އީރާނުގެ މަދަދުލިބޭ ހޫތީ ހަނގުރާމަވެރިން ޔަމަނުގައި ހޯދަމުންދާ ކުރިއެރުންތަކާ ގުޅިގެން، އެ ޖަމާއަތާ ދެކޮޅަށް އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރުގެ ރައީސް ރަޝާދު އަލް-އަލީމީ އެދިވަޑައިގެންފި އެވެ. 

ރައީސް އަލް-އަލީމީގެ އޮފީހުގެ އިސް އޮފިޝަލަކު ވަނީ އޭއެފްޕީއަށް މިކަން ކަށަވަރުކޮށްދީފަ އެވެ.

  އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ  ފޯނުން ގުޅުއްވައި ދެއްކެވި ވާހަކާގައި، ޔަމަނުގެ ރިޔާސީ ކައުންސިލްގެ ރައީސް ވަނީ ހޫތީންގެ ނުރައްކަލުން ސަލާމަތްވުމަށާއި، ޔަމަނުގެ ސަރުކާރުގެ ސިޔާދަތީ ބާރުތައް ދެމެހެއްޓުމަށް އެމެރިކާގެ ސީދާ އެހީތެރިކަން މިވަގުތަށް ނުހަނު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. 

މި ދެ ބޭފުޅުން ފޯނުން ވާހަކަ ދައްކަވާފައި މި ވަނީ ހޫތީ ހަނގުރާމަވެރިން ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުގެ ހުރިހާ ސަރަހައްދެއްގެ އިތުރުން، ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ބާބުލް މަންދަބް ހިމެނޭ ސްޓްރެޓީޖިކް ސަރަހައްދުތަކުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ދަނޑިވަޅެއްގަ އެވެ. 

ރިޕޯޓްތައް ބުނާގޮތުން، ހޫތީންގެ މި ކުރިއެރުންތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހޫތީންގެ އަމާޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށް މިދިޔަ ހަފްތާ ބަންދުގައ ވަރަށް ބޮޑަށް ބަހުސްކޮށް، ވިސްނާފައިވެ އެވެ. ނަމަވެސް، މެދުއިރުމަތީގައި އިތުރު ބޮޑު ހަނގުރާމައެއް ފެށިދާނެތީ އެމެރިކާގެ ބައެއް ބައިވެރި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ވައިޓް ހައުސްއިން ވަނީ ފަހު ވަގުތު އެ ހަމަލާތައް ދިނުން ފަސްކޮށްފަ އެވެ. 

ޔަމަނުގެ ސަރުކާރުގެ އިތުރުން، ސައުދީ އަަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ ހޫތީންގެ ހަމަލާތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފަ އެވެ. ދާދިފަހުން ހޫތީން ވަނީ ސައުދީގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ވެސް ފޮނުވާލާފަ އެވެ. 

މި ހުރިހާ ކަމަކާ އެކުވެސް، ވައިޓް ހައުސްއިން އަދި ޔަމަނުގެ ސަރުކާރަށް އަސްކަރީ އެހީތެރިކަން ދިނުމަށް ސީދާ ވައުދެއް ވެފައެއް ނުވެ އެވެ. ރައީސް ޓްރަމްޕް ހާމަކުރެއްވި ގޮތުގައި އެމެރިކާއިން ދަނީ ބެކްޗެނަލްތަކުން ހޫތީންނާ ސީދާ މުއާމަލާތް ކުރަމުންނެވެ. އަދި އެމެރިކާއިން ހޫތީންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އެމެރިކާގެ މާލީ އަދި ވިޔަފާރި އުޅަނދުތަކަށް ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ހޫތީން ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.