ފެންފުށީ އަންހެނުންތަކެއް ރޮށި ދަމަނީ: ރަނގަޅު އާމްދަނީއެއް ލިބޭ -- ފޮޓޯ: ނިޝާން އަލީ
09 ޖޫން 2017 - 14:01
ފަތިހު ހަތަރެއް ޖަހާއިރު ހޭލައި، ކަނޑެއް ހުރަސްކޮށްގެން އެހެން ރަށެއް ކުނިކަހަން ދާތާ 20 އަހަރު ވީ އެވެ. މިއީ ހަލީމާ މުހަންމަދުގެ ހަމަ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ. އޭނާ ބުނާ ކަހަލަ އެވެ: "ހަށިގަނޑު ގުދުކޮށްލެވެންޏާ އުމުރަށް ވެސް މިކަން ކުރަންވީ އެވެ."
ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިއީ ޓޫރިސްޓުންނަށް ވެސް އެންމެ ޝައުގުވެރި އެއް މަންޒަރެވެ. ކޮންމެ ދުވަހަކު އިރުއަރާއިރު، ދިވެހި އަންހެނުންތަކެއް ރަށުގެ އެކި ހިސާބަށް ފެތުރިލައި، އެންމެ މުސްކުޅި ސްޓައިލަށް އިލޮށިފައްޗަކުން ރަށް ކުނި ކަހައި ސާފުކުރާ މަންޒަރު ވަރަށް ގިނަ ޓޫރިސްޓުން ފޮޓޯ ނަގާ ހަދަ އެވެ. އެކަމަކު މި ރިސޯޓުގައި އެކަން އޮންނަނީ ކޮންމެހެން ޓޫރިސްޓުން ޝައުގުވެރި ކުރުވުމުގެ ހަރަކާތެއްގެ ގޮތަކު ނޫނެވެ.
"މިއީ ގާސިމް އިބްރާހިމް (ރިސޯޓު ހިންގާ ވިލާގެ ޗެއާމަން) އެންމެ ފުރަތަމައިނުން ފެށިގެން ވެސް ކުރައްވަމުން އައި ކަމެއް. އެކަން އެގޮތަށް ދަމަހައްޓަވަމުން ގެންދަވަނީ ޗެއާމަން،" ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.
ފެންފުއްޓާއި މާމިގިލީ އަންހެނުންތަކެއް ސަން އައިލެންޑް ކުނިކެހުމުގެ މަސައްކަތުގައި -- ފޮޓޯ: ނިޝާން އަލީ
ސަން އައިލެންޑްގެ ދެ ފަރާތުގައި، ވަރަށް ކައިރީގައި އޮތް މާމިގިއްޔާއި ފެންފުށިން ކޮންމެ ދުވަހަކު ވެސް ފަންސާހަކަށް އަންހެންނުން އައިސް މި ރިސޯޓު ކުނި ކަހަމުން ގެންދާތާ، މި ރިސޯޓަށް ވީ ދުވަހެއް ވީ އެވެ. މާނައަކީ އަންނަ އަހަރަށް 20 އަހަރު ފުރުނީ އެވެ. އޭގެ ތެރޭގައި ރިސޯޓު ހުޅުވީއްސުރެ ގަވައިދުން ރަށުތެރެ ކުނި ކަހަމުން އަންނަ ބައެއް އަންހެނުން ވެސް ހިމެނެ އެވެ. އަދި، ރިސޯޓު ހުޅުވުމުގެ ކުރިން ވެސް ގާސިމްގެ އެދިވަޑައިގަތުމަކަށް ރަށުތެރެ ސާފުކުރަން އައި މީހުން ވެސް އޭގެ ތެރޭގައި މަދެއް ނޫނެވެ. އުމުރުންް ވަރަށް ދުވަސްވެފައިވާ އަންހެނުން ވެސް، އަދި ޒުވާން އަންހެން ކުދިން ވެސް ހިމެނެ އެވެ.
"އަޅުގަނޑަކީ މި ރިސޯޓު ހަދަން ފަށަން ވެގެން އެންމެ ފުރަތަމަ މަގުތައް ކަނޑަން ވެސް ނުކުތް މީހެއް. ގާސިމް ރަށަށް ވަޑައިގެންފައި އަޅުގަނޑުމެން ކައިރީގައި ވިދާޅުވީމަ އެކަން ކުރަމުން ދަނީ،" މިހާރު 57 އަހަރުގެ ލަތީފާ އަހުމަދު ބުންޏެވެ.
"އޭގެ ފަހުން ކިރިޔާ ވެސް އާދެވެންޏާ އަޅުގަނޑު އަންނަން."
ކުނި ކަހާ އަންހެނުންގެ ތެރޭގައި ގިނައިން އުޅެނީ މާމިގިލީ އަންހެނުންނެވެ. ފެންފުށިން އަންނަ އަންހެނުންގެ ތެރެއިން ގިނަ އަންހެނުން ކުރާ ކަމަކީ މި ރަށުގެ ސްޓާފުންނަށް ބޭނުންވާ ރޮށި ފިހެދިނުމާއި ހެދިކާ ހެދުމެވެ.
"ގާތްގަނޑަކަށް ދެ ހާހަށް ވުރެ ގިނަ ރޮށި ދުވާލަކު ފިހަން ޖެހޭ،" ފެންފުށީ އަންހެނަކު ބުންޏެވެ.
"ވަރަށް ގިނަ މުވައްޒަފުން މި ރިސޯޓުގައި އުޅޭތީ ވަރަށް ބައިވަރު މަސައްކަތް އޮވޭ."
ކުނި ކަހާ މީހުންނާއި ރޮށި ފިހާ މީހުންނަށް ސަން އައިލެންޑުން މަހު މުސާރަ ދެ އެވެ. ބަދިގޭގެ މަސައްކަތް ކުރާ އަންހެނުންނަށް، ކުނި ކަހާ މީހުންނަށް ވުރެ މުސާރަ ބޮޑެވެ. މައުސޫމް ވިދާޅުވި ގޮތުގައި އެއީ މުޅިން ތަފާތު ދެ މަސައްކަތެކެވެ.
ފެންފުއްޓާއި މާމިގިލީ އަންހެނުންތަކެއް ސަން އައިލެންޑް ކުނިކެހުމުގެ މަސައްކަތުގައި -- ފޮޓޯ: ނިޝާން އަލީ
"މި މީހުން ބަލާ އަޅުގަނޑުމެން ކޮންމެ ދުވަހަކު ހެނދުނު ދެ ރަށަށް ދެ ފެރީ ފޮނުވާނަން. ދެން ކުނި ކަހާ މީހުން މުޅި ރަށްހެން ކުނި ކަހާނެ. ތިބޭފުޅުން ބައްލަވާ ވަރަށް ނޯންނާނެ ކުނިކޮޅެއް ވެސް ފެންނާކަށް. އެ މީހުންް ހައެއް ޖަހާއިރު މަސައްކަތް ފަށައިގެން ގޮސް ނުވައެއް ދިހައެއް ޖަހާކަން ހާއިރު ނިންމާލާފައި ސައިބޮއިގެން އެނބުރި ރަށަށް ދާނެ،" މައުސޫމް ވިދާޅުވި އެވެ.
"އެކަމަކު ރޮށި ފިހާ މީހުންގެ މަސައްކަތް ނިމޭނީ ހަވީރުކޮޅު. އެ މީހުން ވެސް މަސައްކަތް ނިންމާފައި އެނބުރި ރަށަށް ދާނެ."
މިއީ މާ ބޮޑު ގަވައިދުތަކެއްގެ ދަށުން އޮތް ކަމެއް ނޫނެވެ. މި ވަޒީފާ އަށް އަންނަން ބޭނުންވާ އެއްވެސް އަންހެނަކު އެ ދެ ރަށުގައި ހުރި ނަމަ، މައުސޫމް ވިދާޅުވި ގޮތުގައި، ވަރަށް ފަސޭހައިން އެކަން ހަމަޖެހިދާނެ އެވެ.
"ހަގީގަތުގައި ޚަރަދަށް ބަލައިފިއްޔާ މިހާ ބައިވަރު މީހުން މިކަމަށް ގެންގުޅުމަކީ ވަރަށް ޚަރަދު ބޮޑު ގޮތެއް. މިކަމަށް ބޭރުގެ ހައެއްކަ މީހުން ލައިގެން ވެސް ކުރެވިދާނެ ކަންކަން މިހިރީ. އެކަމަކު ޗެއާމަން އަކީ އެކަހަލަ ބޭފުޅަކަށް ނުވާތީ އެކަން އެގޮތަށް ދަނީ،" މައުސޫމް ވިދާޅުވި އެވެ.
މި ރަށް ރިސޯޓަށް ބަދަލުކޮށްލުމަށް ލިބިވަޑައިގަތް ފުރުސަތުގައި، ގާސިމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ވެސް މާމިގިއްޔާއި ފެންފުށީގެ ރައްޔިތުންނެވެ. އެ ދެ ރަށާ ވެސް އާއިލީ ގޮތުން ގުޅިފައިވާ ގާސިމް ވިދާޅުވި ގޮތުގައި، "އެކަން އެ ދަމަހައްޓަނީ އެ މީހުންނަށް ވެސް އާމްދަނީއެއް ލިބޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ" އެވެ.
"ހަގީގަތުގައި ހަރަދު ވެސް ބޮޑު ގޮތެއް. އެކަމަކު އެ ދެ ރަށުގެ އަންހެނުން ރަށުގައި ފިރިންނާއި ދަރިން ކައިރީގައި ތިބެގެން ކޮންމެވެސް އާމްދަނީއެއް ލިބޭނެ ގޮތެއް އަޅުގަނޑުގެ ފަރާތުން ފަހިވީމަ ދެން އެކަން އެ ނިމުނީނޫންތޯ،" ހަތަރު ރިސޯޓް ހިންގަވާ މަހުޖަނު ވިދާޅުވި އެވެ.
ފެންފުށީ އަންހެނުންތަކެއް ރޮށި ދެމުމުގެ މަސައްކަތުގައި -- ފޮޓޯ: ނިޝާން އަލީ
އޭގެ ތެރޭގައި ހަމައެކަނި ހިމެނެނީ އަންހެނުން އެކަންޏެއް ނޫނެވެ؛ ރަށުގެ އެކި ހިސާބުތަކުގައި އުމުރުން ވަރަށް ދުވަސްވީ، ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން ވެސް ހިމެނެ އެވެ. އުމުރުން 70 އަށް ވުރެ މައްޗަށް ގޮސްފައިވާ މީހުން ވެސް އެބަ އުޅެ އެވެ.
"މި މީސްމީހުން ކިރިޔާ ވެސް މަސައްކަތް ކޮށްލަނިކޮށް ވަޒީފާ އިން ވަކިކުރުމަކީ ގާސިމް ބޭނުންފުޅުވާ ގޮތެއް ނޫން،" މައުސޫމް ވިދާޅުވި އެވެ.
މި ރިސޯޓް ހުޅުވުމާ އެކު ހަގީގަތުގައި އެންމެ ބޮޑު ފައިދާއެއް ކުރީ ވެސް މި ރަށާ ކައިރީގައި ހުރި ރަށްރަށަށެވެ. ރިސޯޓުގައި ގިނައީ ވެސް ކައިރީގައި އޮތް ރަށްރަށުގެ މުވައްޒަފުންނެވެ. މިއީ މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ހަގީގީ ކޮންސެޕްޓް އޮންނަން ވެސް ޖެހޭ ގޮތެވެ.
"ކިޔަވާ ނިންމައިގެން މި ރަށަށް އައިސް ވަޒީފާ އަދާކޮށްގެން، އެކަން ރަނގަޅަށް ދަސްކޮށްގެން އެހެން ރިސޯޓުތަކުގައި ވެސް އެބަ މަސައްކަތް ކުރޭ އެތަކެއް ބައިވަރު ކުދިންނެއް. މިއީ ހަގީގަތުގައި އިންސްޓިޓިއުޓެއް ވެސް މެ،" ކުރިން ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި މައުސޫމް ވިދާޅުވި އެވެ.
މި ރިސޯޓް ހުޅުވުމާ އެކު މާމިގިއްޔާއި ފެންފުއްޓަށް ވެސް ވަރަށް ބޮޑު ތަރައްގީއެއް ވަނީ އައިސްފަ އެވެ. އެ ދެ ރަށުގެ ބައެއް އަންހެނުން ބުނި ގޮތުގައި ރަށުގައި "ސަޅި ބައިސާ" ކަނޑަން ނުތިބެ ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއް ކުރުން މާ މުހިންމެވެ.
"މިހެން ކޮންމެ ދުވަހަކު އެންމެން އެކުގައި އައިސް ކުނިކަހާލައިފައި ސައިބޯލައިގެން އެނބުރި ރަށަށް ދިއުން ކިހާ ހިތްގައިމު،" އާމިރާ ބުންޏެވެ.
"އަމިއްލަ އަށް ބޭނުންވާ އަސާސީ އެއްޗެހި ގަނެލަން އަތުގައި ލާރި ނުހުންނަ ވަގުތެއް ނުދާނެ މިހާރަކު. މިއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާސިމް އަޅުގަނޑުމެންނަށް ކޮށްދެއްވާ ވަރަށް ރަނގަޅު ކަމެއް."
ކޮންމެ ދުވަހަކު މި ރިސޯޓަށް އަންނަން ޖެހުނަސް މި އަންހެނުންނަށް އެއީ އެއްވެސް ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ކަނޑެއް ހުރަސްކޮށްގެން އަދާކުރާ ވަޒީފާ އަކީ، ބައެއް މީހުން ބުނާ ގޮތުގައި، ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ބޭނުމުގައި ކުރާ ކަމެއް އެކަންޏެއް ނޫނެވެ. އެކަމަކު އޭގެ ބަދަލުގައި، އެއީ ރަހުމަތްތެރިން ވެސް ވާހަކަ ދެކެވި ފޫހިފިލުވާލަން ލިބޭ ވަގުތުކޮޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާވިސް
11 June 2017
ކޮބާ ސާވިސް ޗާރޖް ..އެން މިދިއަ މިހުގެ މުސާރަ
ސައްތާރު /މހއ
10 June 2017
ރާއްޖޭގެ ނިސްބަތުން އެންމެގިނަ ޕީ.އެޗް.ޑީ މީހުން ތިބީ އދ. ފެންފުށީގައި.
އާމިރު
03 December 2017
ޙަދާ ދޮގު.. 2 މީހުނަ ފަޅި އުޅޭއިރު ..އެނމެ 2 މީހޫނ ތިބި. ކައިރީގަ ތިއޮއޮ މާމިގިލިގަ މާގިނަވޏެ
ނޯބޭ
10 June 2017
މަގޭ މަންމަ 2005 ފަށައިން ޕާމްބީޗް ރިސޯޓަށް ކުނިކަހން ދިޔަ
އައިކޮ
09 June 2017
މިއީ ރިސޯޓެއް ހިންގުމުން އެންމެ ކާރީގައިވާ ރަށްތަކުގެ އަންހެނުންނަށް އިޤްތިޞާދީގޮތުން ލިބިގެންދާނެ ކުރިއެރުމުގެ މިސާލެއް. ވިމެން ޢެމްޕަވާރމެންޓްގެ މިސާލެއް.
ހެހެހެހެ
09 June 2017
"ހަގީގަތުގައި ހަރަދު ވެސް ބޮޑު ގޮތެއް. އެކަމަކު އެ ދެ ރަށުގެ އަންހެނުން ރަށުގައި ފިރިންނާއި ދަރިން ކައިރީގައި ތިބެގެން ކޮންމެވެސް އާމްދަނީއެއް ލިބޭނެ ގޮތެއް އަޅުގަނޑުގެ ފަރާތުން ފަހިވީމަ ދެން އެކަން އެ ނިމުނީނޫންތޯ،" މިފެންނަނީ ގާސިމްގެ ސަޅިކަން.
ހަބޭސް222
09 June 2017
ތިޔައީ ފިސަހަރި އަންހެނުން ތަކެއް! ތިޔަ ކަނބަލުންގެ މަސައްކަތުގައި ބަރަކާތް ލައްވާށި.
ރިސޯޓު މީހާ
09 June 2017
ބަލަގަ ތި ރިސޯޓުގައެކަނިއެއްނޫން ތިހެން ކުނިކަހަންދާ މީހުންއުޅެނީކީ...ހަމަ ތިހެން ކޮންމެ ދުވަހަކު ކުރެއްދޫ އައިލެންޑް ރިސޯޓު ކުނިކަހަންވެސްދޭ...
މަޒް
09 June 2017
ބަލަ ތި ކުރެއްދޫގައި ތިކަން ކުރާކަން މި އިނގުނީ އަދި.. އެހެން ނޫނަސް ތި އުޅެނީ ސަން އައިލަންޑް ކޮޕީ ކޮއްގެން
ހުކުރު
09 June 2017
މިގޮތަށް އިލޮަށިފަތިން ކުނިކެހީމަ ރަށް ވަރަށް ބޮޑަށް ސާފުތާހިރުވެ ގެސްޓުންނަށް ވަރަށް ހިތްގައިމު ކަމެއް ލިބޭނެއެވެ އަދި ޚާއްޞަކޮށް ބީޗް ނުވަތަ އަތިރިމަތި އިލޮށިފަތިން އޮމާންކޮށް ކުނިކަހާލީމަ އެލިބޭ ހިތްގައިމުކަން އިންތިހާއަށް ބޮޑުވެގެން ދެއެވެ މިއީ ދިވެހިންގެ ސަވާފަތާ އާދަކާދައާ ގުޅުވާލެވޭގޮތަށް ކުރެވޭކަމަކަށް ވާނެއެވެ ރިސޯޓަށް އަންނަ ގެސްޓުންނަށް ކީއްކުރަންތޯ އަމީރުންނަށްވެސް މިފަދަ ހިތްގައިމު ކަމެއް ދުނިޔޭގެ އެހެންތާކުން ޏުލިބޭނެ އެވެ މިއީ ޚިދުމަތް ދިނުމުގަ މަތީ ފަންތީގެ ޚިދުމަތްކަށް ވާނެއެވެ މިކަމުގެ ފައިދާ ރިސޯޓަށްވެސް ލިބޭނެ އެވެ މިސާލަކަށް ކުރިން އައިސް ހުރި ގެސްޓަކު ހުރިނަމަ އެއްފަހަރު ނަމަވެސް އެމަންޒަރު ދެކިލާހިތް ވާނެ އެވެ އަދި އޭނަ އެދަތުރުގ ދެކިލަން ބޭނުންވާ އެއް މަންޒަރުގޮތުގަ އޭނާ ނޯޓިސް ކުރާނެ އެއް ކަންތަކެވެ ކިރިޔާ އާދެވެންޏާ ކުނިކަހަން އަންނަންވީ އެއް ނޫނެވެ އެކަން ރާވާ ހިންގާ މުސީރުންގެ ގޮތުގަ ޕެންޝަންދޭންވީ އެވެ ފައިދާމީ އެއްކޮޅަށް އޮންނަކަމެއް ނޫނެވެ މަށަން ދަތި އަޅައިގެން ކަހާލީމަ އެއޮންނަ ކުނިހުދު ގޮތެއް ނުފެނޭހެވެ ސަރވިސްޗާރޖްވެސް ދޭންވީ އެވެ ރޮށިފިހަން މެޝިނަކުން ކުރެވިދާނެ އެވެ އެކަމަކު ކުނިކެހުން އެހެނަކުން ނުކުރެވޭނެ އެވެ
ދިއްދޫ
09 June 2017
މާމިގިލި، ފެންފުށިން ތިޔަރިސޯޓަށް ކަންޑު ހުރަސްކުރުންތިވާނީ ފަހުގެ އަލާމާތަކަށް!!!
ފެންފުށިން
09 June 2017
އެއްފަޅެއްގައި އޮތްނަމަވެސް ދާންޖެހެނީ ކަނޑަށް ނިކުމެގެން އެހެންވީމަ ކަނޑު ހުރަސްކުރަނީއޭ ބުނުމަކުން މައްސަލައެއް ނެތްދޯ
ނަލަ
09 June 2017
ނައްލަ