ހައުސިން މިނިސްޓްރީގެ އާ އިމާރާތަށް ކަނޑައެޅި ވަރަށް ވުރެ ފަސް ގުނަ ހަރަދުކުރި

ހައުސިން މިނިސްޓްރީގެ އިމާރާތް ކުރުމަށް 4.6 މިލިއަން ރުފިޔާ ހަރަދުކުރުމަށް އެއްބަސްވި ނަމަވެސް މަސައްކަތް ނިމުނު އިރު ފަސް ގުނަ އިތުރު ކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ހަތަރު ބުރީގެ އިމާރާތް ހެދުމަށް 22 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. އެގޮތުން ކަނޑައެޅި ވަރަށް ވުރެ އިތުރުވި 17.4 މިލިއަން ރުފިޔާ އަކީ އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ އިޖްތިމާއީ ޒިންމާގެ ގޮތުގައި ހަރަދު ކުރި ފައިސާ ކަމަށް ބަލާ އެ ފައިސާ ހައުސިން މިނިސްޓްރީން ލިބިފައި ނުވާ ކަމަށެވެ.

ގެއްލުންވީ އެހެން މަޝްރޫއުތައް

ޝާހު ވިދާޅުވީ، މިދިޔަ އަހަރު އެމްޓީސީސީ ވަރަށް އެކްޓިވް ކުންފުންޏެއްގެ ގޮތުގައި ފެނުނު ނަމަވެސް ގިނަ މަސައްކަތްތައް ކުރީ ނުއަގުގައި ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންއާ ދިމާކޮށް ބޭކާރު ގޮތުގައި އެމްޓީސީސީގެ މެޝިނަރީ އާއި މުވައްޒަފުން ބޭނުން ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިމަންދޫ ބަނދަރު މަސައްކަތް ކުރުމަށް ކަމަށް ބުނެ އޭރުގެ ސަރުކާރުން ކެމްޕެއިންއާ ދިމާކޮށް އެމްޓީސީސީގެ މުވައްޒަފުންނާއި އެކްސްކަވޭޓަރު މޮބިލައިޒް ކުރި،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ ޝާހު މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު

އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެއްވެސް މަސައްކަތެއް ނުކޮށް އެރަށުގައި މުވައްޒަފުންނާއި މެޝިނަހަނީ ބެހެއްޓި ކަމަށް ޝާހު ވިދާޅުވި އެވެ. މީގެ އިތުރުން ގއ. ވިލިނގިލީގެ ބަނދަރުގެ މަސައްކަތް ކުރުމަށް މުވައްޒަފުން ގެންގޮސް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވި އެވެ. އަދި އއ. ރަސްދޫ އާއި ސ. މަރަދޫގައި ވެސް މަސައްކަތެއް ނެތި ސްޓާފުން ތިބެން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ، ފިއުލް ތާންގީތަކެއް ބަނުމަށް ހައުސިން މިނިސްޓްރީން ހަވާލު ކުރި އިރު އެ އެގްރީމެންޓް ބާތިލް ކުރުމުން އެސްޓީއޯ އިން އެތަކެއްޗާ ވެސް ހަވާލުވެފައި ނުވާ ކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖުގައި ބަހައްޓާ މި 18 ތާންގީ އަށް 20 މިލިއަން ރުފިޔާ ހަރަދުވި އިރު އެމަސައްކަތުން ވެސް އެމްޓީސީސީ އަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ. އަދި ސަލްޓަން ޕާކު މަސައްކަތުން ވެސް 20 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.