ޑީޑީ އާއި އަދީބުގެ ގުޅުން: ނުފޫޒުން ފުރިފައި!

"ބްރޯ، ކޮބާ ކިހިނެއް؟ ބައްދަލުކޮށްލަން ބޭނުން،"


ޚިޔާނާތުން ސިޔާސީ ބާރުވެރިކަން ހޯއްދަވައި، މުޅި ދައުލަތް ކޮންޓްރޯލް ކުރެއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ދީދީ [ޑީޑީ]ގެ މޮބައިލް ނަމްބަރުން އެކި ކަންކަމުގައި މެސެޖް ކުރައްވާފައިވާ އިރު އާއްމުކޮށް ވާހަކަ ފައްޓަވާފައި ވަނީ މި މޭރުމުންނެވެ.

ދެ ބޭފުޅުންގެ ގުޅުން މިހާ ގާތެވެ.

ކުރީގެ ސަރުކާރުގައި ސިޔާސީ ގިނަ ބޭފުޅުންގެ މައްޗަށް ނުހައްގު ދައުވާ އުފުލައި ޝަރީއަތްތައް ހިންގި އިރު ޑީޑީ އަކީ ކްރިމިނަލް ކޯޓުގެ ގާޒީއެކެވެ. ކުއްލި ޕްރޮމޯޝަނަކުން، އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ މަރުހަލާގެ ކޯޓުގެ ފަނޑިޔާރަކަށް ވެވަޑައިގަތް ޑީޑީގެ ނަމްބަރުން، އަދީބާ އެކު ކުރެއްވި މުއާމަލާތްތަކެއްގެ ކޮޕީއެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އޭގައިވާ ގޮތުން ޑީޑީގެ މަގާމުގެ މަސްއޫލިއްޔަތާ ގުޅޭ އެކި ކަންކަމުގައި ބައެއް ފަހަރަށް ހަފުތާއަކު ހަތަރު، ފަސް ފަހަރު ވެސް އަދީބާ ބައްދަލު ކުރައްވާފައިވެ އެވެ.

ޖޫން، 12، 2014، ގައި ޑީޑީގެ ނަމްބަރުން އަދީބަށް ފޮނުއްވި މެސެޖެއްގައިވެ އެވެ.

"އައްސަދުބެ އަށް ގުޅާފައި އަޅުގަނޑުގެ ގާތަށް ފޮނުވާލަ ދެއްވުން އެދެން،"

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އައްސަދާ، ޑީޑީއާ އާއިލީ ގޮތުން ގުޅުން އޮވެ އެވެ. އެކަމަކު އެ މެސެޖުގައި އިޝާރާތް ކުރެއްވީ ކޮން އައްސަދަކަށް ކަން ސާފެއް ނޫނެވެ.

ޖަވާބުގައި އަދީބު އެއްސެވީ، ޑީޑީ އެ ވަގުތު އިންނެވި ތަނެކެވެ. ނަސަންދުރާއޭ ވިދާޅުވުމާ އެކު މި ފޮނުވަނީ ކަމަށް އަދީބު ވިދާޅުވި އެވެ. އެކަމަކު އައްސަދު މެދުވެރިކޮށް ޑީޑީއާ އަދީބު ހަވާލުކުރެއްވީ ކޯއްޗެއް ކަމެއް މެސެޖްތަކުން ނޭނގެ އެވެ.

ޖެހިގެން އައި ދުވަހު "ދިމާވެލަން ބޭނުން" ކަމަށް ޑީޑީގެ ނަމްބަރުން މެސެޖްކުރުމާ އެކު ވަޑައިގަތުމަށް އަދީބު އެދިވަޑައިގެންފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން ވެސް ރޭގަނޑުގެ ވަގުތެއްގައި ދެ ބޭފުޅުން ބައްދަލު ކުރެއްވި ކަން އެ މުއާމަލާތްތަކުން އެނގެ އެވެ.

އޭގެ ތިން ދުވަސް ފަހުން ޑީޑީގެ ނަމްބަރުން ފޮނުއްވި މެސެޖުގައި "މިއުޅެނީ މޮޅު އެއްޗެއް ހަދަން" ކަމަށާއި އަދީބު ވަޑައިގަންނަވަން ވާނެ ކަމަށް ވިދާޅުވި އެވެ. މެންދުރު ފަހު 2:00 ގައި ވަޑައިގަންނަވާނެ ކަމަށް އަދީބު ރިޕްލައި ކުރައްވަ އެވެ.

ހަމަ އެ ރޭ ޑީޑީގެ ނަމްބަރުން އަދީބަށް އަނެއްކާވެސް މެސެޖް ފޮނުއްވަ އެވެ.

"ބްރޯ، ޑޮން އަށް އޯކޭ ކުރުވަބަލަ، ބުނޭ އޭނާ ރަނގަޅު ވާނެއޭ."

އެކަން ދިޔައީ ކިހިނެއްތޯ އޭގެ ދެ ގަޑިއެއްހާ އިރު ފަހުން ޑީޑީ ސުވާލުކުރެއްވުމުން "ބަރާބަރު" ކަމަށް އަދީބު ވިދާޅުވެ އެވެ. މި މުއާމަލާތް ހިނގި ދުވަސްވަރު، ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް ހުންނެވި މުހްތާޒް މުހްސިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފަ އެވެ. ބެލެވޭ ގޮތުން "ޑޮން" އާ ބެހޭ ގޮތުން ދައްކާފައި ވަނީ މި މަގާމުގެ ވާހަކަ އެވެ.

ޖުލައި، 7، 2014، ގައި އަދީބަށް ޑީޑީ ފޮނުއްވި މެސެޖެއްގައި އޮތީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާތީ ޑޮލަރު ކޮޅެއް ބޭނުންވާ ވާހަކަ އެވެ. ކޮން އިރަކަށްތޯ އަދީބު އެއްސެވުމުން ފުރާވަޑައިގަންނަވަނީ ހޯމަ ދުވަހު ކަމަށް ޑީޑީ ވިދާޅުވެފައިވެ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، އެކި މަގާމްތަކަށް ހަމަޖައްސާ މީހުންނާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވެ އެވެ. އޭގެ ތެރޭގައި، އޮގަސްޓް، 19، 2014 ގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް "ފަނޑިޔާރުންގެ ތެރެއިން ގާޒީ އީސަ ހަމަޖެއްސުމަށް ސަރުކާރުން ތާއީދުކުރާ ވާހަކަ ފައިސަލް އަށް ދެންނެވުމަށް" ވެސް އަދީބަށް މެސެޖް ކުރައްވާފައިވެ އެވެ.

އޭރު، ޖޭއެސްސީގެ ނައިބު ރައީސަކީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެމްބަރު މުހައްމަދު ފައިސަލް އެވެ. ޖުލައި، 13، 2014 ގައި ފައިސަލް އެ މަގާމަށް ހަމަޖެއްސީ އެ ކޮމިޝަނުން ޑީޑީ އިސްތިއުފާ ދެއްވުމުންނެވެ.

މުހައްމަދު އީސާފުޅު (އީސަ) ކާމިޔާބު ކުރެއްވި ޖޭއެސްސީގެ އިންތިޚާބު އޮތީ، އޮގަސްޓު، 25، 2014، ގަ އެވެ.

ތުހުމަތުތަކާ އެއްގޮތަށް ބައެއް ކަންކަން ހިނގި!

ޑީޑީގެ މައްޗަށް ސީރިއަސް ތުހުމަތުތަކަކާ އެކު ފުލުހުން ފޮނުވި ސިޓީއަކާ ގުޅިގެން ޖޭއެސްސީން އަންނަނީ އޭނާގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގު މިދިޔަ ހަފުތާގައި ހުޅުވާލައިގެން ބޭއްވި އިރު، ފުލުހުންގެ ސިޓީއާ ހަވާލާދީ ޖޭއެސްސީން ބުނީ ރިޝްވަތު ނަންގަވައިގެން ޑީޑީ ހުކުމްކުރެއްވުމާއި ގާތް ބޭފުޅުންނަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަޒީފާ ހޯއްދެވުމާއި ކުށްވެރިންތަކެއް ދޫކޮށް ލުމުގެ ތުހުމަތު ފުލުހުން ކޮށްފައިވާ ކަމަށެވެ. އެ މައްސަލަތަކުގެ ހެކި ފުލުހުންނަށް ލިބުނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގުން ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ވަކި ގޮތަކަށް ހުކުމް ކުރައްވަން ޑީޑީ އަށް ފައިސާ ދެއްވީ ކާކު ކަމެއް ޖޭއެސްސީން އާއްމުނުކޮށް އޭނާގެ ނަން ބޭނުންކުރީ "ސަސްޕެކްޓް 1"ގެ ގޮތުގަ އެވެ. އެކަމަކު "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ޖޭއެސްސީން އެ ބުނާ "ސަސްޕެކްޓް 1" އަދީބެވެ.

އޭގެ ތެރެއިން ބައެއް ކަންކަން، ފުލުހުން ތުހުމަތު ކޮށްފައިވާ ގޮތަށް ހިނގާފައިވެ އެވެ.

އެއް ކަމަކީ، މެލޭޝިއާގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރަކަށް ޑީޑީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރު ހަމަޖައްސަން އަދީބުގެ އަރިހުން ޑީޑީ އެދިވަޑައިގަތް ކަމުގެ ތުހުމަތެވެ. އެ މަގާމް ކުރީގެ ސަރުކާރުގައި ޑީޑީގެ އަނބިކަނބަލުންނަށް ދެއްވި ކަން އޮތީ ސާފުކޮށް ފެންނާށެވެ.

ފަނޑިޔާރު ޑީޑީގެ އެދިވަޑައިގަތުމަކަށް އާންމުކޮށް ހުޅުވާލައިގެން ޖޭއެސްސީން މިދިޔަ ހަފުތާގައި ދަރުބާރުގޭގައި ބޭއްވި ތަހުގީގުގައި، އެމަނިކުފާނާއި ގާނޫނީ ވަކީލު ޑރ. ޖަމީލް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޣާނިޔާ މަގާމުން ވަކިކުރީ، ޑީޑީއާ ގުޅުން ހުރި ސުވާލު އުފެދޭ އެއް މިލިއަން ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާވި ކަމުގެ ތުހުމަތު ކުރުމުން މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެކަމަކު، އެ މައްސަލައިގެ ތަހުގީގު ހުއްޓިފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ޣާނިޔާ، ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި އިރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާތީ އާއި ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާތީ 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާގެ މައްޗަށް ދައުވާކުރަން ވެސް ފޮނުވި އެވެ. އެކަމަކު ދައުވާ ނުކޮށް ޕީޖީން އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ، އަތިރީއާގޭ މުހައްމަދު ސުވައިދާއި ސ. މީދޫ، ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ބަންދުން ދޫކޮށްލުމުގެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަވެފައިވާ މީހަކު "ސަސްޕެކްޓް 1" އާ މުއާމަލާތް ކުރަމުން ދިޔަ އިރު އެ ދެ މީހުންގެ މައުލޫމާތު "ސަސްޕެކްޓް 1" ފަނޑިޔާރު ޑީޑީ އަށް ފޮނުވި ކަމަށް ފުލުހުންގެ ސިޓީއާ ހަވާލާދީ ޖޭއެސްސީން ބުނެފައިވެ އެވެ.

ތިން ޝަރީއަތެއް ބާއްވައި އެ ދެ މީހުން ބަންދުން ދޫކޮށްލަން އަމުރުކުރެއްވީ ޑީޑީ އެވެ.

ދެން އޮތީ، ޑީޑީ ބޭރަށް ފުރާވަޑައިގަތުމަށް 10،000 ޑޮލަރު ދެއްވި ކަމަށް ފުލުހުންގެ ތަހުގީގުގައި އަދީބު ވިދާޅުވި ވާހަކަ އެވެ. ޑޮލަރުގެ މުއާމަލާތްތައް ހިންގިތާ ދެ ދުވަސް ފަހުން، ޑީޑީ ބޭރަށް ފުރާވަޑައިގަތް ކަން އިމިގްރޭޝަންގެ ރެކޯޑުތަކުން ސާފެވެ.

މަގާމުގެ ޝަރުތު އުންޏެއް ނުވޭ؟!

ފަނޑިޔާރުން ޒިންމާ އަދާކުރަން ޖެހެނީ ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ތައައްސަބުން އެއްކިބާވެ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށެވެ. އެކަމަކު ޑީޑީއާ ދެކޮޅަށް ފުލުހުން ކުރާ ތުހުމަތުތަކާއި ހޯދާފައިވާ ހެކިތަކާ އެކު އޭނާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދެ އެވެ.

ފުލުހުން ތުހުމަތު އެ ކުރާ ފަދަ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ޖޭއެސްސީގެ ތަހުގީގުގައި ޑީޑީ ވިދާޅުވި އެވެ. އެ ތުހުމަތުތަކަށް ޖަވާބުދާރީ ވެވަޑައިގަތުމުގެ ފުރުސަތެއް ޑީޑީ ވަނީ ހޯއްދަވައިފަ އެވެ. އޭނާއާ ދެކޮޅަށް ފުލުހުން ހެކި ހޯދީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ވެސް ސާފުވާން ޖެހޭ ކަމަށް އެ ދުވަހު ވިދާޅުވި އެވެ.

ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި، ޑީޑީ އަށް ކުރާ ސީރިއަސް ތުހުމަތުތަކަށް ބަލާއިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޑީޑީ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބެލެވޭތީ މަގާމުގެ ޝަރުތުތައް އޭނާގެ ކިބައިން ވަނީ އުނިވެފަ އެވެ. އެހެންކަމުން މަގާމުން އިސްތިއުފާ ދެއްވަން ޖެހެ އެވެ.

ފަނޑިޔާރު ޑީޑީގެ އެދިވަޑައިގަތުމަކަށް އާންމުކޮށް ހުޅުވާލައިގެން ޖޭއެސްސީން މިދިޔަ ހަފުތާގައި ދަރުބާރުގޭގައި ބޭއްވި ތަހުގީގުގައި، އެމަނިކުފާނު އަދި ގާނޫނީ ވަކީލުންގެ ޓީމު ސްޓޭޖުމަތީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖޭއެސްސީން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ނަމަވެސް އާއްމުންގެ ހިތުގައި ޝައްކު އުފެދި ޝަރުއީ ދާއިރާގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭ ފަދަ ކަމެއް ފަނޑިޔާރަކު ކޮށްގެން ނުވާނެ އެވެ. ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަންވާނީ އަޚުލާގީ ގޮތުން މުޖުތަމައަށް ގަބޫލުކުރެވޭ ފެންވަރުގައި ކަމަށް ވެސް އޭގައިވެ އެވެ.

ސުލޫކީ މިންގަނޑުގައިވާ ގޮތުން އަމިއްލަ ފަރުދަކު އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ކަމަށް ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ ފުރުސަތު ދީގެން ނުވާނެ އެވެ. އަދި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން ފުރިހަމަ އަށް އެއްކިބާވެގެން ތިބި ބަޔަކަށް ފަނޑިޔާރުން ވާން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

މިއާ އެކު، އާއްމު ރައްޔިތަކަށް ވީތީ އެ މީހަކަށް ކުރެވޭނެ ކަމަށް މުޖުތަމައު ގަބޫލުކުރާ، ނަމަވެސް ފަނޑިޔާރަކަށް ވީތީ އެކަމެއް ކޮށްގެން ނުވާނެ ކަމަށް މުޖުތަމައު ގަބޫލުކުރާ ކޮންމެ އަމަލަކުން ފަނޑިޔާރުން ދުރުވާން ޖެހޭ ކަމަށް ވެސް ސުލޫކީ މިންގަނޑުގައިވެ އެވެ.

ފަނޑިޔާރުންގެ ސުލޫކު ލިޔެ، އާއްމުކޮށްފައި އޮތް ނަމަވެސް އަޑިއަޑިން ހިނގައިދިޔައީ ވަރުގަދަ "ޑީލްތަކެއް" ކަން ސާފުވާ ހެކިތައް އެ ހުރީ ފެންނާށެވެ. އާއްމުން ކުރީ ތުހުމަތެވެ. ފުލުހުން ހޯދީ ހެކިތަކެވެ. އެ ހުރިހާ ކަމެއް މި ވަނީ ހާމަވެފަ އެވެ.