ލިޔެކިޔުން ނެތް ބިދޭސީން: އެއީ ލުތުފަރުތަ؟ މަރުވީ ކާކު؟

ލުތުފަރު ކިޔާ މީހަކު މަރައި ކަނޑުފެއްތި ކަމަށް ބުނެ ދައުވާކުރުމުން އެ މައްސަލަ ކުރިއަށް ނުގެންދެވި މަޑު ޖެހުނީ އެވެ. މިހާރު އުޅެނީ ހިންނަވަރުގައި އުޅުނު ބިދޭސީއަކު މަރުވުމުން އޭނާގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނުވެގެންނެވެ. މި ދެ ކޭސްގައި ވެސް މައްސަލައަކަށް ވަނީ މި މީހުންގެ އަތުގައި، އެއީ ކާކުކަން އެނގޭނެ ލިޔެކިޔުން ނެތުމެވެ.


ށ. ޅައިމަގުގައި ދުއްވާ ބޯޓެއްގައި އުޅުނު ބިދޭސީއަކު ގެއްލިގެން ހޯދަނިކޮށް އެ ރަށު ބޭރުން ފެނުނީ އިންސާނެއްގެ ކަށިތަކެވެ. އެއީ ލުތުފަރުގެ ކަށިތައް ކަމަށް ބުނެ، އޭނާގެ މަރުގެ މައްސަލާގައި، އިއުތިރާފަށް ބިނާކޮށް ތިން މީހަކަށް ދައުވާކުރަން ފޮނުވި ނަމަވެސް އެ މީހުން އެ އިއުތިރާފުން ރުޖޫއަވުމުން އަލުން ޖެހުނީ ތަހުގީގުކުރާށެވެ. "ލުތުފަރު" ކިޔާ މީހަކު މަރާލި ކަމާއި ފެނުނު ކަށިތަކަކީ އޭނާގެ ކަށިތައްކަން ޔަގީންކުރަން ޑީއެންއޭ ހަދަން ޖެހުނީ އެވެ. އެކަމަކު ޑީއެންއޭ އަކީ، އިއުތިރާފު ވިޔަސް ނުވިޔަސް، ދައުވާގެ ކުރިން ފުރިހަމަކޮށްފައި ވެސް އޮންނަން ޖެހޭނެ ކަމެކެވެ.

އެއީ "ލުތުފަރު" ކަން ކަށަވަރުތަ؟

ފައްތާފައި އޮއްވައި މިދިޔަ މެއި މަހު ފެނުނު ހަށިގަނޑަކީ ގެއްލުނު ބިދޭސީ މީހާ ކަމަށް ފުލުހުން ފުރަތަމަ ބުނި ކަމުގައި ވިޔަސް އެކަން ކަށަވަރުވާނެ އެއްވެސް ގޮތެއް އޭރު ނެތެވެ. ފުލުހުން ދައުވާކުރަން ފޮނުވީ އެ ހަށިގަނޑުގެ ޑީއެންއޭ ތަހުލީލެއް ވެސް ނުކޮށެވެ. އެ މީހާގެ ނަމަކީ ލުތުފަރު ކަމަށް ކިޔައި އުޅުނަސް ހަގީގަތުގައި އެއީ އެ ނަން ކިޔާ މީހެއް ކަމެއް ވެސް ކަށަވަރެއް ނޫނެވެ. އެނގެނީ އޭނާގެ އެކުވެރިން އެ ނަމުން މުހާތަބުކުރާ ކަމެވެ. ނަން ކަށަވަރު ކުރެވޭނެ ރަސްމީ ލިޔެކިޔުމެއް ނެތީ އެވެ.

ފުލުހުން ބުނީ މިއީ ލުތުފަރުގެ ކަށިތައް ކަމަށް. -- ފޮޓޯ: ޕޮލިސް

މި ސަބަބުތަކާ ހެދި ކޯޓުން މައްސަލަ ބޭރުކޮށް، އަލުން ތަހުގީގުކުރަން އެންގުމުން، ގެއްލުނު މީހާގެ އެކުވެރިން މެދުވެރިކޮށް އެ މީހާގެ އާއިލާ ބަންގްލަލޭޝް އިން ހޯދައި، ފައްތާފައި އޮއްވައި ފެނުނު ކަށިތަކާއި އާއިލާގެ މީހުންގެ ޑީއެންއޭއާ ގުޅޭކަން މިހާރު ކަށަވަރުކޮށްފައިވާކަން ވަނީ އެނގިފަ އެވެ. އެކަމަކު ލިޔެކިޔުން ނެތް އެތައް ހާސް ބިދޭސީންނެއް އުޅޭއިރު އަދި އެ މީހުންގެ ތެރޭގައި ކުށުގެ އަމަލުތައް ގިނަވަމުން ދާއިރު ފުލުހުންނަށް މިއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

އެނގިފައިވާ ގޮތުގައި، ކޯޓަށް މައްސަލަ ހުށަހެޅި އިރު ވެސް "ލުތުފަރު" އެއީ ރާއްޖެ އަށް އައި މީހެއްކަން ވެސް ކަށަވަރެއް ނޫނެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަސްލު ނަން އޮޅުވާލައި ލިޔެކިޔުންތައް ފޮރުވުމުން ނުވަތަ ގެއްލުމުން ދެން އެއީ ކާކުކަން ކަށަވަރުކުރެވެން އޮންނަނީ އިމިގްރޭޝަންގައި އެ މީހެއްގެ ބަޔޯމެޓްރިކްސް ރައްކާކުރެވިފައި ހުރި ނަމަ އެއިންނެވެ.

މިއީ ލުތުފަރުގެ ކަށިތައްކަން ކަށަވަރުކުރަން ޑީއެންއޭ ހެދީ ދައުވާގެ ފަހުން

މިގޮތަށް ދިމާވެފައިވާ އެތައް ހާސް ބިދޭސީންނެއް ރާއްޖޭގައި އުޅޭނެ އެވެ. އެއިން މީހަކު މަރުވުން ފަދަ ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު މި ހުރިހާ މައްސަލައެއް ކުރިމަތިވާނެ އެވެ.

ހިންނަވަރުގައި މަރުވީ ކާކުކަމެއް ވެސް ނޭނގޭ

ޅ. ހިންވަރުގައި އުޅުނު ލިޔެކިޔުމެއް ނެތް ބިދޭސީއެއް އާދީއްތަ ދުވަހު އެ އަތޮޅު ނައިފަރު ހޮސްޕިޓަލުގައި މަރުވި އެވެ. އެއީ ކާކުކަން ކަށަވަރުވާނެ ގޮތެއް ނެތުމުން ބަންގްލަދޭޝް އެމްބަސީން ވެސް ހަވާލު ނުވި ކަމަށް ނައިފަރު ކައުންސިލުން ވަނީ ބުނެފަ އެވެ. މަރުވި މީހާގެ އަތުގައި އޮތީ އޭނާ ރާއްޖެ ގެނައި ކުންފުނީގެ ކާޑެއް ކަމަށާއި އެކަމަކު އެއީ މިހާރު އުވާލާފައިވާ ކުންފުންޏެއް ކަމަށްވެ އެވެ.

ބަންގްލާދޭޝް ހައި ކޮމިޝަނުން ހަށިގަނޑާ ހަވާލު ނުވި ސަބަބު ރަނގަޅެވެ. ބަންގްލަދޭޝް މީހެކޭ ބަޔަކު ބުންޏަސް ހަވާލުވެވޭނީ އެއީ ކާކުކަން އެނގޭގެ ގޮތެއް އޮވެގެންނެވެ. އެކަން އެނގެން ނެތުމަކީ ދައުލަތުގެ މައްސަލައެކެވެ. އެހެންވެ، އެކަން ސާބިތުކޮށް ނުދެނީސް ހަށިގަނޑާ ހަވާލުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ލުތުފަރު މައްސަލައެކޭ އެއްގޮތަށް މިކަމުގައި ވެސް މި ޖެހެނީ މަރުވީ ކާކުކަން ފުރަތަމަ ކަށަވަރު ކުރާށެވެ.

ބިދޭސީ މަސައްކަތު މީހުން އަރުވައި ފުރާލާފައި އޮތް ދޯންޏެއް: ބިދޭސީންގެ އަދަދު ގިނަވެ، އެ މީހުންގެ ތެރޭގައި އުފެދޭ މައްސަލަތައް ހައްލުކުރުން މިހާރު ވަނީ އުނދަގޫވެފައި

"ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކުގައި ވާހަކަ ދައްކާއިރު އެންމެ އުނދަގޫ ކަމަކީ މިއީ. މިތަނުގައި ހުންނަ އެމްބަސީއަކަށް ގޮސް، ތިޔަ ގައުމުގެ މީހެކޭ ކިޔާފައި ވާހަކަ ދައްކަން ފެށޭނީ ވެސް އެކަން ސާބިތުކުރާނެ ލިޔެކިޔުން ހުރެގެން. އެހެން ނޫނީ އެމްބަސީން ބުނާނީ ކިހިނެއްހޭ އަހަރެމެންގެ މީހެއްކަން އެނގެނީ؟ ކުރިން ވެސް އެބަހުރި މިކަހަލަ ކަންކަން ދިމާވެފައި،" ބިދޭސީންގެ މައްސަލަތަކުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި އެމްބަސީތަކާ އެކު ބޭއްވި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައިވާ ގާނޫނީ ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީއަކާ ގުޅޭ ކުށެއްގެ މައްސަލަ ޖެހޭ ހިސާބުން ކޮންމެ ގައުމަކުން ވެސް އެންމެ ފުރަތަމަ ކަށަވަރުކުރަން ބޭނުންވާނީ އެ މީހެއްގެ އައިޑެންޓިޓީ ކަމަށެވެ.

"އެ ގައުމުތަކަށް މިކަހަލަ މައްސަލަތައް ވަރަށް ގިނަ. އެހެންވެ އެ މީހުން ބޭނުންވާނީ ހަވާލު ނުވެ ވާނެ ގޮތެއް. މާ ބޮޑު އެއްބާރުލުމެއް ވެސް ނުދޭނެ."

ކާކުކަން ނޭނގި ދައުވާ ނުކުރެވުން

ކުށުގައި ހިމެނޭ މީހުންނަކީ ކޮން ބައެއްކަން ސާބިތުކުރެވޭނެ ގޮތެއް ނެތުމަކީ ކުށްކުރާ މީހުން ސަލާމަތްވާން އޮތް ދޮރެކެވެ. ކޮންމެ ކުށެއް ކުރި ކަމުގައި ވިޔަސް، ކުށް ކުރީ ކާކުކަން ސާބިތު ނުކުރެވޭ ނަމަ ދައުވާއެއް ނުކުރެވޭނެ އެވެ.

"ތަހުގީގުކުރުމާއި ދައުވާކުރުމުގައި ވެސް ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކުށުގައި ހިމެނޭ މީހުންނަކީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުން ނެތިއްޔާ. ތިމަންނާ އަށް ކިޔަނީ މިވެނި ނަމެކޭ ކިޔާފައި ތަހުގީގު މަރުހަލާގައި ދޭ މައުލޫމާތު ކަށަވަރު ކުރެވޭނެ ގޮތެއް ނެތި ދައުވާއަކާ ހިސާބަށް ގޮސް ހުކުމެއް ތަންތީޒުކުރަން ބަލާއިރު ކިހިނެއް އެނގެނީ ހުކުމް މި އަންނަނީ އެ ކުށާ އެއްވެސް ގުޅުމެއް ނެތް މީހެއްގެ މައްޗަށް ކަމެއް ވެސް؟" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ލިޔެކިޔުން ނެތް ބިދޭސީން ޑޮކްޓަރަށް ދެއްކުމަށް ވެސް، އެހެން މީހުންގެ ވޯކް ޕާމިޓް ކާޑު ފަދަ ތަކެތި ބޭނުންކުރާއިރު ކުށަކާ ހިސާބަށް ދާއިރު މިކަން އޮންނާނެ ވަރު ތަސައްވުރުކޮށްލެވެ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވާން ކިއޫ ހަދާފައި.

ކުށެއްގެ ތުހުމަތުކުރެވޭ މީހާ، ތިމަންނާގެ ނަމަކީ މިއޭ ބުންޏަސް އެ ހިސާބުން އެކަމެއް ނުނިމެ އެވެ. އޭނާ އެކަން ސާބިތުކޮށްދޭން ރަސްމީ ލިޔެކިޔުން ހުށަހަޅަން ޖެހޭނެ އެވެ. މީހެއްގެ އައިޑެންޓިޓީ ކަށަވަރުކުރަން، އެ މީހަކު އަނގައިން ބުނެލާ ބަހެއް ނުފުދޭ ކިތަންމެ ހާލަތެއް އަންނާނެ އެވެ.

ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކާކުކަން ކަށަވަރު ނުކޮށް، ދައުވާ ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ނެތެވެ. އަދި މިއީ ކުރެވޭނެ ކަމަކަށް ވިޔަސް އެއީ ގޮންޖެހުން ބޮޑު، އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ކުށުގެ ތުހުމަތުގައި ނޫނަސް، ބިދޭސީންގެ އާބާދީ ބޮޑުވެ ކުރިމަތިވާ މައްސަލަތައް ގިނަވާއިރު، ލިޔެކިޔުން ނެތް ބިދޭސީން ރާއްޖޭން ފޮނުވާލުމުގައި ވެސް މިކަމުގެ ސަބަބުން ގޮންޖެހުންތައް ހުންނާނެ އެވެ. އެއީ ކޮން ގައުމެއްގެ، ކާކުކަން ރަސްމީ ސިފައެއްގައި ކަށަވަރުކޮށްގެން ނޫނީ ގައުމަކަށް އޭނާ ފޮނުވައެއް ވެސް ނުލެވޭނެ އެވެ.

ގަވައިދާ ހިލާފަށް ބިދޭސީއަކު އުޅެން ދޫވުމަކީ މި ހުރިހާ ދިމާލަކުން ކުރިމަތިވާނެ ނުރައްކަލެކެވެ. މިއީ ބިދޭސީންގެ މައްސަލަ ކޮންމެ ގައުމެއްގައި ވެސް ސީރިއަސްކޮށް ނަގާ ސަބަބެވެ.