ޕްރިޔަންކާގެ ކައިވެނީގެ ތައްޔާރީތަކަށް ވެބް ސީރީޒެއް

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ ނިކް ޖޯނަސްގެ ކައިވެނީގެ ތައްޔާރީތައް ހިމަނައިގެން އެމެޒޯން ޕްރައިމް ވީޑިއޯ އިން ވެބް ސީރީޒެއް ގެނެސްދޭން ނިންމައިފި އެވެ.


މިކަން ޕްރިޔަންކާ ވަނީ ޓްވިޓާގައި ހާމަކޮށްފަ އެވެ. އޭނާ ބުނީ "ސަންގީތު ޕްރޮޖެކްޓް" ގެ ގޮތުގައި ގެނެސްދޭ ސީރީޒްގެ މަސައްކަތް އަންނަ އަހަރު ފަށާއިރު، މީގައި ހިއްސާވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޕްރިޔަންކާގެ ދެމަފިރިންގެ ކައިވެނީގެ ތައްޔާރީތަކުގައި ކުރިއަށް ގެންދިޔަ ކަންކަން ސީރީޒަށް ނަގާ މީހުންނާ އެކު ޝޫޓްކޮށް، ސީރީޒްގައި ގެނެސްދޭނެ އެވެ.

ޕްރިޔަންކާ ބުނި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު އިންޑިއާގެ ޖޯދުޕޫރްގެ އުމައިދު ބަވަންގައި އޭނާގެ ކައިވެނީގެ ކަންކަން ކުރިއަށް ގެންދިޔައީ އިންޑިއާގެ ޒަމާންވީ އާދަކާތަކާ އެއްގޮތަށެވެ. އަދި އިންޑިއާގެ ކައިވެނި ހަފުލާތަކަކީ ވަރަށް ކުލަގަދަ އަދި އާއިލާ އާއި ރައްޓެހިންނާއި ހެޔޮއެދޭ އެންމެން އެއްތަންވެ އުފާފާޅުކުރާ ހަފުލާތަކަކަށްވާތީ، އޭނާގެ ކައިވެނީގެ ތައްޔާރީތައް ހިއްސާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

އިންޑިއާގެ ކައިވެނި ހަފުލާތަކުގައި ކުލަގަދަ ހެދުންތަކާއި އަގުބޮޑު ގަހަނާތައް ބޭނުންކުރުމާއި ނަށައި ލަވަ ކިޔައި، ހީނާފަތް އަޅައި ކައިވެނިކުރާ ދެ މީހުންގެ ގައިގައި ރީނދޫ އުނގުޅުން ފަދަ ކަންކަމަކީ ވަރަށް ފޯރިގަދަ ކަންކަމެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އަށް "ސަންގީތު ޕްރޮޖެކްޓް ގެނެސްދެނީ ޕްރިޔަންކާގެ ފިލްމު ކުންފުނި ޕާޕަލް ޕެބްލް ޕިކްޗާޒް (ޕީޕީޕީ) އާއި ނިކް ވެސް އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ގޮތަށެވެ.