ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ބިރުދައްކައި އެކަން ހުއްޓުވުމަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އިސްކޮށް އުޅުއްވާ ފާރިސް އޭސީސީ އަށް ހާޒިރުކުރުން ކުށްވެރިކޮށް، އިދިކޮޅު އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވޯޓާ ގުޅިގެން އޭނާ ހާޒިރުކުރުމަކީ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި ސިޔާސީ ވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ބާރުވެރިކަމަށް އަސަރުކުރާ ކޮންމެ ހިނދެއްގައި، ސިޔާސީ ފަރާތްތަކާއި ނޫސްވެރިން އަދި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކި ގޮތްގޮތުން ބިރުދައްކައި ފިއްތުންތައް ކުރިމަތިކުރުމަކީ ރާވައިގެން ހިންގާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
މިނިވަން މުއައްސަސާތަކާއި ފުލުހުންނާއި އެ ނޫން ވެސް މުއައްސަސާތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުސްތަގިއްލު މުއައްސަސާތަކަށް ވާންޖެހޭ ކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އެހެންކަމުން ވަގުތީ އުފަލެއްގެ ދަހިވެތިކަމުގައި ނުޖެހި ނަޒާހަތްތެރިކަމާ އެކު މިފަދަ މުއައްސަސާތައް ހިންގުމަކީ މިއަދު ދިވެހި ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ ކަމެއް ކަމުގައިވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ރައްޔިތުންގެ އިތުބާރު އެ ކޮމިޝަނުގެ މައްޗަށް އިތުރުކުރެވޭނެ ގޮތަށް ކަންކަން ކުރުމަށް އިލްތިމާސްކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނީ ސިޔާސީ ކަންކަން ހަލަބޮލިވެ ރާއްޖޭގެ ހާލަތު އެތައް ގުނައަކުން ދަށްވެފައިވާތީ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އާއި ދިވެހި ރައްޔިތުންގެ ދިފާއުގައި ނިކުންނަވައި ހައްގު މަގުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. އަދި އިސްލާހަށް އެދޭ ހުރިހާ ފަރާތްތަކާ އެކުގައި އެ ޕާޓީ ދެމި އޮންނާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ފާރިސް ހާޒިރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވި އެވެ. އަދި އޭސީސީން ވެސް އެ މައުލޫމާތު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭސީސީ އަށް ފާރިސް ހާޒިރުކުރީ، ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލައެއްގައި އޭނާއާ ސުވާލު ކުރުމަށެވެ.
މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު 26 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅައި މި މަހުގެ 27 އަށް ތާވަލްކޮށްފައިވާއިރު އެ ވޯޓު ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފާރިސް ވަނީ ވިދާޅުވެފަ އެވެ.