ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ޓޫރިޒަމް ދަށަށް ދިއުމުގެ ބިރު އެބައޮތް: ފިޗް

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް "ޑިލޭ އިންޕެކްޓް" އެއް އަތުވެދާނެ ކަމަށް ހޮންކޮންގްގެ ފިޗް ރޭޓިންސް އިން ބުނެފި އެވެ.


"ޑިލޭ އިންޕެކްޓް" އަކީ ކަމެއް ހިނގުމުން، އެކަމެއްގެ އަސަރު ވަގުތުން ނުފެނުނު ނަމަވެސް ފަހުގެ ތާރީޚެއްގައި، އެކަމެއްގެ އަސަރު ކުރުމެވެ.

ފިޗް ރޭޓިންސް އިން މިދިޔަ އަހަރު ރާއްޖެ އަށް ދިން "ބީ ޕްލަސް" ރޭޓިން މި އަހަރު ވެސް ދެމެހެއްޓުމަށް ނިންމައި، އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ވުމުން، ރާއްޖެ އަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި އެކި ގައުމުތަކުން ނެރުނު ޓްރެވަލް އެޑްވައިޒަރީތަކުގެ އަސަރު ކޮށްފާނެ ކަމަށެވެ. އެގޮތުން، ރާއްޖެ އަކީ ސުލްހަވެރި ގައުމެއްގެ ގޮތުގައި ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައި އޮތް ނަމަވެސް މިހާރު އެކަމަށް ބަދަލު އައިސްފައިވުން އެކަށީގެންވާ ކަމަށް ފިޗް އިން ބުންޏެވެ.

އެފަދަ ބަދަލެއްގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ޓޫރިސްޓުން ބުކިން ހައްދާ މިންވަރު ދަށްވުން އެކަށީގެންވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ. ބުކިން ހައްދާ މިންވަރު ދަށްވިނަމަ ވެސް ކުރިން ފައިސާ ދައްކައިގެން ހައްދާފައި ހުންނަ އަގުބޮޑެތި ޕްރީ ބުކިންތައް ކެންސަލް ވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ފިޗް އިން ވަނީ ބުނެފަ އެވެ.

ފިޗް އިން ލަފާކުރާ ގޮތުގައި އެ ކަންކަމާ ގުޅިގެން، މި އަހަރު ޓޫރިޒަމުން ރާއްޖެ އަށް ލިބޭ އާމްދަނީ ދަށްވާނެ އެވެ. އަދި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން މި އަހަރު ކުރިއަރާނީ 4.5 ޕަސެންޓުގައި ކަމަށާއި އަންނަ އަހަރަށް އެ އަދަދު އުޅޭނީ ފަސް ޕަސެންޓުގައި ކަމަށް ވެސް ފިޗް އިން ލަފާކުރެ އެވެ. އެއީ މިދިޔަ އަހަރަށް ފިޗް އިން ލަފާކޮށްފައި އޮތް 6.9 ޕަސެންޓަށް ވުރެ ދަށް އަދަދުތަކެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރު ދައްވި ކަމަށް ތަފާސްހިސާބުތަކުން އަދި ފެންނަން ނެތް ނަމަވެސް، އެކަން ޔަގީން ވާނީ ކުރިއަށް އޮތް ތަނުގައި ނެރޭ ތަފާސްހިސާބުތަކަށް ބެލުމުން ކަމަށް ވެސް ފިޗް އިން ބުނެފައި ވެ އެވެ.

"ޓޫރިޒަމް އިންޑަސްޓްރީ އަށް، ކުއްލިއަކަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ލަފައެއް ނުކުރެވޭ. ނަމަވެސް އެފަދަ ކުއްލި ބަދަލަކާ އެކު ރާއްޖޭގެ އިގްތިސޯދަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ،" ފިޗްގެ ރިޕޯޓުގައި ވެ އެވެ.

ޓޫރިޒަމް ސިނާއަތަށް އެފަދަ ކުއްލި ބަދަލެއް އަތުވެއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދަށް، 2004 ވަނަ އަހަރު ސުނާމީގެ ސަބަބުން ލިބުނު ފަދަ ގެއްލުމެއް ވެދާނެ ކަމަށް ފިޗް އިން ވަނީ އިންޒާރުދީފަ އެވެ. ސުނާމީ އެރި އިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ހަ ޕަސެންޓުގައި ކުރިއަރަމުން ދިޔަ ނަމަވެސް، ޖެހިގެން އައި އަހަރު ޖީޑީޕީ 13 ޕަސެންޓް ދަށްވެގެން ދިޔަ އެވެ.

ރާއްޖޭގެ އިގްތިސޯދު ޓޫރިޒަމަށް އެކަނި ބިނާވެފައި އޮތުމުން ފިޗް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފިޗްގެ ރިޕޯޓާ ގުޅިގެން، ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ރިޕޯޓުގައި ވާ ކަން ކަމަކީ ސަރުކާރުން ވެސް ފާހަގަކޮށް، ފިޔަވަޅުތައް އަޅަމުން އަންނަ ކަންތައްތަކެއް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ޑައިވާސިފައި ކުރުމަކީ ފޮރިން އިންވެސްޓްމަންޓް ތަކާއި ވިޔަފާރިތަކުގެ އިތުރުން އުމްރާނީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.