ވައިޓް ހައުސްގެ ޕްރެސްތަކުން ބޭރުކުރި ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯއަށް އަލުން ހުއްދަ ދޭން ބުރާސްފަތި ދުވަހު ކޯޓުން އަމުރުކޮށްފި އެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ތިން މީޑިއާގެ ނޫސްވެރިންގެ ފާސްތައް ބާތިލްކޮށް، ވައިޓް ހައުސް އިން ބޭރުކުރި މައްސަލާގައި ޔޫއެސް ޑިސްޓްރިކްޓް ޖަޖް ޓިމޮތީ ކެލީ ނެރުއްވި 14 ދުވަހުގެ ވަގުތީ އަމުރުގައި ވިދާޅުވީ، ކުއްލިއަކަށް ނޫސްވެރިންގެ ފާސްތައް އަތުލުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ "ޑިއު ޕްރޮސެސް" ނުވަތަ އަދުލުވެރި އިޖުރާއަތްތަކުގެ ހައްގާ ހިލާފު ކަމެއް ކަމަށެވެ.

ނޫސްވެރިން މަނާކުރަން ޖެހުނީ "ގައުމީ ސަލާމަތަށް" ނުރައްކާވާތީ ކަމަށް ބުނެ ސަރުކާރުގެ ވަކީލުން ދެއްކެވި ވާހަކަތަކަށް ފަނޑިޔާރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފަނޑިޔާރު ކެލީ ވިދާޅުވީ، ސަރުކާރުން ސަލާމަތީ ކަންކަމުގެ ބަހަނާ ދެއްކި ނަމަވެސް، ހަގީގަތުގައި އެއީ ނޫސްތަކުން ގެނެސްދިން އާދައިގެ ރިޕޯޓުތަކަކާ މެދު ހިތްހަމަނުޖެހިގެން ފަހުން ދެއްކި އުޒުރެއް ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ ޓްރަމްޕްގެ ނިންމެވުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށް ބުނެ، ތިން މީޑިއާ ގުޅިގެންނެވެ. ފަނޑިޔާރު ނެރުއްވި މި ވަގުތީ އަމުރާ އެކު، މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު ކުރިއަށް އޮތް ދެ ހަފުތާގައި އެ ނޫސްވެރިންނަށް ވައިޓް ހައުސްގެ ހަބަރުތައް ކަވަރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

 ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި މި މީޑިއާތަކަކީ ފާއިތުވި އަހަރުތަކުގައި މުޅިންވެސް ދޮގު ހަބަރު ފެތުރި މީޑިއާތަކެކެވެ. އަދި މި ނިންމުމަކީ ވަކި ހާއްސަ އެއް ހާދިސާއަކާ ގުޅިގެން ނިންމި ނިންމުމެއް ނޫން ކަމަށާއި، މިއީ އެތައް ދުވަހެއްގެ "ދޮގު ރިޕޯޓުތަކުގެ" ނަތީޖާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެހެން މީޑިއާތަކަށް ވެސް މިފަދަ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި އެވެ. 

 ޓްރަމްޕު އެޅުއްވި ފިޔަވަޅާ ގުޅިގެން، އެމެރިކާގެ އެންމެ ބޮޑު ފަސް ބްރޯޑްކާސްޓަރުން ހޯމަ ދުވަހު ވަނީ ވައިޓް ހައުސްގެ "ޕޫލް ކަވަރޭޖް" (އެހެން ނެޓްވޯކްތަކަށް އެއްބަޔަކު ކަވަރުކޮށްދޭ އުސޫލު) ހުއްޓާލައި ޓްރަމްޕުގެ ކަވަރޭޖް ބޯއިކޮޓް ވެސް ކޮށްފަ އިއުލާންކޮށްފަ އެވެ.