ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތަކަށް ނުވޭބާ؟

މީގެ އަހަރުތަކެއް ކުރިން، ސިޔާސީ ބޭފުޅުންތަކެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ފެށި ހިސާބުން މުޅި ގައުމުގައި ދައްކަން ފެށީ އެއް ވާހަކައެކެވެ. ފަޓާސްބަރިއެއް ހެން ޝަރީއަތުގެ އަޑުއެހެންތައް ބާއްވައި މައްސަލަތައް ނިންމާ ވާހަކަ އެވެ. ތުހުމަތުން ދިފާއުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ވާހަކަ އެވެ. ދިފާއުގައި ހުށަހަޅާ ހެއްކާއި ހެކިވެރިންގެ ވާހަކަތަކަށް ޝަރީއަތުގެ މަޖިލީހުން ރިއާޔަތް ނުކުރާ ވާހަކަ އެވެ. އިސްތިއުނާފް ކުރުމުން ޝަރީއަތުގެ އަޑުއެހުމެއް ވެސް ނުބާއްވައި، ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމައި މައްސަލަ ބޭރުކޮށްލާ ވާހަކަ އެވެ.


ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް، މާޗް 13، 2015 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް، ނަޝީދުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަނޭޅި ނަމަވެސް، އެ ހުކުމްގެ ސައްހަ ކަން ކަށަވަރު ކުރުމަށް ދައުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. ނަމަވެސް އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.

އަނެއްކާވެސް ދައުލަތުން އެ ހުކުމުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ނަޝީދު 13 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަކީ އިތުރަށް ޗެލެންޖް ކުރުމުގެ ފުރުސަތު ނެތް ނިހާއީ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ ޖޫން 27، 2016ގަ އެވެ.

އެ ދުވަހު ސުޕްރީމް ކޯޓުން ނިންމީ، ވަކީލުންގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ނަޝީދުގެ ފަރާތްޕުޅުން ވިދާޅުވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔަ އިރު، ނަޝީދު ހުށަހެޅުއްވި ދިފާއީ ހެކިވެރިންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ނިންމީ ވެސް ރަނގަޅަށް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ. -- ފޮޓޯ: އަހްމަދު އާޒިމް (އަންޖު)

އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމެވި ފަސް ފަނޑިޔާރުންގެ ރިއާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

ދެން އައީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ޝަރީއަތެވެ. އޭނާގެ ނިދާ ކޮޓަރިން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ނިންމައި، 27، މާޗް 2015ގައި ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމް ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. ނަމަވެސް އިބްތިދާއީ އަޑުއެހުމަކަށް ފަހު، ޖޫން 26، 2016 ގައި ސުޕްރީމް ކޯޓުން ނާޒިމްގެ ވަކީލުންނަށް ފޮނުވި ލިޔުމެއްގައި ބުނެފައި ވަނީ ނާޒިމް ޖަލަށްލާން ކުރި ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިނުގަނެ އެ ކޯޓުން ބޭރުކޮށްލީ އެވެ.

ކާނަލް ނާޒިމަށް ކުރި ޖަލު ހުކުމް ރަނގަޅު ކަމަށް ނިންމީ، އޭނާގެ ގެއިން ފެނުނު ކަމަށް ބުނާ ފިސްތޯލަ އިން އޭނާ އާއި އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ އިނގިލީގެ ނިޝާނެއް ވެސް އަދި ޑީއެންއޭ ޕްރޮފައިލެއް ވެސް ފެނިފައި ނުވަނީސް، ހަމައެކަނި، އޭނާ ހައްޔަރު ކުރަން އެ ގެއަށް ދިޔަ ފުލުހުން ދީފައިވާ ބަޔާންތަކަށް ބިނާކޮށެވެ.

އެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމީ، އެ ބުނާ ފިސްތޯލައަކުން، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން އާންމުކޮށް ބުނެފައި ވަނިކޮށެވެ. އަދި އެ ޑީއެންއޭގެ ރިޕޯޓް، ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވައި އެކަމާ ގުޅޭ ގޮތުން ކޯޓުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަން އެދިފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފުގެ ޝަރީއަތަކަށް ނާޒިމް ހާޒިރު ކުރަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މި ހުރިހާ ހަގީގަތްތަކެއް މިހެން ހުއްޓައި ވެސް، ނާޒިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމުމުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

އޭގެ ފަހުން ދެން އައީ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އެވެ. މެއި 1، 2015 (މޭ ޑޭ) ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބިޔަ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ފެބްރުއަރީ 16، 2016 ދުވަހުގެ ރެ އެވެ.

އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމުން، އެ މައްސަލައިގެ ޝަރީއަތް ހިންގުމުގައި ހުރި ގާނޫނީ އަދި ޝަރުއީ މައްސަލަތައް ފާހަގަ ކޮށް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. ނަމަވެސް އިސްތިއުނާފަށް ހުށަހެޅުމުން، އެންމެ އަޑުއެހުމެއް ވެސް ނުބާއްވައި، ނޮވެމްބަރު 28، 2017ގައި އިމްރާންގެ ވަކީލުންނަށް ސުޕްރީމް ކޯޓުން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ ހައި ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ހައި ކޯޓުގެ އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކުރި ހުކުމެއް ކަމަށްވާތީ އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުންނާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ހުއްދަ ދޭން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެހެންވެ އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް އެ ޖަވާބުގައި ވެ އެވެ.

ހައި ކޯޓުގައި ބޭއްވި ޝަރީއަތަކަށް ފަހު އިމްރާން ކޯޓުން ނުކުމެވަޑައިގަންނަވަނީ. --މިހާރު ފޮޓޯ

އެ މައްސަލަ އެ ގޮތަށް ނިންމެވުމުގައި ވެސް ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

ޝައިޚް އިމްރާންގެ އެ މައްސަލަ ނިންމިތާ ހަ މަހާއި 23 ދުވަސް ފަހުން، އިއްޔެ އަނެއްކާ ވެސް ސުޕްރީމް ކޯޓުން އެފަދަ "ބިޔަ ނިންމުމެއް" ނިންމި އެވެ. އެއީ ކުރިން މި ބުނި ހުރިހާ ނިންމުމެއްގައި އެންމެ އިސްކޮށް ހުންނެވި، އިއްޔެގެ އެ ހުކުމާ ހަމައަށް ހުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމަށް ބަދަލެއް ގެންނަން ޖެހޭނެ ގާނޫނީ ހަމައެއް ނެތަތީ، އެ ހުކުމްގެ އިސްތިއުނާފް، ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ނިންމި ނިންމުމެވެ.

ދައުލަތުގެ ނިޝާން ޖެހި ކާރުކޮޅެއްގައި ސިފައިންގެ ހަށިފާރަވެރިންނާ އެކު، އުޅުއްވި އުއްތަމަ ފަނޑިޔާރު، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުށްވެރިއަކަށްވެ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުވާން ޖެހުނީ ވެސް އެމަނިކުފާނު އިސްވެ ހުންނަވައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެއީ ސިޔާސީ ނުވަ ގައިދީއަކު މިނިވަން ކުރުމަށާއި، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރާ 12 މެމްބަރަކު، މަޖިލީހުން ވަކިނުވާ ކަމަށް ކަނޑައަޅައި، މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމާ އެކު، މިހާރު އަބްދުﷲ ސައީދަކީ ކުރީގެ އުއްތަމަ ފަނޑިޔާރެވެ. ފަނޑިޔާރުންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހު ބުނާ ގޮތުން ކިތަންމެ ކުޑަ ކުށެއްގައި ވިޔަސް، ޝަރީއަތުގެ އެންމެ ފަހު މަރުހަލާގައި، ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެ ނަމަ، އެ ހިނދުން ފެށިގެން އެމީހަކު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވީ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުން އިއްޔެ ވަކިވި އަބްދުﷲ ސައީދު ޝަރީއަތުގެ މަޖިލީހަކަށް ހާޒިރު ކުރުމަށް ދޫނިދޫން މާލެ ގެންނަނީ --ފޮޓޯ/މިހާރު

"ކާކުތޯ ހިތަށް ވެސް އަރާނީ މި ދުވަސް މި ގޮތަށް ފެނިދާނެ ކަމަށް. އެ ބޭފުޅުން ކުރެއްވި ކަންތައް ހަމަ އެ ގޮތަށް އައިސް އެ ބޭފުޅުންގެ ކަރުގައި ނޫންތޯ އެންމެ ފަހުން އެ ހިފީ. މިއީ ކިހާ ބޮޑު އިބްރަތެއްތޯ ދުނިޔޭގައި މި ދުވަސް ދެކެން ތިބި ބަޔަކަށް،" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކާނަލް ނާޒިމާއި ޝައިޚް އިމްރާންގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ހުރިހާ ވެސް މައްސަލައަކީ، ކިޔަވައިގެން ތިބި ދަންދޮރު ދަންނަ މީހުން ގައުމާ ދޭތެރޭ އެއްވެސް ކުލުނެއް ނުބަހައްޓައި އަމިއްލަ އެދުން އިސް ކުރުމެވެ. އަމިއްލަ ބުއްދިން ކަންކަން ނުކޮށް، އަމިއްލަ ޒަމީރަށް ތެދުވެރި ނުވެ ކުރާ ކަންކަމުގެ ސަބަބުން ހަލާކުވެގެން ދަނީ މުޅި ނިޒާމު ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ފަނޑިޔާރުންގެ މައްސަލަ ސުޕްރީމް ކޯޓުން އިއްޔެ ބޭރުކޮށްލުމާ ގުޅިގެން ރޭގައި ކުރެއްވި ޓުވީޓެއްގައި ސުއޫދު ވިދާޅުވީ ހައްގުތައް ހޯދުމަށް ސުޕްރީމް ކޯޓަށް އެތައް ފަހަރަކު އިލްތިމާސް ކުރުމުން ވެސް އެކަމަށް އަޅާނުލައި މައްސަލަތައް ބޭރުކުރަމުން އައިސް އެންމެ ފަހުން އެ ޖުހެނީ އެކަން ކުރި މީހުންގެ އަމިއްލަ ގައިގައި ކަމަށެވެ.

ރޭގައި ސުއޫދު ކުރެއްވި ޓުވީޓް

"ގައުމަށް ކުލުނެއް ނެތި ކުރާ ކަންކަމުގެ ސަބަބުން މީގެ އާޚިރު ނަތީޖާ ހަމަ އަބަދު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ، އެކަން ކުރާ މީހުންނަށް އެ ކަންކަމުގެ ހިތި ނަތީޖާ އައިސް ބައްދަލުކުރާ ތަން. އެންމެ މީހެއް ދެ މީހެއް ނޫން. ކޯޓުތަކުގެ ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސަރުކާރު ހިންގަން ތިބި މީހުން، މި ހުރިހާ އެންމެނަށް ވެސް މި ކަންކަން މި ފެންނަނީ އައިސް ތިމާގެ ގައިގަ އޭގެ އަލިފާނުގެ ހުޅު ހިފީމަ ދެއްތޯ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހަކު ކުރާ ނުބައި ކަމެއްގެ ނަތީޖާ އެނބުރި އައިސް އެމީހަކާ ބައްދަލު ކުރުމުން ނޫނީ، ތިމާ އަށް ކުރެވުނީ ކިހާ ވަރެއްގެ ގޯސް ކަމެއްކަން އިހްސާސް ވެސް ނުކުރެވޭ ކަމަށެވެ. ނަމަވެސް އޭރު އޮންނަނީ ވަގުތު ފާއިތުވެފައި ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ދަށު ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެގެންނެވެ، މިދިޔަ މަހު ހައި ކޯޓުން ނިންމީ އެ ހުކުމް ރަނގަޅު ކަމަށެވެ. އަދި ދަށު ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އިއްޔެ އެ ކޯޓުން ވަނީ އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފަ އެވެ.

ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ދޫނިދޫއިން ގެނައުމުން މާލެއަށް ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ދަށު ކޯޓުގައި އެ މައްސަލައިގެ ޝަރީއަތް ހިނގަމުން ދިޔަ އިރު، އަބްދުﷲ ސައީދާއި އަލީ ހަމީދު ފާހަގަކުރެއްވި އެއް ކަމަކީ، އަވަސް އަރުވާލައިގެން އެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާ މައްސަލަ އެވެ. މުޅި ޝަރުއީ ދާއިރާގެ އެންމެ އިސް ވެރިޔާގެ މަގާމުގައި އަބްދުﷲ ސައީދު ހުންނަވައިގެން، ކުރީގެ ރައީސް ނަޝީދާއި ކާނަލް ނާޒިމާއި ޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ޝަރީއަތް ކުރި އިރު، އެ ބޭފުޅުން ވެސް ކުރެއްވީ، "ފަޓާސް ބަރިއެއް ހެން" ޝަރީއަތުގެ އަޑުއެހުންތައް ބާއްވާކަމުގެ ޝަކުވާ އެވެ.

ދަށު ކޯޓުގައި ޝަރީއަތް ހިންގަމުންދާ ގޮތުން، ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދިފާއީ ވަކީލުން އެ މައްސަލައިން ތަނާޒުލުވި އެވެ. އެންމެ ފަހުން ޝަރީއަތުގެ އެންމެ މަތީ ދެ މަރުހަލާ ނިމިގެން އެ ދިޔައީ ގާނޫނީ ވަކީލަކު ނެތި އެވެ. ނަޝީދާއި ނާޒިމާއި ޝައިޚް އިމްރާންގެ ޝަރީއަތް ކުރިއަށް ދިޔަ އިރު، އެ ބޭފުޅުން ވެސް ކުރެއްވީ ހަމަ އެ ޝަކުވާ އެވެ. ނަމަވެސް އޭރު އެ އަޑު އަހަން ހުންނެވީ، އިއްޔެ މަގާމުން ވަކިވި އުއްތަމަ ފަނޑިޔާރެވެ.

"ތިމާ މަގާމުގައި ހުންނަ އިރު އަމިއްލަ ޒަމީރަށް ތެދުވެރި ނުވެ، ވަޒީފާގެ އެދުމުގައި، ފައިސާގެ ދަހިވެތިކަމުގައި، އެހެން މީހަކަށް ވަފާތެރިވާންވެގެން ކަންކަން ކުރަމުން ދިޔުމުގެ ނަތީޖާ އަޅުގަނޑުމެން އެންމެންނަށް މި ފެންނަނީ. އެކަމުން ބަޔަކަށް އިބްރަތް ލިބެންޏާ ލިބެން އެބަޖެހޭ. މި ކަހަލަ ކަންކަމުން އިބްރަތް ނުލިބޭ ކަމަށް ވަންޏާ މިއަށް ވުރެ ބޮޑު ޖާހިލުކަމެއް ކޮބައިތޯ؟" ސުއޫދު ވިދާޅުވި އެވެ.