ކޮވިޑުން ދިގު މުއްދަތުގެ ބޮޑެތި ގެއްލުންތަކެއް

"މީދެން އެވަރު ކަމެއްތަ؟ ޖެހުނު މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު ބަަލައިލަބަލަ!" ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް އުވާލުން ލަސްވާތީ ހިތްހަމަނުޖެހިފައި ހުރި މީހަކު ބުންޏެވެ.


އޭނާ ދެކޭ ގޮތުގައި ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަަދަދު 11،000 އަށް ވުރެ މަތިވި އިރު އެބަލީގައި މަރުވި މީހުންގެ އަދަދު 50 އަށް ވުރެ ދަށުގައި ހުރުމުން ދައްކައިދެނީ ބަލީގެ ނުރައްކާތެރިކަން ކުޑަކަމެވެ. އެކަމަކު ދިރާސާތަކުން ފެންނަން އޮތީ އެހެންނެއް ނޫނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ހުކުރު ދުވަހު ބުނީ ކޮވިޑް-19ގެ ސަބަބުން އޮތް ނުރައްކަލަކީ ހަމައެކަނި މީހުން މަރުވުން ނޫން ކަަމަށާއި ބަލިން ރަނގަޅުވާ މީހުންނަށް ދިގު މުއްދަތުގައި ސީރިއަސް މައްސަލަތަކެއް ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑުމެން އަދިވެސް މިއަންނަނީ މި ވައިރަސް ދަސްކުރަމުން ކަމަށް ވިޔަސް، ސާފުވެފައިވާ ކަމަކީ މިއީ ހަމައެކަނި މީހުން މަރާލާ ވައިރަހެއް ނޫންކަން. ދިގު މުއްދަތުގެ ސީރިއަސް އަސަރުތަކެއް މި ވައިރަހުން ކުރިމަތިކުރުވާ،" ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ހުކުރު ދުވަހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ބައެއް ބަލިތައް ފަދައިން ހާޑް އިމިއުނިޓީއަކަށް ދިއުމަކީ ކޮވިޑްގައި އަދި ކުރެވެން އޮތް ކަމެއް ނޫން ކަަމަށެވެ.

ދިގު މުއްދަތުގެ އަސަރުތައް ގިނަ

ޓެޑްރޯސް ވިދާޅުވި ގޮތުގައި ކޮވިޑްގެ ސަބަބުން މީހުންނަށް ކުރާ ދިގު މުއްދަތުގެ އަސަރުތައް ސަރުކާރުތަކުން ބަލައިގަނެ، އެމީހުންނަށް ފަރުވާދޭން ޖެހެ އެވެ. އެގޮތުން ވަކިވަކި ކަންކަމަށް ހާއްސަ ފަރުވާ ދިނުމާއި ރިހެބިލިޓޭޓް ކުރުުމުގެ ޕްރޮގްރާމްތައް ހިންގަން އޭނާ އެދިވަޑައިގެންނެވި އެވެ. އެއީ އެބަލީގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގެ ސީރިއަސް ކަމުންނެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވާ މީހުންނަށް، ވަަރުބަލިވުމާއި ނޭވާ ކުުރުވުން ފަދަ މައްސަލަތައް ދިގު މުއްތަކަށް ދިމާވެ އެވެ. އެހެން އެކަން ވަނީ ހިތާއި ފުއްޕާމޭ ފަދަ އެތެރެހަށީގެ ގުނަވަންތައް ދުޅަވުމާއި އެ ގުނަވަންތަކަށް ގެއްލުންވުން ފަދަ ކަންތައްތައް ކޮވިޑްގެ ސަބަބުން ވާތީ އެވެ. އޭގެ އިތުރުން ސިކުނޑިއަށް ގެއްލުން ލިބުމާއި ދެމިގެންދާ ނަފްސާނީ މައްސަލަތައް ވެސް ކޮވިޑްގެ ސަބަބުން ކުރިމަތިވެ އެވެ.

ކޮވިޑްގެ ދިގު މުއްދަތުގެ އަސަރުތަކާ ބެހޭ ގޮތުން އދ.ގެ ވެބްސައިޓްގައި ހުކުރު ދުވަަހު ޖެހި ލިއުމެއްގައި ތިން މީހެއްގެ ތަޖުރިބާ ހިމެނި އެވެ. އެކަކީ އެޕިޑެމިއޮލޮޖިސްޓެކެވެ. އަނެކަކީ ނަރުހެކެވެ. ތިން ވަނަ މީހަކީ އުމުރުން 26 އަހަރުގެ ސޮފްޓްވެއާ އިންޖިނޭރެކެވެ.

އެޕިޑެމިއޮލޮޖިސްޓް ޕްރޮފެސަރު ޕައުލް ގާނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ކޮވިޑް ޖެހި ރަނގަަޅުވިތާ ހަތް މަސް ދުވަސް ހޭދަވީއިރު ވެސް އުޅުއްވަނީ ބަލިން ލިބިވަޑައިގެންނެވި ގެއްލުންތަކުން އަރައި ނުގަނެވިގެންނެވެ. އިނގިރޭސިވިލާތުގެ ލިވަޕޫލްގެ ޓްރޮޕިކަލް ސްކޫލް އޮފް މެޑިސިންގައި މަސަައްކަތްކުރައްވާ ގާނާ ވިދާޅުވީ ވަރުބަލިކަމާއި ކުއްލިކުއްލިއަށް މޫޑު ބަދަލުވުން ފަދަ ކަންތައްތައް ކުރިމަތިވެވަޑައިގަންނަވާ ކަމަށެވެ. އޭގެ އިތުރުން ވެސް އެތައް މައްސަލަތަކެއް ހިމެނެ އެވެ. ކިރިޔާ ވެސް ހާލަތު ރަނގަޅުވާ ފެށީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ހަތް މަހަށް ފަހު މިދިޔަ ދެ ހަފުތާގަ އެވެ.

"މި ވައިރަހުގެ ސަބަބުން އަޅުގަނޑުގެ ހަޔާތުން ހަތް މަސްދުވަސް ފުހެވިގެންދާނެ ކަމަކަށް ކުރިން ހިއެއް ނުކުރަން،" ވީޑިއޯލިންކް މެދުވެރިކޮށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

ޓެޑްރޯސް ވިދާޅުވަނީ މިފަދަ ޝަކުވާތައް ސިއްހީ އެހީތެރިން އަޑުއަހަން ޖެހޭ ކަމަށެވެ. އަދި މައްސަލަތައް ތަހައްމަލުކުރަމުން އަންނަ މީހުންނަށް ދިގު މުއްދަތުގެ އެހީތެރިކަން ސަރުކާރުތަކުން ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީހުންގެ ސަމާލުކަން އަނެއްކާވެސް ކުޑަވެއްޖެ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮންމެ ދުވަހަކު އަލަށް ކޮވިޑް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށުމާ އެކު ރައްކާތެރިކަމަށް ދޭ ސަމާލުކަން އަނެއްކާވެސް ކުޑަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބައެއް މީހުން އުޅޭ ގޮތުން ކޮވިޑް މިހާރު ނެތް ކަމަށް ހީކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މޫދަށް ދިއުމާއި މައިޒާންތަކަށް ދިއުމާއި ކުޅިވަރުކުޅުމާއި މިކަންކަން ހަމަ ވަރަށް ބޮޑަށް އިތުރުވަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާސްކް ވެސް ނާޅައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ކުޅިވަރުތަކުގައި ބައިވެރިވާ މަންޒަރު ފެންނަ ކަމަށެވެ. އެކަމަކު ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން އެޅި ފިޔަވަޅުތައް އަދި އޮތީ އުވާނުލަ އެވެ. މާލެ ސަރަަހައްދުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އާއްމު ތަންތަނުގައި އެއްވެ އުޅުމަކީ އަދިވެސް މަނާކަމެކެވެ.

ކޭސްތައް މަދުވިޔަސް ފިޔަވަޅުތަކަށް ބަދަލެއް ނާންނާތީ ޝަކުވާ ކުރާ މީހުންނަށް ޑރ. ނަޒްލާ ދެއްވީ ސާފު މެސެޖެކެވެ.

"އެހާ އަވަސް އަވަހަށް ބަދަލުތައް ގެންނަން ފަށައިފިއްޔާ އަނެއްކާވެސް ކޭސްތައް އިތުރުވެެގެން ދިއުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ފިޔަވަޅުތައް މާ ބޮޑަށް ދޫކޮށްލުމުން ނުކުންނަ ނަތީޖާގެ މިސާލަކަށް އޭނާ ދެއްކެވީ އެހެން ގައުމުތަކުގެ ނަތީޖާ އެވެ. ބައެއް ބޮޑެތި ގައުމުތައް ދެވަނަ ފަހަރަށް ފުލް ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ ހާލަތަަކަށްް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ވެސް ކަންވީ އެހެންނެވެ.

އެހެންވީމާ ގަބޫލުކޮށް އަމަލުކުރަން ޖެހިފައިވާ ހަގީގަތަކީ، ކޮވިޑަށް ރަނގަޅު ވެކްސިނެއް ފެނި، ގިނަ ބަޔަކަށް އެ ވެކްސިން ދެވެންދެން، މި ބަލީގެ ކުރީގެ ދިރިއުޅުމަށް ދެވެން ނެތްކަމެވެ. މިހާރު ކުރަން ޖެހިފައި އޮތީ ބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ހޭނިގެން، އަދިވެސް އެގޮތަށް އުޅުން ބައްޓަންކޮށް އެކަމަށް ކެތްތެރިވުމެވެ.