އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޫއާ ދެމެދު އުފެދިފައިވާ ގުޅުން ބަލަން، އެ ގައުމުގެ ކޮންގްރެސްގެ ޖުޑިޝަރީ ކޮމިޓީއަށް އިންފަންޓީނޯ ހާޒިރުކޮށްދޭން އެދިއްޖެ އެވެ.
އެ ކޮމިޓީގެ މެންބަރު އަދި އިދިކޮޅު ޑިމޮކްރެޓިކްގެ މެންބަރު ޖޭމީ ރަސްކިން ވަނީ ޓްރަމްޕާއި އިންފަންޓީނޯއާ ދެމެދު އުފެދިފައިވާ ކަމަށް ތުހުމަތުކުރެވޭ ނަހަމަ ގުޅުން ބަލަން ތަހުގީގެއް ފަށައިފަ އެވެ.
ޓްރަމްޕްގެ ގާތް މީހުންނާއި އަރިސް މީހުންނަށް ފީފާއިން ހުށަހެޅިކަމަށް ބުނާ ހަދިޔާތަކާއި އެހެންނިހެން ކަންކަމުގެ ތަފްސީލު ފީފާއިން ދިނުމަށް ރަސްކިން އެދިފައިވެ އެވެ. އަދި ނިއުޔޯކްގައި ހުންނަ ޓްރަމްޕްގެ އާއިލީ ވިޔަފާރީގެ ޓަވަރު "ޓްރަމްޕް ޓަވަރުގައި" ހުންނަ ފީފާގެ އޮފީހަށް ޒިޔާރަތްކުރި ފަރާތްތަކުގެ ލޮގްތައް ހޯދުމަށް ވެސް، ކޮމިޓީ އަށް ފޮނުވި ސިޓީގައި ރަސްކަން އެދިފައިވެ އެވެ.
އެ ލިޔުންތައް ފީފާއިން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހެއްގެ ގޮތުގައި ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.
އޭނާ ވަނީ ކޮމިޓީން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދާރީވާން، އިންފަންޓީނޯ ހާޒިރުކޮށްދޭން އެދިފަ އެވެ.
ނަމަވެސް އެ ކޮމިޓީގައި އޭނާ ތަމްސީލުކުރާ ޕާޓީއަށް މެޖޯރިޓީއެއް ނެތެވެ. އެހެންވެ އެ އިންފަންޓީނޯ ހާޒިރުކުރަން އޭނާ އެދިފައިވީނަމަވެސް. އެ ހުށަހެޅުން ފާސްވާނެކަމަކަށް ނުބެލެވެ އެވެ.
ޑިސެމްބަރު މަހު، ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި، ފީފާއިން ވަނީ މުޅިން އަލަށް ޕީސް ޕްރައިޒްގެ ނަމުގައި އެވޯޑެއް ތައާރަފުކޮށް، ޓްރަމްޕަށް އަރުވަފާ އެވެ. އެ ރަސްމިއްޔާތު ކެނެޑީ ސެންޓަރުގައި ބާއްވަން، އެ ސެންޓަރުގެ މަރާމަތުތައް ޓްރަމްޕްގެ ސަރުކާރުން އަންގައިގެން އަވަސްކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.
ފީފާގެ އެކި އެޑްމިނިސްޓްރޭޓަރުންނާ ދެކޮޅަށް 2015 ގައި ބަލަންފެށި މައްސަލަތައް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބާތިލު ކުރިކަމަށް ރަސްކިންގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި ވޯލްޑް ކަޕްގެ ޓިކެޓްގެ އަގުތައް އިންތިހާ ބޮޑުކުރުމުން އެތައް ބަޔަކަށް ދަނޑަށް ނުދެވުނު މައްސަލަ ވެސް އޭނާގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެމެރިކާގެ ފޯވަޑް ފޮލަރިން ބަލޮގަން އަށް ދެއްކި ރަތް ކާޑް ބާތިލު ކުރަން ސީދާ އިންފަންޓީނޯ އަށް، ޓްރަމްޕް ގުޅުއްވި އެވެ. އަދި ފަހުން ފީފާއިން ވަނީ އެ ކާޑް ބާތިލުކޮށްފަ އެވެ.