މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީއަށް، ރަނގަޅުތަ؟

ކުދި ވިޔަފާރިތަކަށް "ބިރަކަށް" ވެފައި އޮތް މީރާ އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޓެކްސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި ހިމަނާފައި ވަނީ އެހެންވެ އެވެ.


މީރާއަށް ގެންނަ އެއް ބަދަލަކީ ޓެކްސްއާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މީރާއަށް މިހާރު އޮތް ބާރު ކުޑަކޮށް ފިނޭންސް މިނިސްޓްރީ އަށް އެ ބާރުތައް ދިނުމެވެ. މީރާގެ ނުފޫޒު އޮޑިޓަރުންގެ މައްޗަށް އޮންނަ މިންވަރު ކުޑަކުރުމާއި ޓެކްސް ނިޒާމުގައި ހުންނަ ޖޫރިމަނާތަކާއި އަދަބުތައް މިހާރަށް ވުރެ ކުޑަކުރުމަކީ ވެސް ގެންނަ ބަދަލެކެވެ. އިތުރަށް ދެއްކޭ ޓެކްސް ރިފަންޑް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި އެޑްވާންސްކޮށް ޓެކްސް ރޫލިންތައް ނެރެވޭ ގޮތް ހެދުން ވެސް ހިމެނެ އެވެ. ޓެކްސް ނިޒާމް ފަސޭހަ ކުރުމުގެ ކަންކަން 2023 ގައި ނިންމަން އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވެ އެވެ.

ސަރުކާރުން މި ބަދަލުތައް ގެންނަން އުޅެނީ "މީރާއަކީ ވިޔަފާރިތަކާ ރަށްޓެހި، ވިޔަފާރިވެރިންނަށް ބިރަކަށް ނުވާ " އިދާރާއަކަށް ބަދަލުކުރަން ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދުމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވީ މި ބަދަލުތައް މައިގަނޑު ގޮތެއްގައި ރަނގަޅު ކަމަށެވެ. ނަމަވެސް ކަންބޮޑުވުންތަކެއް ވެސް އޭނާގެ އެބަ ހުއްޓެވެ.

"ފުރަތަމަ ކަމަކަށް، އަޅުގަނޑު ދަންނަވާނީ ޓެކްސްއާ ބެހޭ ސިޔާސަަތުތައް ކަނޑައެޅުން އެއީ ހަމަ ފިނޭންސް މިނިސްޓްރީއަށް އޮންނަން ޖެހޭނެ ކަމެކޭ. އެއީ ހަމަ ވަރަށް ރަނގަޅު ބަދަލެއް،" ކުރީގެ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނުކުޅަދާނަވާ ވަރުގެ އަދަބުތައް ޓެކްސް ނިޒާމުގައި ހުރުން ކަމަށެވެ. އެހެންކަމުން އެ އަދަބުތައް ލުއިކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމެވެ.

"މީރާއަކީ ވިޔަަފާރިތައް މަރާލާ ތަނަކަށް ވެސް ވެގެން ނުވާނެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަވާ ގޮތަށް ބަދަލުވުމަކީ ވަރަށް ރަނގަޅު ކަމެއް،" އިނާޒް ވިދާޅުވި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝުކޫރު ވެސް ވިދާޅުވީ ޓެކްސްގެ ސިޔާސަތާ ގުޅޭ ކަންކަމުގެ ބާރު އޮންނަން ޖެހޭނީ ފިނޭންސް މިިނިސްޓަރަށް ކަމަށެވެ. އެއީ މީރާއަަށް އޮންނަން ޖެހޭ ބާރެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ސިޔާސަތު ކަނޑައަޅާ ހިސާބުގައި ނިންމުންތައް ނިންމުމުގެ ބާރު މީރާގެ މެންޑޭޓުން ވަކިކުރުމަކީ ރަނގަޅު ކަމެއް. އޮޑިޓަރުންގެ މައްޗަށް އޮންނަ އެ އިދާރާގެ ނުފޫޒު ކަނޑުވައިލުމަކީ ވެސް ރަނގަޅު ކަމެއް،" އާތިފް ވިދާޅުވި އެވެ.

"އެކަމަކު ޓެކްސް އޮތޯރިޓީ [މީރާ] އަށް އެ އިދާރާގެ މަސައްްކަތް ކުރުުމުގައި ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އޮންނަން ޖެހޭނެ."

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހާލަތަށް ރިއާޔަތް ކުރާ ތަނަކަށް މީރާ ވާން ޖެހެ އެވެ. އެކަމަކު އަނެއްކޮޅުން ޓެކްސް އިދާރާއާ މެދު ވިޔަފާރިވެރިން ބިރު ގަތުމަކީ ވެސް، އާތިފް ވިދާޅުވި ގޮތުގައި، "ހުރިހާ ގައުމެއްގައި ވެސް ކަން އޮންނަ" ގޮތެވެ.

ޓެކްސް ދައްކަން ޖެހޭ އެންމެންގެ ފަހަތުން ވެސް ޓެކްސް އިދާރާ ދާން ޖެހެ އެވެ. އެއީ ގާނޫނުން ލާޒިމް ކުރާ ކަމެކެވެ.

އެކަމަކު ހުރިހާ ގައުމެއްގައި ވެސް އިގުތިސާދުގެ މައިގަނޑު އެއް އިންޖީނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމުން، އެ ވިޔަފާރިތަކަށް ހިމާޔަތް ވެސް ލިބެން ޖެހެ އެވެ. އެ ވިޔަފާރިތަކަށް އެކަށީގެންނުވާ އަދަބުތަކާއި ހުރަސްތައް، ޓެކްސް އިދާރާގެ ތެރެއިން ކުރިމަތިވަންޏާ، ޖުމްލަކޮށް ވަރަށް ނުބައި އަސަރުތަކެއް ކުރާނެ ކަމަށް، އިގުތިސާދީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

މީރާއަށް މިހާރު ގެންނަން ކަނޑައަޅާފައިވާ ބަދަލުތައް އޭގެ ޒާތުގައި ރަނގަޅެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބެލުމުން އުފެދޭ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ގޮތަށް ރާއްޖޭގައި ވެސް "ޓެކްސްއާ ބީރައްޓެހި" ވިޔަފާރިވެރިން އުޅެ އެވެ. އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން ވެސް އެ މީހުން ބަލަނީ ޓެކްސް ނުދައްކާވޭތޯ އެވެ. ނުވަތަ ކޮންމެވެސް ސަބަބެއް ހޯދައި، ޓެކްސްއަށް މަކަރުހަދަ އެވެ.

ޓެކްސް ނުދައްކައިގެން އެތައް ބަޔަކާ ދެކޮޅަށް މިހާރު ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި ސިޔާސީ ގޮތުން ނުފޫޒު ފޯރުވިދާނެ މީހުން ވެސް ހިމެނެ އެވެ. ފިނޭންސް މިނިސްޓްރީއަށް ބާރުތައް ދިނުމުން، ކަންބޮޑުވުން އުފެދޭ ސަބަބަކަށް ވަނީ އެ ހަގީގަތެވެ. ސިިޔާސީ ގޮތުން ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ހައްގުގައި، އޭރަކު އޮންނަ ސަރުކާރަކުން ކުޅެފާނެ ރޯލެވެ.

"މީގަ އޮތް ކަންބޮޑުވުމަކީ ޓެކްސް ނުދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގޮތެއް ނިންމުމުގެ ބާރު ފިނޭންްސް މިނިސްޓަރަށް އޮވެއްޖެ ނަމަ ކަންތައް ވެދާނެ ގޮތް،" އިނާޒް ވިދާޅުވި އެވެ.

"މިހާރު ވެސް އެ ބަ ތިއްބެވި ރައްޔިތުންގެ މަޖިލީހުގައި ވަރަށް އަޑުގަދަ، ނުފޫޒު ގަދަ ބޭފުޅުން، 2010 ވަަނަ އަހަރުން ފެށިގެން ޓެކްސް ނުދައްކަވައި ރިސޯޓް ހިންގެވި ބޭފުޅުން. ދެން އެފަދަ ބޭފުޅުންނަށް ފިޔަވަޅު އަޅަން ޖެހޭ ހިސާބުން ސިޔާސީ ނުފޫޒު ނުވަންނާނެ ގޮތެއް ނޯންނާނެ."

އޭނާ ވިދާޅުވީ ޓެކްސް ހޯދަން ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގައި ސިޔާސީ ނުފޫޒު ވަދެ، ފިޔަވަޅު ނޭޅޭ ގޮތް ވުމަކީ ދައުލަތަށް ލިބޭނެ އާމްދަނީ އަށް ނުބައި އަސަރުކުރާނެ ކަމެއް ކަމަށެވެ. މިހާރު ވެސް ޓެކްސްގެ ގޮތުގައި ދައުލަތަށް އަަހަރަކު ލިބެންވާ ފައިސާގެ ތެރެއިން 14 ޕަސެންޓް ހުރީ ނުލިބި އެވެ.

ސިޔާސީ ގޮތުން ހޯދެން އޮތް ރަނގަޅަކަށްޓަކައި، ބައެއް ވިޔަފާރިވެރިން ހިމާޔަތްކުރަން، ފިނޭންސް މިނިސްޓްރީން އުޅެފި ނަމަ އެކަން ވާނީ ބޮޑު މައްސަލައަކަށެވެ. އެއީ ޓެކްސްއަށް ފިލައިގެން ދާން ކޮށޭނެ މަގަކަށް ވެސް ވެދާނެ އެވެ.

މީރާ އިސްލާހުކުރަން ގެންނަ ބަދަލުތަކުގައި ރަނގަޅު ކަންކަން ހުރި ނަމަވެސް، ރާއްޖޭގެ ސިޔާސީ ނިޒާމް އޮތް ގޮތުން، ވަކި ބަޔަކަށް ފައިދާކޮށްދޭނެ އުސޫލަކުން އަމަލްކުރުމުގެ ސީދާ ބާރު ވެސް ސަރުކާރަށް އެ ލިބެނީ އެވެ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ.

.