އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުކުރުމުގެ މަރުހަލާތަކުގެ ތެރެއިން، އެ އެސޯސިއޭޝަންގެ ސަރަހައްދީ އޮފީސްތައް ހަތަރު ރަށެއްގައި ހަދަން ނިންމައިފި އެވެ.
އެފްއޭއެމްގެ ދަށުން ސަރަހައްދީ ހަތަރު އެސޯސިއޭޝަނެއް އުފެއްދުމަށް، ޖުލައި މަހު 25 ވަނަ ދުވަހުގެ ރޭ ބޭއްވި ކޮންގްރެސްގެ ޖަލްސާއިން ވަނީ ނިންމާފަ އެވެ.
އެ ހަތަރު ސަރަހައްދީ އެސޯސިއޭޝަންތައް ބަހާލަފައިވާނީ ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އެއީ:
- ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި)
- ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)
- ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ، އައްޑޫ)
- މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން (މާލެ، ވިލިމާލެ، ހުޅުމާލެ)
އެފްއޭއެމުން، މިއަދު މީޑިއާ އަށް ހިއްސާ ކުރި ބަޔާނުގައި ބުނެފައި ވަނީ ސަރަހައްދީ ހަތަރު އެސޯސިއޭޝަނުގެ އޮފީސްތައް އެ ސަރަހައްދަށް ނިސްބަތްވާ ރަށްތަކުގައި ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.
ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފީސް ހުޅުވާނީ، ހދ. ދިއްދޫގަ އެވެ. ސެންޓްރަލް ރީޖަނަލް އެސޯސިއޭޝަންގެ އޮފީސް ހުޅުވާލީ އދ. މަހިބަދޫގަ އެވެ. ސައުތު ރީޖަންގެ އޮފީސް ހިންގާނީ ލ. ގަމުގަ އެވެ. މާލެ ސަރަހައްދުގެ އެސޯސިއޭޝަން ހިންގާނީ މާލޭގަ އެވެ.
ފުޓްބޯޅައިގެ ރަށް، ބ. އޭދަފުށީގައި ޑިވެލޮޕްމެންޓް އޮފީހެއް ހުޅުވުމަށް ވެސް އެފްއޭއެމުން ވަނީ ހަމަޖައްސާފަ އެވެ.
އެފްއޭއެމުން 2015 ގައި ވެސް ވަނީ އޭރުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދުގެ ދައުރުގައި، ސ. ހިތަދޫގައި ވެސް ފުޓްބޯޅައިގެ ޑިވެލޮޕްމެންޓް އޮފީހެއް ހުޅުވާފަ އެވެ.