހާ ދާއިރާއެއްގެ ރައީސުން، އަދި މި ޕާޓީގެ ވޮލަންޓިއަރުން އިންތިހާ އަށް ތިބޭނެ މާލޭގައި ވެސް ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް، އެހެންވީމާ ހަމަ އެކަނި މިސާލަކަށް ފޮށީގެ ނާލު ފޮނުވަން ވިޔަސް އަޅުގަނޑަކަށް ހިއެއް ނުގޭ ދެތިން ހާސް ރުފިޔާ ނާލަކަށް އަރާނެ ހެނެއްް 186 ރަށަށް ވޯޓުފޮށި ފޮނުވަން، ދެތިން ހާސް ރުފިޔާ ނާރާނެ،" އޭނާ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވި ގޮތުގައި ޗެއާޕާސަންގެ އިންތިހާބަށް ވޯޓުކަރުދާސް ޗާޕްކުރަން ވެސް ހިނގާނީ ވަރަށް ކުޑަ ހަރަދެކެވެ.
"ދެން ރަށްރަށުގައި ވޯޓުފޮށިތައް ބެހެއްޓުމާއި ވޯޓުފޮށިތައް ބެލެހެއްޓުން އެއީ އެއްވެސް އިރެއްގައި އެމްޑީޕީން އަގު ދީގެން ކުރާ ކަމެއް ނޫން، ދެން ޓްރެއިނިން ޕްރޮގްރާމެއް އެއީ ހަމަ އޮންލައިންކޮށް ވެސް ނޫނީ ފޯނުން ވެސް ހިންގާލެވޭނެ ކަމެއް، އަނެއްކާ [އެމްޑީޕީގެ އާއްމު މެންބަރުން] ވަރަށް ފަރިތަވާނެ އެކަން ކުރަން،" ވައްޑެ ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައިސާގެ ދަތިކަމުގެ ވާހަކަ ދައްކަނީ ބަހަނާއެއްގެ ގޮތުގަ އެވެ. ހަގީގަތަކީ އިންތިހާބު ބާއްވަން ވަކި ލީޑަރަކު ބޭނުން ނުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ލާރިއަކުން ކުރާ ކަމެއް ނޫން، ކުރަން ބޭނުން ނުވެގެން ބަހަނާއަކަށް ދައްކާ ވާހަަކައެއް،"
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްްލަން ފެނޭތޯ މިދިޔަ އޭޕްރިލްމަހު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް އިޝާރާތް ކުރައްވަމުން ވައްޑެ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވެސް ނިންމީ އިންތިހާބުތައް ގިނައިން ބާއްވަން ކަމަށާއި އެހެން އެކަން އޮއްވާ އެމްޑީޕީގެ އިންތިހާބު މަދުކުރުމަކީ ޑިމޮކްރެޓިކް ކަމެއް ނޫން ކަމަށެވެ.
"ޑިމޮކްރަސީގެ ކަންފުޅެއް ވެސް ނެތް ބަޔަކު އެގޮތަށް ކަންތައް ކުރާނީ، އެހެންވީމާ އެމްޑީޕީގެ އާއްމު މެންބަރުން އެބަ ޖެހޭ މިކަމާ ވިސްނަން،" އޭނާ ވިދާޅުވި އެވެ.
ވައްޑެ ވެސް ތުހުމަތު ކުރެއްވި ގޮތުގައި ޗެއާޕާސަން އިންތިހާބު ފަސްކުރަން އުޅެނީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ނަތީޖާ ނުނިކުމެދާނެތީ އެވެ.
"އެ އުޅެނީ އެ މީހުން [އިބޫގެ ފެކްޝަން] ބޭނުންވާ ގޮތަށް އިންތިހާބުގެ ނަތީޖާ ނުނުކުމެދާނެތީވެ، ދެން އެއީ ކޮންގޮތެއް ކަން ހުރިހާ އެންމެންނަށް ވެސް އެނގޭނެ. ޣަފޫރު އެއީ ކާކު ލާފައި ހުރި، ކޮން ބައެއްގެ ޕްރޮކްސީއެއްކަން އެންމެނަށް އެނގޭނެ، އޭނާ ތާއީދު ކުރައްވަނީ ކޮން ކެންޑިޑޭޓަކަށް ކަން އަދި ފަހަތުގައި ތިބީ ކޮން ބައެއްކަން ކޮން ލީޑަރެއްކަން ވެސް އެންމެންނަށް އެނގޭނެ،" ވައްޑެ ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އިބޫ އަށެވެ.
އިންތިހާބު ފަސްކުރަން ހުށަހަޅުއްވާނެ ކަމަށް ޣަފޫރު ވިދާޅުވި ޚަބަރު ނޫސްތަކުގައި ޖެހުމާ އެކު، ސޯޝަލް މީޑިއާ ގައި ވެސް ނަޝީދުގެ ސަޕޯޓަރުންނާއި ބައެއް އަރިސް ބޭފުޅުން އެ ހުށަހެޅުމާ މެދު ސުވާލު އުފެއްދެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުވާލު ކުރެއްވީ "އިންތިހާބު ލަސްކުރަނީ ކާކު ތައްޔާރުވަންދެންތޯ" އެވެ.
"ލަސްކުރަން މަސައްކަތް ކުރަނީ ނަތީޖާއާ މެދު ގަންނަ ބިރު، އެންމެންނަށް ވެސް އެކަން އެނގޭ" އީވާ ވިދާޅުވި އެވެ.
މާލެ ސިޓީކައުންސިލްގެ މެންބަރު ސައިފް ފާތިހު ތުހުމަތުކުރެއްވީ ވަކި ފެކްޝަނަކަށް ކާމިޔާބުވާ ގޮތަށް އިންތިހާބުގެ ކަންތައް އިންތިޒާމުވަންދެން ފަސްކުރީ ކަމަށެވެ.
ނަޝީދުގެ ސަޕޯޓަރުންގެ އެ ވިދާޅުވާ ފެކްޝަންގެ ކެންޑިޑޭަޓަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.
ނަމަވެސް މީކާއީލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އިންތިހާބު ފަސްކުރުމާ އޭނާ ވެސް ދެކޮޅެވެ.
"ޗެއާޕާސަން އިންތިހާބު ލަސްކުރުމާ އަޅުގަނޑު ދެކޮޅު، އެއީ ޕާޓީއަށް ވެސް، ރާއްޖެ އަށް ވެސް ރަނގަޅު ގޮތެއް ނޫން. އެންމެ ރަނގަޅު ގޮތަކީ ވާދަކޮށްގެން މިކަމުގައި ގޮތެއް އަވަހަށް ނިންމުން،" މީކާއީލް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ އެމްޑީޕީގައި ދެ ފެކްޝަން އޮތް އިރު އެއް ފެކްޝަންގެ ލީޑަރު ޗެއާޕާސަން ކަަމަށް ވަޑައިގެންނެވުމަކީ އެމްޑީޕީއަށް ހަމަޖެހުން އަންނާނެ ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަކި ފެކްޝަނެއްގެ ލީޑަރަކު މި އިންތިހާބު ކާމިޔާބުކޮށްފި ނަމަ 2028 ގެ ރިޔާސީ އިންތިހާބާ ހިސާބަށް، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ދެމިނުއޮތުމަކީ ވެސް އެކަށީގެންވާ ކަމެއް. އެހެންވީމާ ނިއުޓްރަލް މީހަކު އައިސްގެން ރަނގަޅުވާނީ، އެ މީހަކީ އަޅުގަނޑު،" މީކާއިލް ވިދާޅުވި އެވެ.
ލަސްކުރުމުގެ ފަހަތުގައި އޮތީ އެހެން ހައްލެއް
ނުރަސްމީ ބައެއް މަސްދަރުތަކުން ބުނި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން މަސައްކަތް ކުރަނީ އެ އިންތިހާބުގެ ނަތީޖާގެ ސަބަބުން ޕާޓީ ބައިބައިވެ، ބައެއް މުހިއްމު ބޭފުޅުން ޕާޓީއާ ދުރަށް ވަޑައިނުގަންނަވާނެ އިންތިޒާމެއް ހަމަޖެހޭތޯ މަޝްވަރާކުރާށެވެ. އެ އިންތިޒާމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނެ ނުވަތަ ވަކި ބޭފުޅަކަށް ޓިކެޓް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާ ބޭފުޅަކު ޗެއާޕާސަން ކަމަަށް ވަޑައިނުގަންނަވަން އެއްބަސްކުރުވުމެވެ.
އެ ގޮތަށް ވިސްނުން ގެންގުޅުއްވާ ބޭފުޅުންގެ ބަހަނާއަކީ ޕާޓީގެ ދެބައިވިޔަ ނުދިނުމެވެ. ނަމަވެސް އެމްޑީޕީގެ ގްރާސްރޫޓް މެންބަރުން އެ ވާހަަކަ ގަބޫލެއް ނުކުރެ އެވެ.
އެމީހުން ދެކޭގޮތުގައި ނަޝީދު ޗެއާޕާސަން ކަމަށް ވަޑައިގަތަ ނުދިނުމަކީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ރައީސް މުއިއްޒުގެ ސަރުކާރަށް ކޮށްދޭން އުޅޭ ކަމެކެވެ. އެއީ ނަޝީދު ވަޑައިގެންފި ނަމަ ޕާޓީ ހަރަކާތްތެރި ކުރުވައި ސަރުކާރަށް ކުރިމަތިކުރާނެ ފިއްތުންތައް ބޮޑުވާނެތީ އެވެ.
"މީގެ ހުރިހާ ފައިދާއެއް ވާނީ ސަރުކާރަށް، ސަރުކާރުން ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރިޔަސް އަޑު ނުއުފުލާ މި ފަހުން އޮތް ގޮތަށް ޕާޓީ އޮންނާނީ ނަޝީދު ނޫން ބޭފުޅަކު ވަޑައިގެންފި ނަމަ،" އެމްޑީޕީގެ ގޮތްޕެއްގެ ރައީސްކަމާއި އެ ޕާޓީގެ ފަރާތުން ރަށު ކައުންސިލެއްގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
ޗެއާޕާސަން އިންތިހާބުގައި ރަށު ފެންވަރުގައި މީކާއީލަށް ކެމްޕެއިން ކުރުމުގައި އިސްކޮށް އުޅުއްވާ އަދި ރަށު ކައުންސިލެއްގެ ރައީސްކަމަށް އިންތިހާބު ވެފައިވާ ބޭފުޅަކު ވެސް ވިދާޅުވީ ނަޝީދު ވަޑައިގެންފި ނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ކަންތައް އެމްޑީޕީން މާ ރަނގަޅަށް ކުރާނެ ކަމަށެވެ.
"ނަޝީދު ވަޑައިގެންފިއްޔާ ސަރުކާރަށް ރައްޔިތުންގެ އަަޑު އިއްވުމުގެ މަސައްކަތް މާ ބާރަށް ހިނގާނެކަން އަޅުގަނޑު ވެސް ގަބޫލުކުރަން، އެހެން ނަމަވެސް ޕާޓީ ލީޑް ކުރަން ޒުވާނުން އަންނަން ޖެހޭ. އަޅުގަނޑު މީކާއީލަށް ތާއީދުކުރަނީ އެހެންވެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވީ ޗެއާޕާސަން ކަމަށް ވަޑައި ނުގެން، ޕާޓީގައި ހަރަކާތްތެރިވެވަޑައިގަންނަވަން ނަޝީދު ހުންނެވުން މާ ރަނގަޅެވެ. އެއީ ރިޔާސީ ޕްރައިމަރީއާ ހިސާބަށް ދާއިރު މަސްލަހަތު އޮތް ބޭފުޅަަކަށް އެ މަނިކުފާނު ވެވަޑައިގަންނަވާނެތީ އެވެ.
ދެ ފެކްޝަންގެ ކޯޅުމާއި ބޮޑެތި ތުހުމަތުތަކާ އެކު ފެންނަނީ "ބޮޑުފަޅި" ނެގޭނެ ގޮތެއް ހޯދަމުންދާ ތަނެވެ. ނަޝީދަކީ ފާޅުގައި ބައެއް ވާހަކަތައް އާންމުކޮށް ވިދާޅުވާ ބޭފުޅަކަށް ވާތީ އެ ކަންކަން ތިލަވުން ފަސޭހަވެ އެވެ. އަނެއްކާ ވެސް އިބޫއާ އެކު ފޮޓޯއެއް ނަގައި، އާންމު މެމްބަރުން ހިނިތުން ކުރެވިދާނެ ކަމަށް ނަޝީދު އެ ވިދާޅުވި ވިދާޅުވުމުން އެނގެނީ ފާރުގަނޑު ފަސޭހަވާން އަދި ކައިރި ވެސް ނުވާ ކެމެވެ.