ރާއްޖެ އަށް ޓޫރިސްޓުން އައުން މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަށްވި ނަމަވެސް، އެ ސިނާއަތުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ބޭރު ފައިސާ އެއް ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެ ބޭންކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިދިޔަ ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައިގެ ސަބަބުން، ވައިގެ ދަތުރުފަތުރުގެ މުހިންމު ޓްރާންސިޓް ހަބްތައް ބަންދުވެ، ދަތުރުފަތުރުގެ އަގު ބޮޑުވުމާ ގުޅިގެން، ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ. މިދިޔަ ޖޫންގެ ނިޔަލަށް ޓޫރިސްޓުންގެ ޖުމްލަ އަދަދު ހަ ޕަސެންޓް، ޖުލައި ހިމަނައިގެން ބަލާއިރު ފަސް ޕަސެންޓް ދަށްވެފައިވާކަން އެމްއެމްއޭ އިން ފާހަގަކުރި އެވެ.
ނަމަވެސް އެމްއެމްއޭ އިން ބުނީ މި ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ.
ޔޫރަޕާއި އުތުރު އެމެރިކާއިން އަންނަ ޓޫރިސްޓުންގެ އަދަދު ހަނގުރާމައިގެ ސަބަބުން ދަށަށް ދިއުމުން ޓޫރިޒަމަށް ކުރާ ނޭދެވޭ އަސަރު ފޫބެއްދުމަށް، އާ މާކެޓްތަކަށް ރާއްޖެ ޕްރޮމޯޓްކޮށް، ކަނެކްޓިވިޓީ އިތުރުކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
ބޭރުފައިސާގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާ އެކު، ޓޫރިޒަމްގެ ސިނާއަތުގެ ތެރެއިން ބޭންކިން ނިޒާމަށާއި ރާއްޖޭގެ ރަސްމީ ރިޒާވަށް ވަންނަ ޑޮލަރު ވަނީ އިތުރުވެފަ އެވެ. އެއާ އެކު، އަސާސީ މުދާތައް އެތެރެކުރުމަށް ބޭންކުތަކުން ދޭ ޓީޓީ ސަޕޯޓަށް އެހީތެރިވުމަށް އެމްއެމްއޭ އިން ވެސް ވަނީ މިދިޔަ ހަފްތާގައި ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކޮށްފަ އެވެ.
ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް މިލިއަނަކަށްވުރެ ޓޫރިސްޓުން އައިސްފައިވާ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު 4.5 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.