އެއާ އިންޑިއާގެ ބޯޓެއްގައި ބޮމެއް އޮތް ކަމަށް އިންޒާރުދީފި

ކޮލްކަތާ (ސެޕްޓެމްބަރު 20) - އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ކޮލްކަތާ އިން ފުރަން ތައްޔާރުވަމުން ދަނިކޮށް ޗެކިން ކައުންޓަރަށް މީހަކު ގުޅާ ބޯޓުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ދީފި އެވެ.


އަންހެނަކު ކުރި މި ކޯލާ ގުޅިގެން ބޯޑިން ވަނީ ވަގުތުން ހުއްޓުވައިފަ އެވެ. ކޮލްކަތާ އިން ގުވަހަޓީ އަށް ދިއުމަށް ހަމަޖެހިފައިވާ މި ބޯޓު މިހާރު ވަނީ ދުރަށް ގެންގޮސް ބޯޓު ބަލާ ފާސްކުރުމުގެ މަސައްކަތް ފަށާފައި ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. ބޯޓު އިންސްޕެކްޓް ކުރަނީ ބޮން ޑިސްޕޯޒަލް ސްކޮޑުންނެވެ.

އަންހެން މީހާ އެއާޕޯޓަށް ގުޅާ ބޮމެއް އޮތް ކަމަށް ބުނީ އިންޑިއާ ގަޑިން ހެނދުނު 8:20 ގަ އެވެ. ގުވަހަޓީ އަށް އެ ބޯޓު ފުރަން ހަމަޖެހިފައި އޮތީ 9:30 ގަ އެވެ. އިންޒާރުގެ ކޯލާ އެކު ސަލާމަތީ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ. އަދި ބޯޓުން ދަތުރު ކުރަން ހަމަޖެހިފައިވާ 114 މީހުންގެ ބޯޑިން ހުއްޓުވި އެވެ.

ބޮމުގެ އިންޒާރާ ގުޅިގެން ކޮލްކަތާގެ އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.