ޕާޓީ ބަދަލުވިޔަސް އިންތިޚާބީ ގޮނޑިއެއް ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން އޮތީ ކަނޑައަޅާފައި

އިތުބާރު ނެތްކަމުގެ މައްސަލަ އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ސަލާމަތްކުރަން ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ވިޕް ލައިނާ ހިލާފުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށް، ސުޕްރީމް ކޯޓު މެދުވެރިކޮށް ކަނޑައެޅުމެވެ. އެކަހަލަ ނިންމުމެއް ހޯދަން އެޓާނީ ޖެނެރަލް، މިހާރު ވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.


ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތައް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް ކޯޓު މެދުވެރިކޮށް އެ ނޫން ޝަރުތުތަކެއް ކަނޑައަޅަން އުޅެނީ، ސަރުކާރު ކޯލިޝަންގައި ތިއްބެވި 10 މެމްބަރަކު، މަސީހުއާ ދެކޮޅަށް ސޮއިކުރެއްވުމުންނެވެ. އެހެންކަމުން އެ ބޭފުޅުން، މިހާރުގެ އިދިކޮޅު ފަރާތްތަކާ އެކު ވޯޓު ލައްވައިފި ނަމަ، މަސީހު އަށް ރިޔާސަތު ގެއްލޭނެ އެވެ.

ދައުލަތުގެ އެންމެ ބޮޑު އެއްބާރުގެ ތެރެއަށް ވަކި ކަހަލަ ޝަރުތުތަކެއް ވައްދަން ސަރުކާރުން އުޅޭކަމުގެ ވާހަކަ ފެތުރިފައިވާ އިރު، އެކަން ސަރުކާރުން ވެސް އަދި ސުޕްރީމް ކޯޓުން ވެސް މިހާތަނަށް ދޮގެއް ނުކުރެ އެވެ. އެހެންކަމުން އެފަދަ ކަމެއް އުޅޭކަން އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

މަޖިލިސް މެމްބަރުން ނުުވަތަ ކައުންސިލަރުން މަގާމަށް އިންތިޚާބުވުމަށް ފަހު ޕާޓީ ބަދަލުކުރުމަކީ އެ މީހުން އެ މަގާމުތަކަށް ހޮވި ރައްޔިތުންގެ ފިކުރާ ދެކޮޅުވުން ކަމަށް އެއްގޮތަކުން ބެލެވިދާނެ އެވެ. މިއީ ރާއްޖޭގައި މިހާރު ވެސް ހިނގަމުން ދާ ކަމެކެވެ. ގާނޫނު އަސާސީގައި އެކަން މަނާކޮށްފައެއް ނުވެ އެވެ.

ގާނޫނު އަސާސީގައި މަޖިލިސް މެމްބަރުން ވަކިވާ ގޮތްތައް ވަނީ ބަޔާންކޮށްފަ އެވެ. އެ އަސާސީގެ 73 ވަނަ މާއްދާގެ ނ. ބުނާ ގޮތުން މަޖިލިސް މެމްބަރަކު މަގާމުން ވަކިވާނީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުން، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ އެ ދަރަނި ނުދެއްކުން އަދި އެ މެމްބަރަކު ފަނޑިޔާރަކަށް ވުމުންނެވެ. މި ނޫން ގޮތަކަށް މަޖިލިސް މެމްބަރަކު ވަކިކުރެވޭނެ ކަމަކަށް ގާނޫނު އަސާސީގައި އަދި އެއްވެސް ގާނޫނެއްގައި ވެސް ބުނެފައެއް ނެތެވެ.

ދެން އޮތީ ގާނޫނީ އަސާސީގެ ބެލެނިވެރި ފަރާތް ކަމަށްވާ އަދި އަދުލު އިންސާފުގެ ފަހު ބަސް ބުނުމުގެ ބާރު އޮންނަ ސުޕްރީމް ކޯޓެވެ. އެ ކޯޓުން ކުރިން ވަނީ، އިންތިޚާބީ މަގާމުތަކުގައި ތިބޭ މީހުން ވަކި ޕާޓީއެއްގައި ހުރުން ލާޒިމް ނުކުރެވޭނެ ކަމަށް ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުން 2012 ގައި ނިންމީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބު ކުރެވޭ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ޕާޓީ ބަދަލުކުރުމަކީ އެ މަގާމުން ވަކިވާނެ ސަބަބެއް ނޫން ކަމަށެވެ. އެ ނިންމުން އައީ ކައުންސިލަރުން އެ މީހުން އިންތިޚާބުވިއިރު ތިބި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ކައުންސިލަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކޮށް، ކުރި ހުކުމުގަ އެވެ.

އެ ހުކުމުގައިވާ ގޮތުން ރާއްޖޭގެ އިންތިޚާބީ ނިޒާމު އޮންނަ ގޮތުން އިންތިޚާބީ މެމްބަރަކު ޕާޓީން ވަކިވުމަކީ އެ މީހެއްގެ މަގާމު ގެއްލެން ޖެހޭ ސަބަބެއް ނޫނެވެ. ރާއްޖޭގައި އޮންނަނީ އެންމެ ގިނަ ވޯޓު ލިބޭ މީހާ އިންތިޚާބުވުމުގެ ނިޒާމު (މެޖޯރިޓީ އިލެކްޝަން ސިސްޓަމް) ކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ މި ނިޒާމުގައި ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނާއި ކައުންސިލަރުން އެ މަގާމުތަކުގައި ތިބެގެން ގާނޫނީ ގޮތުން އެ ތަމްސީލުކުރަނީ އެ މީހުން އެ މަގާމުތަކަށް އިންތިޚާބު ކުރާ ރައްޔިތުން ކަމަށެވެ.

އެހެންކަމުން މި ނިޒާމުގައި ޕާޓީއެއްގެ ރުހުން ނެތި ރައްޔިތުން ތަމްސީލު ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

"ފަރުދީ ކެންޑިޑޭޓަކަށް ނުވަތަ ކެންޑިޑޭޓުންތަކަކަށް ވޯޓު ދޭ ސިސްޓަމްތަކުގައި ޕާޓީ ދޫކޮށްލުމަކީ ރައްޔިތުން އިންތިޚާބު ކޮށްފައިވާ މީހަކު އެ މީހަކު އިންތިޚާބު ވެފައިވާ މަޖިލީހަކުން ނުވަތަ ކައުންސިލަކުން ވަކިވާން ޖެހޭ ފަދަ ގާނޫނީ ސަބަބެއް ނޫން" ކަމަށް ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރި އެވެ.

އެ ހުކުމުގައިވާ ގޮތުން ޕާޓީން ވަކިވެއްޖެ ނަމަ މަގާމުން ވަކިވާ ގޮތަށް އޮންނަނީ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ސިސްޓަމް އޮންނަ ގައުމުތަކުގަ އެވެ. އެއީ އިންތިޚާބުތަކުގައި ރައްޔިތުން ވޯޓު ލާއިރު އިންތިޚާބަށް ކުރިމަތިލާ މީހާ އަށް ވޯޓު ދިނުމުގެ ބަދަލުގައި، ރައްޔިތުން ތާއީދުކުރާ ޕާޓީއަކަށް ނުވަތަ އެ ޕާޓީއެއްގެ ފިކުރާއި މެނިފެސްޓޯ އަށް ބަލައިގެން، އެ ޕާޓީން ނެރޭ ކެންޑިޑޭޓުންނަށް ވޯޓު ދޭ ނިޒާމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއް: ޕީޕީއެމްގެ ބައެއް މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅި، މަޖިލީހުުގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމުގެ ބިރު ޕީޕީއެމަށް އެބަ އޮތް---މިހާރު ފޮޓޯ: ހުސައިން ވަހީދު

އެގޮތަށް އޮންނަނީ ޅަފަތުގެ ޑިމޮކްރަސީ އޮންނަ ގައުމުތަކުގައި، އެ ގައުމުތަކުގެ ޕާޓީ ސިސްޓަމްގެ ނިޒާމު ދިފާއުކުރަން އަޅާ ވަގުތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ހުކުމުގައިވެ އެވެ. އެއާ ޚިލާފަށް، ބޭރުގެ ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައި ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލޭ ސަބަބެއް ނޫން ކަމަށް ބޭރުގެ ބައެއް ދިރާސާތަކާ ހަވާލާދީ، އެ ހުކުމުގައި ބުނެފައިވެ އެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަކީ މަލްޓި ޕާޓީ ސިސްޓަމަށް ޖާގަ ދޭ ނިޒާމެއް ކަން އެނގޭ ކަމާއި، އަދި އެފަދަ ނިޒާމެއްގައި ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ޕާޓީއެއްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމާއި، ވަކި ޕާޓީއެއްގައި ހުރުން އެއްވެސް މީހެއްގެ މައްޗަށް ސީދާކޮށް ވެސް ނުވަތަ ނުސީދާކޮށް ވެސް ލާޒިމް ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަން އެނގެން" އޮންނަ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ރައުޔު ތަފާތުވީ އޭރު އެ ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މުއުތަސިމްގެ ރައުޔަކީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އެހެން އަމަލްކުރާ ކަމަށެވެ. އޭގެ ސަބަބެއް ގޮތުގައި އޭނާ ވިދާޅުވަނީ ޕާޓީތަކުގެ ޓިކެޓްގައި އިންތިޚާބުތަކަށް މީހުން ނިކުންނަނީ އެ ޕާޓީގެ ފިކުރު ނުވަތަ މެނިފެސްޓޯ ތަންފީޒުކުރަން ކަމަށް ވެފައި، އެ ހައިސިއްޔަތު ދޫކޮށްލުމުން ވޯޓު ދިން މީހާގެ ހައްގު ގެއްލުމެވެ.

އެ ހުކުމް މިހާރު އޮތް ގޮތުން ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މަޖިލިސް މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމެއް ބަދަލު ކުރުމުގެ ބާރު އެ ކޯޓަށް އޮވެ އެވެ.

ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ނ. ބުނާ ގޮތުން ގާނޫނީ އުސޫލަކާ ނުވަތަ ގާނޫނީ ނުކުތާއަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރަން ނުވަތަ ބާތިލްކުރަން ނުވަތަ އެ ނިންމުމާ ދުރަށް ދާން އެ ގާނޫނު ހުރަސް ނާޅާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލިހަށެވެ. އެހެންކަމުން ގާނޫނުއަސާސީގައި ބުނެފައި ނެތް ޝަރުތެއް ސުޕްރީމް ކޯޓުން ކަނޑައަޅައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ނުހަދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އުއްމީދުކުރެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކުން އެގޮތަށް ގޮނޑި ގެއްލޭ ނަމަ އޭގެ އެންމެ ބޮޑު އަސަރެއް ކުރާނީ ވެސް ސަރުކާރު ހިންގާ ޕީޕީއެމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ސަބަބަކީ ޕީޕީއެމްގެ ބައެއް މެމްބަރުން މަޖިލީހަށް ހޮވިވަޑައިގަތީ އެހެން ޕާޓީތަކުން ކުރިމަތިލައްވައިގެން ކަމަށް ވެފައި، ޕީޕީއެމާ ފަހުން ގުޅިވަޑައިގަތުމެވެ. އިދިކޮޅު ކޯލިޝަންގައި ވެސް އެގޮތަށް ޕާޓީ ބަދަލުކުރެއްވި މެމްބަރުން އެބަ ތިއްބެވި އެވެ.

ދުސްތޫރީ މައްސަލައެއް ކުރިމަތިވެގެން ސުޕްރީމް ކޯޓުން އޭގެ ތެރެއަށް ވަނުމަކީ ގޯހެއް ނޫނެވެ. އެކަމަކު ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިއެފައިވާ ޝަރުތުތަކެއްގެ ތެރެއަށް، ސުޕްރީމް ކޯޓުން އިތުރު ޝަރުތެއް ނުވަތަ ޝަރުތުތަކެއް ވެއްދުމަކީ، ކުރެވިދާނެ ކަމެއްތޯ ގާނޫނީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތަށް ބޭފުޅަކު އިންތިހާބުކުރަނީ އެހެން މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލިހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކާ ގުޅޭ ގޮތުން ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވެސް، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ނިސްބަތްވާ ވޯޓުތައް ދޫކޮށްފައި ވަނީ، މަޖިލިހުގެ އަމިއްލަ ކަމެއްގެ ގޮތުގަ އެވެ. މިސާލަކަށް ވަޒީރެއްގެ ނުވަތަ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އިތުބާރު ނެތްކަމަށް މަޖިލިހުން ފާސްކުރިޔަސް، އޭގެ ފަހު ބަސް ބުނުމުގެ ބާރު، އެ ނިންމުމުން ލިބެނީ ސުޕްރީމް ކޯޓަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ސައްހަކަން ބަލަން، ސުޕްރީމް ކޯޓަށް ދާކަށް ނުޖެހެ އެވެ. އެހެންކަމުން އެ ނިންމުމަށް އެކަނި ބެލި ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ސީދާ ނިސްބަތްވާ ވޯޓުތަކުގައި ސުޕްރީމް ކޯޓުން ނުބެހޭނެކަން އެ އޮތީ ފެންނާށެވެ. މިއީ ދާދު ފަހުން އެ ކޯޓުން ނިންމި ނިންމުމެއްކަމަށް، ހަނދާންކޮށްލަން ޖެހެ އެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ، މި މައްސަލާގައި އޭޖީ އާއި ސުޕްރީމް ކޯޓުން އެއްވެސް މައުލޫމާތެއް އަދި ނުދޭތީ، އަސްލު ވާން މި އުޅޭ ގޮތް ކަނޑައެޅިގެން ނޭނގުމެވެ. އެކަމަކު މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން އެފަދަ މައުލޫއުތަކަށް އާންމުންގެ ސަމާލުކަން ހުއްޓެ އެވެ. އެހެންކަމުން "ވެއްދި"، "ވައްދަން އުޅޭ" މި މައްސަލާގައި ވެސް ވަރަށް ހޫނު ބަހުސްތައް ދަނީ ކުރިއަށެވެ.