އިދިކޮޅުން ނެރޭނީ ނަޝީދުތަ؟

ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އެއް ކެންޑިޑޭޓް ނެރޭނެ ފޯމިއުލާއެއް ހޯދުމުގައި އިދިކޮޅުން "ތާށިވެފައި" ތިބޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެ، މެނިފެސްޓޯ އިއުލާންކޮށް، ކެމްޕޭން ފަށަންވިއިރު ވެސް އިދިކޮޅު ކެންޑިޑޭޓު ކަނޑަނޭޅި ލަސްވުމަކީ ސަރުކާރުން ވަރަށް ހަޖޫ ވެސް ޖަހާ ކަމެކެވެ. އެކަމަކު، ރައްދުގައި އިދިކޮޅު ކޯލިޝަނުން ބުނަމުން އައީ ސަރުކާރު ސިއްސުވާލާނެ، އިދިކޮޅު ކެންޑިޑޭޓު ހުރީ ތައްޔާރަށް ކަމަށެވެ.


ތަފާތު ފިކުރުގެ ޕާޓީތައް، ގުޅިފައިވާ ކޯލިޝަނުން ކެންޑިޑޭޓަކު ކަނޑައަޅަން ކޮމެޓީއެއް އެކުލަވާލައިގެން ވެސް މިހާތަނަށް އެއް ކެންޑިޑޭޓުގެ ފޯމިއުލާއެއް ނުނެރެވުނެވެ.

މި މަސައްކަތުގައި އިދިކޮޅު "ހުއްޓިފައި" އޮއްވައި އދ.ގެ އިންސާނީ ހައްގުތަކާ ގުޅޭ ކޮމެޓީން މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މި ނިންމުން މިއައީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާ މެދު އެ ޕާޓީގެ އާއްމު މެމްބަރުންނަށް ޝައްކު އުފެދި، މާޔޫސްވެފައި ތިއްބަ އެވެ.

އދ.ގެ ކޮމެޓީން އެމްޑީޕީ އަށް ދިން އުފާވެރި ޚަބަރާއެކު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަން އާއްމު މެމްބަރުން ކަށަވަރުކޮށްފި އެވެ. އިދިކޮޅު ޕާޓީތައް ގުޅިގެން، އެއް ކެންޑިޑޭޓަކު ކަނޑައަޅަން މަސައްކަތްތަކެއް ކުރި ހަނދާން އެމްޑީޕީގެ ސަޕޯޓަރުން މިހާރަކު ހުރި ހެނެއް ވެސް ހިއެއް ނުވެ އެވެ. އުފާފާޅުކޮށް، އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު ކަން ސަރުކާރަށް ހަނދާން ކޮށްދިނުމުގައި ފޯރި ނަގަނީ އެވެ.

އެހެންވެ މިހާރު އުފެދިފައި އޮތް ސުވާލަކީ، އިދިކޮޅުން ނެރެން ބުނި އެއް ކެންޑިޑޭޓަކީ ވެސް ނަޝީދު ހެއްޔެވެ؟ ގައިމުވެސް، އިދިކޮޅުގެ ލީޑަރުންގެ ތެރެއިން އިންތިހާބުގައި ވާދަކުރެއްވުމުގެ އެންމެ ފުރުސަތު ބޮޑީ ނަޝީދު ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ. އެމަނިކުފާނު އިންތިހާބުގައި ވާދަކުރެއްވުމުގެ މަގެއް، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މިހާތަނަށް ފަހިވެފައި ނުވާ ކަމުގެ ހަގީގަތް ގަބޫލުކުރާކަށް ބޭނުމެއް ވެސް ނުވެ އެވެ.

ކިރިޔާ ވެސް އުއްމީދަކަށް އޮތީ، ނަޝީދު ވެސް ހިމެނޭ ގޮތުން ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ފެބުރުއަރީ 1 ގައި ނެރުނު އަމުރެވެ. އެއީ، ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން ނެރުނު އަމުރެއް ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ، ސިޔާސީ ލީޑަރުން މިނިވަންކުރުމުގެ އަމުރު ބާތިލްކޮށްފަ އެވެ.

އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ކޯލިޝަނުން ރިޔާސީ ރޭހުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމުގެ އުއްމީދު، އދ.ގެ ކޮމެޓީން އާކޮށް ދިންއިރު، އިންތިހާބުގައި ވާދަކުރައްވަން ގާސިމަށް ކުރިމަތިކޮށްފައިވާ ހުރަސްތައް އަދި ނައްތައެއް ނުލެވެ އެވެ. އުމުރުން 65 އަހަރު ވުމުން ވެރިކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ އިތުރުން ރިޝްވަތުގެ މައްސަލައިގައި އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމުން ގާސިމަށް ވަނީ ފުރުސަތު ގެއްލިފަ އެވެ.

އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާގައި ޕާޓީތަކުގެ ވިސްނުން ގެންގުޅެނީ ފުރަތަމަ މި ދެ ބޭފުޅުންނަށް އިސްކަންދޭ އުސޫލުންނެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން: އިންތިހާބުގައި ރައީސް ޔާމީން ބަލިކުރަން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފައި.

ޚިޔާލު ތަފާތު، އުނދަގޫ ނިންމުމެއް!

ޔަގީންވާ އެއް ކަމެއް އެބައޮތެވެ؛ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ކިތަންމެ ހަނި ފުރުސަތެއް އޮތް ނަމަވެސް ނަޝީދު ދުލެއް ނުދެއްވާނެ އެވެ. އިންތިހާބާ ގުޅޭ ގޮތުން އެމަނިކުފާނު މިހާތަނަށް ފާޅުކުރެއްވި ޚިޔާލުފުޅުތަކާއި ދައްކާފައިވާ ވާހަކަފުޅުތަކުން އެކަން ވަރަށް ސާފެވެ. ރައީސް އަބްދުﷲ ޔާމީން، މަގާމުން ދުރުކުރުމަށް ފަހު އިންތިހާބު ބާއްވަން އިދިކޮޅު ޕާޓީތަކުން ވިސްނުން އެއްގޮތް ކުރަމުން އަންނައިރު ވެސް ނަޝީދު ބޭނުންފުޅު ވަނީ، ރައީސް ޔާމީނާ ވާދަކުރައްވައި އެމަނިކުފާނު ބަލިކޮށްލެއްވުމަށެވެ. އެ ވާހަކަ މި ފަހުން ބޭރުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކޯލިޝަންގައި އެމްޑީޕީ އަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އަށް ވުމުގެ އިތުރުން، 2013ގެ ރިޔާސީ އިންތިހާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ ވޯޓު ލިބުނީ ވެސް އެ ޕާޓީއަށެވެ. ބޮޑު ކޯލިޝަނަކުން ވާދަކުރައްވައި ރައީސް ޔާމީނަށް 111،203 ވޯޓު ލިބިވަޑައިގަތްއިރު، ނަޝީދު އެކަނި 105،181 ވޯޓު ހޯއްދެވި އެވެ. އިދިކޮޅު އެއް ކެންޑިޑޭޓުގެ ފޯމިއުލާ އިން ނަތީޖާ ނެރޭއިރު، މިއީ، އިދިކޮޅު ކެންޑިޑޭޓު ކަން ހައްގު ވަނީ އެމްޑީޕީ އަށް ކަމަށް ދައްކަން އެ ޕާޓީ އަށް އޮތް ހުއްޖަތެކެވެ.

ޖުމްހޫރީ ޕާޓީގެ ވެސް ހަގީގަތަކީ މިއެވެ؛ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތުތައް "ބަންދުކޮށްފައި"ވީ ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓަކީ ގާސިމެވެ. ރާއްޖޭގެ ރައީސް ކަން ކުރެއްވުމުގެ އުއްމީދުގައި ހުންނެވި ގާސިމްގެ ބަދަލުގައި އެހެން ބޭފުޅަކު އެ ޕާޓީން ކަނޑައެޅުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ.

އެހެންކަމުން، އެހާ ފަސޭހަ އިން ދޫ ދެއްވައި، ރިޔާސީ ކެންޑިޑޭޓު ކަން ނަޝީދަށް، ގާސިމް ދޫކޮށްލައްވާނެ ހެއްޔެވެ؟ ސިޔާސީ ގޮތުން ދެ ބޭފުޅުންގެ ހުރި ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރައްވައި، އެކުގައި މިހާރު މަސައްކަތް ކުރެއްވި ނަމަވެސް ރިޔާސީ ކެންޑިޑޭޓުކަން ނަޝީދަށް ދޫކޮށްލެއްވުމަކީ ގާސިމާއި އޭނާގެ ޕާޓީ އަށް އެހާ ފަސޭހަ ނިންމުމަކަށް ނުވާނެ އެވެ.

ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ސަލާމްކުރައްވަނީ:

ކެންޑިޑޭޓަކު ކަނޑައެޅުމުގެ ވިސްނުން ޕާޓީތަކުން ކުރިއަށް ނެރެ، އެ ވާހަކަ ދައްކަމުން ދިޔައިރު ވެސް ރައީސް މައުމޫން ހުންނެވީ ހިމޭނުންނެވެ. އިދިކޮޅުން އެއް ކެންޑިޑޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން އެމަނިކުފާނު މާގިނަ ވާހަކަފުޅެއް ނުދައްކަވަ އެވެ. މައުމޫން ވިދާޅުވެފައިވާ ގޮތުން ނަމަ، އެމަނިކުފާނު ވިސްނުންފުޅު ގެންގުޅުއްވީ، ކެންޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން ނުވަތަ އިންތިހާބަކާ ހަމައަށް ދިއުމުގެ ކުރިން ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކަށް މިނިވަންކޮށް، ބާރު ހޯދައިދެއްވުމުގެ މަސައްކަތް ކުރެއްވުމަށެވެ. އެ މަސައްކަތުގައި އުޅުއްވަނިކޮށް، ސަރުކާރު ވައްޓާލުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ކޯލިޝަންގައި ދެން ހިމެނޭ، އަދާލަތު ޕާޓީން، އިންތިހާބުގައި އެ ޕާޓީގެ މަސްލަހަތު ކުރިއަށް ނެރުމުގެ ވިސްނުމެއް ގެންގުޅޭހެނެއް ހިއެއް ނުވެ އެވެ. ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމަކީ، ކޯލިޝަން ސަރުކާރަކަށް ތާއީދުކުރުމެވެ. މި ވިސްނުން ކުރިއަށް ނެރެފައިވީ ނަމަވެސް ފިކުރުގެ ގޮތުން އެމްޑީޕީ އަށް ވުރެން އަދާލަތު ޕާޓީން ގާތީ، ޖުމްހޫރީ ޕާޓީއާ އެވެ.

އިދިކޮޅު އެއް ކެންޑިޑޭޓަކު ކަނޑައަޅަން ޕާޓީތަކުން ނިންމީ، ޕްރައިމަރީއަކުންނެވެ. އެހެން ބޭފުޅަކަށް ފުރުސަތު ދޭ ގޮތަށް އޮތީ، އެ ޕްރައިމަރީގައި ކަނޑައަޅާ ލީޑަރަކަށް އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެ ނަމަ އެވެ. އެ ބޭފުޅަކު ހޯދުން، އެއީ އަނެއްކާވެސް ފަސޭހަ ނިންމުމަކަށް ނުވާނެ އެވެ.

އެހެންކަމުން ބޮޑަށް ބެލެވެނީ، އިދިކޮޅުން ހޯދާ ފޯމިއުލާގައި، އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބަދަލުގައި ޕާޓީތަކުން އިންތިހާބުގައި ވާދަކުރާނީ ވަކިވަކިންނެވެ. މި ނޫން، ފޯމިއުލާއެއް ހޯދުމަކީ، އިންތިހާއަށް ހިތްދަތި، އެހާމެ އުނދަގޫ ކަމަކަށް ވާނެ އެވެ.

އިދިކޮޅު ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެމްޑީޕީން ގަބޫލުކުރާއިރު އެ ޕާޓީން އެދޭ ގޮތަށް އެކަން ނިމިދާނެ ހެއްޔެވެ؟ ނޫނެކެވެ. ހަގީގަތަކީ، އެއީ އެހާ ފަސޭހަ އިން ވާން އޮތް ކަމެއް ނޫނެވެ.

ސަރުކާރުގެ ނިންމުން ވަރަށް ސާފެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ ނުވަތަ އެހެން ޖަމާއަތަކުން ނިންމި ނަމަވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނަޝީދަކަށް ނުދޭނެ އެވެ. އެ ފުރުސަތު ފަހިވާން އޮތް ހަމައެކަނި ގޮތަކީ، ގާނޫނުއަސާސީ އަށް ބަދަލު ގެނައުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު މިހެން އެކަނި ބުނެގެން ސަރުކާރަށް ވެސް ތިބެވޭކަށް ނެތެވެ. އިދިކޮޅު ސިޔާސީ ލީޑަރުންނަށް ފުރުސަތު ނުދީ ބާއްވާ އިންތިހާބެއް، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައި ނުގަންނާނެ ކަމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ބުނަމުންނެވެ.

އިދިކޮޅު ކެންޑިޑޭޓަކު ކަނޑައަޅަން އަދިވެސް އެހާ ފަސޭހައެއް ނޫނެވެ. އިދިކޮޅު ކެންޑިޑޭޓް ކަށަވަރު ވާނީ، އިންތިހާބުގައި ވޯޓުލާ ދުވަސް ކުޑަތަންވުމުން ކަން ޔަގީނެވެ.