ކުލި ކޮންޓްރޯލްކުރުމުގެ ބަހުސް: އެއީ ވާނެ ކަމެއްތަ؟

ވެރިރަށް މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން ދިރިއުޅޭ މީހުންގެ ޝަކުވާތައް ބިނާވެފައި އޮންނަނީ ކުލީގެ އަގުބޮޑުކަމުގެ މަައްޗަށެވެ. ކުލި ކޮންޓްރޯލްކުރަން ޖެހޭ ކަމާއި ސަރުކާރުން އެކަމާ މެދު ފިޔަވަޅު އަޅަން މާލޭގައި ގެދޮރު ނެތް އެތައ ބަޔަކު ގޮވަމުން އަންނަތާ އެތައް ދުވަހެކެވެ. ދާދި ފަހުން އުފެއްދި މާލޭ ޓެނެންޓްސް ޔޫނިއަން (އެމްޓީޔޫ) އިން މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށައަޅަން ޕެޓިޝަނެއްގައި ސޮޮއިކުރަން ވެސް ފަށައިފަ އެވެ.


ދިރިއުޅުމުގެ ކުލި ބޮޑުވުމުގެ ޝަކުވާއަކީ ދުނިޔޭގެ ގިނަ ވެރިރަށްރަށާއި ވިޔަފާރީގެ މައި ސިޓީތަކަށް ކުރިމަތިވެފައިވާ އަދި ދާއިމީ ހައްލެއް ހޯދެން ނެތް މައްސަލައެކެވެ. މިއީ ހަމައެކަނި މާލެއަށް ކުރިމަތިވެގެން އުޅޭ ހާލަތެއް ނޫނެވެ. އެކަމަކު މާލޭގައި ގެދޮރު ނެތް އަދި ކުއްޔަށް އުޅެން ޖެހިފައިވާ އެތައް ހާސް ބަޔަކު ކުރާ ޝަކުވާއަކީ ކުލި ދައްކާފައި އެހެން ކަންކަމަށް ހޭދަކުރާނެ ފައިސާ ނުހުންނަ ކަމެވެ. މި ހާލަތުން އަރައިގަތުމަށް ކުލި ކޮންޓްރޯލްކުރުމުގެ ގާނޫނީ ބާރުތަކެއް ރައްޔިތުންގެ މަޖިލިހުން ސަރުކާރަށް ދެވިދާނެ ހެއްޔެވެ؟

މިއީ ވިޔަފާރީގެ މިނިވަންކަމާ ގުޅިފައި އޮތް ވަރަށް ބޮޑު ސުވާލެކެވެ. މިއީ އިގުތިސާދީ ހަރަކާތްތަކާ ވެސް ގުޅިފައި އޮތް ސުވާލެކެވެ. އަދި މިއީ އާންމު ދިރިއުޅުމާ ވެސް ގުޅިފައި އޮތް ސުވާލެކެވެ.

ސަރުކާރުތައް ފޭލްވުން

އެތައް ހާސް ބަޔަކު މުޅި އުމުރު ކުލި ދެއްކުމުގައި ހޭދަކުރަން ޖެހުމުގެ މައިގަނޑު ސަބަބަކީ، ބަދަލު ވަމުން އައި ރާއްޖޭގެ ހާލަތާ އެއްވަރަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުނުވުމެވެ. މިސާލަކަށް މާލެއަށް ގިނަ މީހުން ހިޖުރަކުރަން ފެށީ، އެންމެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވި އަދި ރާއްޖޭގެ އިގުތިސާދު މަސްވެރިކަމުން ޓޫރިޒަމްގެ މައްޗަށް ބިނާވެގެން ދިޔަ އިރު ވެސް ގައުމުގެ އިސް ވެރިޔާ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދުވަސްވަރުގަ އެވެ. މާލޭގެ ތޮއްޖެހުން ކުޑަކުރަން ހުޅުމާލެ ހިއްކި އެވެ. އަދި ކޮންމެ އަހަރަކު މަދުވެގެން 500 ހައުސިން ޔުނިޓް އަޅަން ސަރުކާރުން އަމާޒު ހިފި އެވެ. އެކަމަކު މައުމޫންގެ ވެރިކަން ނިމުނު އިރު ހުޅުމާލޭގައި އެއާ ގާތްކުރާ މިންވަރަށް ވެސް، އިޖުތިމާއީ ބޯހިޔާވަހިކަން ހޯދައިދެވިފައެއް ނުވެ އެވެ.

އަބަދުވެސް އެންމެ ހާލުގައި އުޅޭނީ އެންމެ ކުޑަ އާމްދަނީ ލިބޭ މީހުންނެވެ. އެމީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ސަރުކާރެއްގެ އެންމެ އިސް އެއް މަސްއޫލިއްޔަތެވެ. އެކަމަކު ކުލި ދެއްކުމުގައި އުމުރު ހޭދަކުރަން ޖެހޭ ލިސްޓަށް އެތައް ހާސް ބަޔަކު އިތުރުވާ އިރު ވެސް އެކަން ހަމަޔަކަށް އެޅުވޭ ގޮތެއް ނުވެ އެވެ.

ދެން އޮތީ ގެދޮރު ގަންނަން ނަގާ ލޯނު ދެއްކޭ ވަރުގެ އާމްދަނީއެއް ލިބޭ މީހުންނަށް ވެސް އެ ފުރުސަތު އާންމު ބޭންކްތަކުން ލިބެން ނެތުމެވެ. މިސާލަކަށް މުޅި އުމުރު ދުވަހު ރަނގަޅު ވަޒީފާތަކުގައި، ރާއްޖޭގެ ނިސްބަތުން ރަނގަޅު މުސާރަ ވެސް ލިބިގެން އުޅެމުން އަންނަ އެތައް ހާސް ބަޔަކު ވެސް ވަނީ، ބޭންކްތަކުގެ ހަރުކަށި އުސޫލުތަކުގެ ތެރެއިން ފުރުސަތު ނުލިބިފަ އެވެ. ކުރީގެ ސަރުކާރުތަކުން ކުޑަ އިންޓަރެސްޓަކާ އެކު ގެދޮރު ގަތުމަށް ލޯނު ލިބޭ ގޮތް ހެދި ނަމަ، އެއީ ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ފިޔަވަޅަކަށް ވީހެވެ.

މިހާރު ބޭންތަކުން ގެދޮރު (އެޕާޓްމަންޓް/ފްލެޓް/ބިން) ގަންނަން ފުރުސަތު އޮތީ، އަގުގެ 20 ޕަސެންޓް ދައްކައި، އެ ނަގާ ލޯނެއްގެ ނިސްބަތުން އާމްދަނީ ލިބޭ މީހުންނަށެވެ. މިސާލަކަށް ބާޒާރުގައި 2 މިލިއަން ރުފިޔާއަށް ލިބޭ އެޕާޓްމަންޓެއް ގަންނަންޏާ ފުރަތަމަ ވެސް 400،000ރ، އެ ތަނެއް ހަދާ ބަޔަކަށް ދައްކަން ޖެހެ އެވެ. ދެން ބާކީ އޮންނަ 1.6 މިލިއަން ރުފިޔާގެ ލޯނު، 11 ޕަސެންޓްގެ އިންޓަރެސްޓަކާ އެކު ލިބޭނީ އޭނާގެ މަހެއްގެ އާމްދަނީ 50،000ރ އަރައިގެންނެވެ. މިއީ ރާއްޖޭގެ މެދު ފަންތީގެ މީހަކަށް އޮބި އޮންނާނެ މިންވަރެއް ނޫނެވެ.

އެންމެ އާދައިގެ މީހާއާ އެއްކޮށް، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފޯމު ލާން، މެދު ފަންތީގެ މީހުންނަށް ވެސް މަޖުބޫރުވަނީ އެކަމާ ހެދި އެވެ. އެކަމަކު އެއްވެސް ސަރުކާރަކުން ކުޑަ އިންޓަރެސްޓަކާ އެކު އަދި ފަސޭހައިން ލޯނަށް ކޮލިފައިވާނެ އުސޫލުތަކެއްގެ ތެރެއިން ބޯހިޔާވަހިކަމަށް ފަައިސާ ލިބޭނެ އެއްވެސް މަގެއް، ހަމަޖައްސައިދީފައެއް ނުވެ އެވެ. އެހެންކަމުން 7،000 ފްލެޓް އިއުލާންކުރިޔަސް، 10،000 ފްލެޓް އިއުލާންކުރިޔަސް، ގިނަ މީހުން ދުއްވައިގަންނަން މި ޖެހެނީ އެ ދިމާލަށެވެ.

ކުލި ކޮންޓްރޯލް ކުރެވިދާނެތަ؟

މިހާރު ހަދަަމުން އަންނަ ޕެޓިޝަނަކީ ދިރިއުޅެން ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި ގާނޫނަކުން ކޮންޓްރޯލް ކުރެވޭތޯ ބަލަން މަޖިލިހަށް ހުށައަޅާ ޝަކުވާއެކެވެ.

ޕެޓިޝަނުގައި ސޮއިކުރަން ފެށި ހަބަރަށް ކޮމެންޓްކުރި ގިނަ ބަޔަކު ވެސް ގަބޫލުކުރާ ގޮތުގައި އެކަމެއް ނުކުރެވޭނެ އެވެ. އެއް ބަޔަކު ދައްކަނީ، މިނިވަން ވިޔަފާރީގެ ސަބަބެއް ވެސް ނޫނެވެ. ސިޔާސީ ވެރިން އެކަން ކުރަަން ބޭނުންނުވާނެކަމުގެ ސަބަބެވެ.

ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގަބޫލުކުރާ އުމުރުން 38 އަހަރުގެ މުހައްމަދު ނާސިހު ދެކޭ ގޮތުގައި ބޭނުންވަނީ "ޕޮލިޓިކަލް ވިލް" އެވެ.

"ހަނޑޫ ހަކުރު ފުށުގެ އަގު ކޮންޓްރޯލް ކޮށްގެން ހިފެހެއްޓޭ. އަތޮޅުތަކަށް މުދާ އުފުލާ ބޯޓްތަކުން [ކާޑުގެ ބާވަތްތަކަށް] ނަގާ ނާލު ކޮންޓްރޯލް ކުރެވޭ. ޓެކްސީގެ އަގު ކޮންޓްރޯ ކުރެވޭ. ދެން ކީއްވެ ވަކި ކުލި ކޮންޓްރޯލް ނުކުރެވެންވީ؟ ދުނިޔޭގެ ގައުމުތަކުގައި އެބަ ހުއްޓޭ ކޮށްފައި ވެސް" އޭނާ ބުންޏެވެ.

އެކަމަކު މާލޭގެ ތޮއްޖެހުން ބޮޑުވުމާއި އެވަރަށް ގެދޮރު ލިބެން ނެތުމުން، އަގު ކޮންޓްރޯލް ކުރިޔަސް އެގޮތަށް އެކަން ތަންފީޒުނުވާނެ ކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ. ނާސިހު ބުނި ގޮތުގައި "މާލެއަށް އޮތް ޑިމާންޑް އެއަށް ވުރެ ބޮޑެ"ވެ. އެހެންކަމުން ދެން އުފެދޭނީ ކަޅު ބާޒާރެވެ.

އެކަން، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރިއާޔަތްކުރަން ޖެހިފައި މި އޮތީ ގެދޮރުގެ މައްސަލަ "އެ މިންވަރަށް މައްޗަށް ދިޔަ ސަބަބުތަކަށެ"ވެ.

"ހަގީގަތުގައި ކުލި ތިހާ ބޮޑަށް މައްޗަށް ގޮސްގެން މިއުޅެނީ ހުރިހާ ކަމެއް މާލެއަށް ޖަމާވެފައި އޮތީމާ އެންމެން މާލެ އައިސް އުޅޭތީ. އެހެންވެ އުފެދިފައި އޮތް ޑިމާންޑެއް މިއީ،" އެމްޑީޕީގެ މެމްބަރު ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ އޮތީ އަދި މުޅިން އެހެން އުޒުރެކެވެ. އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ކުލި މިހާ ބޮޑުވީ ގެދޮރު ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި "މަޝްރޫއުތައް ގަޑުބަޑުކޮށްލުމުން"ނެވެ.

"ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީ ވެރިކަމުގައި ތިން ގިންތިއަކަށް ބަހާލައިގެން ފެށި ވެށިފަހި މަޝްރޫއު ނިމިދިޔަ ސަރުކާރުން މެދުކަނޑާލައި، އެމްޑީޕީ ސަރުކާރުން ތަރައްގީކުރި ސޯޝަލް ހައުސިން ޔުނިޓުތައް ވިއްކުމަށް ހަމަޖެއްސި އަގުތައް ބޮޑުކޮށް އޭރު ދޫކުރި 1،000 ފްލެޓާއި ދޫކުރި ތަންކޮޅަށް ހުޅުމާލޭން ލިބުނު ގޯތީގެ މައްސަލަތަކަށް ހައްލެއް އައިސްގެން މެނުވީ ކުލީގެ އަގުތައް ތިރިވާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ބޮންޑޭ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވެސް ވިދާޅުވީ ގާނޫނަކުން ކުލި ކަނޑައަޅައި، އެކަން ތަންފީޒު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިނިވަން ވިޔަފާރީގެ ބައެއް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު

މާލޭގައި ގެދޮރު އިމާރާތަށް އެތައް ބިލިއަން ރުފިޔާއެއް ވަނީ އިންވެސްޓްކޮށްފަ އެވެ. ރަނގަޅު ފެންވަރުގެ ތަންތަން އަންނަނީ ގިނަވަމުންނެވެ. މި އިންވެސްޓްމަންޓްތަކަކީ، ގިނަ ފަހަރަށް ގެދޮރު މޯގޭޖްކޮށްގެން، ހިންގާ ވިޔަފާރިއެކެވެ. އެހެންކަމުން އެހެން ހުރިހާ ދާއިރާއެއްގައި އޮންނަ މިނިވަންކަން، ގެދޮރު އިމާރާތްކޮށް، ވިޔަފާރީގެ އުސޫލުން އެތަންތަން ކުއްޔަަށް ދޭ މީހުންނަށް ވެސް އޮންނަން ޖެހޭނެ އެވެ. އެއީ ހުއްޓުވޭނެ ކަމެއް ނޫނެވެ.

"ބޭންކުން ލޯނު ނަގައިގެން ގެތައް މި ހަދަނީ. ދެން އެމީހުން ދައްކަން ޖެހޭ އިންޓަރެސްޓް ވެސް ކުޑަ ނުވަންޏާ ކިހިނެއްތޯ ކުލި ކުޑަކުރާނީ؟ ލޯނުތަކުގެ އިންޓަރެސްޓް ވެސް ކުޑަކުރަން ޖެހޭ. އެހެން ނޫނީ ދެން ގާނޫނަކުން ކުލި ކުޑަކުރަން އުޅުނީމާ އުފެދޭނީ ކަޅު ބާޒާރެއް،" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ އަސްލު ވަޒަންވެރިންގެ ތެރެއިން ގެދޮރު ނުލިބި ތިބި މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ ކުލި ކުޑަކުރަން ފުރަތަމަ ވެސް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. އަނެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ގެދޮރު އިމާރާތްކުރަން ކުރަން ޖެހޭ ހޭދަ މިހާރަށް ވުރެ ކުޑަވާނެ އަދި އެ މަސައްކަތް ފަސޭހަވާނެ ގޮތެއް ހެދުމެވެ.

މެމްބަރު ވަހީދު ގަބޫލުކުރައްވާ ގޮތުގައި ލާމަރުކަޒީ ނިޒާމް ފުރިހަމަވެގެން ވެސް މާލޭގެ ތޮއްޖެހުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވިދާނެ އެވެ.

"ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ބާރުވެރިކަން ދޭ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އެ ބޭނުމަށްޓަކައި. އެއާ އެކީގައި ރަށްރަށުގައި އިގުތިސާދީ މައްސަކަތް ހިންގުމުގެ ފުރުސަތާއި އާބަން ސެންޓަރުތަައް ގާއިމްކުރުމާ މި ކަންތައްތަކަކީ އެ ސިޔާސަތުގެ ދަށުން ކުރަން އުޅޭ މަސައްކަތްތައްް،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ އާއި އެހެން ރަށްރަށުގައި ހިންގަން ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ދިއުމުން ވެސް މިހާރު އޮތް ޑިމާންޑަށް ބަދަލެއް އައިސް ކުލިތައް ވެސް ކުޑަވުން އެކަށީގެންވެ އެވެ.

މާލޭގައި ކުއްޔަށް އުޅޭތާ 15 ވަރަކަށް އަހަރު ވެފައިވާ މުހައްމަދު އަހުމަދު، 40، ގެ ވެސް ވިސްނުމަކީ އެއީ އެވެ. އޭނާ ބުނި ގޮޮތުގައި މިހާރު މާލޭގައި ދިރިއުޅެނީ ރަށުގައި ކުރާނެ ރަނގަޅު މަސައްކަތެއް ނެތީމަ އެވެ. ބައެއް އެހެން ހިދުމަތްތައް ރަށުގައި މާ ގޯސް ނޫން ކަމަށް އޭނާ ބުންޏެވެ.

"ރަށުން ވަޒީފާއެއް ލިބުނު ނަމަ ރަށަށް ބަދަލުވާނެތާ މިހާރު ކިތަންމެ ދުވަހެއް. އެކަމަކު ރަށުގައި ކުރާނެ މަސައްކަތެއް، ވަޒީފާއެއް ނޫފެދޭ ފަސް އަހަރުން ވެސް،" އޭނާ ބުންޏެވެ.

"ދަތުރު ފަތުރު ފަސޭހަވުމާއި ލާމަރުކަޒީ ގާނޫނުން ލިބޭ ބާރުތައް ބޭނުންކުރުމާ އެކު އިގުތިސާދީ ހަރަކާތްތައް ހިނގައި ގަތީމާ އަޅުގަނޑު ހަމަ ގަބޫލުކުރަން ވަރަށް އަވަހަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް"، ވަހީދު ވިދާޅުވި އެވެ.

އެކަމަކު އެއީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫނެވެ. މާލެ ސަރަހައްދަށް އޮތް ޑިމާންޑް ކުޑަކޮށް، އެހެން ދިމަދިމާއަށް މީހުންގެ ސަމާލުކަން އެނބުރެން އެތައް އަހަރެއް ނެގުން އެކަށީގެންވެ އެވެ. އަދި އެއީ ވެސް މާލެ ސަރަހައްދުގައި ހައުސިންގެ ގިނަ މަޝްރޫއުތަކެއް ހިންގައި، މާލޭގައި ވެސް ގެދޮރު ނެތް މީހުންނަށް ފުރުސަތު ހޯދައިދީގެންނެވެ.

ހަގީގަތުގައި ވެސް ކުލީގެ މައްސަލަ ބޮޑެވެ. އެކަމަކު އެ މައްސަލަ ހައްލުކުރަން ހަމައެކަނި ގާނޫނަކުން ކުލި ކޮންޓްރޯލްކޮށްގެން ކާމިޔާބެއް ނުވާނެ އެވެ. އެއަށް ވުރެ މި މައްސަލަ އުފެދިފައި އޮތް ހާލަތު މާ ގޯހެވެ. އެންމެ އާދައިގެ މީހުންނަށް ސަރުކާރުން ގެދޮރު ހޯދައިދިނުމާއި މެދު ފަންތީގެ މީހުންނަށް، ފަސޭހަކަމާ އެކު އަދި ކުޑަ އިންޓްރެސްޓެއްގެ ލޯނު ލިބުން ފަދަ އެތައް ކަމެއް ކުރަން ލާޒިމެވެ.

ނާސިހާއި މުހައްމަދު މެން ފަދަ ކުއްޔަށް އުޅޭ މީހުންނަށް ބޮޑު ކުއްޔަކީ ބުރައެކެވެ. އެކަހަލަ އެތައް ހާސް ބައެކެވެ. އެކަމަކު އެ ބުރަ ނުއުފުލާ މިއަދު މާލޭގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތެވެ.