ޝަރުއީ ދާއިރާ އިން މީޑިއާ އަށް އިހްތިރާމް ކުރަންޖެހޭ ކަމަށާއި މީޑިއާގެ މިނިވަންކަން ދަމަހައްޓަން ޝަރުއީ ދާއިރާ އިން މަސައްކަތް ކުރަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
ފަނޑިިޔާރުންނަށް އަމާޒުކޮށްގެން ބޭއްވި މަހާސިންތާ ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާ ވާންޖެހޭނީ މީޑިއާ އަށް ހުޅުވާލެވިފައިވާ އަދި މީޑިއާގެ މިނިވަންކަމަށް އިހްތިރާމް ކުރާ ދާއިރާއަކަށް ކަމަށެވެ. އެހެންވެ މީޑިއާތަކާ ގުޅިގެން މަސައްކަތް ކުރަން ކޯޓުތަކާއި ފަނޑިޔާރުންނަށް އެ މަނިކުފާނު ގޮވައިލެއްވި އެވެ.
މީގެ އިތުރުން މީޑިއާތަކާ އެކު އަންނަ ޖުލައި މަހު އޯޕަން ހައުސް މީޑިއާ ހަފުތާއެއް ބާއްވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މީޑިއާގެ މިނިވަންކަމަށް އިހްތިރާމް ކުރަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއިރު ކްރިމިނަލް ކޯޓުން ދާދި ފަހުން ވަނީ އެ ކޯޓުގެ ޝަރީއަތްތަކަށް ބައެއް މީޑިއާތައް ނުވައްދަން ނިންމައިފަ އެވެ. އެކަމުގެ ކަންބޮޑުވުންތައް މީޑިއާތަކުގެެ ފާޅުކުރިޔަސް އެކަން ސުޕްރީމް ކޯޓުން ހުއްޓުވާފައެއް ނުވެ އެވެ.
ލިޔުނު ލިޔުމަކާ ގުޅިިގެން ބައެއް މީޑިއާތައް ޝަރީއަތްތަކަށް ނުވައްދަން ކްރިމިނަލް ކޯޓުން ނިންމި އިރު އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި މައްސަލާގައި ވެސް ބައެއް މީޑިއާތައް ޝަރީއަތްތަކަށް ނުވައްދަން ނިންމި އެވެ.