ކުޅިވަރު / ދިވެހި ކުޅިވަރު

2025: ނޭވާ ހޮޅީގައި އޮތް ފުޓްބޯޅަ އާއްމު ހާލަތަކަށް

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން އެ ގައުމުގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

01 ޖެނުއަރީ 2026 - 08:05

6 comments

ނިމުނު 2025 އަކީ ދިވެހި ކުޅިވަރުގައި މަސްހުނި އިހުސާސްތަކެއް ކުރެވުނު އަހަރެކެވެ. ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އަށް ކާމިޔާބީތަކެއް ލިބުނެވެ. ގައުމީ ފެންވަރުގައި ވެސް އާދަޔާހިލާފު ކާމިޔާބީތަކެއް ބައެއް އެތުލީޓުން ހޯދި އެވެ.

އަނެއްކޮޅުން ބައެއް އެސޯސިއޭޝަންތަކުގެ ހިންގުން ދޯހަޅިވެ ސަސްޕެންޝަނާ ވެސް ކުރިމަތިލާން ޖެހުނެވެ. އެފަދަ މައްސަލަތައް ހައްލުވެ އެސޯސިއޭޝަންތައް އަނެއްކާ ވެސް ހަމަމަގަށް އެޅުނު މަންޒަރު ވެސް ފެނުނެވެ. އެ ހުރިހާ ކަމަކާ އެކު، 2025 އަކީ ހިތްދަތި އަހަރެއް ވެސް މެ އެވެ. ކުޅިވަރުގެ މުހިއްމު ތިން ހިދުމަތްތެރިއަކު އަހަރެމެންނާ ވަކިވެދިއުމުންނެވެ.

އަހަރުތަކަށް ފަހު އެފްއޭއެމަށް ހަމަނޭވާއެއް

މިދިޔަ އަހަރު ފެށުނުއިރު ވެސް ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު ފުޓްބޯޅަ އޮތީ ވަރަށް ނިކަމެތި ހާލަތެއްގަ އެވެ. އެފްއޭއެމްގައި ކޮރަޕްޝަނުގެ މައްސަލަތައް ފުނިޖެހި، ހިންގުން ބޮއްސުންލައި، މުބާރާތްތައް މެދުކެނޑިފައި އޮތުމުން އާއްމުންގެ އިތުބާރު އޮތީ ގެއްލިފަ އެވެ.

މައްސަލަތައް ބެލުމަށާއި އާ އަސާސީ ގަވާއިދެއް އެކުލަވާލައި، އިންތިހާބެއް ބާއްވަން ފީފާ އިން އެ އެސޯސިއޭޝަން ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީ އަށް ވެސް އެކަމުގައި އަލިމަގެއް އޮތީ ނުހޯދި އެވެ. އެންމެ ބޮޑު ސަބަބަކަށްވީ އަސާސީ ގަވާއިދު ފާސްކުރަން ބައެއް ކްލަބްތަކުން އެއްބާރުލުން ނުދިނުމެވެ.

އެފްއޭއެމްގެ ރައީސް ޓޮމް (ކ) އާއި ނައިބް ރައީސް ޝާފިއު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް، މިދިޔަ އަހަރުގެ މެދަކާ ހަމަޔަށް ދިޔައިރު އެކަމަށް ހައްލެއް ފެނުނެވެ. އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި އަހުމަދު ތޯރިގް (ޓޮމް) އަށް މެޖޯރިޓީ ކްލަބްތަކުން ތާއީދުކޮށް، އެންމެ ފަހުން އަސާސީ ގަވާއިދު ފާސްކުރި އެވެ. އަދި އިންތިހާބު ފަސޭހަކަމާ އެކު ޓޮމް ކާމިޔާބު ކުރެއްވި އެވެ. އަހަރު ނިމުނީ ޓޮމްގެ ރައީސްކަމުގައި އެފްއޭއެމްގެ ހިންގުން އަނެއްކާ ވެސް އާއްމު ހާލަތަކަށް އެޅިފައި އޮއްވަ އެވެ. އަހަރުތަކަށް ފަހު ފުޓްބޯޅަ ސީޒަން ފަށައި، ގަވާއިދުން މެޗުތައް އަންނަނީ ކުޅެމުންނެވެ.

ރާއްޖެ އަށް ސުޕަ ކަޕުގެ ޗެމްޕިއަންކަން

ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓިފައި އޮތުމުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައި އޮތީ ގައުމީ ޓީމަށެވެ. ގަވާއިދުން ކްލަބް ލެވެލްގައި މެޗުތައް ނުކުޅޭތީ ގައުމީ ޓީމުގައި ފެންވަރު ދައްކަން ކުޅުންތެރިންނަށް އުނދަގޫވި އެވެ.

އެހެންވެ ކޮލިފައިން މެޗުތަކުގައި ވެސް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ. ޖުލައި މަހު ސްރީ ލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަ ކަޕަށް ރާއްޖެ ދިޔައީ މާބޮޑު އުއްމީދެއް ނެތި އެވެ. ނަމަވެސް، ވާދަވެރި ލަންކާގެ މައްޗަށް ދެ ލެގުން ކުރި ހޯދައި ރާއްޖޭން މުބާރާތުގެ ޗެމްޕިއަންކަން ހޯދުންވީ ފުޓްބޯޅައާ މެދު އަނެއްކާ ވެސް އުއްމީދު އުފައްދައިދިން ކަމަކަށެވެ.

ނިއު އެއް ވަނަ ޑިވިޝަނަށް

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓަށް 2019 ވަނަ އަހަރު ދިމާވީ ހިތްދަތި ގޮތެކެވެ. އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން، ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް ކަމަށް ބުނެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކުރީ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ނިއު އިން އެއް ވަނަ ޑިވިޝަނަށް ކޮލިފައިވާން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

އެ ޓީމާ އެކު އޭރު ސަސްޕެންޑްކުރި ވިކްޓްރީ އަލުން އެއް ވަނަ ޑިވިޝަނަށް އެރިއިރު ވެސް ނިއު އަށް އެ ހިސާބަށް ދެވޭ ގޮތެއް ނުވި އެވެ.

ލީގު މެޗެއްގައި ނިއުގެ ކެޕްޓަން ސެންޓޭ ހަމަލާއެއް އުފައްދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަން ބަދަލުވީ ވަރަށް އާދަޔާހިލާފު ގޮތަކަށެވެ. މިދިޔަ އަހަރުގެ ސީޒަން ފެށެން ގާތްވެފައި އޮއްވާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަކިވީ އެވެ. އެ ހިސާބުން އެފްއޭއެމުން ނިންމީ އެ ޖާގަ އެންމެ ފަހުގެ ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަށް ދޭށެވެ. އެ ޓީމަކީ ނިއު ކަމުން، އެ ޓީމަށް އަހަރުތަކަށް ފަހު އެއް ވަނަ ޑިވިޝަނުން ފުރުސަތު ދިނީ އެވެ. މިއީ ނިއު އާއި ސަސް އިން ރާވައިގެން ކުރި ކަމެއް ކަމުގެ ތުހުމަތު ވެސް އަމާޒުވި އެވެ.

ނިއު އެއް ވަނަ ޑިވިޝަނާ ކުރިމަތިލީ ވަރުގަދަކޮށެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ގެ ސޮއި ހޯދި އެވެ. އަދި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ވެސް ގެނަ އެވެ. ނިއުއާ ވާދަވެރި ވިކްޓްރީގެ ލެޖެންޑެއްގެ ގޮތުގައި ފާހަގަކުރެވޭ ސުޒޭން ނިއުއާ ހަވާލުވުމަކީ ވެސް ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ.

ފީފާގެ ރައީސް ރާއްޖެ އަށް

އާ އިންތިހާބާ އެކު އެފްއޭއެމް އާއްމު ހާލަތަކަށް އެޅުމާ އެކު އެކަމަށް ހިތްވަރު ދެއްވަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ވަޑައިގެންނެވި އެވެ. މިއީ ފީފާގެ ރައީސަކު ރާއްޖެ އަށް ކުރެއްވި ދެ ވަނަ ދަތުރެވެ.

އިންފަންޓީނޯގެ އެއް ދުވަހުގެ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި އޭނާ ވަނީ އެފްއޭއެމުން ހޯދަމުން އަންނަ ކުރިއެރުން ފާހަގަކޮށް ފީފާ އިން ރާއްޖެ އަށް ދެމުންދާ އެހީތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ. ގަލޮޅު ދަނޑުގައި ރައީސްގެ ޓީމަކާ އެކު އެކުވެރިކަމުގެ މެޗެއްގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންފަންޓީނޯ (ވ) ރައީސް މުއިއްޒުއާ އެކު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބެޑްމިންޓަން އެސޯސިއޭޝަނަށް އާ ރައީސެއް

ބެޑްމިންޓަން އެސޯސިއޭޝަން މިދިޔަ ދެ ތިން އަހަރެއްގެ ތެރޭގައި އޮތީ މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެކްސްކޯގެ މުއްދަތު ހަމަވީއިރު ވެސް އިންތިހާބެއް ނުބާއްވަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުތައް އެހާ ގިނަ އެވެ.

އެ ކަންކަމާ ގުޅިގެން އިންތިހާބު ނުބޭއްވި ދައުރު ހަމަވެފައި ވަނިކޮށް ޖުލައި 2024 ގައި އޭރުގެ ރައީސް މޫސަ ނާޝިދު އިސްތިއުފާ ދެއްވި އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެސޯސިއޭޝަނުގައި އޭނާގެ ނުފޫޒާއި ކޮންޓްރޯލް އޮންނަ ކަމަށް ތުހުމަތު ކުރެވުނެވެ.

އެ މައްސަލަތައް ހައްލުކުރަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކުރި މަސައްކަތާ އެކު މަސްރަހު އިތުރަށް ގޯސްވީ އެވެ. އެގޮތުން އެ ކޮމިޓީ އަށް ކޮމިޝަނާ އޮފް ސްޕޯޓްސްއާ ގުޅިގެން އެމްއޯސީން ނުފޫޒު ފޯރުވުމުން ކަމަށް ބުނެ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑްކުރި އެވެ. އެ ހިސާބުން އަނެއްކާ ވެސް އާ ހިތްވަރަކާ އެކު އިސްލާހީ މަސައްކަތްތައް ފަށައި، އަސާސީ ގަވާއިދު ފާސްކުރި އެވެ.

އަހަރު ނިމުނުއިރު އާ އިންތިހާބެއް ބާއްވައި ކުރީގެ ކުޅުންތެރިޔާ އިޝްފާން މުހައްމަދު (އިއްޕަ) ވަނީ ރައީސްގެ މަގާމަށް އައްޔަންކޮށްފަ އެވެ.

ޓީޓީ ވޯލްޑް ފައިނަލުގައި ޔާމީން އިންސާފުކުރުން

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖޭގެ މުހައްމަދު ޔާމީން އަމްޕަޔަރުކަން ކުރުމަކީ ރާއްޖޭގެ ކުޅިވަރު އާއިލާ ފަހުރުވެރިވީ ކަމެކެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި މުބާރާތުގައި އޭނާ އިންސާފުކުރީ ވިމެންސް ޑަބަލްސް ފައިނަލުގަ އެވެ.. މިއީ ރާއްޖޭގެ ޓީޓީ އަމްޕަޔަރަކު އައިޓީޓީއެފްގެ އިވެންޓެއްގެ ފައިނަލުގައި އަމްޕަޔަރުކަން ކުރި ފުރަތަމަ ފަހަރެވެ. ޔާމީން ވަނީ 2024 ވަނަ އަހަރު އައިޓީޓީއެފްގެ ބްލޫ ބެޖު ހާސިލްކޮށް، އެ ޝަރަފް ހޯދި ރާއްޖޭގެ ފުރަތަމަ އަމްޕަޔަރުގެ ޝަރަފް ވެސް ހާސިލްކޮށްފަ އެވެ. މިއީ ޓީޓީގެ އަމްޕަޔާ ލެވެލްގެ ދެ ވަނަ ދަރަޖަ އެވެ.

ޔާމީން ވަނީ ދެކުނު އޭޝިއާ އާއި އޭޝިއާ ފެންވަރުގެ ވަރަށް ގިނަ މުބާރާތްތަކުގައި ވެސް އިންސާފު ކޮށްފަ އެވެ. އަދި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެޗުތަކަށް ވެސް އޭނާ އިންސާފުކުރި އެވެ.

ޔަސީން އުމުރުން 15 އަހަރުގައި ރާއްޖޭގެ ސާފިން ޗެމްޕިއަނަކަށް!

ސާފިންގައި ޖޫނިއާ ފެތުންތެރިން އަންނަނީ ކުރިއެރުން ހޯދަމުންނެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ފެތުންތެރިއަކީ ޔަސީން އަހުމަދު ނާޝިދެވެ.

މިދިޔަ އަހަރުގެ ގައުމީ ސާފް ލީގުގެ ރަންނަމާރި ޗެލެންޖުގެ އޯޕަން އަދި ޖޫނިއާ ބައިގެ ޗެމްޕިއަންކަމާ އެކު، ޖޫނިއާ ލީގު ޗެމްޕިއަންކަން ޔަސީން ހޯދީ 15 އަހަރުގަ އެވެ. މިއީ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ މުބާރާތެއްގައި ޖޫނިއާ ސާފަރަކު އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު ވެސް މެ އެވެ. އަދި މިއީ ޔަސީން ޖޫނިއާ ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މި ތިން ކާމިޔާބީގެ އިތުރުން، ރަންނަމާރި ޗެލެންޖުގެ މަރުހަބާ ކަޕް ކާމިޔާބު ކުރި މާލޭ ޓީމުގައި ވެސް ޔަސީން ހިމެނެ އެވެ.

ޔަސީން: މިއީ ޖޫނިއާ ސާފަރެއް އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު. --- ފޮޓޯ: އެމްއެސްއޭ/ ސިޑިބަރި

ސާންތީ، އިފްރާހު އަދި ކޮއްކޮގެ ވަކިވުން

މިދިޔަ އަހަރުގެ ކުރީކޮޅު ކުޅިވަރު އާއިލާ ރޮއްވާލީ ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) ގެ ވަކިވުމުންނެވެ. ކެންސަރަށް ފަރުވާ ހޯދަމުން އައި ސާންތީ ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ދެ މަސް ފަހުން ފަހުންނެވެ.

ސާންތީ އަކީ ފުޓްބޯޅައިގައި ރާއްޖޭން ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެކެވެ. ގައުމީ ޓީމާ އެކު ގިނަ ދުވަހު މަސައްކަތްކުރި ސާންތީ ވަނީ ފަހުން ކްލަބް ލެވެލްގައި އީގަލްސްއާ އެކު ވެސް ކާމިޔާބީ ހޯދައިފަ އެވެ. އަދި ޒުވާން ގިނަ ކުޅުންތެރިން އުފެއްދި އެވެ.

ސާންތީގެ ކޯޗުކަމުގައި ގައުމީ ޓީމަށް ކުޅުނު ގޯލްކީޕަރު އިބްރާހީމް އިފްރާހު ނިޔާވީ ހެމޮރޮޖިކް ސްޓްރޯކެއް ޖެހިގެންނެވެ. އުމުރުން 36 އަހަރުގެ އިފްރާހަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މެމްބަރެކެވެ. އޭނާ ވަނީ ކްލަބް ލެވެލްފައި ނިއު ރޭޑިއަންޓާއި ވިކްޓްރީ އާއި ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަށް ވެސް ގިނަ އަހަރުތަކެއް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އަހަރުގެ ފަހު މަހު އަހަރެމެންނާ ވަކިވީ ވޮލީބޯޅަ ލެޖެންޑް އިބްރާހީމް އާދިލް (ކޮއްކޮ) އެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އައި ކޮއްކޮ ނިޔާވީ އުމުރުން 48 އަހަރުގަ އެވެ.

ކޮއްކޮ ވޮލީބޯޅަ ކޯޓުގައި ކޯޗުން އެންމެ އިތުބާރުކުރި އެއް ސެންޓަ ބްލޮކަރެވެ. އޭނާ ފާހަގަކުރެވެނީ ހަލުވި، އަދި ހަރަކާތް އަވަސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ވެލެންސިއާގެ ކެޕްޓަނެއްގެ ގޮތުން ވެސް ގިނަ ކާމިޔާބީތަކެއް ހޯދައި، ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވެސް ފަހުރުވެރި މަގާމުތަކެއް އޭނާ ހޯދި އެވެ.

ކާވާ ފައިނަލުގައި ނާކާމިޔާބު

ރާއްޖޭން އަންހެން ވޮލީބޯޅަ ޓީމުން އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް (ކާވާ) ގައި ދެއްކީ މޮޅު ކުޅުމެކެވެ. ފައިނަލަށް ދިޔައީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެހެންވެ މިއީ ރަން މެޑަލްގެ ފަހަރު ކަމަށް ބެލެވުނެވެ. ފައިނަލުގައި ލީޑު ވެސް ނެގި އެވެ.

އެކަމަކު ކިރްގިސްތާނުން ފަހަރުން އަރައި ރާއްޖެ ބަލިކުރުމުން ރަނަށް ކުރި އުއްމީދު މި ފަހަރު ވެސް ފެނަށް ދިޔައީ އެވެ. މިއީ ކިރިގިސްތާނު އަތުން ފައިނަލުގައި ރާއްޖޭން އަމިއްލަ ފަސްގަނޑުގައި ބަލިވި ދެ ވަނަ ފަހަރެވެ.

ސެޕްޓެމްބަރު 2024 ގައި ރާއްޖޭގައި ބޭއްވި އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ފައިނަލުގައި ދިވެހި ޓީމު ކިރިގިސްތާނު އަތުން ބަލިވީ ފަސް ސެޓަށް ކުޅެ 3-2 އިންނެވެ. އެކަމަކު އަންހެން ޓީމުން މި ފަހަރު ދެއްކި ކުޅުމާ އެކު އަނެއްކާ ވެސް މުސްތަގުބަލަށް ވަނީ އުއްމީދު އާވެފަ އެވެ.

6 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުރުމި

01 January 2026

ނިއު އެއްވަނަ ޑިވިޝަނަށް އެރި ހެޑްލައިން ޖެހި އިރު އެއްވަނަ ޑިވިޝަނަށް އެރީ ހަމަ ކޮރަޕްޝަނުގެ ތެރެއިން ވަލު ދޮރާށިންކަން އެންމެންނަށް ވެސް އެނގޭ

The name is already taken The name is available. Register?

ބެލެނިވެރިން

01 January 2026

ލިޔުން ކިތަންމެހާ ވެސް ފުރިހަމަ އެކަމަކު ފާހަގަ ކުރެޥޭ އެއްކަމެއް (ދިވެހި ބާސްކެޓް ގެ ކުރި އެއްވެސް ކަމެއް ނެތް) މާނަ އަކީ ބާސްކެޓް ކުޅިވަރު އޮތީ އަމިއްލަ މަންފާ އައް ހުސްވެފަ ކަން އެހެން ވީމަ މުހިއްނުވަނީ ކަމައް ބެލެވިފަ ހެން ހީވަނީ -އެޑަމް ކީކޭތޯ ދަންނަވާލަން އޮތީ

The name is already taken The name is available. Register?

އަޖޭ

01 January 2026

ކޮންތާކު އަދިވެސް ފުޅުބޯޅަ އޮތީ ވަރަށް ނިކަމެތި ހާލެއްގައި ބައްސާމު ތިތަނުން ދިއައީ އެކަން ޔަގީންކޮށްފައި.

The name is already taken The name is available. Register?

ވަގު ރޭޑިއަންޓު

01 January 2026

ކޮން އާއްމު ހާލަތެއް. އެފްއޭގެ ރައީސް ކުޅުނު ނިއުރޭޑިއަންޓަ ވަލު ދޮރާށިން ފަސްޓަށް އެރުވުން އެއީ އާއްމު ހާލަތުތަ؟

The name is already taken The name is available. Register?

ހަސަދަވެރިޔާ.

01 January 2026

ބުރަދާ ފިއްތާލާގެން އިނދެ ހަޖަމް ކޮށްލާދެން.. ވަލު ދޮރާށިން ބޭރުކޮށްލި ގޮތްވެސް ހަނދާން ނެތިއްޖެޔާމު ބައްސާމު ކައިރީގަ އަހާ އޮޅުންފިލުވާލާ..

The name is already taken The name is available. Register?

ކެރެލާ ސިޑިބަރި

01 January 2026

މުސާރަ ނުދީގެން ބޭރުކުރުން އެއީ ވަލު ދޮރޯށިން ބޭރު ކުރުމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454