އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ނިންމުމާ އެކު، ސުލްހައިގެ އެއްބަސްވުމަކާ "ވަރަށް ގާތްވެފައިވާ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ މާއްދާތައް އެމެރިކާއާ ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. 

އެމެރިކާއިން އުންމީދީ މެސެޖުތަކެއް ދީފައި މިވަނީ އިޒްރޭލާއި ލުބްނާންގެ ހިޒްބުﷲގެ ކުރިމަތިލުންތަކާ އެކު ލުބްނާނުގައި ދެމުން ގެންދާ ހަމަލާތައް ވެސް މެދުކަނޑާލުމުފެ އެއްބަސްވުމަކަށް އަމަލުކުރަން ފެށުމާ އެކުގަ އެވެ.

ނަމަވެސް، މަޝްވަރާތަކާ ގުޅޭގޮތުން އީރާނުން ބުނާ ވާހަކަތަކުގައި ފުށުއެރުން ހުރުމުން، އެއްބަސްވުމަކަށް އައުމަށް އަދިވެސް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް ބެލެވެ އެވެ.

 "އަހަރެމެން މިތިބީ [އެއްބަސްވުމާ] ވަރަށް ގާތުގައި. މިއީ އެންމެނަށްވެސް ވަރަށް ރަނގަޅު ގޮތަކަށް ވާނެ ކަމަށް ބެލެވެނީ،" ލާސް ވެގަސްގައި ހުންނަވައިގެން އޭއެފްޕީއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އީރާނާ އެކު އެއްބަސްވުމަކަށް އައުމުގައި މިހާރު  "ހިޔާލު ތަފާތުވުން މާބޮޑު އެއްވެސް ކަމެއް ނެތް،" ކަމަށެވެ. އަދި ކަނޑުއޮޅި މިހާރުވެސް ހުޅުވިފައިވާ ކަމަށާއި ކަންތައްތައް ދަނީ ވަރަށް ރަނގަޅަށް ކަމަށް ވެސް ވެސް ވިދާޅުވި އެވެ.

ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ، އެ ގައުމުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެމެރިކާއާ ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕު ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށައި އެ ތަކެތި ތަނަކަށް ގެންދަން އެއްބަސްވެފައި ނުވާނެ ކަމަށެވެ. 

ނުތަނަވަސްކަމުގެ ތެރޭގައި ލިބުނު ކުރިއެރުންތައް

އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކަނޑުއޮޅި ހުޅުވާލި ނަމަވެސް ހަނގުރާމަމަތީ އުޅަނދުފަހަރު އެ ސަރަހައްދަށް ވަނުން އަދިވެސް އޮތީ މަނާކޮށްފަ އެވެ.

އަނެއްކޮޅުން، ޓްރަމްޕް އިންޒާރު ދެއްވާފައިވަނީ، ސުލްހައިގެ އެއްބަސްވުމަކަށް ނާދެވެނީސް އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ނޭވަލް ބްލޮކޭޑް [ކަނޑުގެ މަގުން ބަންދުކުރުން] ދެމިއޮންނާނެ ކަމަށެވެ. މިއަށް ރައްދު ދެއްވަމުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، ކަނޑުގެ މަގުން ބަންދުކުރުމަކީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު އަމަލެއް ކަމަށާއި، އެފަދަ ކަމަކަށް އީރާނުން އެކަށީގެންވާ ރައްދު ދޭނެ ކަމަށެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ މި ކަނޑުއޮޅި ހުޅުވާލުމުގެ ހަބަރާ އެކު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ލުބުނާނުގެ ހާލަތު

ލުބުނާނުގައި ހަމަލާބަދަލުކުރުން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އެއްބަސްވުމާ އެކު، ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށްދިޔަ ގިނަ އާއިލާތަކެއް ވަނީ އަލުން އެނބުރި ވަޒަނަށް ދާން ފަށައިފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އިތުރު ހަމަލާތައް ނުދިނުމަށް އެމެރިކާއިން ވަނީ އިޒްރޭލަށް އަންގައިފަ އެވެ.

ލުބުނާނުގައި ހަނގުރާމަ ފެށީ އިޒްރޭލާއި އެމެރިކާއިން އީރާނަށް މާޗް 28 ގައި ހަމަލާދީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހަރާކޮށްލުމުން ހިޒްބުﷲ އިން އެކަމުގެ ރައްދުގައި އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށި ހިސާބުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމަލާބަދަލުކުރުން ހުއްޓާލި ނަމަވެސް ހިޒްބުﷲއާ ދެކޮޅަށް ކުރާ މަސައްކަތް އަދި ނިމުމަކަށް ނާންނަ ކަމަށް ބުނެފަ އެވެ. އަދި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ވަގުތު ޖެހުމުގެ ކުޑަވަގުތުކޮޅެއް ކުރިން އިޒްރޭލުން ލުބުނާނުގެ ތަޔަރް ސިޓީއަށް ދިން ހަމަލާތަކެއްގައި 13 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. -- އޭއެފްޕީ